Support Us

ކޮލަމް ކޯދު: ތަސްވީރު ކިޔައިދޭ ވާހަކައެއް

މަތީގައިވާ ތަސްވީރުން އެ ފެންނަނީ މޮރޮކޯގެ ލަވަކިޔުންތެރިއެއް ކަމަށްވާ ދުންޔާ ބަތުމާއެވެ. އޭނާގެ ކުރިމަތިން ފެންނަން އެ އޮތީ ނޫސްމަޖައްލާތަކުގެ 'މައިކްރޯ ފޯންތަކުގެ ޖަންގައްޔެކެވެ'. އާދެ، ނޫސް މަޖައްލާތަކުން ވަރަށް ވެސް ބޮޑު އަހައްމިއްޔަތު ކަމެއް ލަވަކިޔުންތެރިއާއަށް ދީފައިވާކަން މި މައިކްރޯފޯންތަކުގެ ޖަންގަލިން އެނގިފާޅުވެގެން ދެއެވެ!

ތިރީގައިވާ ތަސްވީރުގެ ވާތްފަރާތުން އެ ފެންނަނީ ދުނިޔޭގައި މިވަގުތު ފާހަގަކޮށްލެވޭ މަޝްހޫރު މޮރޮކޯގެ ކީމިޔާއީ އިލްމުވެރިއެއް ކަމުގައިވާ ރަޝީދު އަލްޔަޒަމީއެވެ. އޭނާގެ ކުރިމަތިން ފެންނަނީ ތިން މައިކްރޯފޯނެވެ. ނޫސްމަޖައްލާތަކުން މި އިލްމުވެރިޔާއަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ނުދޭކަން މިކަމުން ދޭހަވެއެވެ. ނަމަވެސް، ރަޝީދު އަލްޔަޒްމީއަކީ މުހިއްމު އީޖާދުތަކެއްގެ ވެރިއެކެވެ. އެ އީޖާދުތަކުގެ އަދަދު 160އަށް އަރައެވެ. މީގެ އިތުރުން، އޭނާވަނީ 250 ވަރަކަށް އިލްމީ ލިޔުން ލިޔުއްވައި ޝާއިއު ކުރައްވާފައެވެ. އޭނާގެ އެންމެ މުހިންމު އީޖާދެއްގެ ގޮތުގައި ފާހަގަކުރެވެނީ އޭނާ އުފެއްދި ލިތިއަމް ބެޓެރިއެވެ. ހައެއްކަ މިނިޓުތެރޭގައި މި ބެޓެރި އެއްކޮށް ޗާޖްކުރެވެއެވެ. އަދި މިކަމުގެ ސަބަބުން ކަރަންޓުން ދުއްވާ ކާރުގެ މުސްތަގުބަލަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވިއެވެ. އަދި، އޭނާގެ ބައިވެރިވުން ހިމެނޭ ލިތިއަމް-އައޮން ބެޓެރިއަކީ އެއަށް 2019ގައި ނޮބެލްގެ އިނާމު ކެމިސްޓްރީއިން ލިބުނު އުފެއްދުމެވެ. ބުނެވޭ ގޮތުގައި، ނޮބެލްގެ އިނާމު ދިނުމުގައި ގިނަވެގެން އެއް ދާއިރާއަކުން އިނާމު އެއްފަހަރާ ހިއްސާކުރެވެނީ ތިން މީހުންނަށެވެ. އެހެންވެ، މި އުފެއްދުމުގައި ޔަޒަމީގެ އިތުރުން އެހެން ތިން މީހުން ބައިވެރިވެފައި ވުމުން، ނޮބެލް އިނާމު ދިނީ ތިން މީހުންނަށެވެ. އޭގެ ތެރޭގައި ޔަޒަމީގެ ނަން އުނިކުރެވިފައިވަނީއެވެ.

ކޮންމެއަކަސް، ތަސްވީރުން އެނގެނީ އިލްމުވެރިކަމަކީ ހުރިހާ އެންމެން އޭގެ އަގު ވަޒަންކުރާ އެއްޗެއް ނޫންކަމެވެ. އިލްމުވެރިކަމަކީ ތަނަށް ހަގީގީ ކުރިއެރުން ގެނެސްދޭ ކަމަކަށް ވިޔަސް، 'މޮޅު' ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ލަވަކިޔުމާއި ކުޅިވަރުގެ 'ބޭރުފުށުގެ' މޮޅުކަންކަމެވެ. އެތެރެފުށުގެ ސިކުނޑީގެ މޮޅުކަމާއި އުފެއްދުންތެރިކަމަށް އާންމުންގެ ސަމާލުކަމެއް ނުލިބެއެވެ. އަދި، ވަރަށް ގިނަފަހަރު، އެއީ ފާހަގަކޮށް، އުފާކޮށް އިހުތިފާލުކުރަން ޖެހޭ ކަމަކަށް ވެސް ނުވެއެވެ.

ދާދި ފަހުން މިފަދަ ކަމެއް ރާއްޖޭގެއިން ވެސް ފެނުނެވެ. ބޭރުގެ ބައިނަލް އަގުވާމީ ގުރުއާން ކިޔެވުމުގެ މުބާރާތެއްގައި، ނުކުޅެދުންތެރިކަމެއް ހުރި ރާއްޖޭގެ ބައިވެރިޔަކު ހޯދި އެކަށީގެންވާ ކާމިޔާބީއެއް އެ ކާމިޔާބީއާ އެކަށީގެންވާ ގޮތެއްގައި ފާހަގަނުކުރެވުނު ކަމެވެ!

