Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ރަސްގެފާނާއި ކުށްކުރި ވަޒީރު

ރަސްގެފާނުގެ އެންމެ ބޮޑު ފަޚުރަކީ ރަސްގެފާނު ގެންގުޅުއްވާ ވަހުޝީ ވަލު ދިހަ ކުއްތާއެވެ. އެ ކުއްތާތަކުގެ ބޭނުމަކީ ރަސްގެފާނުގެ ވަޒީރުންގެ ތެރެއިން އެކަކު ވެސް ކުށެއްކޮށްފި ނަމަ، އެ ތަނުން ކުއްތާއަކަށް ދިނުމެވެ. ނޮޅައި މަރާލާއި ކުއްތާގެ ކޮއްތަކަށް ވުމަށެވެ.

އެއްދުވަހު، ރަސްގެފާނަށް ވަރަށް އިޚުލާސްތެރިކަން ދައްކާ، އަދި ލިބޭ ކޮންމެ ފުރުސަތެއްގައި ދޮގު ތައުރީފާއި ޚުޝާމަދުކޮށް، ނަބީބޭކަލެއްގެ ދަރަޖައަށް ރަސްގެފާނު އުފުލަން ވެސް ޖެހިލުންނުވާ ވަޒީރަކަށް ކުށެއް ކުރެވުނެވެ. ރަސްގެފާނު ނުރުހިވަޑައިގަންނަވާ މީހަކާ އޭނައާ ބައްދަލުކުރެވުނީއެވެ.

ކޮންމެއަކަސް، ރަސްގެފާނުގެ ޝަރުއީ ދަރުބާރަށް އެ ވަޒީރު ގެންނަވައި، އޭނާގެ ކުށުގެ ވާހަކަ އޭނާ ގާތު ބުނެވި، އެކުށުގެ ސަބަބުން، ރަސްގެފާނުގެ ވަލު ކުއްތާތަކުގެ ތެރެއިން ކުއްތާއަކަށް ވަޒީރު ހަވާލުކުރުމަށް ރަސްގެފާނު ހުކުން ކުރެއްވިއެވެ.

ދެން، މިކަމާ ހިތާމަކޮށް އެ ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. "މާތް ރަސްގެފާނެވެ! މަނިކުފާނުގެ ޚިދުމަތުގައި އަޅުގަނޑު އުޅޭތާ މިހާރު ދިހަ އަހަރުވީއެވެ. މަނިކުފާނުގެ ހުރިހާ ސިޔާސަތުތަކެއް، އޭގެ ހަގީގަތަށް ވެސް ބެލުމެއް ނެތި، އެކަންކަން ރަނގަޅުކޮށް، ރައްޔިތުންގެ ތެރެއަށް ނެރެމެވެ. މި ބޮޑު ޚިދުމަތުގެ އިނާމަކީ ތިއީތޯއެވެ؟"

ދެން، ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭމެން އެންމެން ވެސް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމުގައެވެ. އަހަންނަކީ މާ ބޮޑު ފިކުރީ ގާބިލުކަމެއް ލިބިފައި ހުރި މީހަކަށް ނުވެދާނެއެވެ. ނަމަވެސް، ދޮގު ތައުރީފާއި ޚުޝާމަދަކީ ކޮބައިކަން އަހަންނަށް ވެސް ވަކިކޮށް ފާހަގަކުރަން އެނގެއެވެ. ނަބީބޭކަލުންގެ ދަރަޖައަށް އަހަރެން ގެންދަން ކަލޭމެން ފަދަ މީހުން މަސައްކަތްކުރާއިރު، އެއީ ހުސް ޚުޝާމަދުކަން އަހަންނަށް ވެސް އެނގެއެވެ. ކޮންމެއަކަސް ރަސްކަމުގެ ގާނޫނުގެ މަތިން، ކަލޭގެ ކުށުގެ ސަޒާއަކީ ކުއްތާއަކަށް ކަލޭ ދިނުމެވެ. އެ ކަމަކަށް ބަދަލެއް ނުގެނެވޭނެއެވެ!"

ވަޒީރު އިތުރަށް ކުރާނޭ އާދޭހެއް ނެތި، ބުނާނޭ އިތުރު އެހެން އެއްޗެއް ނެތުމުން، ބުންޏެވެ. "އަޅުގަނޑުގެ ހުކުން އަޅުގަނޑު ގަބޫލުކޮށްފީމެވެ. ނަމަވެސް، އަދިވެސް އެއް އެދުން އަޅުގަނޑުގެ އެބައޮތެވެ. އެއީ އަޅުގަނޑުގެ މައްޗަށް ހުކުން ތަންފީޒުކުރުމުގެ ކުރިން، އަޅުގަނޑަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވުމެވެ." ދެން، ވަޒީރުގެ އެދުމުގެ މަތިން ރަސްގެފާނު އޭނައަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވިއެވެ.

