އުޒްބަކިސްތާނުގެ ވެރިރަށް ސަމަރުޤަންދުގައި އިއްޔެ ނިމިގެން ދިޔަ ޝަންހައި އެއްބާރުލުމުގެ ޖަމްޢިއްޔާގެ ސަމިޓަށް ފަހު ރޫސީ ރައީސް ޕޫޓިން ނޫސްވެރީންނާ ބައްދަލު ކުރައްވާ އެމީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވިއެވެ. ރައީސް ވްލެޑިމީރު ޕޫޓިންގެ މި ބައްދަލު ކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުތަކުގެ ޚުލާޞާއަކީ:-
1- ޝަންހައި އެއްބާރުލުމުގެ މެންބަރު ޤައުމުތަކުގެ އިޤްތިޞާދީ ހެދިބޮޑުވުން ދުނިޔޭގެ އެހެން ޤައުމުތަކަށްވުރެ ނިސްބަތުން މާ މައްޗެވެ.
2- ވޭތުވެދިޔަ އެތައް ދަހަރުތަކެއްގައި ހުޅަނގުން ފަތުރަމުންގޮސްފައިވާ ޚަބަރުތަކަކީ ރަޝިޔާ ރޫޅި ހަލާކުވަމުންދާ ވާހަކަތަކެވެ. ރަޝިޔާ ބައިބައިކޮށް ހަލާކުކޮށްލުމުގެ އަމާޒަށް ވާޞިލުވުމަށް ޓަކައި ހުޅަނގުން ބޭނުންކުރާ ވަސީލަތަކީ ޔުކްރޭނެވެ.ރަޝިޔާއިން ޔުކްރޭނާ ދެކޮޅަށް ފަށައިފައިވާ ޢަސްކަރީ ޚާއްޞަ ޙަމަލާއަކީ ހުޅަނގުގެ މި އަމާޒަށް ހުރަސްއެޅުމެވެ.
3- ޔުކްރޭނުންގެ ޙައްސާސު ސަރަޙައްދުތަކަށް ރަޝިޔާއިން ދިން ޙަމަލާތަކަކީ ރަޝިޔާގެ ޤާބިލުކަމާ ބެހޭގޮތުން ދިން ކުޑަކުޑަ އިންޒާރެކެވެ. މޮސްކޯއިން ޔުކްރޭނާ ދެކޮޅަށް ފެށި ޢަސްކަރީ ޚާއްޞަ މަސައްކަތަކީ ރަޝިޔާ ރޫޅައިލައި ކުދިކުދިކޮށްލުމަށް ޓަކައި ބޭނުންކުރާ ޖީބަކަށް ޔުކްރޭން ހެދުމަށް ހުޅަނގުން ކުރަމުންދާ މަސައްކަތްތަކަށް އެޅި ހުރަސްއެޅުމެކެވެ.
4- ރަޝިޔާގެ ނިޔުކްލިއަރ އިސްޓޭޝަންތަކަށް ނިރުބަވެރި ޙަމަލާތައް ދިނުމަށް ވަނީ ރާވައިފައެވެ.އެމީހުން ރާވައިފައި ވަނީ ޒަބަރޯޖިޔާ ނިޔުކްލިއަރ އިސްޓޭޝަނަށް އެކަނި ޙަމަލާދޭކަށް ނޫނެވެ.
5- އަހުރެމެން ޔުކްރޭނުގައި މި ހަނގުރާމަ ކުރަނީ ރަޝިޔާގެ ޢަސްކަރީ ބާރުގެ "ރެވި އޮށްޓަރު ފުކެއްގެ" މިންވަރުންނެވެ.
6- ޔުކްރޭންގެ ކަނޑުގެ ބަނދަރުތަކުން 121 ބޯޓު ފުރާފައިވެއެވެ. އެހެނަސް ފަޤީރު ޤައުމުތަކާ ދިމާއަށް މިސްރާބު ޖަހައިފައި ވަނީ މީގެތެރެއިން އެންމެ 3 ބޯޓެވެ.
7- ހުޅަނގުން މަސްއަލަތައް އުފެއްދުމަށްފަހު މި މަސްއަލަތައް ޙައްލު ކުރާން މަސައްކަތް ކުރަނީ އެހެން މީހުންގެ ލޭންދޭނުގައެވެ.