އާދެ، ތަސްވީރު ބުނެދެނީ މިވާހަކައެވެ. އާންމު މީހުން ކައިރީގައި، ގިނަ ފަހަރަށް، މުހިއްމު ވަނީ ލަވައާއި ކުޅިވަރާއި ބޭރުފުށުގެ ކަންކަމާ ބެހޭ ކަންކަމެވެ. ނޫސްތަކާއި މަޖައްލާތަކަށް މުހިއްމުވަނީ އެފަދަ ޚަބަރުތަކެވެ. އެއީ ކީއްވެ ހެއްޔެވެ؟

މި ސުއާލުގެ ޖަވާބެއް މީގެ ހަތްދިހަ ވަރަކަށް އަހަރު ކުރިން އަރަބި އިލްމީ ލިޔުންތެރިއެއް ކަމަށްވާ މަރުހޫމު ޑރ. މުސްތަފާ އައްސިބާއީ ފާހަގަކުރައްވާފައި އޮވެއެވެ. އޭނާގެ ހަޔާތުގެ ފިލާވަޅުތަކުން، މިފޮތުގައި އޭނާ ވިދާޅުވެފައި އޮވެއެވެ. "(ލަވައާއި މިޔުޒިކާއި ނެށުން ފަދަ) ފަންނީ ކަންތައްތަކުގައި މަޝްޣޫލުވެގެން އުޅުމަކީ، ރަށްވެހިކަމުގެ ބިނާ ފުރިހަމަ ކުރެވިފައިވާ މީހުންގެ ކަމެކެވެ. ރަށްވެހިކަމުގެ ބިނާ ނުވެސް ފެށިގެން އުޅޭ މީހުން، ނުވަތަ މާފަހުން އެ މަސައްކަތަށް ފަށައިގަނެވޭ މީހުން، އެ ބިނާ ވަރުގަދަކުރުމަށް އަހައްމިއްޔަތުކަން ދިނުމުން އެއްކިބާވެ، އައު އީޖާދުތައް ކުރުން ދޫކޮށް، މިޔުޒިކާއި ލަވައަށް އަހައްމިއްޔަތުކަންދީ 'ހަޔާތް އުފެއްދުމުގެ' ބަދަލުގައި 'ހަޔާތް ކުރެހުމަށް' އަހައްމިއްޔަތުކަން ދީގެން އުޅުމަކީ އެންމެ ބޮޑެތި މޮޔަކަންތަކުގެ ތެރެއިން ހިމެނިފައިވާ ކަމެކެވެ."

މަރުހޫމު ސިބާއީގެ މި ބަސްކޮޅުގައި ފަންނީ ކަންކަމުގައި ނޫޅޭށޭ ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް، އޭނާ ވިދާޅުވެފައިވަނީ ކުރިއެރުން ގުޅިފައިވަނީ ހަމައެކަނި އެފަދަ ފަންނީ ކަންކަމާ ކަމަށް ދެކި، 'ހަޔާތް ކުރަހަން' ނޫޅުމަށެވެ. އަދި، އިލްމީ މަސައްކަތްތާއި އެކަމާ ގުޅޭ އީޖާދީ އުފެއްދުންތެރި މަސަައްކަތްތައްކޮށް 'ހަޔާތް އުފެއްދުމަށް' އުޅުމަށެވެ. އާދެ، ރަށްވެހިކަމުގެ ބިނާކުރުމުގެ ހިއްވަރާއި ކެރުން، އެކަން ކުރާނޭ ރަނގަޅު މަގުން ހިނގައި 'ހަޔާތް އުފެއްދުމުގެ' ބަދަލުގައި 'ހަޔާތް ކުރަހައި' ތިމަންމެން ވެސް މިތިބީ ކުރިއަރާފައޭ ބުނެ، އެކަން ދައްކަން އުޅުމުން ވަނީ ކިހިނެއް ހެއްޔެވެ؟ އިލްމީ ރޮނގެއްގައި ކުރިއަރައިދާ މީހެއްގެ ނުވަތަ ކުރިއެރުމުގެ އެކަށޭނަކަން ހުރި މީހެއްގެ ކާމިޔާބުތައް ފާހަގަކޮށް އިހުތިފާލުކުރުމަށް ވުރެ، ލިވާތާއި ބަރަހަނާވުމުގެ ޚަބަރުތައް އެކަމުގެ ހުރިހާ ތަފްސީލުތަކާއެކު ގެނެސްދިނުން ނޫސްތަކަށް މުހިއްމުކަމަށް ފެނުމެވެ. މީހުންގެ ސަމާލުކަން އޮތީ އެފަދަ ޚަބަރުތައް ބަލައި ކިޔުމުގައި ވާތީއޭ ނޫސްތަކުން ބުނާ ވެސް ކަހަލައެވެ! ނޫނީ އެފަދަ ކަންކަމުގައި މީސްތަކުން ޝާމިލުކޮށް، ހަގީގީ މައްސަލަތަކާ މެދު ވިސްނާ ފިކުރުކުރުމުން މީސްތަކުން ދުރުކުރަން އުޅެނީއޭ ވެސް ބުނެވިދާނެއެވެ!