Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެންމެ މުއްސަނދި މީހާ

މިއީ މުއްސަންޖަކާއި ފަގީރެއްގެ ވާހަކައެކެވެ. މުއްސަންޖެއްގެ ފަގީރުކަމާއި ފަގީރެއްގެ މުއްސަނދިކަމުގެ ވާހަކައެކެވެ. މި މުއްސަނދި މީހަކީ މަޝްހޫރު ބިލް ގޭޓްސް ކަމަށް ހީކޮށްލާށެވެ!

ބިލް ގޭޓްސް މުއްސަނދިވުމުގެ ކުރިން، އޭނާ ކިޔަވަން އުޅުނު ދުވަސްވަރު، އެއްދުވަހު ތަނަކަށް ދާންވެގެން ޓުރޭންނަށް އަރަން ދަމުން، ނޫސް ވިއްކަން އިން ކުޑަ ކުއްޖަކު ފެނި، އެ ދުވަހުގެ ނޫހުގެ މައި ސުރުޚީ ލޮލުގައި އަޅައިގަނެ، ނޫހެއް ގަންނަން ބޭނުންވިއެވެ. ދެން، ޖީބަށް އަތްލައި ބަލައިލިއިރު ޖީބުގައި ނޫސް ގަންނާނެ ވަރަށް ފައިސާއެއް ނެތެވެ. ކުޑަ ކުއްޖާއަށް މި ތަން ފެނުމުން، ބިލް ގޭޓްސްއަށް ނޫހެއް ދިއްކޮށްލާފައި މި ގެންދާށޭ ބުންޏެވެ. ދެން، ބިލް ގޭޓްސް އޭނާއަށް ޝުކުރު އަދާކޮށްފައި ޓުރޭނުގެ ދަތުރައިގެން ދިޔައެވެ.

އޭގެ އެހެން ދުވަހެކެވެ. ހަމަ އެ ޓުރޭން އިސްޓޭޝަނާއި ނޫސް ވިއްކާ ހަމަ އެ ކުއްޖާއެވެ. އެ ދުވަހުވެސް ނޫސް ގަންނަން ވެގެން، ޖީބު ބަލައިލިއިރު އަތުގައި ފައިސާއެއް ނެތެވެ. ހަމަ ކުރީ ދުވަހޭ އެއްގޮތަށް އެ ދުވަހު ވެސް ނޫސް ވިއްކަން އިން ކުއްޖާ ބިލް ގޭޓްސްއަށް ހިލޭ ނޫހެއް ދިނެވެ. ދެން، އަނެއްކާ ވެސް ބިލް ގޭޓްސް އެ ކުއްޖާއަށް ޝުކުރު އަދާކޮށްފައި ދިޔުމުގެ ކުރިން އޭނައާ ސުއާލެއް ކުރިއެވެ. "ތިޔަހެން ހިލޭ ނޫސް ތި ދެނީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި އެކުއްޖާ ބުންޏެވެ. "އަހަރެން ފަގީރުކަމުން، މީސްމީހުންނަށް ދަތިވެފައިވާ ވަގުތެއްގައި އެ މީހުންނަށް އެހީވުމަކީ އަހަންނަށް ލިބޭ ފުރުސަތެއް ނޫނެވެ. އެހެންވެ، މިފަދަ ގޮތެއްގައި މީހަކަށް އެހީވެދިނުމުގެ ފުރުސަތު ލިބި، އެކަން ކޮށްލުމުން އަހަރެން ހިތަށް އާދަޔާ ޚިލާފު އުފަލެއްގެ އިހުސާސްވެ، ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ."

އޭގެ ވިއްސަކަށް އަހަރު ފަހެވެ. ބިލް ގޭޓްސް އަކީ މިހާރު ދުނިޔޭގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މުޅި ދުނިޔެ ދަންނަ މީހެކެވެ. އެއްދުވަހު، އެއްކަލަ ނޫސް ވިއްކާ ކުއްޖާ މަތިން އޭނާ ހަނދާންވިއެވެ. އަދި، އެ ކުއްޖާ ހޯދައި އޭނާއާ ބައްދަލުކޮށް އަދި އޭނާއަށް އޭނާ ކުރި ހެޔޮ ކަމުގެ އިނާމެއް ދިނުމުގެ އެދުމެއް ބިލް ގޭޓްސް ހިތުގައި އުފެދުނެވެ.

ދެން، އެ ކުއްޖާ ހޯދުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރިއެވެ. އަދި، އެ މީހުންގެ މަސައްކަތުން އެކުއްޖާ ހޯދިއެވެ. އޭރު އޭނާއަކީ ކޮންމެ ވެސް ތަނެއްގެ ފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

ބިލް ގޭޓްސް އޭނައާ ބައްދަލުކޮށް ސުއާލުކުރިއެވެ.

