Support Us

ކޮލަމް: ހަވާސް

މަގުފޭރޭ ޓެކްސީ ޑްރައިވަރުންގެ މައްސަލަ ހަމައަކަށް އަޅުވަންޖެހޭ

ރޭ އިރާކޮޅުގެ ވަގުތެއްގައި ވެލާނާ އެއާޕޯޓުން މާލެ އަންނަންވެގެން ޓެކްސީއަކަށް އަރަން ދިޔައީމެވެ.

"އިތުރު މީހަކު އެރުވިޔަސް އޯކޭތޯ؟" އަތްދަބަސް ޑިކީ އަށް ލާފައި، ކުރީ ސީޓަށް އަރަން ދޮރު ހުޅުވާލުމާއެކު ޑްރައިވަރު އެއްސެވެ.

"ތިީ ވަރަށް ރަނގަޅު ކަމެއް. އަވަހަށް މީހަކު އަރުވާ. އަހަންނަށް ވެސް ފަސޭހައެއްނު ފިފްޓީ ފިފްޓީ ހަދާލީމަ،" އަޅުގަނޑު ޖަވާބު ދިނީމެވެ.

"ތިބުނީ ކިހިނެއް؟" ޑްރައިވަރު ސުވާލުކުރިއެވެ.

"މި ބުނީ 70ރ. ދެބައިކޮށްލާނީއޭ. މަވެސް ދޭނަން 35ރ. އޭރުން އޯކޭއެއްނު."

"ނޫން. ދަތުރަކަށް 70 ރުފިޔާ ކޮންމެ މީހަކު ދޭންޖެހޭނެ،" ޑްރައިވަރު ބުންޏެވެ.

"ބަލަ ތިއީ ކޮން އުސޫލެއް؟ އަހަރެން ކުއްޔަށް ނެގި ޓެކްސީއަކަށް ކަލޭމެން ބޭނުން ވަރަކަށް މީހުން އަރުވާފަ އެ މީހުން އަތުންނާއި އަހަރެން އަތުން ވެސް ތި ލާރި ނަގަނީ ފުލްކޮށް. އޭރުން އެއް ދަތުރުން ތިން ހަތަރު ދަތުރުގެ ލާރި ނަގަނީނުން ތިޔަ."

"މިއީ ތަންކޮޅެއް ބޮޑު ޓެކްސީއެއް ވީމަ މީގެ ތެލުގެ ހަރަދު ވެސް ބޮޑުވާނެ. އެހެންވީމާ ބޭބެ ދޭ އެހެން ޓެކްސީއަކަށް. ބޭބެ ބޭނުން ގޮތަކަށް ދަތުރުކުރެވޭނެ ކަހަލަ،" ޑްރައިވަރު ބުންޏެވެ.

އެއާއެކު ޑިކީން ފޮށި ނަގައިދިނުމުން އެހެން ޓެކްސީއަކަށް އަރަން އަޅުގަނޑު ހިނގައިގަތީމެވެ. ކުޑަކޮށް ވާރޭ ވެސް ވެހެމުންދިޔައެވެ. ބައިވަރު ޓެކްސީތައް ކިއޫގައި ހުއްޓެވެ. ނަމަވެސް އެންމެ މީހެއް ވީމާ އަރުވަން އެއްވެސް ޓެކްސީއެއް ބޭނުން ނުވަނީ ކަންނޭނގެއެވެ. ކޮންމެ މީހަކު ވެސް ބުނަނީ ފަހަތު ޓެކްސީއަކަށް ދިއުމަށެވެ.

ދެތިން ހަތަރު ޓެކްސީ ހުރަސްކޮށްފައި ޖެހުނު ޓެކްސީ ޑްރައިވަރު ދަތުރުކޮށްދޭން އެއްބަސްވެއްޖެއެވެ. ދަތުރު ފެށުމުގެ ކުރިން، މާލެއަށް ގޮސްދޭ އަގަކީ ކޮބައިތޯ އަޅުގަނޑު އަހައިފީމެވެ.

"އަށްޑިހަ ރުފިޔާ،" ޑްރައިވަރު ބުންޏެވެ.

