Support Us

ކޮލަމް ކަލާވެހި: ޤާނޫނު ހައްދަވަން ތިއްބަވާ ބޭފުޅުން މިކަމާމެދުވެސް ވިސްނާވަޑައިގަތުން ކީއްތޯއެވެ؟

އަސްތާ އަޅުގަނޑަށް މިއުޅެވެނީ ހައުދަހައި ފުން ކަނޑެއްގެ ތެރެޔަށް ފީނައިގަންނާންކަމަށެވެ. އަޅުގަނޑުގެ ގާތްތިމާގެ މީހުންގެ ތެރެއިން ހޭލުންތެރިކަމާއި ތަޖުރިބާގެ ގޮތުން ފުންނާބު އުސް މީހަކާ އަޅުގަނޑާ ދެމެދު ބަދަލުކުރެވުނު ޚިޔާލެއްގެ ތެރެއިން، ދެމީހުން ދޭތެރޭގައި ދެކެވުނު ވާހަކައެއްގެ ތެރެއިން، ކުރިމައްޗަށް އައިސް ހުއްޓުނު މައްސަލައެއް ތިލަފަށަށް ގެނެވޭތޯއެވެ. އެކަން އަޅުގަނޑަށް އެހައި ރަނގަޅަށް ކުރެވޭނޭ ކަމެއް ނޭނގެއެވެ. އެކަމަކު ވޭތޯ ބަލާނަމެވެ.

މަޢުޟޫޢު ހުޅުވައިލާން އަޅުގަނޑު ތިޔަބޭފުޅުން އަރިހަށް ހުށައަޅާނީ ތާރީޚުގެ ޞަފުޙާއެކެވެ. ދަންބެރަށްވުރެ ތަގުޑި ދިގުވިޔަސް، ވާހަކަ ފަށާނީ އިނގިރޭސިވިލާތާ ފަރަންސޭސިވިލާތާ ދެމެދު އޮންނަ ކަނޑުހުރަސްކޮށް މީލާދީ ސަނަތުން 1850 ވަނަ އަހަރު އެޅުނު ޓެލެގުރާފް ކޭބަލްގެ ވާހަކައިންނެވެ. މަޢުދަނީ ނަރުން ހަދައި، އޭގޭ ބޭރުގައި ދާފަރާއެއް ލައިގެން ހަދައިފައި އޮތް އެ ކޭބަލްގެ ވާހަކައިންނެވެ. އެހިސާބުން ދެން ދަންނަވާނީ އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެޅުނު ކޭބަލްގެ ވާހަކައެވެ. ދެން ދަންނަވާނީ، އޭގެ ފަހުން ދުނިޔޭގެ އެއް ބައްރާއި އަނެއް ބައްރު މުވާޞަލާތީ ގޮތުން ގުޅުވައިދެމުން ގެންދިޔައީ އެކަހަލަ، އެކި ވަރުގެ، އެކި ފެންވަރުގެ ކޭބަލްތަކުންނޭއެވެ. އަދި އެ ކޭބަލްތައް ވުޖޫދަށް އަންނަމުންދިޔައިރު ޓެލެފޯނުވެސް އުފެދި ވުޖޫދަށް އައުމާއެކު، އެހައިތަނަށް ގިނައިން ބޭނުންކުރެވުނު މޯސްކޯޑުގެ ތިކިތަކާއި ރޮނގުތަކަށް އެންމެން ބަރޯސާވެގެން ނުތިބެ، އެއް އިންސާނަކު އަނެއް އިންސާނަކާ ހަމައަޑުން ވާހަކަދައްކައިލާންވެސް މި ގޮތަށް އެޅުނު ކޭބަލްތަކުގެ ބޭނުން އިސާހިތަކު ހިފަން ފެށުނު ވާހަކައެވެ. އެކަމަކު އެކަމާ ސުރުޚީގައި އެއޮތް އެއްޗަކާ ދިމާވަނީ ކިހިނެއްތޯ ތިޔައިގެ ތެރެއިން ބައެއް ބޭފުޅުން މިހާރުވެސް ވިދާޅުވާނެތީ، އަޅުގަނޑު މިވަގުތު ދަންނަވާނީ ހަމަ އެންމެ އެއްޗެކެވެ. އެއީ، ވިދާޅުވަމުން ގެންދަވާށޭ، ދަންނަވަން މިއުޅޭ އެއްޗެއް އިސާހިތަކު އެނގިވަޑައިގެންފާނެޔޭއެވެ.

