Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް- މަކުނު ޑޮކްޓަރުގެ ވާހަކަ

މަތީގައި އެވާ ތަސްވީރުން ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ މަކުނެއް ދަތުގެ ޑޮކްޓަރެއްގެ ބައި އަދާކުރާ މަންޒަރެވެ! ކުއްތާއެއްގެ ދަތްތައް ބަލައި، އޭތީގެ ދަތްތައް މަކުނު ޗެކުކުރާ ތަނެވެ!

މި ތަސްވީރު ބުނެދެން އުޅޭ ވާހަކައަކީ ކޮބައިހެއްޔެވެ؟ މި ކަމާ ދޭތެރޭ ކުޑަކޮށް ވިސްނާލުން ހަމަ އެންމެ ރަނގަޅު ކަމަށް ފެނެއެވެ. އެ ގޮތުން ދެތިން ސުއާލެއްގެ މައްޗަށް ނަޒަރު ހިންގާލަމާ ހެއްޔެވެ؟ މަކުނަކަށް ދަތުގެ ޑަކްޓަރަކަށް ވެވިދާނެ ހެއްޔެވެ؟ ނުވެވުނަސް، މަކުނަކަށް ދަތުގެ ޑަކުޓަރަކަށް ހެދިގެން އޭނާގެ ބައި އަދާ ކުރެވިދާނެ ހެއްޔެވެ؟ އެފަދައިން މަކުނެއް އުޅެން ފެށުމުން، އާދެ، މަކުނެއް ދަތުގެ ޑޮކްޓަރަކަށް ހެދިގެން އުޅެންފެށުމުން، މިކަން މައްސަލައަކަށް ވެދާނެ ހެއްޔެވެ؟ އެކަން މައްސަލައަކަށްވާ ނަމަ، މައްސަލައަކަށް ވަނީ ކިހިނެއްވީމައި ހެއްޔެވެ؟

މި ސުއާލުތަކުގެ ޖަވާބު އަމިއްލައަށް ހޯދައި އޭގެ މައްޗަށް ވިސްނާލުމުން، ތަސްވީރު ބުނާ ވާހަކަ އެނގިދާނެ ކަމަށް ފެނެއެވެ. އެންމެ ފުރަތަމަ ސުއާލުގެ ޖަވާބުގައި ބުނެވޭނީ މަކުނަކަށް ދަތުގެ ޑޮކްޓަރަކަށް ނުވެވޭނޭ ކަމެވެ. ނަމަވެސް، ދަތުގެ ޑަކްޓަރެއް ކަމަށް ހެދިގެން، އެއަށް ދަތްތައް ދައްކާ މީހެއްގެ ދަތްތައް މަކުނަށް ބެލިދާނެއެވެ. އާދެ، މަކުނަކަށް ދަތުގެ ޑޮކްޓަރަކަށް ހެދިގެން އުޅެވިދާނެއެވެ. ދެން އޮތީ އެއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ އޮތް ސުއާލުގެ ޖަވާބެވެ. މަކުނެއް ދަަތުގެ ޑޮކްޓަރަކަށް ނޫނީ އެ ނޫން ވެސް ޑޮކްޓަރަކަށް ނޫނީ އެ ނޫން ވެސް މިހަނީ (ޕްރޮފެޝަނަލް) މީހަކަށް ވެގެން އުޅެވިދާނެއެވެ. މިއީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. މޮޔައިން ވެސް އެކި މީސްމީހުންނަށް ހެދިގެން އުޅޭ ނޫން ހެއްޔެވެ؟ އެހެންވީމާ މަކުނެއް ވެސް އެހެން އުޅުމަކީ މައްސަލައެއް ނޫނެވެ.

ދެން އޮތީ އެންމެ ފަހުގެ ސުއާލުގެ ޖަވާބެވެ. އެހެންވިއްޖިއްޔާ އެކަން މައްސަލައަކަށް ވަނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އެކަން މައްސަލައަކަށް ވަނީ، ތަސްވީރުން އެ ފެންނަ ކުއްތާ ފަދައިން، މީސްތަކުން މަކުނަކީ ދަތުގެ ޑޮކްޓަރެއްކަން ގަބޫލުކޮށް، އެމީހުންގެ ދަތްތަކަށް ބޭސްކުރުމުގެ ފުރުސަތު ދިނުމުންނެވެ.

މި މަންޒަރަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ. އެއް މިސާލު ލިޔެލާނަމެވެ. 'ގައުމީ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ މުހިންމު ކަމެއް ނޫނެވެ! ވަކި ބަޔަކު ދިއްކޮށްލާ 'ކުޑަ ހިކި ރޮށިކޮޅެއް ކާލައިގެން' ތިބުން ވެސް އެފަދަ ބޮޑެތި މަޝްރޫއުތަކަށް ވުރެ މާ ފައިދާ ބޮޑެވެ!' އާދެ، މިފަދައިން މީހުން ވާހަކަ ދެއްކުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. ނަމަވެސް މައްސަލައަކަށް ވާނީ ތަސްވީރުން އެ ފެންނަ ކުއްތާ ފަދައިން، އަމިއްލަ ސިކުނޑި ބޭނުން ނުކޮށް، އޮއްޓަރެއް ނެތް، ތާކުންތާކު ނުޖެހޭ އެފަދަ ވާހަކަ ގަބޫލުކުރުމުންނެވެ!