...

Support Us

ކޮލަމް ކޯދު: ސްޓެޗިއު ހަދާ ފަންނާނެއްގެ ވާހަކަ

ތިމްސާލު (ސްޓެޗިއު) ހަދާ ފަންނާނަކު އޭނާގެ އާ އުފެއްދުމަށް 'މަސްއޫލުވެރިޔާ' މި ނަން ދިނެވެ. އަދި ގިނަ އަދަދެއްގެ މިފަދަ ތިމްސާލުތަކެއް ހަދައިގެން، އެ ތިމްސާލުތައް ވިއްކަން ބާޒާރަށް ދިޔައެވެ. އަދި، 'މަސްއޫލުވެރިޔާ' މި ތިމްސާލު އެއް ރުފިޔާއަށް ގަންނާނެއްބާ' މިހެން ކިޔައި ބާޒާރުގައި ގޮވަމުން ދިޔައެވެ. އަދި، ވަރަށް ގިނަ މީހުން އެ ތިމްސާލު ގަންނަމުން ވެސް ދިޔައެވެ.

އެ ވަގުތު އެތަނަށް ފުލުހުންގެ މީހަކު އައިސް އޭނާއާ ސުއާލުކުރިއެވެ.

ފުލުސް: މި ތިމްސާލަކީ ކަލޭ ހެދި އެއްޗެއް ހެއްޔެވެ؟

ފަންނާނު: ލައްބަ. މިއީ އަޅުގަނޑުގެ އެންމެ ފަހުގެ އުފެއްދުމެވެ.

ފުލުސް: ތިމްސާލެއްގެ އަގަކީ ކޮބައިހެއްޔެވެ؟

ފަންނާނު: އެންމެ ރުފިޔާއެކެވެ؟

ފުލުސް: ތިިޔައީ ގަބޫލުކުރެވޭނޭ ކަމެއް ހެއްޔެވެ؟ އެންމެ ރުފިޔާއަކަށް ތިފަދަ ތިމްސާލެއް ވިއްކޭނެ ހެއްޔެވެ؟ ޚާއްސަކޮށް އެއަށް 'މަސްއޫލުވެރިޔާ' މި ނަން ދީފައިވާ ތިމްސާލެކެވެ؟

ފަންނާނު: އަޅުގަނޑުގެ ބޭނުމަކީ ވީހާ ގިނަ އަދަދަކަށް މި ތިމްސާލުތައް ވިއްކުމެވެ. އަގު ބޮޑުކުރީމައި ގަންނާނެ މީހުން މަދުވާނެ ނޫންތޯއެވެ؟

ފުލުސް: އެންމެ ރަނގަޅެވެ. ތި ތިމްސާލު ހެދީ ކޮންކޮން މާއްދާތަކެއް ބޭނުން ކޮށްގެން ހެއްޔެވެ؟

ފަންނާނު: ފެނާއި ކިސަޑާއި ކުނި ބޭނުން ކޮށްގެންނެވެ؟

ފުލުސް: (ނުރުހިފައި) މަސްއޫލުވެރިޔާ އޭ ކިޔައިފައި ކަލޭ އޭނާގެ ތިމްސާލު ތި އުފައްދަނީ ކުނިން ހެއްޔެވެ؟ ކަލޭ ތިއުޅެނީ ކީކޭ ކިޔަން ހެއްޔެވެ؟

ދެން، ފުލުސް މީހާ ވަރަށް ރުޅިއައިސް ފަންނާނު ހައްޔަރުކޮށްގެން ޖަލަށް ގެންދިޔައެވެ. އަދި، ޖަލުގައި އަނިޔާކޮށް، މަސްދުވަހު ބަންދުކޮށް ބަހައްޓާފައި، އެފަދަ ތިމްސާލު ނުހެދުމަށް ނަސޭހަތްދީފައި ދޫކޮށްލިއެވެ.

އަނެއްކާވެސް ފަންނާނު އެހެން ތިމްސާލެއް ހެދިއެވެ. މިފަހަރު އެ ތިމްސާލުގެ ނަމަކަށް އޭނާ ކީ 'ރައްޔިތު މީހާ' މިހެންނެވެ. އަދި، ރައްޔިތު މީހާގެ ތިމްސާލުތަކެއް ހިފައިގެން ބާޒާރަށް ގޮސް، 'ރައްޔިތު މީހާގެ ތިމްސާލު އެއް ރުފިޔާއަށް ގަންނާނެއްބާއޭ ގޮވަމުން ދިޔައެވެ. އަދި، ވަރަށް ގިނަ މީހުން ރައްޔިތު މީހާގެ ތިމްސާލު ގަންނަންމުން ވެސް ދިޔައެވެ.

ފަންނާނު އޭނާގެ ތިމްސާލުތައް ވިއްކަމުން ދަނިކޮށް އަނެއްކާ ވެސް އެއްކަލަ ފުލުސް މީހާ އެތަނަށް އަތުވެއްޖެއެވެ.

ފުލުސް: މިއީ ހަމަ ކަލޭގެ އުފެއްދުމެއް ހެއްޔެވެ؟

ފަންނާނު: ލައްބައެވެ.

ފުލުސް: ރައްޔިތުމީހާގެ އަގަކީ ކޮބައި ހެއްޔެވެ؟

ފަންނާނު: އަޅުގަނޑު ރައްޔިތު މީހާ މި ވިއްކަނީ އެއް ރުފިޔާއަށެވެ. ނަމަވެސް، މަނިކުފާނު ބޭނުންފުޅު ނަމަ، މަނިކުފާނަށް ބައި ރުފިޔާއަށް ވިއްކަފާނަމެވެ.

ފުލުސް: (ހިނިތުންވެލާފައި) ވަރަށް ރަނގަޅެވެ. ރައްޔިތު މީހާގެ ހަދައިފައިވަނީ ކޮންކޮން މާއްދާއެއް ބޭނުން ކޮށްގެން ހެއްޔެވެ؟

ފަންނާނު: ކިސަޑާއި ފެނުނުންނެވެ.

ފުލުސް: މިފަހަރު ކުނި ބުނި ބޭނުން ނުކުރީ ކީއްވެ ހެއްޔެވެ؟

ފަންނާނު: ބައްލަވާށެވެ! އޭރުން ތިމްސާލު ވާނީ 'މަސްއޫލުވެރިޔާ’އަށެވެ. އެހެންވެއްޖެ ނަމަ، އަނެއްކާ ވެސް އަޅުގަނޑަށް ޖެހޭނީ ޖަލަށް ދާށެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.