ވަޒީރަށް ދިހަ ދުވަހުގެ މުހުލަތެއް ލިބުމުން، ވަރަށް އަވަސްވެ، ކުއްތާ ބަލަހައްޓާ މީހާއާ ބައްދަލުކުރިއެވެ. އަދި، ދިހަ ދުވަސް ވަންދެން، ކުއްތާތައް ބެލުން އޭނައާ ހަވާލުކުރުމަށް، ކުއްތާ ބަލަހައްޓާ މީހާގެ ކިބައިން ވަޒީރު އެދުނެވެ. ކުއްތާ ބަލަހައްޓާ މީހާ އެކަން ވަޒީރު އެދުނުގެ މަތިން ކުރިއެވެ.

ދެން އައި ދިހަ ދުވަސް ވަންދެން އެ ދިހަ ކުއްތާތައް ވަރަށް ރަނގަޅަށް ވަޒީރު ބެލެހެއްޓިއެވެ. އެ އެއްޗިއްސަށް ކާންދީ، ދޮވެ ސާފުކޮށް، އެ އެއްޗެހި ގޮވައިގެން ހިނގަން ދިޔައެވެ.

ދިހަ ދުވަސް ނިމުމުން، ރަސްގެފާނުގެ ދަރުބާރަށް ވަޒީރު ހާޒިރުކުރެވުނެވެ. އަދި، ރަސްގެފާނުގެ ވަހުޝީ ވަލު ކުއްތާތަކާ ވަޒީރު ހަވާލުކުރެވުނެވެ. ވަޒީރު ނޮޅައި މަރާލައި ކާލުމަށެވެ. ނަމަވެސް، އެންމެންވެސް ހައިރާން ކޮށްލިކަމަކީ ހުރިހާ ކުއްތާތަކެއް ވެސް ވަޒީރު ކައިރިއަށް އައިސް އޭނާގެ ފައިދަށުގައި ފައިގައި ދޫލަން އޮތީމައެވެ.

ދެން، ވަޒީރު ގެންނަވާފައި ރަސްގެފާނު ވިދާޅުވިއެވެ. "މިކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ ކުއްތާތަކަށް ކަލޭ ހެދީ ކިހިނެއް ހެއްޔެވެ؟ އަނެއްކާ އެ އެއްޗިއްސަށް ސިހުރެއް ހެދީ ހެއްޔެވެ؟"

ރަސްގެފާނުގެ ސުއާލުގެ ޖަވާބުގައި ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ. "ދިހަ ދުވަސް ވަންދެން އަޅުގަނޑު އެ އެއްޗިއްސަށް ޚިދުމަތްކުރީއެވެ. ކާންދީ ބޯންދީ ސާފުކޮށް ހިންގައި ހެދީއެވެ. އެ ދިހަ ދުވަހުގެ ޚިދުމަތުގެ އަގު އެ ކުއްތާތަކަށް ވަޒަން ކުރަން އެނގުނެވެ. ނަމަވެސް، މަނިކުފާނަށް ދިހަ އަހަރުގެ ޚިދުމަތުގެ އަގު ވެސް ވަޒަން ކުރަން ނޭނގިލެއްވިއެވެ! އާދެ، ކުއްތާއެއްގެ ދަރަޖަ ވެސް މަނިކުފާނަށް ލިބިވަޑައިގެން ނުވިއެވެ."

ދެން، ރަސްގެފާނު ދެރަވެވަޑައިގެން، ވަޒީރަށް އަލުން ވަޒީފާ ދެއްވަން ނިންމެވިއެވެ. ނަމަވެސް ވަޒީރު އެކަމަށް އިންކާރުކޮށް ރަސްގެފާނަށް ދެންނެވިއެވެ. "ސިޔާސީ ގުޅުންތަކަކީ ވަރަށް ވެސް ބަލިކަށި ގުޅުންތަކެކެވެ. އެ ގުޅުންތައް ބަނދެވިފައި އޮންނަނީ އަމިއްލަ މަސްލަހަތުގެ ވަރަށް ވެސް ދެރަ، އެއްވެސް ވަރެއް ނެތް ސުތުލި ފަށަކުންނެވެ. އެހެންވެ، އެ ގުޅުންތަކުގެ ސުތުލިފަށް ވަރަށް ވެސް އަވަހަށް ބުރިވެ ކެނޑި ދެއެވެ. އެހެންވެ، މިއަދުން ފެށިގެން، މީހުންގެ އަގު ވަޒަންކުރުމުގައި ކުއްތާއިންނަށް ވުރެ ވެސް ދަށުދަރަޖައިގެ ގިނަ ބަޔަކު އުޅޭ ސިޔާސީ މައިދާނާ، ދުރަށްދާން އަޅުގަނޑު ނިންމައިފީމެވެ!"