އާދެ! މިދެންނެވި ކޭބަލްތައް އޭގެ ފުރިހަމަ ބޭނުން ހިފޭގޮތުގައި ދެމިއޮތީ ދުވަސްކޮޅެއް ވަންދެނެވެ. ދުނިޔޭގައި އިންސާނުން ކުރަހަމުން މިގެންދާ ދިގު ތާރީޚަށް ބަލާއިރު، ނިސްބަތުން ހަމަ ދާދި ކުޑަ ދުވަސްކޮޅެއް ވަންދެނެވެ. ހަމަ އެންމެ ސަތޭކައެއްހައި އަހަރު ވަންދެނެވެ. ދެން ފެނުނީ ދުނިޔޭގެ ބައެއް ކަހަލަ ގުޅުންތަކުގައި ރޭޑިޔޯގެ ޒަރީޢާ ބޭނުންކުރުން އިތުރުވެލައި، ޖައްވަށް އެންމެ ފުރަތަމަ ފޮނުވައިލެވުނު މުވާޞަލާޠީ ސެޓެލައިޓް "ޓެލްސްޓާރ 1″ 1962 ގައި އުދުއްސައިލެވުނުތަނެވެ. އަދި އޭގެ ފަހަތުން ފަހަރަކު ސެޓެލައިޓެއް، ފަހަރަކު ސެޓެލައިޓެއް ޖައްވަށް ފޮނުވަމުން ގޮސް ޖައްވު ފުރައިލިތަނެވެ. އެހިސާބުން ދުނިޔޭގެ ބައްރުތައް ގިރާކުރާން ބޭނުންކުރި މުވާޞަލާތީ ގުޅުންތައްވެސް ކޭބަލްތަކުން ދޫވެ، އެފަދަ ސެޓެލައިޓްތަކަށް ހިޖުރަކުރިއެވެ. ބިޔަ ކަނޑުތަކުގެ އަޑިޔަށް ފައްތައިފައިހުރި ކޭބަލްތައް މުޅީންހެން ދޫކޮށްލައި، ދުނިޔޭގެ މުވާޞަލާތުގެ ބޮޑު ބައި އެކި ބޭންޑުގެ ރޭޑިޔޯ ވޭވްތަކުގެ ތެރެޔަށް ބަދަލުވީތަނެވެ. މިދެންނެވި ސެޓެލައިޓްތައް މެދުވެރިކޮށްގެނާވެސް އެކުގައެވެ.

އެކަމަކު މިދެންނެވި ދުވަސްވެސް އިސާހިތަކު ވީ މާޒީއެވެ. ދުނިޔޭގެ މުވާޞަލާތުގެ މައިބަދަތައް ދެން ދުއްވައިގަތީ ކޮން ދިމާޔަކަށްތޯއެވެ. މަޢުދަނީ ނަރުތަކާއި ރޭޑިޔޯގެ ބާނިތައްވެސް ދޫކޮށް، ދެން ކޮން ދިމާޔަކަށްތޯއެވެ. ޓެކްނޯލޮޖީގެ އައު ބާބެއްކަމަށްވީ އަލީގެ ދޯދިތަކެވެ. މުޅި ދުނިޔެ އިންޓަރނެޓުގެ ވިޔުގަޔަކުން މިޒަމާނުގެ އެންމެ ފުރިހަމަ ނިޒާމަކުން ގުޅައިލެވިއްޖެކަމަށް ބުނެފައި ދެން ބަލައިލިއިރު އެންމެންގެ ސަމާލުކަމާއި ތަރުޙީބު ލިބިގެން ދިޔައީ ފައިބަރ އޮޕްޓިކްސް އަށެވެ. އެހެންނަމަވެސް… އާދެ! އެހެންނަމަވެސް، މިކަމުގައި ދެން މިފެނުނީ އެއް ގޮތަކުންނަމަވެސް ތާރީޚު ރުޖޫޢަވީތަނެވެ! ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މިހެން މިދެންނެވީ، މިއަދު ދުނިޔެ އަނެއްކާވެސް ބަރޯސާވާން މިފެށީ މުޅީން އެހެން ބާވަތްތަކުން އަދި ހަދައިފައި ހުއްޓަސް، ދުނިޔޭގައި ތަންކޮޅެއް ގިނަ ދުވަހު އުޅެފައި ހުރި އާދައިގެ މީހެއްގެ ލޮލުން ބަލައިލީމައި އިހުގެ އެތައް ހަނދާނެއް އައުވެގެން ދާގޮތަށް، މާސިންގާ ބިޔަ ކަނޑުތައް ހުރަސްކޮށް އަލުން އަޅަން ޖެހުނު ކޭބަލްތަކަކަށް ކަމަށް ވީތީއެވެ. އާދެ! ކޭބަލް އެނބުރި އައީއެވެ.

ދަންނަވަން މިއުޅޭ ވާހަކައިގެ އަޞްލަކީ، އަދި ދެންމެ މިދެންނެވި މިސާލުން މަޢުޟޫޢު ހުޅުވައިލީ، މުހިންމު ވާހަކައެއް ދަންނަވާށެވެ. އެ ވާހަކަޔަކީ، ދުނިޔޭގެ ބައެއް ކަންކަމަކީ ސިފަ ބަދަލުކޮށްގެންނަމަވެސް ތާރީޚަށް އިޢާދަވާ ކަންކަމޭ މިސާލާއެކު ދެންނެވުމެވެ. އަދި ޒަމާނީ ބަދަލުތަކާއެކު ތާޜީޚު އިޢާދަވާން ޖެހިއްޖެ ކަމަށް ފެނުނީމާއި، އެކަމަށް ޖާގަ ދެއްވުން ކީއްތޯއޭވެސް ދަންނަވާށެވެ. އަދި ބައެއް ޙާލަތްތަކުގައި ދުރަށް ވިސްނައި، ހެޔޮމަގުން ވިސްނާ މީހުންނަށް އެބީދައިން އިޢާދަވާ ތާރީޚު އިޢާދަވާން ފުރުޞަތު ދިނުން ލާޒިމުވެސް ވާނެ ނޫންތޯއޭވެސް ދަންނަވައިލާށެވެ. ދެން އަޅުގަނޑާ އެކު މައި މަޢުޞޫޢަށް ވަޑައިގަންނަވާށެވެ.

އިންސާނާޔަކީ މުފްރަދުކޮށް މުޅީން އެކަހެރި ދިރިއުޅުމެއް ނުއުޅެ، ބައިބައިގަނޑަށް ނުވަތަ މުޖުތަމަޢުތަކުގައި އުޅޭން ހައްދަވައިފައިވާ މަޚުލޫޤަކަށް ވާއިރު، މުޖުތަމަޢެއް ކޮންމެ ސިފައެއްގައި ނަމަވެސް ހިނގައިގަންނަނީ އަމުރުވެރިކަމާއި ޢަދުލުއިންޞާފާއި މަގުދެއްކުން ފަދަ ކަންކަން އޭގައި ހިމެނޭ ނިޒާމެއްގެ ދަށުންކަން އެއީ އެންމެންވެސް ޤަބޫލުކުރާނޭ ޙަޤީޤަތެކެވެ. މިގޮތުން، ޚުދުމުޚުތާރު ރަސްރަސްކަލުންނާއި އަންބަރަޠޫރުންނާއި ފިރުޢައުނުންނަށް ދާންދެން ނިސްބަތުން ބޮޑެތި ޤަބީލާތަކާއި މުޖުތަމަޢުތަކާއި ޤައުމުތައް ފައިދަށުލައިގެން އުޅުނުކަމީ ތާރީޚު މާ ސާފުކޮށް ހެކިދޭ ކަމެކެވެ. އަދި ހަމައެޔާއެކު، ރައްޔިތުންގެ ބާރުވެރިކަމާއެކު ހިނގާ ނިޒާމެއްވެސް ވުޖޫދަށް އައިސް ފައްކާވެފައި އޮތުމަކީ ވެދާނޭ ކަމެއްކަން ތާރީޚުން އަޅުގަނޑުމެންނަށް ފެނެއެވެ. ހުޅަނގުގެ މުވައްރިޚުންނާއި މުފައްކިރުންނާއި ޢާލިމުން ބުނާ ބަހަށް ބުރަވާނަމަ، އެފަދަ ވެރިކަމަކީ އިންޞާފުގެ މަގުގައްޔާއި ހަމަހަމަކަމުގެ ގޮތުގައި އެންމެ ފުރިހަމަ ވެރިކަމެކެވެ. މިބާވަތުގެ ނިޒާމެއް އެންމެ ފުރަތަމަ ވުޖޫދަށް ގެނައިކަމަށް ބުނެވެނީ މީލާދީ ސަނަތުން ތާރީޚު ޖަހަން ފެށުނު ތާރީޚުގެވެސް ފަސް ޤަރުނު ކުރީން، މިހާރު އަޅުގަނޑުމެން ޔޫރަޕޭ މިކިޔާ ބައްރުގައި އެއިރު މުސްތަޤިއްލުކޮށް އޮތް އެތެންސް އޭ ކިޔޭ އަވަށެއްގައެވެ. މިބާވަތުގެ ވެރިކަމަށް ގުރީކުބަހުން ކިޔަނީ "ދެމޯކްރަތިޔާ" ، ނުވަތަ މިޒަމާނުގެ ބަހުރުވައިންނަމަ އަޅުގަނޑުމެން އެންމެންގެ ދޫމައްޗަށް މިހާރަކަށް އައިސް ވަރަށް ފަރިތަ "ޑިމޯކްރަސީ" އެވެ.

އެތެންސްގައި އޮތް ޑިމޯކަރްސީ އަކީ ރައްޔިތުންގެ ވެރިކަމެކޭ ބުނެވެއެވެ. ރައްޔިތުންނާ ބެހޭ މުހިންމު ކަންކަން ނިންމައި އުޅުނުކަމަށް ވަނީ ރައްޔިތުންގެ އެންމެން އެއްތާކަށް އެއްވެ، މަޖިލީސްކޮށް ތިބެގެންނެވެ. އެންމެންގެ ވިސްނުމާއި ރައުޔު ހުރިނެތް ގޮތް ބަލައި، އެންމެންގެ އަޢުލަބިއްޔަތުންނެވެ. އެމީހުން ބުނަމުން ގެންދިޔަ ގޮތުގައި، އަދި މިހައިރުވެސް އެ ބާވަތުގެ ކަންކަމާ ފާޑުކިޔައި އުޅޭ ޒާތުގެ އެދުރުންނާއި ބާރުވެރީން ބުނެއުޅޭ ގޮތުގައި، ޑިމޯކްރަސީ އަކީ އޭގެ އެންމެ ސާފު ގޮތުގައި އެބީދައިން ކުރާ ވެރިކަމަށް ކިޔާ ނަމެކެވެ. ވިސްނާވަޑައިގަންނަވާށެވެ. އެ ޑިމޯކްރަސީގައި ރައްޔިތުންގެ ކަންކަން ނިންމައި އުޅުނީ އެންމެހައި ރައްޔިތުން އެއްތާކަށް އެއްވެތިބެގެންނެވެ!

އެކަމަކު އެއީ އެޒަމާނެވެ. މިޒަމާނުގެ ނަޒަރަކުން ބަލާނަމަ، އާބާދީ ކުޑަ، އަސާސީ މަޞްލަޙަތުތައްވެސް ނިސްބަތުން މަދު، ވަކި ސަހަރުތަކުގެ ޒަމާނެވެ. އެހެންނަމަވެސް، ދުނިޔޭގެ އާބާދީ އިތުރުވަމުން ގޮސް، އަސާސީ މަޞްލަޙަތުތަކާއި، ވިޔަފާރިޔާއި، މުވާޞަލާތާއި، ދިރިއުޅުމުގެ ދެންވެސް އެހެން ހުންނަ ކަންކަމުގެ ކާރޫބާރު ބޮޑުވެއްޖެއެވެ. ކޮންމެކޮންމެ މީހަކީ މުޖުތަމަޢުގެ ކަންކަމާ ވިސްނައި، ޚިޔާލުފާޅުކޮށް، ބަޙުޘުކޮށް، އެންމެން ބައިވެރިވާ މަޖިލީހުގައި ތާއަބަދަށް އިނދެވޭނޭ މީހަކަށް ނުވާ ދުވަސް އިސާހިތަކު އަތުވެއްޖެ އެވެ. އަދި އެންމެން އެއް ފަހަރާ މަޝްވަރާކުރާން އެއް ތާކަށް އެއްވާން ހިތަށް އަރުވައިލިޔަސް، އެ ކަމަށް ޢަމަލީ ސިފައެއް ގެނައުމަކީ ކަމަށް ބޭނުންވާނޭ މާއްދީ ޖާގައިގެ ގޮތުން މުސްތަޙީލު ކަމަކަށް ވީ ދުވަސްވެސް އިސާހިތަކު އަރައި ހަމަކޮށްފިއެވެ. އެތެންސް ކަހަލަ އެތައް އަވަށެއް އެއްވެގެން ގުރީކް ވިލާތް އުފެދުނު ގޮތަށް، ޓައުނުތައް ސިޓީތަކަށްވެ، ސިޓީތައް އެއްވެގެން ޤައުމުތަކަށް ވެއްޖެއެވެ. އެ ހިސާބުން ދެން އެއައީ ކޮންމެ އަވަށެއް ނުވަތަ ޓައުނެއް ނުވަތަ ސިޓީއެއްނަމަވެސް ތަމްސީލުކުރާން ވޯޓުލައިގެން މަންދޫބުން ހޮވާންޖެހުނު ދުވަހެވެ. އަދި މަޖީލީހުގައި ތިމާޔާއި ތިމާ ދިރިއުޅޭ ހިސާބުގަނޑުގެ އެންމެންގެ މަޞްލަޙަތުތައް ދަމަހައްޓައި ޙިމާޔަތްކޮށް ހަދާން ތިމާމެން ފޮނުވާ މަންދޫބުންނަށް ތިމާމެން ކުރާ އިތުބާރަކީ ތިމާމެން ލާ ވޯޓުން ދައްކާ އެއްޗެއް ކަމަށްވެސް ވީ ދުވަހެވެ. އާދެ! ޕާލަމެންޓް ނުވަތަ ރައްޔިތުންގެ މަޖްލިސް އަޅުގަނޑުމެން މިއަދު މިދެކޭ ސިފައިގައި ވުޖޫދަށް އައީއެވެ!

