ވަކިވެގެން ދިޔަ ގުޅުމަކާ މެދު ކަރުނަ އެޅުމީ މޮޔަ ކަމެއް
ދުކު ހިތަށް ދީފައިދިޔަސް ދެން އެނބުރި ބެލުމީ ނެތްކަމެއް
ހިތުގެ ޚާލިސް ލޯބި ދިނަކަސް ބަދަލުގައި ނެތް ވީކަމެއް
އިތުރު ހިތްދަތިކަން މެ ނޫނީ ލިބުމަކީ އަދު ނެތް ކަމެއް
ދުނިޔެއިން ލިބިފައިވި ނިޢުމަތަކާއި މެދު ޣާފިިލު ވުމުން
އުނިވެގެން ދިޔައީ ޙަޔާތަށް ދިއްލިފައިވީ އަލި ކަމެއް
ދަތުރަކަށް ފެށި ހިތުގެ ކިޝްތީ މަންޒިލަށް ވާސިލް ނުވެވި
ދަތުރުގައި ވީ ބައިވެރިންނާ ވަކިވެ ދިއުމީ އުނި ކަމެއް
ހިތްވަރާ އެކުގައި އަލުން ދިރިއުޅުމުގައި ކުރިއަށް ދަމުން
ހިތް އުފާވާ ރީތި މަގަކުން ދަތުރު ކުރުމީ މޮޅު ކަމެއް
ދަންމަރެއް ހެން ދިއްލިފައި މުޅި ދިރިއުޅުން އަލި ކޮށްދިނަސް
ނަން ހިތުން ފޮހެވިއްޖެޔޭ ވޭނުން ހިތަށް ދިން ގިސްލުމެއް
ހިތް އެކަނި ވާ ވަގުތުގައި ގިސްލާ ރޮވޭ އެ ހަނދާންތަކުން
ހިތް ޒަޚަމްކޮށް ވަކިވެ ދިއުމީ ރަހްމު ނެތި ދިން ގެއްލުމެއް
One Response
ފޯރުކޮށްދޭން ބޭނުންވި މާނަ ސާފުކޮށް ބަޔާންކޮށްދެވިފައިވާ، ކިޔާލަން ފަސޭހަވި ރީތި ޅެމެއް. މި ޅެމުގެ ޚާއްސަ އެއް ސިފަކަމުގައި ފާޅުކުރެވިފައިވާ ޝުއޫރުތަކުގެ ތެދުވެރިކަން ފާހަގަކުރެވޭ. ޅެންވެރިޔާއަށް ޝުކުރުއަދާކުރަން.