Support Us

ކޮލަމް ކޯދު: އަދުލު އިންސާފާ ބެހޭ ހޮވާލެވިފައިވާ ބަސްކޮޅެއް

އަދުލު އިންސާފާ ބެހޭ ގޮތުން އެކި މީސްމީހުން ބުނެފައިވާ ބަސްކޮޅެއް ހުށަހަޅާލުމުގެ ކުރިން، އަދުލު އިންސާފާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ޖެހެއެވެ. 'އަދުލު އިންސާފު' މި ބަސް އުފެދިފައި ވަނީ އަރަބި ބަހުގެ ދެ ކަލިމައިންނެވެ. އަދުލާއި އިންސާފު، މި ދެ ލަފުޒުންނެވެ. އެހެންވީމައި، މި ދެލަފްޒުގެ މާނައިގެ މައްޗަށް ބަލާލުމުގެ ގޮތުން، އެންމެ ފުރަތަމަ، އަރަބި ބަހުގައި މި ދެ ލަފްޒު ބޭނުން ކުރެވޭ ގޮތުގެ މައްޗަށް، ވަރަށް ކުރުކޮށް، ބަލާލަން ގަސްދުކުރަމެވެ.

އަދުލުގެ މާނައަކީ ހަމަހަމަވުމޭ ނުވަތަ ކުރުމޭ ބުނެވިދާނެއެވެ. ކީރިތި ޤުރުއާނުގައި، މުޝްރިކުންނާއި އެމީހުންގެ ޝިރުކުގެ އަމަލާ ބެހޭ ގޮތުން މިފަދައިން ބަޔާން ކުރެވިފައި ވެއެވެ. ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ، ދެން ވެސް، އާދެ، އުޑުތަކާއި ބިންތައް މާތްﷲ ޚަލްގުކުރައްވައި، އަލިކަމާއި އަނދިރިކަން އެތަންތާގައި ލެއްވެވުމަށް ފަހު ވެސް، މުޝްރިކުން މާތްﷲއާއި އެމީހުން އަޅުކަން ކުރާ ފަރާތްތައް 'ހަމަހަމަ' ކުރެއެވެ. އެއްފަދަ ކުރެއެވެ.

އިންސާފުގެ އަސްލު ގުޅެނީ نصف، ދެބައިކުޅަ އެއްބައި، މި މާނައާއެވެ. މި މާނައިން، އިންސާފުގެ މާނަ، 'ހަމަހަމައަށް ބައިކުރުން' މިމާނައާ ގުޅުވާލެވެއެވެ. މިސާލަކަށް އަރަބި ބަހުން نصّف التفاح މިހެން ބުނުމުން ދޭހަވަނީ ހަމައަށް އާފަލު ދެ ބައަށް ފަޅާލުމާއެވެ. ހަމަ އެފަދައިން أنصف المظلوم من الظالم ގުޅެނީ އަނިޔާ ލިބޭ މީހާގެ ހައްގު ބައި، އެ ބައި އަތުލައިގެންފައިވާ އަނިޔާވެރިޔާގެ ކިބައިން ހޯދައި، އަނިޔާ ލިބޭ މީހާއަށް ދިނުމާއެވެ. މިތަނުން އިންސާފުގެ އަޅުގަނޑުމެން ބޭނުންވާ މާނަ ލިބެއެވެ. ހައްގު ލިބިދިނުމުގެ މާނައެވެ.

އެހެންވީމާ އަދުލު އިންސާފުގެ މާނައަކީ މީހަކަށް ލިބެދޭން ޖެހޭ ކަމެއް ހަމަހަމައަށް، އާދެ، ފުރިހަމައަށް ބަރާބަރަށް، ލިބިދިނުމެވެ. އެކަމަކީ ހައްގަކަށް ވިޔަސް ނޫނީ އަދަބަކަށް ވިޔަސް ވެހެވެ. މީހަކަށް ލިބިދޭން ޖެހޭ ފައިސާއެއް އޮވެއްޖެ ނަމަ، އެ ފައިސާ، އާދެ، އޭނާއަށް ހައްގުވާ އޭނާގެ ފައިސާ ފުރިހަމައަށް، ބަރާބަރަށް، ލިބިދިނުމަކީ އޭނާގެ ހައްގު އޭނާއަށް ލިބިދިނުމެވެ. ހަމަ އެހެންމެ، މީހަކު ކުށަކަށް އަރައިގަނެ، ޝަރީއަތުން އެކަން ސާބިތުވުމުން، ގާނޫނުލް އުގޫބާތުގައި ކަނޑައެޅިފައި އޮންނަ ހައްގު އަދަބު އޭނާއަށް ލިބިދިނުމަކީ ވެސް އޭނައަށް ލިބިދޭން ޖެހޭ 'ހައްގެއް’، 'ބައެއް' އޭނާއަށް ލިބިދިނުމެވެ.

އެހެންވީމާ އަދުލު އިންސާފުގެ މާނައަށް ބަލައިލުމުން، މައިގަނޑު ދެބައި އެ ކަލިމައިގައި އެކުލެވޭކަން ފާހަގަވެއެވެ. ހަމަހަމަކަމާއި ހައްގުގެ ދެބައެވެ. ހުރިހާ އެންމެންގެ މައްޗަށް ޝަރުއީ ނިޒާމު ހިންގާލެވެން ޖެހޭނީ ހަމަހަމަ ގޮތެއްގައެވެ. އަދި، ކޮންމެ މީހަކަށްވެސް އެމީހަކަށް ލިބެންޖެހޭ އެއްޗެއް ލިބެން ޖެހެއެވެ. އެއީ އޭނާ އަތުން ގެއްލިފައިވާ ހައްގެއް ކަމަށް ވިޔަސް ނޫނީ އޭނާއަށް ދޭންޖެހޭ އަދަބެއް ކަމަށް ވިޔަސް ވެހެވެ. މިފަދައިން ކަންތައް ކުރާ ނަމަ، އަދުލުއިންސާފުގެ ނިޒާމު، އާދެ، ޝަރުއީ ނިޒާމު، ހެޔޮ ގޮތުގައި ހިންގާލެވޭ ކަމުގައި ބުނެވިދާނެއެވެ.

ދެން، އަދުލު އިންސާފާ ބެހޭ ގޮތުން އައިސްފައިވާ ބައެއް ބުނުންތަކަށް ބަލާލަމާ ހެއްޔެވެ؟

1. މިގޮތުން، އެންމެ ފުރަތަމަ، ލިޔެލަން ގަސްދުކުރަނީ އަދުލުއިންސާފާ ބެހޭ ގޮތުން ކީރިތި ގުރުއާނުގައި ވާރިދުވެފައިވާ އާޔަތެކެވެ. އާދެ، يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ لِلَّهِ شُهَدَاءَ بِالْقِسْطِ ۖ وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ خَبِيرٌ بِمَا تَعْمَلُونَ، މިއާޔަތެވެ. މާނައަކީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. މާތްﷲއަށްޓަކައި (ކެރިގެން) ތެދުވެ ތިބޭށެވެ. އިންސާފުވެރި ގޮތެއްގައި މުއާމަލާތްތައް ކުރުމުގައި ހެކިވެ ދެމިތިބޭ ބައެއްގެ ގޮތުގައެވެ. ކަލޭމެންގެ މެދުގައި ބަޔަކާ މެދު އޮތް ނަފުރަތްތެރިކަމެއް، އެބަޔަކާ މެދު އަދުލުވެރިވުމަށް ހުރަސްއެޅިއަ ނުދޭށެވެ. (އަބަދުވެސް) އަދުލުވެރިވާށެވެ! އަދުލުވެރިވުން، ތަގުވާވެރިވުމާ ގާތެވެ. ކަލޭމެން (އަދުލުވެރިވެ،) މާތްﷲއަށް ތަގުވާވެރިވާށެވެ! ކަލޭމެން ކުރާ ކަންކަން، ވަރަށް ރަނގަޅަށް، މާތްﷲ ދެނެވޮޑިގެން ވެއެވެ.

އާދެ، މިއާޔަތުގައި މުއުމިނުންނަށް އަމުރުކުރައްވައި މަގު ދެއްކިފައިވަނީ، އެމީހުންގެ ދުޝްމިނުންނާ މެދުވެސް، އެމީހުން ނަފުރަތްތެރިކުރާ އެމީހުންގެ ހަތުރުންނަށް ވެސް އަދުލުވެރިކަމާ އެކު، އިންސާފުވެރިކަމާ އެކު މުއާމަލާތްތައް ކުރުމަށެވެ. އަދި، މިކަމުގެ އަހަންމިއްޔަތުކަން ބަޔާންކޮށްދިނުމުގެ ގޮތުން، އަދަލުވެރިކަމަކީ ތަގުވާވެރިވުންކަން، ތިމާމެންނީ މާތްﷲއަށް އީމާންވާ، އެކަލާނގެ މަތިން އަބަދުމެ ހަނދާންކުރާ، ދީންވެރި ބައެއް ކަމުގައި ވެސް ކަނޑައަޅާލެވިފައި ވެއެވެ. އާދެ، މާތްﷲއަށް އީމާންވެ، އެކަލާނގެއަށް ބިރުވެތިވާ ނަމަ، އަދި ތިމާމެންނީ ދީންވެރި ބައެއްކަމުގެ ދައުވާ ކުރާ ނަމަ، އަދުލު އިންސާފު ގާއިމު ކުރަންވީއެވެ. އެންމެނާ މެދުވެސް އަދުލު އިންސާފުގެ ހަމައިގެ މަތިން ކަންތައް ކުރަންވީއެވެ.

2. ދެވަނައަށް ހުށަހަޅާލަން ގަސްދުކުރަނީ ކީރިތި ރަސޫލާގެ ހަދީސްފުޅެކެވެ. އެ ހަދީސްފުޅަކީ ولو أن فاطمة بنت محمد سرقت لقطعت يدها، މިއެވެ. މާނައަކީ މުހައްމަދުގެފާނުންގެ ދަރިކަނބަލުން ފާތިމަތުގެފާނު ވައްކަން ކޮށްފި ނަމަ، އެކަމަނާގެ އަތްޕުޅު ވެސް ތިމަންކަލޭގެފާނު ކެނޑުއްވީމުހެވެ.

މި ހަދީސްފުޅުގެ ސިޔާގު، ކޮންޓެކްސްޓުގެ، މައްޗަށް ނަޒަރު ހިންގާލަން ޖެހެއެވެ. މި ނަބަވީ ބަސްފުޅު ގުޅެނީ ވަކި ހާދިސާއަކާއެވެ. މަޚްޒޫމިއްޔާ އަންހެނާއޭ ކިޔުނު އަންހެނާގެ ވައްކަމުގެ ހާދިސާއަކާއެކެވެ. އޭނާ ވައްކަން ކުރުމުން، އޭނާގެ މައްޗަށް އެކަމުގެ އަދަބު، އާދެ، އަތް ކެނޑުން ހިންގާލަން ބައެއް އަސްހާބު ބޭކަލުން ޖެހެލުންވެވަޑައިގަތެވެ. ސަބަބަކީ އެކަނބުލޭގެ ގަބީލާއަކީ ބާރުގަދަ ގަބީލާއަކަށްވީމައެވެ. ކީރިތި ރަސޫލާއަށް މިކަން އެނގިވަޑައިގަތުމުން، މިކަމާ ދެކޮޅުހައްދަވައި، މީސްތަކުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ނަންގަންނަ މާނަ ދޭހަވާ ގޮތަށް ބަސްފުޅެއް ވިދާޅުވިއެވެ. ކަލޭމެންގެ ކުރީގެ އުއްމަތްތަކުގެ މީހުން ހަލާކުވެ ނެތި ދިޔައީ އަދުލު އިންސާފު ގާއިމުކުރުމުގައި ހަމަ ގެއްލުވާލުމުންނެވެ. އެ މީހުންގެ ތެރެއިން، ނިކަމެއްޗަކު ކުށެއް ކޮށްފި ނަމަ، އެ މީހާއަށް އަދަބު ދެވެއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން ބާރުގަދަ މީހަކު ކުށެއް ކޮށްފި ނަމަ، އެމީހާއަށް މާފުކުރެވެއެވެ. ދެން، މަތީގައި ނަކަލުކުރެވިފައިވާ ހަދީސް ބަސްފުޅު ވިދާޅުވިއެވެ.

މިތާނގައި ލިޔެލައި ފާހަގަކޮށްލަން ޖެހޭ، މި މައްސަލައާ ގުޅުން ވަރަށް ވެސް ބޮޑު، އެހެން ކަމެއް ވެސް އެބަ އޮތެވެ. ކީރިތި ގުރުއާނުގެ މައިގަނޑު އެއް އަމާޒަކީ ހަމަހަމަކަމާއި އަދުލުއިންސާފުގެ މައްޗަށް ބިނާވާ މުޖުތަމައެއް އުފެއްދުމުގެ ވާހަކައެވެ. ހެޔޮ ލަފާ، މުއުމިނު ފަރުދުންތަކެއް އުފެއްދުމަށް ފަހުއެވެ. މަތީގައި ބަޔާން ކުރެވުނު އާޔަތާއި އަދި ހަދީސްފުޅުން ވެސް މިކަން ސާފުވެއެވެ. އަދި، ހަމަ މިކަން އައްނަހުލު ސޫރަތުގެ 90 ވަނަ އާޔަތުގައި ވެސް ބަޔާން ކުރެވި، މި އާޔަތް ކޮންމެ ހުކުރު ދުވަހަކު މުއުމިނުންނަށް ހަނދާން ވެސް ކޮށްދެވެއެވެ. إن الله يأمر بالعدل… (މާތްﷲ ކަލޭމެންނަށް އަމުރުކުރައްވަނީ އަދުލުވެރިވުމަށެވެ…) މިއާޔަތެވެ. އާދެ، ކީރިތި ގުރުއާނުގެ ހުރިހާ ޖަމާއީ އަދި މުޖުތަމައީ އިރުޝާދުތަކާއި ހުކުމްތައް ބިނާވެފައިވަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ މައްޗަށެވެ. އެކަމުގެ މަގުސަދަކީ އަދުލު އިންސާފު ލިބިދިނުމާއި ހޯދައިދިނުމެވެ.

3. ހެޔޮލަފާ ސޯލިހު މީހުން، ފަގީރުންނަށް އަދުލުއިންސާފު ހޯދައިދިނުން އެދެއެވެ. ނަމަވެސް، ހިތްހަރު އަނިޔާވެރިންނަށް މިކަމަކީ މުހިއްމު ކަމެއް ނޫނެވެ. (ބައިބަލް)

4. އަދުލު އިންސާފު ހޯދައިދިނުމާ އިދިކޮޅުވާ ނަމަ، ގާނޫނު ގާނޫނަކަށް ނުވާނެއެވެ. (ލީޑިޔާ މާރިޔާ ޗައިލްޑް)

5. ޖާހިލުކަމާއި، އާދެ، ތަންދޮރު ނުދަތުމާއި ސިޔާސީ ބާރާއި އަތް ގުޅުވާލައިފި ނަމަ، މިކަން ވާނީ އަދުލު އިންސާފުގެ ކުރިމައްޗަށް ނެރެވޭ އެންމެ ވަަރުގަދަ ހަތުރާއެވެ. (ޖޭމްސް ބޯލްޑްވިން)

6. ބޭއިންސާފު ހުއްޓުވުމުގެ ބާރެއް އަހަރުމެންނަށް ލިބިފައި ނެތް ވަގުތު ވަގުތު އަހަރުމެންނާ ކުރިމަތިވެދާނެއެވެ. ނަމަވެސް، އެކަމާ ދެކޮޅަށް ތެދުވެ، އަޑުއުފުލުން ފަހަރެއްގައި ވެސް އަހަރުމެން ހުއްޓާލައިގެން ނުވާނެއެވެ. (އެލީ ވީޒެލް)

7. އެމީހުންނަށް އަދުލުއިންސާފު ހޯދައިދިނުމަށްޓަކައި މަރުވެފައިވާ މީހުންނަކަށް ގޮވައެއް ނުލެވޭނެއެވެ. އެމީހުންނަށް އެކަން ކޮށްދޭން ޖެހޭނީ ދިރިތިބި މީހުންނެވެ. (ލުއީ މެކްމާސްޓަރ ބުޖޯލްޑް)

8. ހައިވާނުންގެ ތެރޭގައި ހިމެނޭ، މާނައަކީ ދިރިތިބި އެއްޗެހި ތެރޭގައި ހިމެނޭ، އެންމެ މާތް ކާއިނަކީ އިންސާނާއެވެ. ނަމަވެސް، ގާނޫނުތަކާއި އަދުލު އިންސާފުން އޭނާ އެއްކިބާވެއްޖެ ނަމަ، އިންސާނާ ވާނީ އެންމެ ނުބައި ނުލަފާ ޖަނަވާރަށެވެ. (އެރިސްޓޯޓިލިސް)

9. ބޭއިންސާފުގެ ސަބަބުން އަސަރު ނުކުރާ މީހުން ރުޅިއައިސް އެކަމާ ދެކޮޅަށް ނުތެދުވާ ހިނދަކު އެންމެންގެ މައްޗަށް އަދުލު އިންސާފު ހިންގައެއް ނުލެވޭނެއެވެ. (ބެންޖަމިން ފްރެންކްލިން)

10. އަހަރުމެން އަދުލު އިންސާފު ނުދަމަހައްޓާ ނަމަ، އަދުލު އިންސާފު އަހަރުމެން ދެމިތިބިޔަކަ ނުދޭނެއެވެ. (އާދެ، އަދުލު އިންސާފަށް އަހަރުމެން ރައްކާތެރި ނުވެއްޖެ ނަމަ، މަތީގައި ބަޔާން ކުރެވިދިޔަ ހަދީސްގައިވާ ފަދައިން، އަދުލު އިންސާފަކީ އަހަރުމެން ނެތިދިޔުން ކަމުގައި ވާނެއެވެ.) (ފްރޭންސިސް ބޭކަން)

އާދެ، މުޖުތަމައެއް ދިރިހުރުމާއި ނެތި ދިޔުން ބިނާވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ މައްޗަށެވެ. ސަރުކާރުތަކުގެ އެންމެ އިސް ވާޖިބަކީ މި މުގައްދަސު ވާޖިބު އެންމެ ހެޔޮ ގޮތުގައި އަދާކުރުމެވެ. ސަރުކާރުތަކުން މިކަން ކުރުމަށް ނުކުޅެދިއްޖެ ނަމަ، ނުވަތަ މިކަން ކުރުމަށް އިހުމާލު ވެއްޖެ ނަމަ، އެފަދަ ސަރުކާރަކަށް ދެމިއޮތުމުގެ އެއްވެސް ހައްގެއް ނެތެވެ. އަދި، އެފަދަ ސަރުކާރެއް ދެމެހެއްޓުމަށްޓަކައި އެއްވެސް ބަޔަކު ބައިވެރިވެގެން ނުވާނެއެވެ. އެހެންވެއްޖެ ނަމަ، އަނިޔާ ލިބިދިނުމުގައި އެންމެނަށް ވެސް ބައިވެރިވެވެނީއެވެ. އަދި، މަތީގައި ބަޔާން ކުރެވުނު ހަދީސްގައިވާ ފަދައިން މުޅި އުއްމަތް ހަލާކުގެ ތެރެއަށް އެއްލާލެވެނީއެވެ.