ނިޔަތް ކިތަންމެ ރަނގަޅަސް، އިތުބާރާއި މަސްއޫލިއްޔަތާއި އަމާނާތްތެރިކަން ކިތަންމެ ގިތާކޮށް ލާމެހި ގޮށްޖެހިފައި ވިޔަސް، ހަމަ ކޮންމެ ކަމެއްމެ އެކަމުގެ އަސާސީ ސަކުމަކުން ނެއްޓިއްޖެތަ، ކަންކަން ދެން ހިނގާނީ މުޅީން ރަނގަޅަކަށް ނޫނެވެ. އެއްތެޔޮފުރި ގޮނޑީގައިވެސް ކަތުރުފަނި އަޅަޔޭ ބުނާމީހުންގެ ނަޒަރުގައި ޑިމޯކްރަސީގެ ޒަމާނީ އުޞޫލުތަކުން ހިނގާ ޕާލަމެންޓުގެ ނިޒާމަކީވެސް ކޮރަޕްޝަން އޭގެ ތެރެޔަށް ވަދެއްޖެތަ، އޭގެ ބޭނުން އެހައި ފުރިހަމަޔަށް ނުހިފޭ އެއްޗަކަށް ވެދާނެ ނިޒާމެކެވެ. ކަންކަމުގެ ޒިންމާ ބޮލުގައި އެޅުމުގެ މަސްއޫލިއްޔަތުގެ ބުރަކަން ދެނެހުންނަ މީހާޔާއި، ތިމާގެ އަމާނާތްތެރިކަމާމެދު އަދު ނުކުރެވުނިއްޔާ މާދަމާ ސުވާލު ކުރެވޭނޭ ކަން ޔަޤީންވާ މީހާ މަޖީލީހުގެ މެންބަރުކަމަށް ހޮވޭނަމަ ޝުކުރުހުއްޓެވެ. ދުނިޔޭގެ ލަދާއި ޢާޚިރަތުގެ ބިރު ހިތުގައި އަބަދުމެ އާވެއާވެ ހުންނަ މީހާ މަޖީލީހުގެ މެންބަރުކަމަށް ހޮވޭނަމަވެސް ޝުކުރުހުއްޓެވެ. ތިމާ އެބަޔަކަށް ބެލެނިވެރިވާ މީހުންގެ މަޞްލަޙަތުތައް ތިމާޔަށް ޙިމާޔަތްކުރެވުމުން ތިމާޔަށް ލިބޭ ހިތްހަމަޖެހުން އެއީ މުހިންމު އެއްޗަކަށް ވާމީހާ މަޖީލީހުގެ މެންބަރުކަމަށް ހޮވޭނަމަވެސް ޝުކުރުހުއްޓެވެ. އެޔާޚިލާފަށް، ތިމާ ކުރިޔަށް ނެރެނީ ތިމާގެ ގާތްތިމާގެ މީހުންގެ މަޞްލަޙަތުތައް އެކަނި ކަމަށް ވާ މީހާ ހޮވިއްޖެތަ، ދެން ރައްޔިތުން އެންމެންގެ މަޞްލަޙަތުތައް އޮންނާނީ ކޮންތާކުތޯއެވެ؟ ތިމާ ކުރިއަރުވައި، ޙިމާޔަތްކުރަނީ ތިމާގެ ވިޔަފާރިތަކާއި ޖީބު ކަމަށް ވާ މީހާ މަޖިލީހުގައި އިންނަނަމަ، ރައްޔިތު މީހާ ކާންބޯން ކުރާ މަސައްކަތުގެ އަގާމެދު އޭނާ ބުނާނީ ކީކޭތޯއެވެ؟ ތިމާޔަކީ ތިމާގެ އަމިއްލަ ވިސްނުމާއި ފިކުރު ވިއްކާލައި، ތިމާޔަށް މަގުދައްކާ އަނދިރި އެދުރަކީ ޞައްޙައިން ޞައްޙަ އެންމެ ރަނގަޅު މީހާޔަށް ހަދައިގެން މަޖިލީހަށް ހޮވުނު މީހާ އުޅޭނީ ކާކުގެ މަޞްލަޙަތުތަކެއް ނަގަހައްޓާންތޯއެވެ؟ ބައިމެދުން ތިމާ ހޮވިގެން އައީ އެތައް މަކަރަކާއި އިޔަހޫއްޖަކާއި އޮޅުވައިލުމެއްގެ ނަތީޖާއެއްގެ ގޮތުންކަމަށް ވާ މީހާ ނަމުގައި ނަމަވެސް ތަމްސީލު ކުރާ ރައްޔިތުންނަށް ހިތާމަ ހުއްޓެވެ. އަދި ދެންމެ މިތާނގައި މިދެންނެވި ޝުކުރާއި މިދެންނެވި ހިތާމައިގެ އަހުލުވެރީންގެ އިތުރުންވެސް ތަފާތު އެކި ސިފަސިފައިގައި ރައްޔިތުން ތަމްސީލުކުރާ، ތަމްސީލުކުރާކަމަށް ބުނާ، އަދި ތަމްސީލުކުރާން ތައްޔާރުވެ ފޫގަޅާ މީހުންވެސް ދުނިޔޭގެ މިޒަމާނުގެ ޑިމޯކްރަސީގެ އޮފުގަދަ ފޭރާމުގެ އުއިގަނޑުގެ އެކި ހިސާބުން ފެނިގެއްލިދިނުމަކީ ޙަޤީޤަތެއްކަން މުޅި ދުނިޔެވެސް އަދި ޤަބޫލުކުރާނެއެވެ. ޔަޢުނީ، އެތެންސްގެ ޑިމޯކްރަސީޔާ މިހައިރުގެ ޑިމޯކްރަސީއާ އެއީ ދޭއްޗަކަށް ކިޔާ އެއް ނަމަކަށް ނުވޭތޯއެވެ؟

ދުނިޔޭގެ މުވާޞަލާތީ މައި ގުޅުންތައް ފުރަތަމަ ޤާއިމް ކުރަން ކަނޑު އަޑިޔަށް ފެއްތި ކޭބަލްތައް ސަލާމަތުން ހުއްޓައި އަދި އެޔަށް ވުރެ މާ މޮޅު ގޮތެއް ފަހުން ފެނުމުން އިހުގެ ކޭބަލްތައް ދޫކޮށްލި ވާހަކަޔަށް އަނެއްކާވެސް ކުޑަ ހިނދުކޮޅަކަށް ރުޖޫޢަވެލަމާތޯއެވެ! ކޭބަލްތައް ދޫކޮށްލައިފައި ސެޓެލައިޓުތަކަށް އެރި މުވާޞަލާތީ ގުޅުންތައް އަނެއްކާ އެޔަށްވުރެ މޮޅުގޮތެއް ފެނުނީމައި އިހުގެ މަގަށް ރުޖޫޢަވެ، ކޭބަލްތަކައިގެން ކަނޑުތަކުގެ އަޑިޔަށް އަނެއްކާ ފީނައިގަތް ގޮތް ހަނދާންކޮށްލަމާތޯއެވެ! އަދި ޑިމޯކްރަސީޔާ މެދުވެސް އެ ނަޒަރުން އަޅުގަނޑުމެން ވިސްނައިލައި، ކަމުގެ ޙަޤީޤީ ބޭނުމަށް ބަލާއިރު އިހުގެ ގޮތެއްގެ ތެރެޔަށް ޒަމާނީ ހަވާދެއް އަޅައިގެން މިހައިރަށްވުރެ އެންމެނަށް މާމޮޅު ރަހަމީރު ކަލިޔާބިރިންޖީޔެއް ކައްކައިލެވޭތޯ ބަލަމާތޯއެވެ!

އެންމެ ފުރަތަމަ، މިޒަމާނުގައި ދުނިޔޭގައި ކަންކަން ހިނގާ މަގީ ހަމަ އެންމެ ރަނގަޅު ގޮތްކަމަށް ނިންމައިގެން ތިބުމުގެ ކަންފަސޭހަ ވިސްނުން އަޅުގަނޑުމެންނާ ހުށަހޮޅިގަންނަން އުޅޭނަމަ، އިހަށް އެކަން އެއްކިބާކޮށްލެވޭތޯވެސް ބަލަމާތޯއެވެ. އެޔަށްފަހު، ކޭބަލް ދޫކޮށްލައިފައި ސެޓެލައިޓަށް އެރި މުވާޞަލާތީ ގުޅުންތައް އަނބުރާ ކޭބަލަށް އައިގޮތަށް ޑިމޯކްރަސީޔާ މެދުވެސް އެ ނަޒަރުން އަޅުގަނޑުމެން ވިސްނައިލަމާތޯއެވެ!

ތާރީޚީ އެތެންސްގައި އޮތް ޑިމޯކްރަސީގައި އެންމެންގެ ކަންކަން ނިންމުމުގައި އެންމެން ބަސްކިޔައި އުޅުނެވެ. ސުވާލަކީ މިހައިރު އަޅުގަނޑުމެންނަށް އެދުވަހަށް ރުޖޫޢަވެވިދާނެ އެއްވެސް ގޮތެއް އެބައޮތްތޯއޭ، މިއެވެ. ދައްޗެއް، ތުރާލެއް، އުނދަގުލެއް، ނުރައްކަލެއް ނެތި އެކަން ހަމަ ކުރެވިދާނޭތޯއޭ، މިއެވެ.

ނިކަން ބައްލަވާށެވެ. އަތްޕުޅުގައި ތިއޮތީ އެންމެ މިޒަމާނުގެ ސްމާޓްފޯނެކެވެ. މިހައިރުގެ 'ހަކުރުބަފައިން' އެމީހުންގެ ގާތް ކުދީންނަށް ގަންދީ އެއުޅޭ ޒާތުގެ އަގުބޮޑު ފޯނަކަށް އަދި ނުވިޔަސް، ސްމާޓްފޯނެއް އެހެންނޫންތޯއެވެ؟ ޖޫސް ޕެކެޓެއް ބައްލަވައިގެންފައި އެޔަށް ފައިސާދައްކަވަންވިޔަސް، ބެންކުގެ ޚިދުމަތްދޭ މަރުކަޒަށްވަދެ ޚިދުމަތެއް ހޯއްދަވަން ނަންބަރެއް ނަންގަވަންވިޔަސް، ފެނާއި ކަރަންޓާއި ފޯނާއި އިންޓަނެޓާއި ކޭބަލާއި… މިހެންގޮސް ދެންވެސް އެހެން ހޯއްދަވާ ކޮންމެ ޚިދުމަތްތަކަށް އެދިވަޑައިގަތުމާއި، އަގު ދެއްކެވުމާއި، ބިލުގެ ކަންކަން ހަމަޖައްސަވައިލައްވަން ވިޔަސް، ހަމަ އެއްކަލަ ފޯނެވެ. ދެން ވިސްނާވަޑައިގެންބައްލަވާށެވެ. ރައްޔިތުންގެ ކަންކަމުގައި ޚިޔާލުފާޅުކުރުމުގައި، ކަންކަމުގައި ގިނަ މީހުން ދެކޭގޮތް ބަލައި އެއްކުރުމުގައި، އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިންގައި ތަންފީޒުކުރާންޖެހޭ ޤާނޫނުތައް ހެދުމުގައި، އެކަމުގައި އެންމެންގެ ތެރެއިން އަޣުލަބިއްޔަތެއް ހޮވައިނެގުމުގައި އެންމެން ސީދާކޮށް ބައިވެރިވުމުގައި އެއްކަލަ ފޯނު އަޅެ ހަމަ ބޭނުމެއް ނުކުރެއްވޭނެތޯއެވެ؟

ދެން ކޮންމެވެސް ބޭފުޅަކު ވިދާޅުވާނީ އަސްތާއޭ، ހެޔޮނުވާނޭ، ސޮފްޓްވެއަރ މައްސަލަޔޭ، ހެކަރުންނޭ، މިކަހަލަ ވާހަކަތަކެކެވެ. އެކަމަކު އެކަހަލަ އަޑުއަޑު އިވުނީމައި، ނުވަތަ އިއްވީމައި، އަޅުގަނޑުމެން ހިތަށް ގެނެސްގަނެ ސަމާލުކަން ދޭންވީ، އަދި ޢަމަލީ ސިފަ ގެނެސްގަންނަންވީ އެންމެ ދެ ކަމަކަށެވެ. އެއީ، އެންމެ ފުރަތަމަ، ދިވެހީންގެ ހަރުބަހެއްގައި އެ އޮންނަ، ބުނާ މީހަކަށް ނުބަލައި ބުނާ އެއްޗަކަށް ބެލުމާ ކުޑައިކޮށް ދުރުވެލައި، ޒަމާނީ ޙަޤީޤަތްތަކާ އެއްގޮތަށް އެބުނާ އެއްޗަކާއި މީހަކާ ދޭތެރޭވެސް ފަރުވާވެ ބެލުމެވެ. ދެވަނަޔަށް، އެފަދަ ސުވާލުތައް ކުރިމަތިކުރާ މީހުންނަކީ މިހައިރުވެސް މަޖިލީހުގައި ތިބި މީހުންތޯ، ނުވަތަ މެންބަރުންގެ އެންމެ ގާތުގައި އުޅޭ ޢާއިލާގެ މީހުންތޯ، ދުރުތާ ނަމަވެސް ގާތްތިމާގެ މީހުންތޯ ބެލުމެވެ. ނުވަތަ އެފަދަ މީހުންގެ ވިޔަފާރިތަކުގެ ޙިއްޞާދާރުންތޯ، ވިޔަފާރިތަކާއި އެހެންވެސް އެހެން ހުންނަ މަޞްލަޙަތުތަކުން ކޮންމެވެސް ކަހަލަ ފައިދާއެއް ވާ ބަޔަކު ތޯވެސް ބެލުމެވެ. އަދިވެސް… މިހިސާބަށް ހުއްޓައިލިޔަސް ދަންނަވަން މިއުޅޭ އެއްޗެއް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ މިހައިރުވެސް މަޖިލީހުގައި ތިއްބަވައިގެން އަޅުގަނޑުމެން އެންމެންގެ މަޞްލަޙަތުތައް އެންމެ ކުރިޔަށް ނެރުއްވައިގެން، އަޅުގަނޑުމެންގެ ޚިޔާލުވެސް ކަންކަމުގައި ހޯއްދަވައިގެން، ނުލާހިކު އަމާނާތްތެރިކަމާއެކު އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާން އެ ތިއްބެވި ހިންމަތްތެރި ގިނަ މެންބަރުންނަށެވެ. އެ ބޭބޭފުޅުންނަށް އަޅުގަނޑު ހަމަގައިމުވެސް ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު ދެކޭގޮތުގައި، ދުނިޔޭގެ ނިސްބަތުން އާބާދީ ނުލާހިކު ކުޑަ ޤައުމެއްގައި، ދުނިޔޭގެ ނިސްބަތުން ލިޔަންކިޔަންދަތުމުގެ ނިސްބަތްވެސް ނުހަނު މަތީގައި އޮތް ޤައުމެއްގައި، ރައްޔިތުންގެ ޖުމްލަ ޢަދަދަށްވުރެ ބޭނުންކުރަމުން ގެންދެވޭ ސިމްކާޑާއި ފޯނުގެ ޢަދަދު އެތައް ތަނެއް ބޮޑު ޤައުމެއްގައި، ފުރަތަމަ ޑިގުރީވެސް އެންމެ ބޭނުން މީހުންނަށް ބޭނުންނަމަ ހިލޭ ލިބޭ ޤައުމެއްގައި، ރައްޔިތުންގެ ކަންކަމުގައި ސްމާޓްފޯނުގެ ބޭނުންހިފައިގެން ކަންކަމާ އެންމެންގެ މެދުގައި މަޝްވަރާކުރުމަކީ ނުވާނޭ ކަމެއް ނޫނެވެ. އަދި ރަނގަޅަށް ވިސްނައިގެން، ދުރާލާ ރާވައިގެން، މިންތަކާއި އިންތައްވެސް ހަމަ އެމަގުން ދުރާލާ ކަނޑައަޅައިގެން، ޤާނޫނު ހެދުމުގައިވެސް އެންމެނަށް ސީދާ ބައިވެރިވުމުގެ ދޮރަކީ މިޒަމާނަށް ބަލާއިރު ނުހުޅުވޭނޭ ދޮރެއްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.

އެކަމަކު މިއީ އަޅުގަނޑުގެ ޚިޔާލެވެ. އަޅުގަނޑުގެ ޚިޔާލަކީ އޭގައި އެތައް ގޮތަކުން ކޮށި އެތައް ކަމެއް އެކުލެވިގެންވާ ޚިޔާލަކަށްވެސް ވެދާނެ، އެހެންނޫންތޯއެވެ؟ އެހެނަސް، ޤާނޫނު ހައްދަވަން ތިއްބަވާ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން އެބޭފުޅަކު އެ ބޭފުޅެއްގެ އިންތިޚާބީ ދާއިރާގެ ރައްޔިތުންނާ ޤަވާޢިދުން ބައްދަލުކުރައްވައި، އެގޮތުންނާއި ފޯނުންވެސް މަޢުލޫމާތު ބަދަލުކުރައްވައި، ވޯޓު ދިން ރައްޔިތުންގެ ޙާލު ބައްލަވަން ގިނަގިނައިން ވަޑައިނުގެންނެވެންޏާ ދޭތެރެދޭތެރޭން ނަމަވެސް މެންބަރުކަމުގެ މުއްދަތު ފެށޭ އަހަރުތަކުން ފައްޓަވައިގެން ދޮރުންދޮރަށް ޒިޔާރަތްކުރައްވައި، މިހެން އެ އުޅުއްވާ އުޅުއްވުމުގެ ތެރެއިން މިކަމާމެދުވެސް ވިސްނާވަޑައިގަތުން އެއީވެސް ނެތްކަމެއް ނޫން، ދެއްތޯއެވެ؟ ތާރީޚީ އެތެންސް އަށް، ޑިމޯކްރަސީ އުފެއްދިކަމަށް ބުނާ އަވަށަށް، އަނބުރާ އިޢާދަވެ، ލަފުޒުގެ ޙަޤީޤީ މާނަޔަށް އިޢާދަވުމުގެ މާޙައުލު މިހައިރަކު އަދި ނެތްތޯއެވެ؟ މިކަމުގައި 'ސަބްމެރީން ފައިބަރ އޮޕްޓިކް ކޭބަލް' އެއް އެޅޭކަށް އަދި ނެތްތޯއެވެ؟

އެކަމަކު މިލިޔުމުގައި މިދެންނެވި ސުވާލުތަކުގެ ޖަވާބާވެސް އެކު، މިމަޢުޟޫޢަށް މިއަށްވުރެ މާ ފުރިހަމަކޮށް، މާ ކުރުކޮށް، މާ ފޮނިކޮށް ލިޔުއްވޭނޭ ބޭފުޅުން އެކަން ކުރައްވައިފައި އަޅެ އަޅުގަނޑަށް އަންގަވާލަދެއްވައްޗެވެ. އެފަދަ ބޭބޭފުޅުން ދެއްވާ އިރުޝާދު އަޅުގަނޑު އުފަލާއެކު ބަލައިގަންނާނަމެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

One Response

  1. ވަރަށް ފުރިހަމަ. ކިޔާލާހިތުން ކިޔާލެވުނު. މުނިފޫހިފިލުވާލުމަށްވެސް ހަމަ ބަރާބަރު ލިޔުމެއް. އެންމެ އުފާވީ ޢާއްމުކޮށް އަޅުގަނޑުމެން ބޭނުންކޮށް ނޫޅޭ ރީތި ދިވެހި ލަފްޒް ތަކެއް ތިލަކޮށްދެއްވާފައި ވާތީ.

Leave a Reply to ޢާއިޝާ ރައްދު ކެންސަލް

Your email address will not be published. Required fields are marked *