ބިލް ގޭޓްސް: އިނބައަށް އަހަރެން އެނގޭ ހެއްޔެވެ؟

އެ ކުއްޖާ: އާނއެކެވެ. ތިޔައީ ބިލް ގޭޓްސް ނޫން ހެއްޔެވެ؟ މުޅި ދުނިޔެ ވެސް ދަންނަ މީހެކެވެ.

ބިލް ގޭޓްސް: މީގެ ދުވަސްތަކެއް ކުރިން، ޓްރޭން އިސްޓޭޝަނެއްގެ ދޮށުގައި ނޫސް ވިއްކަން އިނބަ އުޅުނީމު ނޫން ހެއްޔެވެ؟

އެ ކުއްޖާ: އާނއެކެވެ. އަދި އިނބައަށް ދެ ދުވަހަކު ނޫހެއް ދިނީމު ވެސް މެއެވެ.

ބިލް ގޭޓްސް: އިނބައާ ބައްދަލުކުރަން އަހަރެން ބޭނުންވީ އެކަމާ ބެހޭ ގޮތުން ސުއާލެއް ކޮށްލަން ވެގެންނެވެ. އެ ދުވަހު އަހަންނަށް ހިލޭ ނޫސް ދިނީ ކީއްވެގެންތޯ އަހާލަން ވެގެންނެވެ. އަދި، އެކަމުގެ ބަދަލު ވެސް ދޭން އަހަރެން ބޭނުމެވެ.

އެ ކުއްޖާ: ކުރިން ވެސް މިހެން ބުނި ހަނދާނެއް ވެއެވެ. ފަގީރުންނަށް އެހެން މީހުންނަށް އެހީވުމުގެ މާބޮޑު ފުރުސަތެއް ނުލިބެއެވެ. އަދި، އެފަދައިން ކަންތައް ކޮށް، އެކަމުގެ އުފާ ހާސިލުވެވޭ ގޮތެއް ނޯވެއެވެ. އެހެންވެ، މަދުން ނަމަވެސް، ނޫހެއް ހިލޭ މީހަކަށްދީ އެފަދަ އުފަލެއް އަހަރެން ހާސިލުކުރަން ބޭނުންވީއެވެ. ހިލޭ އެއްޗެއް މީހަކަށް ދީގެން ލިބޭ އުފަލެވެ. އެއީ ފަގީރުންނަށް ވަރަށް މަދުން ނޫނީ ނުލިބޭ މި އުފަލެވެ.

ބިލް ގޭޓްސް: އޭގެ ބަދަލު މިއަދު އަހަރެން އިނބައަށް ދޭން ބޭނުމެވެ. އިނބަ ބޭނުން ކޮންމެ އެއްޗެއްގެ ވާހަކަ ބުނާށެވެ. ގެއެއް ހެއްޔެވެ؟ ކާރެއް ހެއްޔެވެ؟ ބޭނުން އެއްޗެއް ބުނާށެވެ! މިއަދު އަހަންނަށް އެކަން ކޮށްދެވިދާނެއެވެ.

އެކުއްޖާ: އިނބަގެ ހިތުގެ ހެޔޮކަމާ މެދު ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. ނަމަވެސް، އަހަރެން ބުނަންޖެހޭ ވާހަކައެއް އެބައޮތެވެ. އަހަރެން ކުރި ހެޔޮ އަމަލުގެ ބަދަލެއް އިނބައަކަށް ދުވަހެއްގައި ވެސް ނުދެވޭނެއެވެ. ކިތަންމެ ބޮޑު އިނާމެއް ދިން ކަމުގައި ވިޔަސް ވެހެވެ. ސަބަބަކީ އަހަރެން ކުރި ހެޔޮކަން ކުރީ އަހަރެންގެ ފަގީރުކަމުގެ އެންމެ ދަށު ދަރަޖައިގައި ވަނިކޮށެވެ. އިނބަގެ ހެޔޮ އަމަލު ތިޔަ ކުރަނީ އެކަން ކުރުމުގެ ގާބިލުކަން އިނބައަށް ލިބިގެންވީ ވަގުތެއްގައެވެ.

ބިލް ގޭޓްސް: ތިޔަ ބުނީ ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. އަހަރެން މީ އެންމެ މުއްސަނދި މީހާއަށް ވެދާނެއެވެ. ނަމަވެސް، ހަގީގީ މުއްސަނދި މީހަކީ، އޭނާ ނުކުޅެދިގެންވީ ހާލު އެހެން މީހުންނަށް، ހިތުން ރުހުމުން، އެހީވާ މީހާއެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
52

One Response

  1. މީ ހަގީގީ ހާދިސާ އާ މެދު ސައްކު އެކަމުވެސް ވަރަށް އިބްރަތްތެރި ވާހަކަ އެކޭ ބުނެލެވޭނީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *