Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

އެ މަގެއްގައި ހިނގައިންގެ ހެދުނު ގޯސްތައް، އަލުން ހަމަ އެ މަގުގައި ހިނގައިގެން ރަނގަޅެއް ނުކުރެވޭނެއެވެ. ހަމަ އެހެންމެ، އެ ބަޔަކާ ގައުމު ހިންގުން އެއްފަހަރު ހަވާލުކުރުމުން، އެ މީހުންގެ އަތްމަތީގައި ގައުމުގެ ކަންކަން ބޮއްސުންލައި، ގައުމު ދަރަނިވެރިވެ، ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ދުއްވާލުމުން، އެކަންކަން ރަނގަޅު ކުރުމަށްޓަކައި ހަމަ އެމީހުންނާ ގައުމު ހަވާލުކުރުމުން އެ ކަމެއް ރަނގަޅެއް ނުވާނެއެވެ.

އިހު އުޅުނު މީހުން ބުނާ ފަދައިން، ލައްޖެހި ސިންގާއެއްގެ ލައްތައް ފިލުވައެއް ނުލެވޭނެއެވެ. ހަމަ އެހެންމެ، ކިތަންމެ ވަރަކަށް އުނގުޅިކަމުގައި ވިޔަސް، މީހެއްގެ ހަމުގެ ކުލަ ބަދަލެއް ނުވާނެއެވެ. އާދެ، ކެޔޮ ގަހަކުން އަލަ ނިރެއް ފަޅާފާނެ ހެއްޔެވެ؟ އެ އެއްޗަކުން ނިކުންނާނީ އެ އެ އެއްޗެއްގައި ހުރި ދިޔައެކެވެ! މީހަކު ކަންތައް ކުރާނީ އެމީހަކު ކަންތައް ކުރަން އާދަވެފައިވާ ގޮތަށެވެ.

އެހެންވެ، ކުރިން ހިނގި މަގުން ހިނގައި ގޯސްތަކެއް ހެދިދިޔުމުން، އެކަން ރަނގަޅު ކުރުމަށްޓަކައި ހިނގި މަގުގައި ނުހިނގައި، އާ މަގެއް ހޯދައި ކޮށަން ޖެހެއެވެ! ގައުމުގެ ކަންކަން އިސްލާހުކުރުމުގެ މަސައްކަތާ ހަވާލުވެ، އެކަން ނުކުރެވުމުން، ދެން، އެކަން ކުރުމުގެ ގާބިލުކަން ހުރި އެހެން ބައެއް ހޯދައި އާ ބަޔަކާ އެކަން ހަވާލުކުރަން ޖެހެއެވެ. އެއް ހަރުން، ދެ ފަހަރު އަތަށް ކަށިޖެހިދިޔުމަށްޓަކައި އެ ހަރަށް ދެވަނަ ފަހަރަށް، މުއުމިނަކު، އަތެއް ނުބާނާނެއެވެ!