"އަށްޑިހައޭ؟ ބަލަ ހުޅުލޭން މާލެއަށް ހަތްދިހަ ރުފިޔާއެއް ނޫންތަ؟ އަހަރެން މާލެއިން އެއާޕޯޓަށް އައީވެސް ހަތްދިހަ ރުފިޔާއަށް،" އަޅުގަނޑު ސުވާލުކޮށްފީމެވެ.

"އާނ. މިހާރު އަށްޑިހަ ރުފިޔާ ނަގަނީ،" ކާރު ދުއްވާލަމުން ޑްރައިވަރު ބުންޏެވެ.

"އެކަމަކު ކޮން އިރަކު ބޮޑުކުރީ؟ އެންމެ ފަހުން ބޮޑުކުރީ 70ރ. އަކަށް ނޫންތަ؟"

"އާނ. މިހާރު އަށްޑިހަ ރުފިޔާ ނަގަނީ."

އެކަމަކު އެ އަގު އަޅުގަނޑަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ މާލެ ސަރަހައްދުގެ ޓެކްސީ އަގުތައް ބޮޑުކޮށް، މި އަހަރުގެ ޖުލައި ފަސް ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާން ވަގުތުން ހޯދައިފައި ޑްރައިވަރަށް ދައްކައިފީމެވެ.

"ބަލަ މިއޮތީނުން ޓްރާންސްޕޯޓު މިނިސްޓްރީގެ އިއުލާން. ހުޅުލެއިން މާލެއަށް 70ރ. މިއޮތީ. ދެން ކީއްވެ 80ރ. އޭ ތި ބުނަނީ؟" އަޅުގަނޑު ސުވާލުކޮށްފީމެވެ.

"ތީގައި ކޮންމެ އެއްޗެއް އޮތަސް، އަހަރުމެން ނަގަނީ 80ރ. އޭ މި ބުނަނީ،" ޑްރައިވަރު ބުންޏެވެ.

"ބަލަ ވަކި އަގުތަކެއް ކަނޑައެޅީމަ ކަލޭމެން ބޭނުން ކޮންމެ އަގެއް ނެގޭތަ؟"

"މާލެއިން އެއާޕޯޓަށް އަދި އެއާޕޯޓުން މާލެ އަށް އަހަރުމެން މުޅިން ވެސް ނަގަނީ 80ރ."

"ކިހިނެއްހޭ އެހެން ނެގެންވީ؟ މިހިރީނުން އަގުތައް ކަނޑައަޅައިފައި."

"ބަލަ 70.ރ އެ ނަގަނީ ޓްރާންސްޕޯޓުން ސަބްސިޑީ ދީފައި ތިބޭ ޑްރައިވަރުން. އަހަރުމެނަކަށް ސަބްސިޑީއެއް ނުލިބޭ،" އޭނާ ބުންޏެވެ.

"ބަލަ ތިއީ އަދި ނުދެނެހުރި ކަމެއް. ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީ ޑްރައިވަރުންނަށް ސަބްސިޑީ ދޭކަމެއް ނޭނގޭ."

"ދޭ ވަކި ބަޔަކަށް. އެއީ އެތަނުގެ ވެރިންގެ ފޫކޮޅުގައި ދޫލައިގެން އުޅޭ މީހުންނަށް ލިބޭ އެއްޗެއް. އެ މީހުން ދަތުރުކުރާނީ 70ރ. އަށް."

"ދުވަހަކު ވެސް އަދި އަޑެއް ނާހަން ތި ވާހަކައެއް."

"އަނެއްކާ މި މަގުތަކުގައި ދުއްވީމާ ޓެކްސީ އަބަދު އޮންނަނީ ހަލާކުވެފައި. ސައިތައްޓެއް ބޯލަން ތަނަކަށް ވަދެފައި ކިތަންމެ އަވަހަށް ނުކުތަސް އޮންނާނީ އިސްޓިކާ ޖަހައިފައި،" ޑްރައިވަރު ބުންޏެވެ.

އެއީ ފަސެންޖަރާ ދައްކަންޖެހޭ ވާހަކަތަކެއް ނޫނެވެ. ޓެކްސީ ބޯޑު ޖަހައިގެން ދުއްވާފައި، އެއާޕޯޓުގެ ޓެކްސީ ކިއުއިން ފަސެންޖަރުން އަރުވަންޏާ ފަސެންޖަރު އަތުން ނަގަންޖެހޭނީ ވެސް ކަނޑައަޅައިފައި އޮންނަ އަގެކެވެ. އެ ޑްރައިވަރަކު ހިތަށް އެރި އަގެއް ނުނެގޭނެއެވެ.

