Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދެ ވަގުންގެ ހީލަތް

އެއް ރެއަކު ދެ ވަގަކު ބޮޑު މުއްސަންޖެއްގެ ގަނޑުވަރަށް ވަނެވެ. އަދި، ގަނޑުވަރުގައި ހުރި ތިޖޫރިއެއް ހުޅުވައި އޭގައި މިލިޔަނުން ހުރި ފައިސާ ނެގިއެވެ.

ދެން، ދޮށީ ވަގު ކަލޭގެ ހަގު ވަގުކަލޭގެ ގާތު ބުންޏެވެ. "މިތާ މިހުރި މޭޒުމަތީ ފައިސާތައް ބަހައްޓައިފައި މޭޒުދޮށުގައި ހުރި ގޮނޑީގައި އިށީންނާށެވެ."

ހަގު ވަގުކަލޭގެ ކުޑަކޮށް ޖެހިލުންވެފައި ބުންޏެވެ. "ފައިސާތަައް ހިފައިގެން މިތަނުން އަވަހަށް ނިކުމެގެން ދާންވީ ނޫން ހެއްޔެވެ؟"

ދޮށީ ވަގުކަލޭގެ ޖަވާބުގައި ބުންޏެވެ. "ނޫނެކެވެ. މޭޒު ދޮށުގައި އިށީންނާށެވެ." އެހެން ބުނެ އޭނާ ވެސް މޭޒު ދޮށުގައި ހުރި އަނެއް ގޮނޑީގައި އިށީނދެ، ތާސްބައެއް ނަގައި ދެމީހުން ތާސް ކުޅެން ބުންޏެވެ. އަދި، އަލަމާރިން ތިން ދަޅު ކޯލާ ގެނެސް މޭޒުމަތީ ބެހެއްޓުމަށް ވެސް ބުނެވެ. ދެން، ކޯލާ ބޮމުން ތާސް ކުޅެން އެ ދެ ވަގުން ތިއްބެވެ.

ގޭތެރޭގައި މީހުން އުޅޭހެން ހީވެގެން ގޭގެ ވެރިޔާއަށް ހޭލެވުނެވެ. އަދި، އޭނާގެ ފިސްތޯލަ ހިފައިގެން މީހުން އުޅޭ އަޑު އިވޭ ދިމާއަށް ދިޔައެވެ. އަދި، ދެ ވަގުން ފެނުމުން، ފިސްތޯލަ އެ މީހުންނާ ދިމާއަށް ދިއްކޮށް އަމާޒު ހިފައިފައި ބުންޏެވެ. "ގުޑާ ވެސް ނުލައްޗެވެ. އެހެން ނޫނީ ކަލޭމެންގެ ދުވަސް ދުއްވާލާނަމެވެ." މިހެން ބުނެފައި، ފުލުހަށް ފޯނުކުރިއެވެ.

އެ ވަގުތު، ހަގު ވަގުކަލޭގެ ބިރުގަތުމުން، ދޮށީ ވަގު ކަލޭގެ ބުންޏެވެ. "އަޅާނުލައި ދަޅު ބޮމުން، ތާސްކުޅުން ކުރިއަށް ގެންދާށެވެ!"

ކުޑައިރު ކޮޅެއްގެ ތެރޭގައި އެ ތަނަށް ފުލުހުން އައެވެ. ފުލުހުން އައުމުން، ދޮށީ ވަގުކަލޭގެ ފުލުހުންނަށް ބުންޏެވެ. "އަހަރުމެން ތިން މީހުން މިތާ ޖުވާ ކުޅެން ތިބެފައި، މީނާ އަތުން ފައިސާތައް ގެއްލުމުން، ފިސްތޯލަ ހިފައިގެން އަހަރުމެން އަތުން ގަދަކަމުން ފައިސާތައް އަތުލަން އުޅުނީއެވެ."

ދެން ފުލުހުން މޭޒުމައްޗަށް ބަލައިލިއުރު އެކަމުގެ ހެކި ފެންނަން ހުއްޓެވެ. ކޯލާ ދަޅުތަކާއި ތާސްބައިގެ ގަނޑުތަކެވެ. އަދި، ފުލުހުން ވަގުންގެ ދެ މީހުންނަށް ބުންޏެވެ. "ކަލޭމެން ކަލޭމެންގެ ފައިސާ ހިފައިގެން އަވަހަށް ދާށެވެ!"

އެ ވަގުތު ދޮށީ ވަގު ކަލޭގެ ބުންޏެވެ. "އަހަރުމެން ނިކުންނަނިކޮށް ގޭގެ ވެރިމީހާ ފިސްތޯލަ ޖަހާފާނެއެވެ." ދެން، ފުލުހުން، އެ ދެ ވަގުންނަށް ހިމާޔަތް ދިނެވެ. އަދި، ފުލުހުންގެ ހިމާޔަތުގައި ދެ ވަގު ކަލޭގެ އެ މީހުން ވަގަށް ނެގި ހުރިހާ ފައިސާތައް ހިފައިގެން ދިޔައެވެ!"

އާދެ، އިހުގައި ވެސް އަދި މިއަދުގެ ދުނިޔޭގައި، ބާރުގަދަ ބޮޑެތި ގައުމުތައް ކުދި ގައުމުތަކުން ވައްކަން ކުރަނީ މިފަދަ ގޮތެއްގައި އ.ދ.ގެ ހިމާޔަތް ވެސް ލިބިގެންނެވެ. އިނގިރޭސިން އިންޑިޔާ ލޫޓުވާލި ގޮތް ހަނދާން ކޮށްލާށެވެ. (މީގެ ޚުލާސާއެއް ޝަޝީ ތާރޫރުގެ 'އިންގްލޯރިޔަސް އެމްޕަޔަރ އިން ލިބޭނެއެވެ.) ފަހުގެ ހާދިސާއަކަށް ބަލާލަން ބޭނުން ނަމަ، އ.ދ.ގެ ހިމާޔަތް ލިބިގެން 'ގާނޫނީ ސިފަ ލިބިގެން' އިރާގު ހަލާކުކޮށްލި ގޮތް ހަނދާނަށް ގެންނާށެވެ!

ހަމަ އެހެންމެ، އަދުގެ ބައެއް 'ޑިމޮކުރަސީތަކުގައި' ޑިމޮކުރަސީގެ ގަހުގެ ދެމިގެންވި ހިޔަލުގެ ދަށުގައި ޕާޓީތަކުން ވެރިންވެސް އެ މީހުންގެ ގައުމުތަކުގެ ޚަޒާނާއިން ވައްކަން ކުރަނީ މިފަދަ ގޮތެއްގައި ޑިމޮކުރަސީގެ 'ބަރަކާތްތެރި' ހިމާޔަތް ލިބިގެންނެވެ. މިސާލަކަށް، އަމިއްލަ ވަޒީފާގެ ވާޖިބު ފުރިހަމައަށް އަދާނުކޮށް، އެ ވަޒީފާގެ މުސާރައާއި އަދި އެހެނިހެން ފައިދާތައް ނަގާއިރު، ޑިމޮކުރަސީގެ ގާނޫނީ ހިމާޔަތާއި ރުހުން ލިބިފައި އޮވެއެވެ. ހަމަ އެހެންމެ، މިލިޔަނުން ޚަރަދުކޮށް ބޭކާރު ދަތުރުތައް ކުރަން މި ފަދަ ޑިމޮކުރަސީތަކުގެ ވެރިން ފުރާއިރު، މަތީގައި ނަންގަނެވުނު ދެ ވަގުންނަށް ފުލުހުން ހިމާޔަތް ދިން ފަދައިން، ރައްކާތެރިކަމާއި ހިމާޔަތް ދޭން ފުލުހުންނާއި ސިފައިން ކާރުތަކުގައްޔާއި ސައިކަލުތަކުގައި ދެކޮޅަށް ބާރު ބާރަށް ދުއްވާތަން ފެންނާނެއެވެ!

(ރޫސީ އަދަބިއްޔާތުގެ ކުރު ވާހަކައެއްގެ ދިވެހިކޮށްލުމެއް)