Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް- ޖަމާލު އައްދުއްރާ އާއި އޭނާގެ ދަރިފުޅު މުހައްމަދުގެ ވާހަކަ

މަތީގައި އެވާ ތަސްވީރު ރަމްޒުކޮށްދޭ ހަގީގަތަކީ ކޮބާ ހެއްޔެވެ؟ އެ ހަގީގަތް ހިނގީ ކޮން އިރަކު ކޮންތާކު ހެއްޔެވެ؟ އެ ތަސްވީރު ހަނދާން ކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ތިރީގައި އަޅާލެވޭ ފޮޅުވަތްތަކުގައި މި ސުއާލުތަކުގެ ޖަވާބު ލިޔެލަން ގަސްދުކުރަމެވެ.

އަދި އެއްފަހަރު ތަސްވީރަށް ބަލައިލާށެވެ! ތަސްވީރުން ފެންނަނީ ބޮޑު މީހަކާއި ކުޑަކުއްޖެއްގެ ސޫރައެވެ. އެ ދެމީހުން ތިބީ ކޮންކުރީޓު ހުރަހެއްގެ އެއްފަރާތުގައެވެ. ބޮޑު މީހާ ކުޑަ ކުއްޖާއަށް ރައްކާތެރިކަން ހޯދައިދެވޭތޯ މަސައްކަތްކުރަމުން ދެއެވެ. އާދެ، ތަސްވީރު ދައްކައިދެނީ މި މަންޒަރެވެ.

މި ތަސްވީރު ތައްޔާރުކުރި ފަންނާނު ލަފާކުރާ ކުރުމެއް އެބައޮތެވެ. މި މަންޒަރު ފެނުމުން، އެންމެންވެސް މި މަންޒަރު އިޝާރަތްކުރާ ހާދިސާ ހަނދާނަށް އަންނާނޭ ކަމެވެ. އެ ހާދިސާ ހިނގީ 2000ވަނަ ސެޕްޓަމްރު މަހު 30 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގިތާ މިއަދަށް މިހާރު 22 އަހަރު ފުރުނީއެވެ. ނަމަވެސް، އިއްޔެ ވީކަމެއްހެން، މި މަންޒަރު ވަރަށް ގިނަ ބައެއްގެ ހިތުގައި ބިންވަޅު ނެގި، ހަރުލާފައި ހުންނާނެކަން މި ތަސްވީރު ތައްޔާރުކުރި ފަންނާނު ލަފާކުރާ ކަހަލައެވެ. އަނިޔާވެރިކަމާއި ބޭއިންސާފަށް ނަފުރަތުކުރާ މީހުންގެ ހިތްތަކުގައެވެ. ނިޔާއާއި އިންސާފުވެރިކަމަށް ލޯބިކުރާ މީހުންގެ ހިތްތަކުގައެވެ.

މި ތަސްވީރު އިޝާރާތްކުރާ ހަގީގީ ހާދިސާ މަތިން ހަނދާން އާކޮށްލަމާ ހެއްޔެވެ؟ މި ހާދިސާ ހިނގީ ޣައްޒާގައެވެ. މި ހާދިސާ ގުޅެނީ އިޒުރޭލުގެ އަނިޔާވެރި އަސްކަރީ އިހުތިލާލާ އިދިކޮޅަށް ފަލަސްތީނު ރައްޔިތުން ދެވަނަ ފަހަރަށް ތެދުވި ތެދުވުމާއެވެ. ތަސްވީރުން ފެންނަ ބޮޑު މީހަކީ ޖަމާލަ އައްދުއްރާއެވެ. ކުޑަ ކުއްޖަކީ އޭނާގެ ލޮބުވެތި ދަރިފުޅު، އުމުރުން 12 އަހަރުގެ މުހައްމަދެވެ. ބައްޕައާއި ދަރިފުޅު ސަލާމަތްވާން މަސައްކަތް ކުރަނީ އެ ދެބަފައިންނާ ދިމާއަށް އިޒުރޭލު ސިފައިން ފޮނުވަމުން ދިޔަ ބަޑީގެ ވަޒަންތަކުންނެވެ. ނަމަވެސް، އެންމެ ފަހުން ކުޑަކުޑަ މުހައްމަދު އިޒުރޭލު ސިފައިންގެ ބަޑީގެ ޝިކާރައަކަށްވެ، ޝަހީދުވީއެވެ. މި މަންޒަރު، މި ހާދިސާ ހިނގަމުން ދިޔައިރު، ރިޕޯޓަރަކު ރެކޯޑު ކުރިއެވެ. އަދި އެއަށް ފަހު، އާންމު ޓީވީއެއްގައި މި މަންޒަރު ދެއްކުނެވެ.

އާންމު ގޮތެއްގައި، އިޒުރޭލު ސިފައިންނާއި އަދި ނުހައްގަން އަތުލައިގަންފައިވާ އަރަބި ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނައަޅާފައިވާ ދީނީ ޒައިނުސްޓުން ފަލަސްތީނު މީހުންނަށް ގަސްދުގައި އެކިއެކި އަނިޔާދެއެވެ. ފަލަސްތީނު މީހުންގެ ބިންތައް ހަލާކުކުރުމެވެ. އެމީހުންގެ ގޭގެއަށް ގެއްލުންދީ، ތަޅާލައި ނެތިކޮށްލުމެވެ. ނޫން ނަމަ ފަލްސަތީނު މީހުންގެ ގެއިން އެމީހުން ބޭރަށްލައި އެމީހުންގެ ގެތަކުގައި މިނަންގަތް ޒަޔަނިސްޓުން ވަޒަންވެރިވެ އުޅެން ފެށުމެވެ. މީގެ އިތުރުން، ދަންވަރުދަޅައިގައި ފަލަސްތީނު މީހުންގެ ގޭގެއަށް ވަދެ، ފަލަސްތީނު މީހުން އޮރިޔާންކޮށް ފާސްކޮށް ހަދައެވެ. ބައެއް ފަހަރު، މައިން އެމައިންގެ ދަރިންގެ ކުރިމަތީގައި ވެސް މިފަދައިން ކަންތައް ކުރެއެވެ. މީގެ އިތުރުން ފަލްސަތީނު ކުދިންނާއި މީހުން މެރުމަކީ ވެސް އާންމުކޮށް ހިނގާ ކަންކަމެވެ. މި ފަދަ ހުރިހާ ކަންކަމީ އާންމު ގޮތެއްގައި ނޫސްތަކުގައި ލިޔެ ޝާއިކުރެވިފައި ހުންނަ ކަންކަމެއް ނޫނެވެ. ނަމަވެސް ޖަމާލު އައްދުއްރާއާއި އޭނާގެ ދަރިފުޅު މުހައްމަދުގެ ހާދިސާ، އެކަން ހިނގަމުން ދިޔައިރު، ރެކޯޑުކުރެވި އަދި ބައެއް ޓީވީތަކުން މި ހާދިސާ ހިނގައިދިޔަ ގޮތް ފެނުމުން، މިކަންވީ މިފަދަ އެހެން ހާދިސާތައް އޮއްބާލާ ފަދައިން އޮއްބާލަން ދަތިވި ހާދިސާއަކަށެވެ. އިޒުރޭލުގެ ރަސްމީ ބައެއް ފަރާތްތަކުން މިކަން ހިނގީ މިވެނިހެންނޭ އެވެނިހެންނޭ ބުނެ، މިކަމުގައި އެމީހުންގެ ސިފައިންގެ މަސްއޫލިއްޔަތު ކުޑަކުރަން މަސައްކަތް ކުރެވުނެވެ. ނަމަވެސް، ގިނަ ބަޔަކު ދުށީ މިއީ ގަސްދުގައި ކުރި ކަމަކަށެވެ. އާދެ، ކުޑަކުޑަ މުހައްމަދު މަރާލީ ގަސްދުގައި ކަމެވެ.

