ދިވެހި ދީބުގެ ދެމޫސުމުގައި ޖެހުނު ވައިވަރު ބަދަލުވެއްޖޭ
ރިވެތި މާތައް ފޮޅުވި ގަސްތައް ޚަރީފުން ހިކި ހަނާވެއްޖޭ
ވަށައިގެން ރަށްރަށުގެ އިހުއޮތް ރިވެތި ދޮންވެލިފަށަލަ ނެތިގޮސް
ވަށައިގެންފާރު ބޮޑުހިލައިން ލެވުނު ހިނދު ސިފަހުތުރު ވެއްޖޭ
ކުޅޭންތުނޑިތުނޑިމަތީގައިގޮސް އުޅުނުހެން ދޫނިތައް އުފަލުން
އުޅޭން ފުރުޞަތު ވެށީ ނެތުމުން ޠަބީޢަތު މުޅި ބަދަލު ވެއްޖޭ
ހިޔާ ބިޔަ ގަސްގަހާއި ރުކުން ލިބުނު ހިތްފައި އުފާވެރިކަން
ތިޔާގިކަމާއި ހިތްފަހިކަން މި ގައުމާ ދުރުވެ ވަކިވެއްޖޭ
ވަދާގޮސް ބޭނި ލައްޓިކޮޅުން ކެކޭ ގަރުދިޔަ ފޮދުން ދީގެން
އަދާކުޅަ ގާތްތިމާގެކަމާ އަވައްޓެރިކަން ކަފުން ވެއްޖޭ
ބަދަހި އެއް ޢާއިލާއެއްހެން އުޅުނު ރައްފުށުގެ ދިރިއުޅުމަށް
އަދަކުނެތް އެނބުރި ދާނެގޮތެއް ގުޅުންވެސް ކެނޑި ދެކޮޅުވެއްޖޭ
ފަޅުން ހިއްކޭ ރަށުގެ "ފަރުމާ" ކުރެހިފައިވާ ގޮތުގެ ސަބަބާ
ތަޅުންއެޅި މަގުމަގުގެ ހޫނުން ވެށީގައި ހޫނު ގަދަ ވެއްޖޭ