8- ހުޅަނގުން ހުރަސްއެޅުން ނައްތައިލީ ކާދަށެވެ. އެހެނަސް އެމީހުން ވަނީ ޓްރާންސްޕޯޓަށާއި ތައުމީނަށާއި ބޯޓުފަހަރަށް ޚިދްމަތްދިނުމަށް ހުރަސްއަޅައިފައެވެ. އދގެ އަމީން ޢާންމު ގުޓަރެޝް މަސައްކަތްޕުޅު ކުރައްވަމުން ދަނީ މި މަސްއަލަތައް ޙައްލު ކުރެއްވޭތޯއެވެ. އޭނާއަށް މި މަސައްކަތުގައި ކާމިޔާބު ލިބިވަޑައިގަތުމަށް އަހުރެމެން އުންމީދު ކުރަމެވެ. ރަޝިޔާއިން މި ކަމުގައި ފައިދާތަކެއް ހޯދާކަށް ނޫޅެއެވެ. ރަޝިޔާއިން ފަޤީރު ޤައުމުތަކަށް ކާދު ދެމުންދަނީ އަގަކާނުލައި ހަމަ ހިލޭއެވެ.
9- ހުޅަނގު އަދިވެސް އޮތީ އިސްތިޢުމާރީ ޒަމާނުގައެވެ. އެމީހުން ދިރިއުޅެމުންދަނީ އިސްތިޢުމާރީ ފަލްސަފާގެ ކާނާއިންނެވެ.
10- ޗައިނާއާ އެކު ރަޝިޔާއިން ކުރަމުންދާ ވިޔަފާރި 200 ބިލިއަނާ ހަމައަށް މިހާރު ވަނީ ވާޞިލުވެފައެވެ.
11- ހަކަތައިގެ ގަޑުބަޑު ފެށުނީ ރަޝިޔާގެ ޢަސްކަރީ ޙަމަލާގެ ސަބަބަކުންނޫނެވެ. އެހެނަސް އެ ގަނޑުބަޑު ވަނީ މީގެ އެއް އަހަރު ކުރީން ފެށިފައެވެ. މި ގަޑުބަޑު ފެށުނީ "ފެހި ހަކަތަ" އިގެ ސިޔާސަތާ ހެދިއެވެ. ހަކަތައިގެ މައިދާނުގައި އެހެން މީހުންގެ ބޮލުގައި ޒިންމާ އެޅުވުމަކީ ހުޅަނގުގެ ސިޔާސަތެވެ. "ނޯތު ފްލަޑް- 2″ ހުޅުވައިލުމަށް އަހުރެމެން ގޮވައިލަމެވެ. ބަޓުނަށް ފިތައިލުމުން އެކަން ނިމުނީއެވެ. ގޭސްޕްރޯމް އިން ގޭސް ތަނަވަސްކޮށްދޭނެއެވެ. ކުރިއަށް އޮތް އެތައް ދަހަރުތަކަކަށް މި ކުންފުނިން ވަނީ ޖާމިނުވުން ދީފައެވެ. މި ކަށަވެތިކަމުގައި އެ ކުންފުނި ދެމި އޮންނާނެއެވެ. ޔޫރަޕްގެ ގޭހުގެ މަސްއަލައަކީ "ޔާމާލް ޔޫރަޕް" ގޭސް ހޮޅިތައް ޕޯލެންޑުން ޙިޞާރުކުރުމާއި ޔުކްރޭނުން ގޭހުގެ ދެ ހޮޅިއެއް ބަންދު ކުރުމުގެ ސަބަބުން ކުރިމަތިވެފައިވާ މަސްއަލައެކެވެ. މީގެ އިތުރަށް "ނޯތު ފްލަޑް 1″ ވަނީ މަރާމާތު ކުރާން ޖެހިފައެވެ.
ރައީސް ޕޫޓިން މި ނޫސް ބައްދަލުކުރެއްވުން ނިންމަވާ ލައްވަމުން ވިދާޅުވިއެވެ. "ހުޅަނގުން އެމީހުންގެ މަޞްލަޙަތުތަކާމާމެދު ވިސްނާ ބޭނުން ގޮތަކަށް ޢަމަލު ކުރާށެވެ!"



advertisment