Support Us

ގެއްލިގެންދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން: ރައީސް

ރާއްޖޭގެ ރަށްރަށުން ގެއްލިގެން ދިޔަ ތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު އަލުން އިޢާދަކުރުމުގެ ބޮޑު ބަދަލު ފެށެނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޒޯން 1 ގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށް، "ބޮޑުތިލަދުންމަތި ގުޅާލުން" މިނަމުގައި މިރޭ، ހއ. ދިއްދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ރަށްތަކުގެ ޚާއްޞަކޮށް ބޮޑުތިލަދުއްމަތީގެ ރަށްރަށުގައި އިހު އޮތް ފުދުންތެރިކަމާއި ތަނަވަސްކަމާއި އުފެއްދުންތެރިކަމާއި އިޤުތިޞާދުގެ މައްޗަށް އަލިއަޅުއްވާލައްވައިފައެވެ. މިގޮތުން އެ ޒަމާނުގައި ސީދާ އަތޮޅުތަކުން ރާއްޖެއިން ބޭރަށް ކުރަމުން އައި ވިޔަފާރި ދަތުރުތަކާއި އެދަތުރުތަކުގެ ސަބަބުން ރައްޔިތުންގެ ފުދުންތެރިކަން އޮތް ގޮތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އައި ބަދަލާ އެކު އަތޮޅުތަކާއި ރަށްތަކުގެ އިޤުތިޞާދަށް ލިބިގެން ދިޔަ ނިކަމެތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގެއްލިދިޔަ އެތަނަވަސްކަމާއި ފުދުންތެރި އަމިއްލަ އިޤުތިޞާދު، ރާއްޖޭގެ ހުރިހާ ރަށަކާއި އަތޮޅަކަށް އަންނަން ޖެހޭ ކަމަށެވެ. އަދި އެބަދަލު ފެށިގެން އަންނަނީ އާރް.ޓީ.އެލްގެ ވިއުގައިން ކަމަށާއި، ބޮޑު ތިލަދުންމައްޗަށް ގެނެވިފައިވާ މިބަދަލުން ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި އާރް.ޓީ.އެލްގެ އުޅަނދު ފަހަރުން، ހުވަދުއަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫސިޓީގެ ރަށްތައް ގުޅާލެވިގެންދާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޮޑު ތިލަދުންމައްޗަށް ގެނެވެމުންދާ ބޮޑު ބަދަލުގެ ތެރެއިން، ހަނިމާދޫ އެއާޕޯޓަށް ގެނެވޭ ތަރައްޤީއާ އެކު ތިލަދުންމަތީގެ އިޤުތިޞާދަށް އަންނާނެ ބަދަލުތަކުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަށް ބޭނުންވާ، 2.1 ބިލިއަން ރުފިޔާ ހަމަޖެހި، އެ މަސައްކަތުގެ ކޮންޓްރެކްޓްގައި މިހާރު ސޮއިކުރެވިފައިވާ ކަމަށެވެ. އަދި ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއެއްގެ ގޮތުގައި ތަރައްޤީކުރެވި، އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ޓަރމިނަލެއް އިމާރާތް ކުރެވޭނެ ކަމަށާއި، އެއާ އެކު ތިލަދުންމަތީގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، 8،000 ޓޫރިސްޓް އެނދު ޤާއިމްކުރުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނާއި ޒިޔާރަތްކުރާ ކޮންމެ މީހަކަށްވެސް ދަތުރުފަތުރުގެ ޔަޤީންކަން މިއަދު އޮންނާނެ ކަމަށެވެ. އަދި އާރް.ޓީ.އެލްގެ ސަބަބުން މުދަލާއި ޚިދުމަތާއި ވިޔަފާރިއާއި ސިއްޙަތާއި ތަޢުލީމާއި ކުލުނާއި ލޯބިން، މިޒޯނުގެ 41 ރަށް އެއްކޮށް ބަދަހިކޮށް ބަނދެދޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރަށްރަށުގެ މެދުގައި އޮތް ދުރުކަމާއި ހުސްކަމާއި ފޫހިކަން، މަޑުމަޑުން ނައްތައިލާނެ ވަޞީލަތަކީ، ދެއިރު ދެދަޅައަށް ލަފާ ފުރައިގެންދާ، އާރް.ޓީ.އެލް ފެރީ ކަމުގައި ވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދިއްދޫ ރައްޔިތުންގެ ފަރާތުން، ޙާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް ހަނދާނީފިލާ އެރުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ވަޙީދެވެ.

އާރް.ޓީ.އެލްގެ ޒޯން 1ގެ ޚިދުމަތް ރަސްމީ ގޮތުން މިރޭ އިފްތިތާޙްކޮށްދެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ، އާރް.ޓީ.އެލް ސްޕީޑް ފެރީގައި، މިއަދު ހަވީރު، ހއ. އުތީމުން ދިއްދޫއަށް ދަތުރުފުޅު ކުރައްވާފައެވެ.

"އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގައި ހިމެނޭ، ހއ. ހދ. އަދި ށ. އަތޮޅަށް މިހާރު ވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ފަށައިފައެވެ. މި ޒޯންގައި ބޭނުންކުރާ އާރް.ޓީ.އެލް ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮތް އިރު، މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ދަތުރުތައް ކުރާނެއެވެ.

ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ސްޕީޑް ފެރީ އުޅަނދު ދަތުރުތަކުގައި ބޭނުންކުރާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް