Support Us

ކޮލަމް ދޭހަ

ޤަވައިދާ ޚިލާފަށް ބިދޭސީން އުޅުމުގެ ޒިއްމާ އުފުލަނީ ކާކު؟

ސަރުކާރުގެ ޤަވައިދާ ޚިލާފަށް ރާއްޖޭގައި ބިދޭސީ މަސައްކަތު މީހުން އުޅުމުގެ ޒިއްމާ އުފުލަން ޖެހޭނީ ސަރުކާރުންނެވެ. ސަރުކާރުގެ ތަފާތު މުއައްސަސާތަކުންނެވެ. ބިދޭސީން ރާއްޖެ އަށް އެތެރެކުރުމާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާ ބެހޭ ގޮތުން ހުރިހާ ކަމެއް ބަލަހައްޓަނީ ސަރުކާރުގެ ތަފާތު މުއައްސަސާތަކުންނެވެ.

ރާއްޖެއާ އިންވެގެން އެއް ބައްރަކަށް ފަސްގަނޑު ގުޅިފައި އޮތް އެއްވެސް ޤައުމެއް ނުއޮވެ އެވެ. ރާއްޖެ އާއި އެންމެ ކައިރީގައި އޮތް އިންޑިއާގެ މަލިކު އާއި ރާއްޖޭގެ އެންމެ އުތުރުގައި އޮތް ތުރާކުނާއި ދެމެދު ވެސް ކަނޑު އޮވެ އެވެ. އަދި ހަތްދިހަ ފަސް މޭލު ވަރުގެ ދުރުމިނެއް އޮންނަ ކަމުގައި ވެއެވެ. އަދި އެ ސަރަހައްދަކީ އިންޑިއާގެ ކަނޑުގެ ސިފައިން ވަރަށް ރަނގަޅަށް ބަލަހައްޓަމުން ދާ ސަރަހައްދެއް ކަމުގައި ވެއެވެ.

އުތުރުގެ ބައެއް މަސްވެރިން ބުނާގޮތުގައި މަސްބޭނުމުގައި އޮޅިގެން ވެސް މަލިކުގެ އިމުން، (އިންޑިއާގެ ސަރަހައްދުގެ އެތެރެއަށް) ވަދެވިއްޖެ ނަމަ އިންޑިއާގެ ކަނޑުގެ ސިފައިން އައިސް އެ އުޅަނދެއް އިންޑިއާގެ އިމުގެ އެތެރެ އިން ބޭރުކޮށްލަ އެވެ. މިހެންވުމާއި އެކު ކަނޑު މަގުން އިންޑިއާގެ އިމުން ރާއްޖެ އަށް މަސައްކަތު މީހުންނަށް ޤާނޫނާއި ޚިލާފަށް އެތެރެވުމުގެ ފުރުޞަތެއް ނުއޮންނާނެ އެވެ.

ރާއްޖޭގައި މަސައްކަތް ކުރުމަށް ބޭރު ޤައުމުތަކުގެ މީހުންނަށް ރާއްޖެ އާދެވޭނީ ވައިގެ މަގުންނެވެ. ތަފާތު ފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ފަހުގައެވެ. ކަނޑުމަގުން މުދާ އުފުލާ ބޯޓުފަހަރުގައި ބަޔަކު ރާއްޖެ އަންނަ ކަމުގައި ވަނީ ނަމަ އެ ބަޔަކު އެ އަންނަނީ ޤަވައިދާއި ޚިލާފަށެވެ. ނުވަތަ ވަރަށް ޚާއްޞަ ހުއްދައެއް ނަގައިގެންނެވެ. ސަބަބަކީ ރާއްޖެ އާއި އެއްވެސް ޤައުމަކާއި ދެމެދު ކަނޑުމަގުން ފަސިންޖަރުން އުފުލުމުގެ ނިޒާމެއް ފާއިތުވި އަހަރު ތަކުގައި ހަމަޖެހިފައި ނެތުމުންނެވެ. އެހެންނަމަވެސް މިހާރު އިންޑިއާ ސަރުކާރާއި ރާއްޖެ އާއި ދެމެދު ވެފައި އޮތް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އުތުރަށް އިންޑިއާ އިން ކަނޑުމަގުން ފަސިންޖަރުންނާއި މުދާ ގެނައުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

މިހާރު ނުކުންނަ ސުވާލަކީ ރާއްޖެ އަށް އެތެރެވާ މީހުން މިހާ ރަނގަޅަށް ބެލެން އޮންނައިރު ޤަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަން ރާއްޖެ އަށް އެތެރެވެވެނީ ކިހިނެއް ހެއްޔެވެ؟

މިކަމުގައި ބިދޭސީ މަސައްކަތްތެރިން ބެލެހެއްޓުމުގެ ޒިއްމާ އުފުލާ ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑެވެ. އެ މުއައްސަސާ ތަކުގެ އިހުމާލުގެ ވާހަކަ، ބުރަދަން ހުރި އެއްވެސް ފަރާތަކުން ނުދައްކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ "ޤަރާރު ފެކްޓަރީ"ން، ވެސް މިކަމާއި ބެހޭ ގޮތުން ޤަރާރެއް ހާ ވަރުވެސް އިއްވާ ނުލަ އެވެ. އަދި ރާއްޖޭގައި ހިނގާ ހުރިހާ ކަމަކާއި ބެހޭ ގޮތުން ( އެއީ ޖިންސީ ގޯނާކުރުމާއި ބެހޭގޮތުން ކަމުގައިވިޔަސް، ކުޑަކުދިން ކަމުގައި ބެލެވޭ އުމުރުފުފައިގެ ކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބެހޭގޮތުން ކަމުގައި ވިޔަސް، ގެވެށިއަނިޔާ އާއި ބެހޭ ގޮތުން ކަމުގައި ވިޔަސް، ހިގަމުންދާ ތަޙްޤީޤަކާއި ބެހޭގޮތުން ކަމުގައި ވިޔަސް) ރައްޔިތުންގެ މަޖިލީހުގެ ކޮންމެވެސް ކޮމިޓީ އަކުން ނުވަތަ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ބައެއް ބޭފުޅުން މަޖިލީހުގެ ޤަވައިދާ ޚިލާފަށް ނަމަވެސް ވަރަށް ގިނަ ފަހަރު އެކަމުގެ ތެރެއަށް ވެދެވަޑައިގަންނަވަ އެވެ. އެހެންނަމަވެސް ބިދޭސީ މަސައްކަތްތެރިންނާއި ބެހޭ ގޮތުން ދެކެވޭ ވާހަކަ އަކީ އެމީހުން އަވަހަށް ރަށަށް ފޮނުވާލާ ވާހަކަ އެވެ.

ރަނގަޅު ވާހަކަ އެކެވެ. އެކަމަކު އެ މީހުންނަށް އެގޮތަށް އުޅުމަށް ފުރުޞަތު ލިބުނީ ކިހިނެއްތޯ އެވެ؟ މަސައްކަތު މީހުން ގެނައުމަށް ކޯޓާ ދޭ ފަރާތާއި، މަސައްކަތު މީހުން ގެނައުމަށް ހުއްދަ ދޭ ފަރާތާއި ޤަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދާ ފިޔަވަޅު އަޅާ ފަރާތުގެ ފާރަަވެރިން ތިބީ ނިދާފައި ތޯއެވެ؟ އަޅުގަނޑުމެންނަށް ޔަޤީންކަމާއި އެކު ދަންނަވަން އެނގެނީ ޓެކްސަށް ދައްކާ ފައިސާ އިން މުސާރަ އާއި އިތުރު ގަޑީގެ ފައިސާ އާއި ސައިފޮދަށް ބަރާބަރަށް ޚަރަދު ކުރެވޭ ކަމެވެ.

މިހާރު އަނެއްކާ ވެސް އާ ވާހަކައެއް ފެންމަތިކޮށްފި އެވެ. މުސާރަ ނުލިބިގެން ބިދޭސީން މުޒާހަރާ ކުރުމަކީ ޤައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައެވެ. ބިދޭސީންގެ އަމަލު ހުރި ގޮތުން އެއީ ޤައުމު ހިފުމެކޭ އެއްފަދަ ކަމެކޯލަ އެވެ. ސުބްޙާނަﷲ! މި ގޮތަށް އަޅާ ކިއަން ހެޔޮނުވާނެ އެވެ. ދިވެހިންނަށް ވިޔަސް ނުވަތަ ބިދޭސީންނަށް ވިޔަސް ޤައުމުގެ ސަލާމަތީ ބާރުތަކަށް ނުކިއަމަންތެރިވެ ހަމަނުޖެހުން ހިންގުމަކީ ނުރައްކާތެރި ކަމެކެވެ. އެއްވެސް ޙާލެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ފަސްދޮޅަހާއި ހަތްދިހައިގެ އަހަރު ތަކުގައި ބައެއް އަވައްޓެރި ޤައުމުތަކުން ގެންގުޅުނު ސިޔާސަތު މި، މީސްމީޑިއާގެ ޒަމާނަކަށް ނުފެތެ އެވެ. ޤައުމުގެ ދާޚިލީ ޙާލަތު ނުރައްކާތެރި ފައްތަރަކަށް ދިއުމާއި އެކު ބުނަމުން ގެންދިޔައީ ބޭރުގެ ދައުލަތެއްގެ ޖާސޫސީ އިދާރާ އަކުން ޤައުމުގައި ހަމަނުޖެހުން ހިންގުމަށް ކުރަމުން ގެންދާ ކަމެއްގެ ގޮތުގައެވެ. ގިނަ ފަހަރަށް އިނގިލި ދިގުކޮށްފައި އޮތީ އެމެރިކާއަށެވެ. މިގޮތަށް އަޑު ފެތުރުމުން ވަރަށް ގިނަ ފަހަރަށް ޤައުމުގެ ދެކޮޅުވެރިން ވެސް އެއްގަލަކަށް އެރިއެވެ.

ރާއްޖެއަށް މަސައްކަތު މީހުން އެންމެ ގިނައިން ގެނެސްފައި ވާ ރާއްޖޭ ގެ އަވައްޓެރި ޤައުމަކުން އައިސް ތިބި މީހުން ގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ޤަވައިދާ ޚިލާފަށް ރާއްޖޭ ގައި ދިރިއުޅޭ މީހުންނެވެ. ވިސާ އެއް ނުއޮވެ އެވެ. ޕާސްޕޯޓެއް ނުއޮވެ އެވެ. އެކަމަކު އެ މީހުން ރާއްޖެ އަށް އެތެރެ ވެފައި ވަނީ ޤަވައިދުން ނެވެ. ނަގަން ޖެހޭ ހުރިހާ ހުއްދަ އެއް ނަގައިގެން ނެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް އެތަކެއް މަހެއް ވާން ދެން މުސާރަ ނުދިނުމުން މަސައްކަތް ކުރާތަނުން ފިލަނީ އެވެ. ބައެއް މީހުންނަށް ރަގަޅަށް ކާކަށް ވެސް ނުދެއެވެ. ނިދާނެ ތަނެއް ނުދައްކަ އެވެ. ރާއްޖެ އަށް އައި ބިދޭސީ މަސައްކަތު މީހަކު އަޅުގަނޑު ކައިރީ ގައި ބުނި ގޮތުގައި އޭނާ އާއި ދިމާވީ ވަރަށް ދެރަ ގޮތެކެވެ. އޭނާ ރާއްޖެ އައުމާ އެކު އޭނާ އާއި ހަވާލު ވި ފަރާތް އެއަރޕޯޓުން އޭނާ ދޫކޮށްލީ އެވެ. ދެކޮޅު ގެ އޭޖެންޓުން ބޭނުންވާ ވަރަށް އޭނާގެ އަތުން ވަނީ ފައިސާ ނަގާފަ އެވެ. ވިސްނަވާށެވެ. ރާއްޖެ ކަހަލަ ކުޑަ ކުޑަ ޖަޒީރާ ޤަޢުމެއްގެ އެއަރޕޯޓަށް އަމިއްލަ ރަށު ބަސް ނޫން ބަހެއް ނުދަންނަ މީހަކު ދޫކޮށްލުމުން ވާނީ ކިހިނެއްތޯ އެވެ؟

ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ އިސް ފަރާތަކުން މަތިހަށިނަންގަވާފައި ވިދާޅުވަނީ ވަރަށް އަވަހަށް ވިއްސަކަށް ހާސް މީހުން އެ މީހުންގެ ޤައުމަށް ފުރުވާ ލައްވާނެ ކަމަށެވެ. އެއް ރިވާއަކުން ބުނާ ގޮތުގައި ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ފަސްދޮޅަސް ހަ ހާސް ބިދޭސީން އުޅެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތޫނުފިލި ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ ޤަވައިދާ ޚިލާފަށް އުޅޭ ހުރިހާ މީހުން ބޯޓަކަށް އަރުވާފައި އެ މީހުންގެ ޤައުމަށް ފޮނުވާލާންވީ ކަމަށެވެ. އުމަގަށް ބޭސް ނުކޮށް އުމަގު ފާރުގަނޑެއް ހިއްކާލާށެވެ.

މިއިން އެއްވެސް ބޭފުޅެއްގެ ތޫނު ވިސްނުންފުޅުން މިކަން ހަމައަކަށް އަޅުވަން އަޅުއްވާނެ ފިޔަވަޅެއް ތިލައެއް ނުކުރައްވަ އެވެ. މިހާރު މިކަމާ ބެހޭގޮތުން ޓުރާންސްޕޯޓު މިނިސްޓުރީގައި ބައްދަލުވުމެއް ބާއްވާ ކަމުގައި ވެއެވެ. ހައްލެއް ހޯދުމަށެވެ. މިކަމުގެ ހައްލެއް ހޯދުމަށް ރޮކެޓް ސައިންޓިސްޓެއްގެ ލަފާ ބޭނުމެއް ނުވެއެވެ.

ފުރަތަމަ ފިޔަވަޅަކީ ބިދޭސީއަކު އަތޮޅަކަށް ދާނަމަ އެ މީހަކަށް ދީފައި އޮންނަ މަސައްކަތް ކުރުމުގެ ހުއްދައިގެ ކާޑު ދެއްކުމެވެ. ކާޑު ނެތް މީހަކު ބޯޓަށް ނުއެރުވުމެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ކާޑު ލިބޭގޮތް ނުވާނަމަ ކަމާއި ބެހޭ ފަރާތުގެ ރަސްމީ ލިއުމެއް ނެތި ބޯޓަށް ނުއެރުވުމެވެ. ބިދޭސިއަކު ރަށަށް ފޭބުމާއި އެކު އެ މީހެއްގެ އަތުގައި ރަނގަޅު ލިޔެކިއުންތައް ހުރިތޯ ރަށު އޮފީހުން ނުވަތަ ކައުންސިލުން ބަލާގޮތަށް ހަމަޖެހުމެވެ. އެ ރަށެއްގައި މަސައްކަތް ކުރާ ބިދޭސީންގެ ރަޖިސްޓުރީއެއް ރަށު އޮފީހުގައި އޮތުމެވެ. އަދި މަހަކު އެއްފަހަރު އެ ރިޕޯޓު މާލޭގެ ކަމާ ބެހޭ އޮފީހަށް ފޮނުވުމެވެ. ކޮމްޕިއުޓަރުން މަސައްކަތް ކުރާ ޒަމާނުގައި މިއީ އުނދަގޫ ކަމެއް ނޫނެވެ.

އައްޑިހައިގެ އަހަރު ތަކުގައި ބިދޭސީންނަށް އަތޮޅުތަކަށް ދެވުނީ އެ އިރެއްގައި އޮތް އަތޮޅުތަކާއި ބެހޭ އޮފީހެއްގެ ލިއުމެއް އޮވެގެންނެވެ. ރަށު އޮފީހުން އެ ލިއުމެއް ބަލަ އެވެ. ފަތުރުވެރިކަމަށް ހަދާ ރަށްރަށުގައި މަސައްކަތް ކުރަނީ ހުއްދަ އޮތް މީހުންތޯ ބެލުމަށް ފަތުރުވެރިކަން ބަލަހައްޓާ އޮފީހުން ނުވަތަ ބިދޭސީ މަސައްކަތްތެރިންގެ ކަންތައް ބަލަހައްޓާ އޮފީހަކުން ކުއްލި ޒިޔާރަތް ކުރަންވީ އެވެ. އަދި މާލޭ އާއި އެކިއެކި ރަށްރަށުގައި މަސައްކަތް ކުރާ ތަންތަނަށް ވެސް މިފަދަ ކުއްލި ޒިޔާރަތް ކުރާ ގޮތަށް ހަމަޖެހެން ވީ އެވެ. ފަޅު ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ކަންތައް، އެ ރަށަކާއި އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށެއްގެ ކައުންސިލުން ބެލެހެއްޓިދާނެ އެވެ. ފެށުމުގައި މިއީ އުނދަގޫ ޚަރަދު ބޮޑު ކަމަކަށް ވެދާނެ އެވެ. އެހެން ނަމަވެސް ރަނގަޅު ނަތީޖާ ނެރެވޭނެ މަސައްކަތެކެވެ. މި ކަމުގައި ބެދޭ ދިވެހިންގެ ފާޑު ކިއުމާއި ހިތްހަމަނުޖެހުން އަންނާނެ އެވެ. އެކަމަކު "ބައްޕާފުޅަކަށް، މަންމާފުޅަކަށް، ބޭބޭ ފުޅަކަށް" ނުބަލައި (ފުޅު ކިއުން ވަނީ ރަސްކަމާ އެކު އޮއްސިފަ އެވެ. މިހާރު ތިބެންޏާ ތިބޭނީ ފާތުމާ ފުޅު އައިސާފުޅު އަލިފުޅެވެ). ހަމަ އެކަނި ޤާނޫނަށް އިސްކަން ދީގެން ފިޔަވަޅު އެޅިއްޖެ ނަމަ މިކަން ކާމިޔާބު ވާނެ އެވެ. އެކަމަކު ރައްޖޭގެ ތަންފީޒީ އިދާރަތަކަށް މިކަން މިގޮތަށް ކުރެވިދާނެ ތޯއެވެ؟ މަޢާފް ކުރައްވާށެވެ. އަޅުގަނޑަށް ޝައްކެވެ.

އެމެރިކާގައި ރައީސްކަން ކުރެއްވި ރޮނަލްޑް ރޭގަން ވިދާޅުވިއެވެ. "ސަރުކާރަކީ އަޅުގަނޑުމެންގެ މައްސަލަ އަށް ޙައްލެއް ނޫނެވެ. ސަރުކާރަކީ މައްސަލަ އެވެ."