އޮޅުވާލުމާއި މަކަރު ހެދުމުގެ ގޮތުން އެތައް ވާހަކަތަކެއް އެ ޑްރައިވަރު ދެއްކިއެވެ. އޭނާ ދެއްކި ވާހަކަތައް އަޅުގަނޑު ދިޔައީ ރެކޯޑުކުރަމުން ކަމެއް އޭނާގެ ހިތަކަށް ނާރާނެއެވެ. އަދި އޭނާގެ ފޮޓޯ ނެގި ކަމެއް ވެސް ނޭނގޭނެއެވެ.

މަންޒިލާ ހަމައަށް އާދެވެމުން 100ރ. ޑްރައިވަރު އަތަށް ދިނީމެވެ. އެހެން ހެދީ އަގާ މެދު އެހާ ބޮޑަށް ބަހުސް ކުރެވުނީމާ އޭނާ ހަދާ ގޮތެއް ބަލާށެވެ. އޭނާ ބާކީ ދިނީ 20ރ. އެވެ.

މި ފަހަރު ކާރުގެ ނަންބަރުގެ ފޮޓޯ ވެސް ނެގީމެވެ.

މިއީ ހަމަ އެންމެ ހާދިސާއެކެވެ. މަކަރާއި ހީލަތް ހަދަމުން، ފަސެންޖަރުން އަތުން ބޮޑު އަގު ނަގަމުން ދުއްވާ ޓެކްސީ ޑްރައިވަރުން ވަރަށް ގިނަ އެވެ. އެ މީހުން އަބަދުވެސް ބޭނުންވަނީ އެއް ދަތުރުގައި އެތައް ބަޔަކު އަރުވައިގެން، އެންމެން އަތުން ބޮޑު ފީއެއް ނަގާށެވެ. ހުރިހައި ވެސް ފައިދާއެއް ޓެކްސީ ޑްރައިވަރަށެވެ.

އެއާޕޯޓުން މާލެ އަށް ނަގަނީ 80ރ. އޭ ޑްރައިވަރު ބުނުމުން، އެކަމާ އަޅުގަނޑު ޗެލެންޖުކޮށް، ޓްރާންސްޕޯޓުގެ އިއުލާން ވަގުތުން އޭނާއަށް ދެއްކިޔަސް، އެ ގޮތަށް ޗެލެންޖުކުރާނީ ކިތައް ފަސެންޖަރުންތޯއެވެ؟ އެހެންކަމުން، ޓެކްސީއަށް އަރާ ކޮންމެ މީހަކަށް ސާފުކޮށް ފެންނާނެހެން، ދަތުރުތަކުގެ އަގުތައް ޓެކްސީތަކުގައި ހަރުކޮށްފައި ހުންނަން ލާޒިމްކުރަންޖެހެއެވެ. އޭގެ އިތުރުން ޓެކްސީ ޑްރައިވަރުގެ ފޮޓޯ އާއި ނަމާއި އައި.ޑީ ނަންބަރާއި ފޯން ނަންބަރާއި ޓެކްސީ ނަންބަރު ވެސް ފަސޭހައިން ފެންނާނެހެން ޓެކްސީގައި ހަރުކޮށްފައި ހުންނަން ޖެހެއެވެ. އަދި މައްސަލައެއް ދިމާވެއްޖެ ނަމަ ނޫނީ މަކަރެއް ހަދައިފި ނަމަ، ގުޅަންޖެހޭ ފަރާތްތަކުގެ ނަންބަރުތައް ވެސް އޭގައި އޮންނަން ޖެހެއެވެ. ބައެއް ގައުމުތަކުގެ ޓެކްސީތަކުގައި މި މައުލޫމާތު ކާޑު ހުންނަން މަޖުބޫރެވެ. ފުލުހުން ވެސް އެކަން ގަވައިދުން ޗެކްކުރަމުންދެއެވެ. މިގޮތަށް އެކަން ކުރަނީ ދަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައެވެ.

