ބޯހިމެނުމަކީ އާބާދީއާއި ބޯހިޔާވަހިކަމާއި އެތަންތަނުގެ ޖޯގުރަފިކަލް ލޮކޭޝަނާ ގުޅޭ ތަފާސްހިސާބު ޑޭޓާ އެއްކުރުމާއި އެކުލަވާލުމާއި ތަޙުލީލުކުރުމާއި އިވެލުއޭޓްކުރުމާއި ޝާއިޢުކުރުމާއި އާންމުކުރުމުގެ ޖުމުލަ ޕްރޮސެސްއެވެ.
އާބާދީގެ ސިފަތަކުގެ ތެރޭގައި ޑިމޮގްރަފިކް، އިޖުތިމާޢީ އަދި އިޤްތިޞާދީ ޑޭޓާ ހިމެނޭނެއެވެ. ބޯހިމަނަނީ ވަކި ތާރީޚެއް (ރިފަރެންސް ޕީރިއަޑެއް) ކަނޑައަޅައިގެންނެވެ.
ބޯހިމެނުމުގެ އުސޫލުތައް:
އާބާދީ ބޯހިމެނުމުގައި އާންމުކޮށް ބޭނުންކުރަނީ ދެ ގޮތެކެވެ. އޭގެތެރެއިން އެއް ގޮތަކީ "ޑިފެކްޓޯ" އެވެ. މާނައަކީ އާންމުކޮށް ދިރިއުޅޭ ތަނަކަށް ބެލުމެއްނެތި، ބޯހިމެނުމުގައި އެ މީހުން ފެންނަ ތަންތަނުގެ ގޮތުގައި ފަރުދުން ގުނުމެވެ.
ދެވަނަ ގޮތަކީ "ޑި ޖޫރޭ" އެވެ. މިއީ ބޯހިމަނާ ދުވަހު ފަރުދުން ތިބި ތަނަކަށް ބެލުމެއްނެތި، އާންމުކޮށް ދިރިއުޅޭ ތަނުގެ ގޮތުގައި ފަރުދުން ގުނުމެވެ.

ބޯހިމެނުމުގެ މުހިންމުކަމާއި މަޤްޞަދުތައް
ބޯހިމެނުމުގެ މުހިންމުކަން ބިނާވަނީ އެއްކުރެވޭ ޑޭޓާ މައްޗަށެވެ. ޑޭޓާ އެއްކުރުމުގެ އެހެން ގޮތްތަކުގެ ތެރެއިން ނުލިބޭ އެތައްއެތައް ފައިދާތަކެއް ބޯހިމެނުމުން ލިބިއެވެ. އެއީ ވަކި ވަގުތެއްގައި މުޖުތަމަޢުގެ އިންޓަގްރޭޓެޑް ތަސްވީރަކަށް ވުމެވެ.
ބޯހިމެނުމުން ޑިމޮގްރަފިކް ޑޭޓާގެ އިތުރުން މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ސިފަތައް އަޅާކިޔުމާއި ޕްރޮޖެކްޝަން ކުރުމަށް އެކަށީގެންވާ ޑޭޓާތަކެއް ލިބިގެންދެ އެވެ. ފުރިހަމަ ބޯހިމެނުމަކީ ތަފާސްހިސާބުތައް އެއްކޮށް ޕްރޮސެސް ކުރެވޭ އެހެން ގޮތްތަކާ ތަފާތު ގޮތެކެވެ.
ބޯހިމެނުމަކީ ޑިމޮގްރަފިކް، އިޖުތިމާޢީ އަދި އިޤްތިޞާދީ ސިފަތަކުގެ އިތުރުން އެންމެ ދަށް އިދާރީ ނުވަތަ ޖޯގްރަފިކަލް ފެންވަރާއި ގުޅުންހުރި ރޭޓްތަކާއި އިންޑިކޭޓަރތަކުން ތަފާސްހިސާބުތަކެއް ދެނެގަނެވޭނެއެވެ. މިސާލަކަށް އާބާދީ އިތުރުވުމުގެ ރޭޓް އުމުރާއި ޖިންސު ސާފުވާހެން ދެނެގަނެވޭނެއެވެ. ތަޢުލީމީ ހާލަތު ވަޒަން ކުރެވޭނެއެވެ. މުޅި އާބާދީއާ ބެހޭ ފުރިހަމަ އަދި ތަފްސީލީ މަޢުލޫމާތު ސާފުވެގެންދާނެއެވެ.
ކުރިން ބޯހިމެނި އިރުގެ ޑޭޓާ ތަކާއި ފަހުގެ ޑޭޓާތަކުން އާބާދީގެ ހާލަތު ވަޒަންކުރުމުގެ އިތުރުން އިދާރީ އެކި ޑިވިޝަންތަކުގައި ހަމަ އެ މުއްދަތުގައި އަންނަ ޑިމޮގްރަފިކް، އިޖުތިމާޢީ އަދި އިޤްތިޞާދީ ބަދަލުތައް މޮނިޓަރ ކުރުމަށް ބޭނުންވާ ޑޭޓާ ލިބޭނެއެވެ. ޤައުމުގައި ތިބި ބިދޭސީންގެ އަދަދާއި ބެހިފައިވާ ގޮތާއި ސިފަތަކުގެ މަޢުލޫމާތު، ޚާއްޞަކޮށް އިމިގްރޭޝަން ވޯކްފޯސްގެ ޑޭޓާ، އަންދާޒާތަކަށް ބަރޯސާވުމުގެ ބަދަލުގައި، މަތީ ދަރަޖައިގެ ޕްރެސިޝަނަކާއެކު ލިބިގެންދާނެއެވެ. އެއީ އާބާދީ ޕްރޮޖެކްޝަންތަކާއި ވޯކްފޯސް ޕްރޮޖެކްޝަންތައް އެނގޭނެ ޑޭޓާބޭހަކަށް ވާނެއެވެ. ބޯހިމެނުމުން ވަކި އިޖުތިމާޢީ ހާދިސާތައް ދިރާސާކުރުމަށް ބޭނުންވާ ޑޭޓާތަކެއް ވެސް ލިބޭނެއެވެ.
ޤައުމުގެ މުޖުތަމަޢަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ޕްލޭންތައް އެކުލަވާލުމާއި، މޮނިޓަރކުރުމާއި، އިވެލުއޭޓްކުރުމުގައި ބޯހިމެނުމުން އެއްކުރެވޭ ޑޭޓާ ތަކަކީ މުހިންމު މަޢުލޫމާތު ތަކެކެވެ. ޤައުމުގެ ހުރިހާ ދާއިރާއަކަށް (ތަޢުލީމާއި ޞިއްޙަތާއި އާބާދީ ފަދަ) އަސާސީ މަޢުލޫމާތު ބޯހިމެނުމުން ލިބިގެންދާނެއެވެ. ޤައުމީ ތަރައްޤީގައި ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މުހިންމު ހުރިހާ ކަމަކަށް ބޯހިމެނުމުން އެއްކުރެވޭ މަޢިލޫމާތު މުހިންމު ދައުރެއް އަދާކުރާނެއެވެ.
ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހާލަތުގެ އިތުރުން ދިރިއުޅުމުގެ ހާލަތާ ގުޅޭ ވަސީލަތްތަކާއި ސިފަތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ތަނަވަސްކަމާއި ފުދުންތެރިކަން ސާފުވާނެއެވެ. ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ފަދަ ސިޔާސަތުތައް އެކުލަވާލުމަށް އަސާސީ ޑޭޓާ ލިބިގެންދާނެއެވެ.
އެކިއެކި އިދާރީ ދާއިރާތަކުގެ އިމާރާތްތަކާއި ގެތަކާއި ގޭބިސީތަކަށް ފުރިހަމަ އަދި ޒަމާނީ އޮނިގަނޑެއް ހެދިގެންދާނެއެވެ. މިފަދަ އޮނިގަނޑުތަކުން ގޭބިސީތަކުގެ އެކިއެކި ސާރވޭތައް ހެދުމަށް ސާމްޕަލްތައް ފަރުމާކޮށް ބޭނުންކުރެވޭނެވެ. އާބާދީ އިތުރުވާ މިންވަރު ހިސާބުކުރުމާއި ބޯހިމެނުމަށްފަހު އާބާދީގެ އަންދާޒާތަކުގެ އަސާސެއްގެ ގޮތުގައި ބޯހިމަނައިގެން ނަގާ ޑޭޓާ ބޭނުންކުރެވޭނެއެވެ. ދަރިމައިވުމާއި މަރުވުމާއި ހިޖުރަކުރުން ފަދަ އެކިއެކި ކަންތައްތައް ޞައްޙަކޮށް ވަޒަންކުރެވޭނެއެވެ.
ބޯހިމެނުމުގެ ސަބަބުން މުސްތަޤްބަލަށް ބޯހިޔާވަހިކަމާއި އިމާރާތްކުރުމުގެ ޕްލޭން އެކުލަވާލުމުގައި އެހީތެރި މަޢުލޫމާތުތަކެއް ލިބޭނެއެވެ. ބޯހިމެނުމުން ލިބޭ ގެތަކުގެ ޙާލަތާއި ސިފަތަކުގެ ޞައްޙަ ތަސްވީރެއްގެ އަލީގައެވެ.
ކުރިއަށް އޮތްތަނުގައި ބޭނުންވާ އެކިއެކި ބޭނުންތައް ކަނޑައެޅޭނެ ގޮތަށް ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރގެ އިމާރާތްތަކުގެ ސިފަތަކާއި އެތަންތަނުގެ މަސައްކަތުގެ ހާލަތާ ބެހޭ މައުލޫމާތު ލިބޭނެއެވެ. ޤާނޫނީ ޙާލަތާއި، އިޤްތިޞާދީ ހަރަކާތާއި ވަޒީފާގެ ބާރުގެ ސައިޒުގެ ގޮތުން ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ވިޔަފާރިތަކުގެ ޙާލަތްތައް ވެސް އެނގޭމެއެވެ.
ތިރީގައި މިވަނީ ބޯހިމެނުމުގެ ޑޭޓާގެ ބައެއް ބޭނުންތަކެވެ.

1. ޑިވެލޮޕްމަންޓް ޕްލޭނިންގގެ ބޭނުމުގައި:
ބޯހިމެނުމުގައި އާބާދީގެ ޑިމޮގްރަފިކް، އިޖުތިމާޢީ އަދި އިޤްތިޞާދީ ސިފަތަކާއި ހުރިހާ ފެންވަރެއްގައި ޕްލޭން ކުރުމަށް ބޭނުންކުރެވޭނެ ބޯހިޔާވަހިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ލިބިގެންދެއެވެ.
2. އާބާދީއާއި ބޯހިޔާވަހިކަމުގެ ސިފަތަކުގައި ހުންނަ މިންވަރާއި ތަފާތުތައް ލަފާކުރުން:
ބޯހިމެނުމުގެ ޑޭޓާއިން ޚުލާސާ ފެންވަރުތަކާއި މިންގަނޑުތަކުގެ އިތުރުން ޑިމޮގްރަފިކް އަދި ދިރިއުޅޭ ތަންތަނުގެ ސިފަތަކަށް އަންނަ ބަދަލުތަކާއި އަސާސީ ގޮތުން ބޭނުންވާ ތަކެއްޗާއި އިހުމާލުވެފައިވާ ސަރަހައްދުތަކާއި ޤައުމީ އިސްކަންދޭ އެހެނިހެން ކަންކަން ދެނެގަނެވޭނެއެވެ.
3. ލޭބަރ ފޯސްގެ މަސްދަރުތައް ލަފާކުރުން:
ބޯހިމެނުމަކީ ލޭބަރ ފޯސްގެ ސައިޒާއި އޭގެ ސިފަތަކާއި، ތަޢުލީމާއި ތަމްރީނާ ގުޅޭ އެހެން ކަންކަމާއި މިހާރުގެ ފެންވަރާއި އުންމީދުކުރާ ފެންވަރާއި މި ދާއިރާއިން ބޭނުންވާ ޤައުމީ ސިޔާސަތުތަކާ ގުޅޭ މަޢުލޫމާތު ލިބޭ މައިގަނޑު މަސްދަރެއްގެ ގޮތުގައި ބެލެވެއެވެ.

4. އަންހެނުންގެ ދައުރާއި އެމީހުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ދެނެގަތުން:
އަންހެނުންގެ ތަފާސްހިސާބުތައް އެއްކުރުމާއި، އެމީހުންގެ ދައުރު ރަނގަޅުކޮށް އަޕް ގްރޭޑްކުރުމަށް ބޭނުންވާ ސިޔާސަތުތައް ދެނެގަތުމާއި، މުޖުތަމަޢުގައި އެމީހުންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ޙާލަތު ބޯހިމެނުމުން ދެނެގަތުމަށެވެ.
5. އާބާދީގެ ޚާއްޞަ ގްރޫޕްތަކާ ބެހޭގޮތުން މަޢުލޫމާތު ލިބުން:
އާބާދީގެ ވަކިވަކި ގްރޫޕްތަކާ ގުޅޭގޮތުން ކަންބޮޑުވުން އިތުރުވަމުންދާއިރު ކުޑަކުދިން، ޒުވާނުން، އުމުރުން ދުވަސްވީ މީހުން، ނުކުޅެދުންތެރިކަން ހުންނަ މީހުން ފަދަ ޚާއްޞަ ގްރޫޕްތަކާ ބެހޭ ގިނަ ޑޭޓާ ތަކެއް އެއްކުރެވޭމެއެވެ. އެ މީހުންގެ މަސްލަހަތަށް ޚިދުމަތްކުރާ ފަރާތްތަކުގެ ޕްރޮގްރާމްތަކާއި ސިޔާސަތުތައް ފަރުމާކުރުމުގައި މި ޑޭޓާތައް އެހީތެރިވެދެއެވެ.

6. ދިރާސާގެ ބޭނުމުގައި ބޭނުންކުރުން:
އާބާދީއާއި ބޯހިޔާވަހިކަމުގެ ބޯހިމެނުމުގެ ޑޭޓާއަކީ ޑިމޮގްރަފިކް، އިޖުތިމާޢީ އަދި އިޤްތިޞާދީ ސާރވޭތައް ކުރުމުގެ މަޢުލޫމާތުގެ މުއްސަނދި މަޞްދަރެކެވެ.
7. އިޤްތިޞާދީ ބޭނުންތަކަށް ބޭނުންކުރުން:
އިޤްތިޞާދީ ނިންމުންތައް ނިންމުމުގައި ބަރޯސާ ވެވޭނެ ޑޭޓާ ލިބޭނެއެވެ. ސައިންޓިފިކް ހަގީގަތްތަކާއި ބޯހިމެނުމުން ފެންނަ ހަގީގަތްތަކާ އަޅައިބަލަން ހަގީގީ ޑޭޓާ ލިބިގެންދާ ކަމަށެވެ.
- މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި



advertisment