Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކަނަމަދު ގަހުން ވެއްޓުނު މީހާގެ ނަދުރު

ކަނަމަދު ގަހަކީ އިހުގައި ރާއްޖޭގައި ވަރަށް ގިނަ ގަހެކެވެ. ފަޅު ރަށްރަށާއި އަދި މީހުން އުޅޭ ރަށްރަށުގައި ވެސް މެއެވެ. އިހުގައި މާލޭގެ ގޭގޭ ގައިވެސް މަދު ގަސް ހުރެއެވެ. މަދުގަހުގެ އޮފިތައް ހުންނަނީ ގަސްގަނޑުގެ ވަށައިގެން އެކިއެކި ހިސާބުގައި ހަމަހަމަ ގޮތަކަށެވެ.

އެއްދުވަހަކު، މީހަކު ބޮޑު މަދު ގަހެއްގެ ކުރިއަށް އެރިއެވެ. އަދި، މަދު ގަހުގެ އެންމެ ކުރީގައި ހުރި މަދުތައް ބިންނަން އުޅުމުގެ ތެރޭގައި އޭނާގެ ފައިކައްސާލައިގެން ވެއްޓެން ދިޔައެވެ. އެ ވަގުތު އޭނާއަށް ނަދުރެއް ބުނެވުނެވެ. ތިރީގެ ގޮފިގަނޑުން ގޮފިގަނޑެއްގައި އޭނާއަށް ހިފިއްޖެ ނަމަ، ކަނދިކައްކައި ހިސާބުގަނޑު އަވައްޓެރިންނަށް ބެހުމަށެވެ.

ކޮންމެއަކަސް އޭނާގެ ނަސީބު ރަނގަޅުކަމުން މަދުގަހުގެ ތިރީގެ އޮފިގަނޑުން އޮފިގަނޑެއްގައި އޭނާއަށް ހިފި އޭނާ ނުވެއްޓި ސަލާމަތްވިއެވެ. އެ ވަގުތު އޭނާއަށް ބުނެވުނެވެ. ކުރިން އޭނާ ބުނި ނަދުރަކީ އެއީ ސަމާސާއަށް ބުނި އެއްޗެއް ކަމެވެ. އެހެން ބުނިތަނާހެން އަނެއްކާ ވެސް އޭނާގެ ފައިކައްސާލައިގެން ވެއްޓެން ދިޔައެވެ. އެ ވަގުތު އަނެއްކާ ވެސް، ހަމަ ކުރިން ބުނި ނަދުރު އޭނާ ބުންޏެވެ. ތިރިން އޮފިގަނޑެއްގައި އަތް ޖެހިއްޖެ ނަމަ، ކަނދިކައްކައި ހިސާބުގަނޑު އަވައްޓެރި އެންމެނަށް ބެހުމަށެވެ. މިހެން ބުނި ތަނާހެން އަނެއްކާ ވެސް ތިރީ އޮފިގަނޑު އޮފިގަނޑެއްގައި ހިފި ނުވެއްޓި ސަލާމަތްވިއެވެ. އެ ވަގުތު އަނެއްކާ ވެސް އޭނާއަށް ބުނެވުނީ އޭނާ ކުރިން އެ ބުނި ނަދުރަކީ ސަމާސާއަކަށް ބުނި އެއްޗެއް ކަމެވެ.

މި ވާހަކަ ހަދާނަށް އައީ ނޫހެއްގައި އަޅާލާފައި އޮތް ސުރުޚީ ފެނުމުންނެވެ. ކޮށްދެއްވާނޭ ކަމަށް ރައީސް ވިދާޅުވާ ކަންކަމީ އެއީ ކުރައްވާ ވައުދެއް ނޫންކަމެވެ. ކޮށްދެއްވާނޭ ކަމަށް ވިދާޅުވި ނަމަވެސް، ކޮށްދެއްވުމުގެ ނިޔަތުގައި ވިދާޅުވާ ވާހަކައެއް ނޫނެވެ. އާދެ، ކަނަމަދު ގަހުން ވެއްޓުނު މީހާ ބުނި ސަމާސާ ނަދުރު ފަދަ ވާހަކައެކެވެ. މީހުންނާ ސަމާސާކޮށްލެއްވުމުގެ ގޮތުން ވިދާޅުވާ ވާހަކައެކެވެ!