އިޙްސާން އިބްނު މުޙައްމަދު އަލްއުތައިބީ ރިވާކުރައްވާފައިވެއެވެ. އެއް ދުވަހަކު އަލްމަސްޖިދުލް ޙަރާމްގައި ނަމާދު ކުރެއްވުމަށްފަހު ޝައިޚް އިބްނި އުޘައިމީން ރަޙިމަހުﷲ މަސްޖިދުލް ޙަރާމް ދޫކޮށް ތަނަކަށް ދާން ބޭނުންވިއެވެ. އެހެންކަމުން ޓެކްސީއެއް ހުއްޓުވައި އެ ޓެކްސީގައި އިށީނދެވަޑައިގަތެވެ.
ކޮންމެއަކަސް ދަތުރުމަތީގައި ޓެކްސީ ޑްރައިވަރު އޭނާގެ ކާރުގައި އިން ފަސިންޖަރު ދެނެގަންނަން ބޭނުންވިއެވެ. އެހެންކަމުން ސުވާލުކުރިއެވެ.
"އޭ ޝައިޚްއެވެ. ތިޔައީ ކާކު ހެެއްޔެވެ؟" ޝައިޚް ޖަވާބު ދެއްވިއެވެ. "މުޙައްމަދު އިބްނު ޢުޘައިމީން އެވެ." ހައިރާންވެފައި އިނދެ ޓެކްސީ ޑްރައިވަރު ސުވާލުކުރިއެވެ. "ތިޔައީ (މަޝްހޫރު) ޝައިޚް އިބުން އުޘައިމީން ހެއްޔެވެ؟" ޝައިޚް ޖަވާބު ދެއްވިއެވެ. "އާނއެކެވެ. މިއީ ޝައިޚް އުޝައިމީންއެވެ."
ޓެކްސީ ޑްރައިވަރަށް ހީކުރެވުނީ ޝައިޚް އޭނާ އަށް އިތުރުފުޅު ހައްދަވަނީ ކަމަށެވެ. އެހެނީ ދުވަހަކުވެސް ޝައިޚް ކަހަލަ ބޭކަލަކު އޭނާގެ ޓެކްސީގައި ދަތުރުކޮށްފާނެ ކަމަކަށް އޭނާ އަށް ގަބޫލު ނުކުރެވޭތީއެވެ. އެހެންކަމުން ލިބުނު ޚައިރާންކަމާ އެކު ޓެކްސީ ޑްރައިވަރު ޝައިޚާ ދިމާލަށް އޭނާގެ މޫނު އަނބުރާލިއެވެ. އެހިނދު ޝައިޚް އޭނާއާ ސުވާލުކުރެއްވިއެވެ. "އޭ އަޚާއެވެ. ތިޔައީ ކާކު ހެއްޔެވެ؟" ޖަވާބުގައި ޓެކްސީ ޑްރައިވަރު ބުންޏެވެ. "އަހުރެންނަކީ ޝައިޚް ޢަބްދުލް-އަޒީޒް ބިން ބާޒް އެވެ." އެހިނދު ޝައިޚް އިބްނު ޢުޘައިމީން ހިނިތުންވެލަމުން ސުވާލު ކުރެއްވިއެވެ. "ހަމަ ތެދެއްހެއްޔެވެ؟ ތިޔައީ ޝައިޚް ބިން ބާޒް ހެއްޔެވެ؟!" ޓެކްސީ ޑްރައިވަރު ޖަވާބުގައި ބުންޏެވެ. "އާނއެކެވެ. ތިޔައީ ޝައިޚް އިބްނު ޢުޘައިމީން އަށް ވީ ފަދައިން އަހުރެންނަކީ ޝައިޚް ބިން ބާޒް އެވެ."
ފަހެ، ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވިއެވެ. "އެކަމަކު ޝައިޚް ބިން ބާޒަކީ ލޯ އަނދިރި ބޭކަލެކެވެ. އަދި ކާރެއް ނުދުއްވައެވެ." ޓެކްސީ ޑްރައިވަރަށް ރޭކާލީ ދެނެވެ. ހަމަ ހަގީގަތުގައިވެސް، އޭނާގެ ކައިރީގައި އިށީނދެވަޑައިގެން އިންނެވި ފަސިންޖަރަކީ ޝައިޚް އިބްނު ޢުޘައިމީން ކަމެވެ. އަދި އޭނާ އަށް މިކުރެވުނީ ކިހާ ހުތުރު އަމަލެއްކަން ރޭކާލައި އެކަމާ ލަދުގަންނަން ޖެހުނެވެ.
މަސްދަރު:- މަސްދަރު:- ["ޞަފަޙާތު މުޝްރިޤާ މިން ޙަޔާތު އަލްއިމާމް މުޙައްމަދު އިބްނު ޞާލިޙް އަލްއުޘައިމީން" ޞ. 79. އަދި "ޖުވެލްސް އޮފް ގައިޑެންސް" ޞ. 163-164]