Support Us

ކޮލަމް ކޯދު: ތަސްވީރަކާ ބެހޭ ވާހަކައެއް

އަހަރެން ކާރު ދުއްވަމުން ދަނިކޮށް ކުރިމައްޗަށް އެރި ޖަނަވާރެއްގައި ނުޖެހިވޭތޯ އުޅުމުގެ ސަބަބުން ކާރު އަހަރެންގެ ކޮންޓުރޯލުން ނެއްޓި މަގުމަތީ އެއްފަރާތުގައި އޮތް ވަޅުގަނޑަކަށް ވެއްޓުނެވެ. ވަރަށް މަސައްކަތްކޮށް، ފިރުކައި ލޫދިގެން އަހަރެން ކާރުން ނިކުމެ ވަޅުގަނޑުން އެރީމެވެ.

އެ ވަގުތު އެހެން ދިޔަ އެހެން ކާރެއް އައިސް އެ ތަނަށް މަޑުކޮށްލިއެވެ. އަދި އެ ކާރުން ވަރަށް ރީތި އަންހެނެއް ނުކުމެގެން، އަހަންނާ ދިމާއަށް އައެވެ. އަދި ބުންޏެވެ.

"އިނބަ ކިހިނެއް ހެއްޔެވެ؟"

"އަހަރެން އެންމެ ރަނގަޅެވެ؟" ޖަވާބުގައި އަހަރެން ބުނީމެވެ.

"ފެންނަނީ އެހެންނެއް ނޫނެވެ. އިނބަގެ ގައިގެ އެތަންމިތަން ވަނީ މެށި ހަން ގޮސްފައެވެ. އެހެންވެ، އަހަންނާއެކު އަންނާށެވެ! އަހަރެންނަކީ ނަރުހެކެވެ. އަހަރެންގެ ގެ މިހުރި މިތާ ވަރަށް ކައިރީގައެވެ."

ދެން އަހަރެން ބުނީމެވެ. "އަހަރެންގެ އަންހެނުން ތިކަމާ ރުހޭނެ ހެނެއް ހިއެއް ނުވެއެވެ. ޚާއްސަކޮށް ރީތި އަންހެނަކާ އެކު އޭނާގެ ގެއަށް އެކަނި ދިއުމަށެވެ."

ދެންވެސް އެ އަންހެން މީހާ ކުރުނުކޮށް ބުންޏެވެ. "އަހަންނަކީ ނަރުހެކެވެ. އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރުމަށް ހުވާކޮށްގެން ހުރި މީހެކެވެ. އަހަންނާއެކު އަންނާށެވެ."

އަދިވެސް އެއްފަހަރު، އަހަރެންގެ އަންހެނުން އެކަމާ ނުރުހިދާނެ ވާހަކަ ބުނެފައި، ކުޑަކޮށް ހިތް ނުތަނަވަސްވެ ހުރެވެސް، އެ ނަރުހުގެ ކާރަށް އަރައިގެން ނަރުހުގެ ގެއަށް އަހަރެން ދިޔައިމެވެ.

ދެން، އަހަރެންގެ ޒަޚަމްތައް ސާފުކޮށް، ބޭސް އަޅަން ޖެހޭ ޒަޚަމްތަކުގައި ބޭސް އެޅުމަށް ފަހު، ކުޑަ އިރުކޮޅަކު އަރާމުކޮށްލުމަށްޓަކައި ގޭގައި މަޑުޖައްސާލަން ނަރުސް އަހަރެން ގާތު ބުންޏެވެ.

އަނެއްކާ ވެސް، އަހަރެން ބުނީމެވެ. "ތިކަމާ އަހަރެންގެ އަންހެނުން ރުހޭނޭ ހެނެއް ހިއެއް ނުވެއެވެ."

ދެން ނަރުސް ބުންޏެވެ. "އަންހެނުންވީ ގޭގައި ނޫން ހެއްޔެވެ؟ އިނބަ މި ވަގުތު ހުރީ ކޮންތާކު ކަމެއް އަންހެނުންނަކަށް ނޭނގޭނެ ނޫން ހެއްޔެވެ؟ އެހެން ނޫނަސް ދެތިން ގަޑިއިރު އަރާމުކޮށްލުމަށް ފަހު، އިނބައަށް ގެއަށް ދެވިދާނެ ނޫން ހެއްޔެވެ؟ އަހަރެން އިނބަ ގެއަށް ގެންގޮސްދޭ ނަމަވެ."

އެ ސުވާލުގެ ޖަވާބުގައި އަހަރެން ބުނީމެވެ. "ނޫނެކެވެ. އަންހެނުންވީ ގެއަކު ނޫނެވެ."

"އެހެންވެއްޖިއްޔާ އޭނާވީ ކޮންތާކު ހެއްޔެވެ؟ ބާޒާރުކުރަން ބޭރަށް ގޮސް ހެއްޔެވެ؟ ނޫނީ ޗުއްޓީއެއްގައި އެހެން ތަނަކަށް ގޮސް ހެއްޔެވެ؟"

"ނޫނެކެވެ! އޭނާވީ ވަޅުގަނޑުތެރޭގައި އޮތް ކާރުގެ ތެރޭގައެވެ!" އަހަރެން ބުނީމެވެ.

(ދިވެހިކޮށްލުމެއް)