Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އޭނާގެ ގައިގައި ބީހުނީ ކަލޭގެ ލޮލެވެ!

ދެމަފިރިއަކު ބަހެއްގައި ދަތުރުކުރަމުން ދިއައެވެ. ބަސް އޮތީ މީހުން އަރާ ފުރި ބާރުވެ، ތޮއްޖެހިފައެވެ. އެހެންވެ، އެ ދެމަފިރިންނަށް ބަހުގައި ތިބެން ޖެހުނީ ކޮޅަށެވެ. އެ ދެމަފިރިންނާ ދާދި ގާތުގައި ޒުވާން އަންހެން ކުއްޖަކު ވެސް ކޮޅަށް ހުއްޓެވެ. ފިރިމީހާއަށް އެ ކުއްޖާ ރީތިވެ، އޭނާއާ ދިމާއަށް ދޭތެރެދޭތެރެއިން ބަލަމުން ދިޔައެވެ.

ކުއްލިއަކަށް ޒުވާން އަންހެން ކުއްޖާއަށް މީހަކު އޭނާ ގައިގައި ވިކައިގަތުމުގެ ތޫނު އިހުސާސެއްވިއެވެ. ދެން ބަލާކަށް ނުހުރެ، ކައިރީގައި ކޮޅަށް ތިބި ދެމަފިރިން ކުރެ ފިރިމީހާގެ މޫނުގައި ވަރަށް ބާރަށް އަންހެން ކުއްޖާ ޖެއްސެވެ.

ފިރިމީހާއަށްވީ ތަދަށް ވުރެ ބޮޑަށް އޭނާ ބިރުގަތެވެ. އަންހެނުން ރުޅިއައިސް ތަރަތަރަ ޖަހައިގެންފާނެތީއެވެ. އެހެންވެ، އަންހެނުން ގާތު އޭނާ ބުންޏެވެ. ހުވާކޮށްފައި އަހަރެން ބުނަމެވެ. "އަހަރެންގެ އަތެއް އެކުއްޖާގެ ގަޔަކު ބީހިވެސް ނުލައެވެ!"

ޖަވާބުގައި ހީނލާފައި އަންހެނުން ބުންޏެވެ. ތިކަން އަހަންނަށް ރަނގަޅަށް އެނގެއެވެ. އޭނާ ގައިގައި ބީހުނީ ކަލޭގެ އަތެއް ނޫނެވެ. ކަލޭގެ ލޮލެވެ. އެހެންވެ، ކަލެއަށް އަދަބު ދިނުމުގެ ގޮތުން އަހަރެން އެކުއްޖާ ގައިގައި ވިކައިލީއެވެ!