Support Us

ތެލާއި ކާޑާއި ބޭސް ގަންނަން އެސްޓީއޯއަށް 189 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއް ދީފި

ތެލާއި ކާޑާއި ބޭސް ގަންނަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީ) އއިން އެސްޓީއޯއަށް 189 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ މުރާހަބާ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއް ދީފިއެވެ.

ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކް (އައިއެސްޑީބީ)ގެ ގަވަރުނަރު އިބްރާހިމް އަމީރުގެ ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމީޔާތެއްގައި މި އެއްބަސްވުމުގައި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަނީ ސާލިމް ސޮންބޮލްއެވެ. އެސްޓީއޯގެ ފަރާތުން، ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ރަޝާދެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ގޮތްޕެއް ކަމަށްވާ އައިޓީއެފްސީން މި އަހަރުގެ ޖޫން މަހު ވެސް ވަނީ އެސްޓީއޯއާ އެކު 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ މުރާބަހާ ޓްރޭޑް ފައިނޭންސިން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިއަދުގެ ރަސްމީޔާތުގައި އަމްރު ވިދާޅުވީ އައިޓީއެފްސީގެ ޓްރޭޑް ފެސިލިޓީއެއް ހަމަޖެހިގެން މި ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މުދަލުގެ އަގު މައްޗަށް ދިއުމާއި ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ވަގުތެއްގައި ކަމަށެވެ. އަދި މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ހަކަތައާއި ކާބޯތަކެތި އަދި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށާއި މުހިންމު ދާއިރާތަކުން އިގުތިސާދީ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދެވޭނެ ކަމަށްވެސް އަމްރު ވިދާޅުވި އެވެ.

މީގެ އިތުރުން މިފްކޯގެ މަސައްކަތްތައް ތަރައްގީކޮށް، ފުޅާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ މިފްކޯގެ އުފެއްދުންތައް އެކްސްޕޯޓު ކުރާ ގައުމުތައް އިތުރު ކުރުމުގެ މަސައްކަތް ވެސް އެ އެމްއޯޔޫގެ ދަށުން ކުރާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ކެޕޭސިޓީ ބިލްޑުކުރުމުގެ މަސައްކަތްތަކެއް ވަނީ ތާވަލުކޮށްފައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.