ދޮންދައިތަ: ޑރ އެވެ. އަޅުގަނޑުގެ އޮންނާނީ ދެން ކޮން ޝަކުވާއެއް ހެއްޔެވެ؟ އަޅުގަނޑުގެ ކުދިން އަޅުގަނޑު ވަރަށް ރަނގަޅަށް ބަލަހައްޓައެވެ. ބަރާބަރަށް ކާންދީ ހަދައެވެ. ފެންވަރުވާ ތާހިރުކޮށް ސާފުކޮށް ބަހައްޓައެވެ. މިއަދު އަޅުގަނޑަކީ އަށްޑިހައިގެ އަހަރުތައް ގުނަމުން އަންނަ މީހަކަށް ވެފައި، މީހެއްގެ އެހީއާ ނުލައި އަޅުގަނޑަށް ކުރެވޭ މާ ބޮޑު ކަމެއް ނޯވެއެވެ. އެހެންވެ، މި ނަންގަތް ފަދަ ހުރިހާ ކަމެއް ވެސް ކޮށްދެނީ އަޅުގަނޑުގެ ލޯބި ކުދިންކޮޅެވެ.
ޑރ: ވަރަށް ރަނގަޅުތާއެވެ! ތި ވާހަކަ އަހައިފައި ވަރަށް ވެސް އުފާކޮށްފީމެވެ. ދެން، ބުނާނެ އިތުރު ވާހަކައެއް އެބަ އޮތް ހެއްޔެވެ؟
ދޮންދައިތަ: ދެން، ބުނަން އޮންނާނީ ކޮން ވާހަކައެއްތޯއެވެ؟ މި އުމުރަށް ދިޔައިމާ މިހާރު އަޅުގަނޑަކީ މައިމީހާގެ ކިރުން ތުންނުކެނޑޭ ތުއްތުތުއްތު ކުއްޖެއް ފަދަ މީހެކެވެ.
ޑރ: ތި ބުނި ވާހަކައިގެ މާނައަކީ ކޮބައި ހެއްޔެވެ؟
ދޮންދައިތަ: ތުއްތުތުއްތު ކުދިންނަށް ކަންކަން ކުރުމުގެ އެއްވެސް އިޚްތިޔާރެއް އޮވޭތޯއެވެ؟ އެ ކުދިންނަށް ކާންދޭންވާ ގަޑި އެނގޭނީ އެކުދިންގެ މައިންނަށެވެ! ސާފުކުރާނޭ ވަގުތުވެސް ކަނޑައަޅާނީ ހަމަ މައިންނެވެ. ފެންވަރުވައި ހެދުން ބަދަލުކުރާނޭ ވަގުތު ވެސް ކަނޑައަޅާނީ ހަމަ މައިންނޫންތޯއެވެ؟ އެހެންވީމާ ކަމެއް ކުރުމުގެ އެއްވެސް އިޚްތިޔާރެއް ކުޑަކުއްޖަކަށް ލިބިގެން ނުވޭނޫންތޯއެވެ؟
ހަމަ އެފަދައިން މިހާރު އަޅުގަނޑަކަށް ވެސް އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރެއް ނޯވެއެވެ. އަޅުގަނޑު ކާންވާ ވަގުތާއި ކާންވާނޭ އެއްޗެހި ކަނޑައަޅަނީ އެހެން މީހުންނެވެ. ފެންވަރާ ތާހރުިވެ، ހެދުން ބަދަލުކުރުމުގެ ވަގުތު ވެސް ކަނޑައަޅަނީ އެހެން މީހުންނެވެ. ދެންވެސް، އެހެން ކަމެއް ކުރިޔަސް އެކަން ވެސް ކަނޑައަޅަނީ އެހެން މީހުންނެވެ.
ޑރ: މުޅިން ރަނގަޅެވެ. އެހެންވީމާ ތިޔައީ އުފާކުރުން ހައްގު ކަމެއް ނޫން ހެއްޔެވެ؟
ދޮންދައިތަ: ތިޔަ ނަޒަރުން ވެސް މިކަން ބެލިދާނެއެވެ. އެފަދަ އިޚްތިޔާރުތައް ކުޑަކުއްޖަކަށް ލިބިފައި ނެތުމުން، އެކަމާ އޭނަ ދެރަވެގެން ކުރާނޭ އެއްވެސް ޝަކުވާއެއް ނޯންނާނެއެވެ. ސަބަބަކީ އަމިއްލަ އިޚްތިޔާރެއް ކުޑަކުއްޖަކަށް ލިބިފައި އެކަން ތަޖުރިބާކުރެވިފައި ނެތުމެވެ. އެހެންވެ، އެއީ އޭނާގެ ކިބައިގައިވާ އުނިކަމެއްކަން ކުޑަކުއްޖަކަށް ފާހަގައެއް ނުކުރެވޭނެއެވެ.