މި ތަސްވީރު، ރަމްޒީ ސިފައެއެއްގައި، ހަނދާންކޮށްދެނީ ފަލަސްތީނު އާންމު މީހުންގެ ހާލަތެވެ. އެމީހުންނާ ކުރިމަތިވެފައިވާ ދަތި އުނދަގޫ ދިރިއުޅުމެވެ. އެމީހުންގެ އަބުރަށް، ފުރާނައަށް، މުދަލަށް، އެއްވެސް ހުރުމަތެއް ނުވާކަމެވެ. ކޮންމެ ހިނދުކޮޅެއްގައި ވެސް، އެމީހުންގެ އަބުރަށް އަރައިގަނެވިދާނޭ ކަމެވެ. ކޮންމެ ހިނދުކޮޅެއްގައި ވެސް އެމީހުންގެ ފުރާނަ ނެތިކޮށްލެވިދާނޭ ކަމެވެ. ކޮންމެ ހިނދެއްގައި ވެސް، އެމީހުންގެ ގެދޮރާއި މުދަލަށް ގެއްލުން ދެވިދާނޭ ކަމެވެ.

އެހެންވެ، އަނިޔާއާއި ބޭއިންސާފުވެރިކަމަށް ނުރުހޭ ނަމަ، ނިޔާއާއި އިންސާފުވެރިކަމަށް ރުހޭ ނަމަ، މި މައްސަލަ ރަނގަޅަށް ދަސްކުރަން ޖެހެއެވެ. މި މައްސަލައާ ބެހޭ ގޮތުން ކިޔައި، މިކަމާ ބެހޭ ތެދު މައުލޫމާތު ހޯދަން ޖެހެއެވެ. ތާރީޚަކީ ބައެއް ފަހަރު، ބާރުވެރި ފަރާތް ބޭނުންވާ ގޮތަށް ބަދަލުކޮށްލެވި، އަލުން ލިޔެވޭ އެއްޗެކެވެ. އެހެންވެ، ތެދު ދޮގު، ބައެއް ފަހަރު އޮޅޭ ގޮތް ވެސް ވެއެވެ. ނަމަވެސް، ފަލަސްތީނުގެ މައްސަލައަކީ ހަގީގަތް ހޯދަން ބޭނުން މީހަކަށް އެކަން ހޯދެން އޮތް މައްސަލައެކެވެ. މައްސަލައާ ބެހޭ އިހުގެ ގިނަގުނަ ލިޔުންތައް ލިބެން އެބަހުއްޓެވެ. މިފަދަ ލިޔުންތައް ބަލައި، ދިރާސާކުރުމުން، ތިމާގެ އަމިއްލަ ސިކުނޑިއަށް، ތެދު ހަގީގަތް ފެންނާނެއެވެ.

އާދެ، ޖަމާލު އައްދުއްރާއާއި އޭނާގެ ދަރިފުޅު ކުޑަކުޑަ މުހައްމަދު ޝަހީދުވި ހާދިސާއަށް 21 އަހަރު ފުރުން ހަނދާންކޮށްދީ ގޮވާލަނީ މިކަމަށެވެ. މުސްލިމުންގެ މެދުގައި ކިޔުމާއި މުތާލިއާކުރުމުގެ އާ ސަގާފަތެއް އުފެއްދުމަށެވެ. މުސްލިމުންނަކީ އިހުނޭ އެއްފަދައިން އަލުން އިލްމުވެރި ބަޔަކަށް ވުމަށެވެ. އެމީހުންގެ ސިކުނޑިތައް މިނިވަންކޮށް، އެމީހުންނަކީ، ހަމައެކަނި އިލްމު ބޭނުންކުރާ ބަޔަކަށް ވުމުގެ އިތުރުން އިލްމު އުފައްދާ ބަޔަކަށްވުމަށެވެ. ސިކުނޑިއާއި ފިކުރުގެ މިނިވަންކަން ލިބިގެން މެނުވީ، ހަށިގަނޑާއި ގެދޮރުގެ މިނިވަންކަމެއް ނުލިބޭނެއެވެ.