Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކަ

މަތީގައި އެވާ ތަސްވީރު ބުނަނީ ކީކޭ ހެއްޔެވެ؟ ކަލޭގެ ސިކުނޑިގައި މީހުން ވިޔެފައިވާ އޮޅުންތައް ފިލުވައި ފޮހެލާށެވެ! އަދި، މާތް ރަސްކަލާނގެ ކަލެއަށް ދެއްވައިފައިވާ ސިކުނޑީގެ ބޭނުން ކަލޭ އަމިއްލައަށް ކުރަން ދަސްކުރާށެވެ!

މީހަކު ކަލޭ ގާތު 'ކަލެއަށް ފޮނި މުސްތަގުބަލެއް އެބަ އޮތޭ' ބުނެފި ނަމަ އެ ބުނަަނީ ކީކޭ ހެއްޔެވެ؟ ފަހަރެއްގައި ވެސް އެ ބުނަނީ ކަލެއަށް ކަމެއް ކޮށްދޭ ވާހަކައެއް ނޫނެވެ! އޭނާ އެ ބުނާ ބުނުމަކީ އޭނާގެ އަމިއްލަ އެދުމެއް ކަލޭގެ ކިބައިން ފުއްދަން ބޭނުންވެފައިވާތީ ކަލޭ ވާވެއްދުމުގެ ގޮތުން ބުނާ އެއްޗެކެވެ. އޭނާ އެހެން ނުބުންޏަސް، ކަލޭ އަމިއްލައަށް ވިސްނާލުމުން ކަލެއަށް ރަނގަޅު މުސްތަގުބަލެއް އޮތްކަން ކަލެއަށް އެނގޭނެއެވެ. އަދި، އެ މުސްތަގުބަލު ހޯދަން ކަލޭ އަމިއްލައަށް މަސައްކަތް ކުރުމުން ކަލެއަށް އެ މުސްތަގުބަލު ލިބޭނެއެވެ. މީހަކު ކަލޭ ކައިރީ އެހެން ބުނާކަން ނުޖެހެއެވެ. ކަލޭ ކައިރީ އޭނާ އެހެން ބުނަން ޖެހެނީ އޭނާ ދެކޭ ގޮތުގައި ކަލެއަކީ ތަންދޮރު ނުދަންނަ ޖާހިލު މުރައްކަބަކަށް ވީމައެވެ. ތިމާގެ ސިކުނޑި ތިމާއަށް އަމިއްލައަށް ބޭނުންކުރަން ނޭނގޭ މޮޔައެކެވެ. އެހެންވެ، އޭނާއަށް ކަލޭ މޮޔަ ހައްދާލެވިދާނޭ ކަމެވެ!

އޭނާ އެ ދެކޭ ގޮތަކީ ރަނގަޅު ނޫން ގޮތެއްކަން އޭނާއަށް އަމަލީ ގޮތުން ސާބިތުކޮށްދޭށެވެ! ކަލޭގެ ސިކުނޑިއަށް ވެރިވުމުގެ ފުރުސަތު ނުދީ ކަލޭ އަމިއްލައަށް މަސައްކަތް ކޮށްގެން ކަލޭގެ މުސްތަގުބަލު އުޖާލާ ކޮށްގެންނެވެ!