ނަމަވެސް، އަޅުގަނޑަކީ، އިރެއްގައި ފުރިހަމަ އަމިއްލަ އިޚްތިޔާރު ލިބި އެކަމުގެ ތަޖުރިބާ ކުރެވިފައިވާ މީހެކެވެ. މިހާރު އެކަމުން މަހުރޫމުވެފައި ވުމުން، އަދި، އެކަމުގެ ސަބަބުން އަމިއްލަ އިޚްތިޔާރުގެ ބޭނުން ކޮށްގެން ކަންކަން ނުކުރެވޭތީ އެއީ ވަރަށް ބޮޑު އުނިކަމެއްކަން ފާހަގަކުރެވެއެވެ. އެހެންވެ، އެކަމާ ދެރަވެ، ހިތާމަކުރަމެވެ. އަދި، ހިތާހިތާ އެކަމާ ޝަކުވާ ވެސް ކުރަމެވެ!
ޑރ: ތިޔަ ބުނީ ހަމަ ރަނގަޅު ވާހަކައެކެވެ. ތިޔައީ ހަޔާތުގެ ހަގީގަތެއް ނޫން ހެއްޔެވެ؟ ހަޔާތުގެ ދުވަސްތައް ތަކުރާރުވެ، ހަޔާތުގެ ފަތިހާއި މެންދުރާއި އަސުރުގެ މަރުހަލާތައް ނިމި، ހަޔާތުގެ އިރު އޮއްސޭ މަރުހަލާއަށް އެޅުމުން ގިނަ ބަޔަކު ތަޖުރިބާ ކުރަން ޖެހޭ ކަމެކެވެ. ބައެއް ފަހަރު، ހަޔާތުގެ އިރު އަސުރަށް ލެނބުމުން، ބައެއް ކަހަލަ ބަލިތައް ޖެހުމަކީ ރަނގަޅުކަމެކޭ ވެސް ބުނެވިދާނެއެވެ. މިސާލަކަށް، އެ މަރުހަލާއަށް އެޅުމުން ހަނދާން ނެތުމުގެ ބަލިޖެހުމެވެ. އޭރުން، ތިބުނާ ފަދަ ހިތް ހަލާކުކޮށްލާނޭ ވޭނީ އަސަރުތަކެއްގެ ހިތި އިހުސާސުތަކެއް ހިތުގައި ހިނގާކަމެއް ނޭނގޭނެއެވެ.
ދޮންދައިތަ: ޑރ. އެވެ. އަދިވެސް އަޅުގަނޑުގެ ކުޑަ އެއް ޝަކުވާ އެބަ އޮތެވެ. ހަޔާތުގެ މަރުހަލާއަކަށް ފަހު މަރުހަލާއެއް ކަޑައްތުކޮށް، ހަޔާތުގެ އިރު އަސުރަށް ލެނބި އަލުން ކުޑަކުއްޖަކަށް ބަދަލުވެގެންދާއިރު، ދިމާވާ އެހެން ކަމެއް އޮވެއެވެ. ކުޑަކުއްޖަކާ އެންމެން ވެސް މުއާމަލާތް ކުރަނީ ރުހިގެން، އެކަން ކުރާ ހިތުން، ނުހަނު ލޯބިންނެވެ. ނަމަވެސް، އޭނާގެ ހަޔާތުގެ އިރު އޮއްސެންދާ އަޅުގަނޑު ފަދަ 'ބޮޑު ކުޑަ ކުއްޖަކާ' ދޭތެރޭ އެފަދައިން އަބަދަކު ކަންތަކެއް ނުކުރެވޭނެ ނޫންތޯއެވެ؟ ކިރުބޯ ކުޑަކުއްޖަކު ކިތަންމެ ވަރަކަށް ރުޔަސް އޭނާ ހިތްހަމަޖައިސައިދޭނީ ވަރަށް ވެސް ލޯބިން އަދި ރުހިގެންނެވެ. ކިތަންމެ ވަރަކަށް އޭނާ ސާފުކުރަން ޖެހުނަސް އެކަން ކުރާނީ ވެސް ހަމަ އެހާ ލޯބިން، އެކަން ހަމަ ކުރާ ހިތުންވެސް މެއެވެ. ނަމަވެސް، 'ކުޑަ ބޮޑު ކުއްޖަކާ' މެދު ދިގު މުއްދަތަކަށް އެފަދަ ކަންކަން ކުރަން ވެއްޖެ ނަމަ، އެވާނީ ތަހައްމުލުކުރަން އުނދަގޫ ކަމަކަށެވެ. ވަރަށް ވެސް ބޮޑު ތުރާލަކަށެވެ. ޑރ. އެވެ! އަޅެ މިއީ އެކަން އޮންނަ ގޮތް ނޫންތޯއެވެ؟ އެހެންވެ، އަޅުގަނޑުގެ އެންމެ ބޮޑު ބިރަކީ މިއެވެ. އަޅުގަނޑުގެ އެންމެ ލޯބިވާ މީހުންގެ ހިތްތަކުގައި އަޅުގަނޑު ބަލަހައްޓަން ޖެހޭތީ އަޅުގަނޑާ މެދު ފޫހިކަމެއް އައުމުގެ ކުރިން އަޅުގަނޑުގެ ނިމުން ނާތުވެދާނެތީއެވެ! ޑރ އެވެ. އެހެންވެ، މަރަކީ ވެސް ބައެއް ފަހަރު އުފަލެކެވެ!