ބައެއް ޓެކްސީ ޑްރައިވަރުންނަކީ ބޮޑު އަގު ނަގަން ވެގެން މުޒާހަރާކޮށް، ޓެކްސީކުރުން ހުއްޓާލައި، ސަރުކާރާއި އާންމުން ދޭތެރެއަކުން ކޮށިއަރުވާލާ ބައެކެވެ. މާލެތެރޭގައި ދަތުރުފަތުރަށް އެމް.ޓީ.ސީ.ސީގެ އާރް.ޓީ.އެލް މިނީބަސް ނުކުތުމުން، ޓެކްސީތަކުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެއްވެސް ފީއެއް ނެތި، މާލޭގެ ކޮންމެ އެކި ހިސާބުތަކަށް މިހާރު ބަހުގައި ދެވެއެވެ. ފީ ނަގަން ފެށުމުންވެސް ނަގާނީ ދަތުރަކަށް ހަތް ރުފިޔާއެވެ.

މިނީބަސް ގޮތަށް ޓެކްސީ ހިދުމަތްވެސް އެމް.ޓީ.ސީ.ސީން އަލުން ފަށަންވީއެވެ. އެމް.ޓީ.ސީ.ސީ ފަށައިގަތް ދުވަސްވަރު މާލެތެރެއަށް ޕްރައިވެޓް ކާރުގެ ހިދުމަތް އެމް.ޓީ.ސީ.ސީން ވަނީ ދީފައެވެ. ކޮންމެވެސް ސަބަބަކާ ހެދި އޭރު ވަނީ އެކަން ކުރިއަށް ނުގޮސްފައެވެ. ނަމަވެސް، އާންމުންނަށް ލުއިފަސޭހައަކަށްޓަކައި ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވެސް އެމް.ޓީ.ސީ.ސީ ވަންނަން ވަނީ ޖެހިފައެވެ. އޭރުން ޓެކްސީ ޑްރައިވަރުންގެ މޮނޮޕޮލީ މުޅިން ނެތިގެން ހިނގައިދާނެއެވެ.

މަގުމަތީގެ ގަވައިދުތަކަށް ހުރުމަތްތެރިކަމެއް ނުބަހައްޓާ، ހަތަރު އަނގޮޅިއަކަށްވެސް މަޑުކޮށް ފަސެންޖަރުން އަރުވައި ބާލައި، އަދި އޮޅުވާލައިގެން ބޮޑު އަގު ނަގާ "މަގުފޭރޭ" ޓެކްސީ ޑްރައިވަރުން އުޅުނަސް، ވަރަށް ހިތްހެޔޮ، އިހުލާސްތެރި ޑްރައިވަރުން ވެސް އެބައުޅެތެވެ. ޓެކްސީގައި ބޭއްވޭ ފައިސާ ދަބަހާއި އަގުބޮޑު ފޯނުވެސް ވެރިފަރާތް ހޯދައިގެން ރައްދުކޮށްދީ ހަދާ ޓެކްސީ ޑްރައިވަރުން ވަރަށް ގިނައެވެ. އެކަމަކު ޓެކްސީގައި އަބަދު ކީރިތިގުރުއާން ޖަހައިފައި ބަހައްޓައިގެން، މަކަރާއި ހީލަތުން މީހުން އަތުން ބޮޑު އަގު ނަގައިގެން ޖީބު ފުރައިގެން ދުއްވާ ޑްރައިވަރުން ގިނަވުމުން، އެކަމުގެ ލަދުވެތިކަމާއި އުނދަގޫ އެންމެނަށް ފޯރަނީއެވެ.

ރޭގެ ދަތުރަށް ގަވައިދާ ޚިލާފަށް ޓެކްސީ ޑްރައިވަރު ޗާޖުކުރި ނަމަވެސް، އެ މައްސަލަ ހުށަހަޅާނީ ކޮން ތާކަށް، ކިހިނެއް ކަމެއް ނޭނގެއެވެ. އަދި ރިޕޯޓްކުރުމުން އަޅާނެ ފިޔަވަޅެއް ވެސް ނޭނގެއެވެ. ދަތުރަށް އަރާ ކޮންމެ މީހަކަށް އެ ހުރިހާ މައުލޫމާތެއް ފެންނާނެހެން ޓެކްސީގައި ހުންނަ ނަމަ، އަދި އެ ފަދަ މައްސަލަތައް ރިޕޯޓްކުރުމުން މައްސަލަ ބަލައި، އަހަރު ދުވަހަށް ލައިސަންސް ހިފަހައްޓާ ނަމަ މިގޮތަށް މަގުފޭރޭ ޓެކްސީ ޑްރައިވަރުންނެއް ނޫޅޭނެއެވެ. މިކަމުން ފަސެންޖަރުންގެ ދަތުރު އަމާންވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
8321

