Support Us

މާތްރަސްކަލާނގެ އަދުލުވެރިކަމާ މެދު ސުވާލު ދެންނެވި އަންހެނާއަށް ކަންތައްވީ ގޮތް

ﷲގެ ނަބިއްޔާ ދައޫދު އަލައިހިއްސަލާމްގެ އަރިހަށް އެއްފަހަރަކު އަންހެނަކު ގޮސް ދެންނެވިއެވެ. "އޭ الله ގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ ޢަދުލުވެރި ފަރާތެއްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟" އެހިނދު ދާއޫދުގެފާނު ވިދާޅުވިއެވެ. "އޭ އަންހެނާއެވެ. ކަލެއަށް ހަލާކު ހުއްޓެވެ. ހަމަކަށަވަރުން، ﷲ އީ އެންމެ ޢަދުލުވެރި ރަސްކަލާނގެއެވެ. ދުވަހަކުވެސް އަދުލުވެރިކަމުން އެއްކިބާވެވޮޑިއެއް ނުގަންނަވާނެއެވެ."

އެއަށްފަހު ސުވާލުކުރެއްވިއެވެ. "’ތިބާގެ ވާހަކައަކީ ކޮބައި ހެއްޔެވެ؟" އެއަންހެންމީހާ ދެންނެވިއެވެ. "އޭ ﷲގެ ނަބިއްޔާއެވެ. އަހަރެންގެ ތިން އަންހެން ދަރިން ތިބެއެވެ. އަހަރެން ތިނޯހާއި ވޫލުން ވިޔެދޭ ތަކެތި ވިއްކައިގެން އެމީހުންގެ މުހުތާދުތައް ފުއްދައިދެމެވެ. ނަމަވެސް އިއްޔެ އަހަރެން ގޮތް ހުސްވެގެން މަސައްކަތް ކުރުމަށް ގެންގުޅޭ އާލާތްތައް ފޮތިގަނޑެއްގައި އޮޅާލައިގެން ބާޒާރަށް ދިޔައީމެވެ. އެތަކެތި ވިއްކާލައި ލިބޭ އެއްޗަކުން ދަރީންގެ ބަނޑުފުރާނަ މުއްތިކުރުމުގެ ނިޔަތުގައެވެ. އެކަމަކު އަހަރެން ބާޒާރަށް ދާން ހިނގައިގަތްތަނާ ކުއްލިއަކަށް އުދުހިފައި އައި ދޫންޏެއް ތިރިކޮށްފައި އަހަރެން އަތުގައި އޮތް ފޮތިގަނޑު، އޭގެތެެރޭގައި ހުރި ތަކެއްޗާ އެކު ޖަހައިގަނެގެން ގޮސްފިއެވެ. އެހިނދު އަހަރެންގެ ދަރިންނަށް ފޯރުކޮށްދޭނެ އިތުރު އެއްވެސް އެއްޗެއް އަތުގައި ނެތްކަމުގެ އިހުސާސް ކުރެވުނެވެ. އަދި އެކަމުގެ ހަގީގަތާ ކުރިމަތިލައި ނިކަމެތިކަމާ އެކު، ހިތާމައިގައި އަހަރެން އެތަނުގައި އިނީމެވެ."

ކޮންމެއަކަސް މި އަންހެން މީހާ ދާއޫދުގެފާނަށް އޭނާގެ ވާހަކަ ކިޔައިދެމުން ގެންދަނިކޮށް، ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އަދި އެތެރެއަށް ވަނުމުގެ ހުއްދައަށް އެދުނެވެ. އެހިނދު އެކަލޭގެފާނު އިޒުނަ ދެއްވުމުން ދިހަ މީހަކު އެތެރެއަށް ވަނެވެ. ކޮންމެ މީހަކީވެސް ވިޔަފާރިވެރިއެކެވެ. އަދި ކޮންމެ މީހެއްގެ އަތުގައި 100 ދީނާރު އޮތެވެ.

އެމީހުން އެކަލޭގެފާނު އަރިހުގައި ދެންނެވިއެވެ. "އޭ الله ގެ ނަބިއްޔާއެވެ. މި ފައިސާ ހައްގުވާ ފަރާތަކަށް ދެއްވާށެވެ." ފަހެ ދާއޫދުގެފާނު އެމީހުންނާ ސުވާލު ކުރެއްވިއެވެ. މި ފައިސާ މިތަނަށް ގެނައުމަށް ކަލޭމެންނަށް ބާރުއެޅީ ކޮން ކަމެއް ހެއްޔެވެ؟" ޖަވާބުގައި އެމީހުން ދެންނެވިއެވެ. “އޭ ﷲގެ ނަބިއްޔާއެވެ. އަހުރެމެން ކަނޑު އުޅަނދެއްގައި ދަތުރުކުރަމުން ދަނިކޮށް، ތޫފާނެއްގައި ޖެހި ރާޅުތައް ބޮޑުވެ ލިބުނު ގެއްލުމަކާ އެކު އަހުރެމެން ދަތުރުކުރަމުން ދިޔަ ބޯޓު ދިޔަވެ އަޑިއަށް ދާންފެށިއެވެ. ދެން ކުއްލިއަކަށް އައިނައިތަނެއްވެސް ނޭނގި ދޫންޏެއް އައިސް އަހުރެމެންގެ ތެރެއަށް ރަތްކުލައިގެ ފޮތިގަނޑެއް ވައްޓާލިއެވެ. އޭގެތެރޭގައި ހުރި ވޫލާއި ތަކެތި ބޭނުންކޮށްގެން އަހަރެމެން އުޅަނދު ދިޔަވަމުންދިޔަތަން މަރާމާތު ކުރީމެވެ. އަދި މާ ގިނަ އިރުތަކެއްނުވެ ވައިރޯޅި މަޑުވެ ރާޅުތައް ހަމައަކަށް އެޅުނެވެ. އެހިނދު އަހުރެމެން ހުވާކުރީމެވެ. އަހުރެމެން ތެރެއިން ކޮންމެ މީހަކުވެސް ޞަދަޤާތުގެ ގޮތުގައި 100 ދީނާރު ދޭނަމެވެ. މިއީ އެ ފައިސާއެވެ. ކަލޭގެފާނު ބޭނުން މީހަކަށް ޞަދަޤާތުގެ ގޮތުގައި ދެއްވާށެވެ."

އެހިނދު ދާޢޫދުގެފާނު އަންހެން މީހާއާ ދިމާއަށް އެނބުރިވަޑައިގެންފައި ވިދާޅުވިއެވެ. "އެކަލާނގެ ކަމަނާއަށްޓަކައި އެއްގަމާއި ކަނޑުގައި ވިޔަފާރިއެއް ކުރެއްވީއެވެ. އެކަމަކު ކަމަނާ ތިޔަ ސުވާލުކުރަނީ އެކަލާނގެ އަދުލުވެރިކަމާ މެދުއެވެ."

އެއަށްފަހު 1000 ދީނާރު އެއްކޮށް އެ އަންހެން މީހާ އަށް ދެއްވާފައި ވިދާޅުވިއެވެ. "ކަމަނާގެ ދަރިންނަށް ޚަރަދުކުރާށެވެ."

މަސްދަރު: ޖެމްސް އެންޑް ޖެވެލްސް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *