Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ގަހެއްގައި ތިބި ތިން ދޫނީގެ ވާހަކަ

ޔުނިވާސިޓީއެއްގެ ލެކްޗެރަރ އަކު އޭނާގެ ދަރިވަރުންނާ ސުއާލެއް ކުރިއެވެ. "ގަހެއްގެ ގޮފިގަނޑެއްގައި ތިބި ތިން ދޫނީގެ ތެރެއިން ދެ ދޫނި އުދުހި ދާން ނިންމިއެވެ. ދެން، ގަހުގެ އެ ގޮފިގަނޑުގައި ބާކީ ތިބޭނީ ކިތައް ދޫނި ހެއްޔެވެ؟"

ޖަވާބުގައި ހުރިހާ ކުދިންހެން ބުންޏެވެ. "އެންމެ ދޫންޏެކެވެ!"

ދެން، އެއް ކުއްޖަކު އެހެން ކުދިންގެ ޖަވާބާ ތަފާތު ޖަވާބެއް ދިނެވެ. އޭނާ ބުނި ގޮތުގައި އެ ގޮފިގަނޑުގައި ތިން ދޫނި ތިބޭނެއެވެ.

އޭނާގެ ޖަވާބު އަޑުއައްސަވާފައި ލެކްޗަރާ ވިދާޅުވިއެވެ. "ތިން ދޫނި ތިބޭނެ ވާހަކަ ތިބުނީ ކީއްވެ ހެއްޔެވެ؟"

ދެން އެ ކުއްޖާ ބުންޏެވެ. "ދެ ދޫނި އުދިހި ދާން ނިންމީ ނޫންތޯއެވެ. ނަމަވެސް، އެ ދެ ދޫނި އުދުހި ދިޔަ ވާހަކައެއް އުސްތާޒު ވިދާޅެއް ނުވަމު ނޫންތޯއެވެ؟"

ރަނގަޅު ޖަވާބަކީ ތިން ދޫނި ގަހުގެ ގޮފިގަނޑުގައި ތިބޭނެ ކަމަށް ބުނި ކުއްޖާގެ ޖަވާބު ކަމުގައި އުސްތާޒު ނިންމެވިއެވެ.

މި ކުރު ވާހަކައިގެ މެސެޖަކީ ކޮބައިހެއްޔެވެ؟ ބައެއް މީހުންގެ ވާހަކަތައް ހުންނަނީ މިހެން ކަމެވެ. އެ ދެދޫނި ފަދައިން، މީހުން ކަންކަން ކުރަނީކީ ނޫނެވެ. ކަންކަން ކުރަން ކަނޑައަޅަނީއެވެ. އެމީހުން ދައްކާނީ ކަންކަން ކުރާނެ ވާހަކައެވެ. ކަންކަން ކުރަން ކަނޑައަޅާ ވާހަކައެވެ. ކަންކަން ރަނގަޅުވެގެންދާނެ ވާހަކައެވެ. ކުރިއަށް އޮތް ތަނުގައި ހުރިހާ ކަމެއް ވެސް ހަމަޖެހޭނެ ވާހަކައެވެ. ރަނގަޅު މުސްތަގުބަލެއް އޮންނާނެ ވާހަކައެވެ. އާދެ، އެމީހުންގެ އޮންނަނީ މާނައެއް ނެތް ޝިއާރުތަކެވެ. ހަގީގަތެއް ނެތް ހުސް ހޮޅި ވާހަކަތަކެވެ.

އެމީހުންގެ އަމަލުތަކަށް ބަލާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. އެމީހުންގެ ވަލާއު (އެލީޖިއަންސް، ތެދުވެރިކަމާއި އިޚްލާސްތެރިކަން) އޮތީ ބޭރު މުޅިން އެހެން ބައަކަށް ކަމެވެ. އަމިއްލަ ގައުމަށް ނޫންކަމެވެ. އެމީހުންގެ ދައުރުގެ މައިގަނޑު ބޭނުމަކަށް އޮތީ ބޭރު ބަޔަކު ތަނަށް ގަދަކުރުވުން ކަމެވެ. ތަނުގެ ޝަރުއީ ނިޒާމު އިތުރަށް ހަލާކުކޮށްލި ތަނެވެ. ވަކި ބަޔަކަށް އަދަބު ދެވޭ 'ހޮވައިގެން އަދަބުދޭ އަދުލުގެ ނިޒާމެއް' (ސިލެކްޓިވް ޖަސްޓިސްގެ ނިޒާމެއް) ތައާރުފުކުރި ތަނެވެ. ރަނގަޅާއި ނުބައި އެއީ ނެތް ކަންކަމަށް ހަދާލި ތަނެވެ. އަޚުލާގިއްޔާތުގެ ރީތި ހުތުރަކީ ނެތް ކަމެއްކަމަށް ހަދާލިތަނެވެ.

މިގެ އިތުރުން ދެން، ފެނުނީ މުޅިންހެން އަމިއްލަ ފައިދާއަށް މަސައްކަތްކޮށް ދައުރެއް ނިންމާލާ ތަނެވެ. ދައުލަތުގެ ޚަޒާނާއަކީ އެމީހުންގެ މެޓާ ޖާޑިއަށް ހަދައި، އެއްވެސް ލަދެއް ނެތި އެއަށް އަތް ބާނައިގެން އެ ޖާޑި ހުސްކޮށްލި ތަނެވެ. ދެން ވެސް، އެއްވެސް ލަދެއް ނެތި، އެކިއެކި ބަހަނާތައް ދައްކައިގެން، އިތުރު ޓެކްސްތައް ނަގަން ފައިވިއްދާފައިވާ ތަނެވެ. ތިމާމެންގެ އަމިއްލަ ތަރަފުގެ (ލަކްޝަރީ) ދިރިއުޅުން އެ ގޮތުގައި ދެމެހެއްޓުމަށްޓަކައެވެ.

މީގެ އިތުރުން، ދައުރެއް ނިމި، އެ މީހުންގެ ތަރަފުގެ ދިރިއުޅުމުގެ އިރު އޮއްސިދާނެ ކަމުގެ ބިރު ހީވުމުން ވެސް މިފަދަ ހަގީގަތެއް ނެތް ހޮޅި ވާހަކަތައް އަލުން ދައްކަން ފަށަން މަޖުބޫރުވެއެވެ. އަލުންނޭ މިބުނީ މީގެ ކުރިން ވެސް، ހަމަ މިކަހަލަ ހުވަފެނީ ވާހަކަތައް ދައްކައިފައިވާތީއެވެ. ނަމަވެސް، ބުއްދި ހުރި މީހަކު، ޒާތީ ތައައްސުބުން އެއްކިބާވެ ހުރެ، އެފަދަ ހޮޅި ވާހަކަތައް ދައްކައި، މުސްތަގުބަލެއް އެބައޮތޭ ބުނެ ގޮވާ މީހުންގެ އަމަލުތަކަށް ބަލާލުމުން ފެންނާނީ އެމީހުންގެ ނުކުޅެދޭ ކަމެވެ. ބިނާކުރުވަނިވި މާ ބޮޑު ކަމެއް ނުކުރެވޭ ކަމެވެ. ތަނުގެ ޚަޒާނާ ހުސްވަމުންދާ ތަނެވެ. އެންމެ ކުޑަމިނުން، ދަރަންޏަށް ނޫން ގޮތަކަށް ކާޑުކޮޅު ވެސް ނުގަނެވޭ ދަރަޖައަށް ތަން ނިކަމެތިވެފައިވާ ތަނެވެ.

ދެން ވެސް، ޚަރަދު ކުޑަ ކުރުމެއް ނެތި، ތިމާމެންގެ ތަރަފުގެ ދިރިއުޅުމަށް ބަދަލެއް ނުގެނެސް، އާންމު މުވާތިނުންގެ އަތުން އިތުރަށް ޓެކްސްތައް ނަގައި، 'ފާގަތި، ތަނަވަސް މުސްތަގުބަލެއް އޮތްކަމުގެ' ހުވަފެން ދައްކަމުން ދެއެވެ. މިއީ، ކުރިން ވެސް ބުނި ފަދައިން، މީގެ ކުރިން ވެސް ހަމަ ދެއްކި ހުވަފެނެކެވެ. އެއް ދައުރު ނިމިގެން ދިޔައިރު ވެސް އެކަން އޮތީ ހަމަ ހުވަފެނެއްގެ ގޮތުގައެވެ. އަނެއްކާ ވެސް އެ ހުވަފެން ދައްކައި، އެއް ހޮރުން އެއް ހަރުފައެއް ނެރެ، ރައްޔިތުންގެ އަތުގައި ދެވަނަ ފަހަރަށް ވެސް ކަށިޖައްސުވަން މަސައްކަތްކުރަނީއެވެ. ސުއާލަކީ، އެއް ހޮރުން ދެ ވަނަ ފަހަރަށް ވެސް ކަށިޖެހިޔަދީގެން އެންމެން ހަމަ ތިބެދާނެ ބާވައެވެ؟ އެ ބުނާ ފާގަތި މުސްތަގުބަލު އަންނާނެ ކަމުގެ ވާހަކަ ގަބޫލުކޮށްގެން، އެ މުސްތަގުބަލު ދުވެފައި އަންނަތަން ބަލަން ހަމަ ތިބެދާނެ ބާވައެވެ؟ މީސްތަކުން ހަމަ އެހާ ވެސް ފަސޭހައިން ގުނބޯ ހެއްދިދާނެ ބާވައެވެ؟