7 Responses

  1. ސަރުކާރުން ސަބުސިޑީ ދީގެން ދުއްވާ އެއްޗެއް ނޫން ޓެކުސީއަކީ. ޓެކުސީގެ އަގު ސަރުކާރުން ކަނޑައަޅާއިރު ޑޮކުޓަރީ ބޭހާއި ކުލިނިކުތަކުން ޑޮކުޓަރަށް ދައްކާ އަގު ކަނޑަނޭޅެނީ ކީއްވެގެންބާ؟ ބަލަ އެމްޓީސީސީ ފެރީ އޮންނާނެ ދާންވީއެއްނުން. މިއަހަރު މިހާތަނަށްވެސް ސަރުކާރުން އެމްޓީސީސީ އަށްސަބުސިޑީގެ ގޮތުގައި 138 މިލިޔަން ރުފިޔާ ދީފައިވޭ. ޓެކުސީތަކަށް ކޮށްދިނީ ކޮން ކަމެއްބާ؟

  2. ކުރިން ހުޅުމާލެ އިން އަދި މާލެއިންވެސް އެއަރޕޯޓަށް ދާން ސަރުކާރުން ކަނޑައެޅީ 60 ރުފިޔާ.
    ފަހުން އަގު ލިސްޓް ނެރުނު އިރު ހުޅުމާލެއިން 80 ރުފިޔާ މާލެއިން 70 ރުފިޔާ.
    މި އަގުތައް ތަފާތުވީ ކީއްވެތޯއާއި، އަދި އަގު ލިސްޓް ހަދާފައި އެހުރީ ކޮން ގޮތަކަށް ބަލާފަތޯ ދިރާސާކޮށް އާޓިކަލް އެއް ލިޔަން މާ އައުލާކަން ބޮޑުނޫންތޯ

  3. varah bodhah hithuga jehifa huri hen heevey taxi ah dheyn jehey laari maabodhdha shakuvaanukoh dheven neymeehun efenvaruge quality hidhumay nuhowdhaa

  4. ތިވަރަށް އިއުލާން އެއްޗެހި ހޯދާފަ ޑްރައިޗަރުގެ މޫނަށް ޖެހި އިރު ތިފަދަ މައްސަލަތައް ރިޕޯޓް ކުރަން ގުޅާން ނަންބަރު އަދި ހަދާނެ ގޮތެއް ނޭގުނީމަ ތީ ވަރަށް ބޮޑު ޖޯކެއް
    ތިކަމަކީ ވަރަށް ބޮޑު ލާރިއެއް ނަގައިގެން ޖަހާފައި ވާ ހަބަރަކާ ވައްތަރު
    ޝުކުރިއްޔާ ޕަންލަންބެ

  5. Transport minstry ge agu listu iulaan fenna faraathah report kuran jehey faraathaa number neygumakee beyfulhaa ah vaanuvaa neygeykamuge varugadha hehkeh.
    Thiya vidhaalhuvee varah ran’galhu vaahakaeh, sarukaaruge vehikalthakun nagaanjeheynee sarukaarun kan’da alhaa ageh.
    Pvt vehikal thakun negeyney agu kan’fa elhumugai e faraaihthakaa mashvaraa nukoh kan’da alhaa agakah boalabaakah nujehey.
    Salaam.

  6. ހަބަރެއްގަ ފޮޓޯ ޖަހާއިރު އެ ފޮޓޯގެ މައުލޫމާތު ޖަހަން ނުޖެހެނީތަ
    ޖަހާފަ އިން ފޮޓޯ އެއީ ދަތުރު ކުރި ކާރު ކަމެއް 2 މީހުން ބަހާލަން އެއްބަސް ނުވި ކާރު ކަމެއް ސާފެއް ނުވޭ
    އަމާ ބުނީތީ ފަރައް ދާ އުސޫލުން
    މީހަކު ބުނީމަ ހަބަރު ޖަހަނީ ދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *