Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާލެމަތީން އިރު ދަތުރުކުރާ ދުވަހެއް

ކޮންމެ އަހަރަކުވެސް ދުނިޔޭގެ އުތުރާއި ދެކުނަށް އަދި ދެކުނުން އުތުރަށް އިރު ދަތުރު ކުރެވެއެވެ. އެގޮތުން މިއަހަރު އުތުރުން ދެކުނަށް ކުރާ ދަތުރުގައި މާދަމާ، ސެޕްޓެމްބަރު 12 ވަނަ ދުވަހު މާލޭގަޑިން ހެނދުނު 11 ޖަހާއިރު މާލެ އޮންނަ ޢަރުޟު ނުވަތަ ލެޓިޓިޔުޑަށް އިރު އާދެއެވެ.

އެހެންކަމުން މާދަމާ މާލެއަށް އިރު މެދުޖެހޭ ނުވަތަ މެރީޑިއަމްވާ ވަގުތު ކަމުގައިވާ 12:02 ގައި މާލޭ މަތީން އިރު ދަތުރު ކުރެއެވެ. ވިއްސާރައިގެ އަސަރު ނެތި އުޑުމަތި ސާފުކޮށް އޮވެއްޖެ ނަމަ، މާލޭގައި އޮލަނބަށް ހުންނަ ތަކެތީގެެ ހިޔަންޏެއް ނުހުންނާނެއެވެ. އެހެނީ، އެފަދަ އެއްވެސް އެއްޗެއްގެ އެއްވެސް ފަރާތަކުން ބޭރަށް ނެއްޓިގެން ހިޔަންޏެއް ފާޅު ނުވާނެތީއެވެ. ނުވަތަ އޮލަނބަށް ހުންނަ އެއްޗެއްގެ ހިޔަންޏެއް ނުހުންނާތީއެވެ.
އެވަގުތު މާލޭޭގެ އިތުރުން ހުޅުމާލެއާއި ހުޅެލެއާއި ވިލިމާލޭ ފަދަ މާލެ ކައިރީގައި އޮންނަ ރަށްރަށަށާއި ސަރަޙައްދު ތަކުގައި އޮލަނބަށް ހުންނަ ތަކެތީގެ ހިޔަންޏެއް ނުހުންނާނެއެވެ.

އަދި އެވަގުތު ދުނިޔޭގެ ކޮންމެ ތާކަށް ވެސް އަދި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މާލެ އޮންނަ ދިމާ ދެނެގަނެވޭނެއެވެ. އެއީ، އެވަގުތު އިރު ހުންނާނީ މާލެމަތީގައި ކަމަށް ވާތީއެވެ. އަދި އެ ވަގުތު މާލެއާ ދުރު ތަންތާނގައި އޮލަނބަށް ހުންނަ ތަކެތީން ފާޅުވާ ހިޔަނީގެ ފެށޭކޮޅު ހުންނާނީ މާލެއާ ދިމާޔަށެވެ.

ދެން އިރު ދަތުރުކުރާނީ ޚައްޠުއިސްތިވާ ނުވަތަ އީކުއޭޓަރަށެވެ. ޚައްޠުއިސްތިވާއަށް އިރަށް ދަތުރު ކުރެވޭނީ މި މަހުގެ 23 ވަނަ ދުވަހު ހެނދުނު މާލޭގަޑިން ހައެއް ޖަހާ ވަގުތު ގައެވެ.

އެ ދަތުރުގައި ދެކުނު ދަނޑިއަށް ނުވަތަ ޓްރޮޕިކް އޮފް ކެޕްރިކޯނަށް އިރަށް ދަތުރު ކުރެވޭނީ އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު މާލޭ ގަޑިން ހަވީރު ހައެއް ޖަހާ ވަގުތު ގައެވެ.

އެންމެ ދެކުނަށް އިރު ދަތުރުކުރާ މިންވަރަކީ، ޚައްޠުއިސްތިވާގެ ދެކުނުން 23 ދަރަޖަ 26.3 ދަގީގެވެ. އެ ހިސާބަށް އިރު ދަތުރު ކުރުމުން މިއަހަރު އިރު ދެކުނަށް ކުރާ ދަތުރު ނިމުނީއެވެ.

ދެން ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހާއި އެދުވަހުގެ ރޭ ދެކުނު ދަނޑީގައި ހުރެފައި 22 ވަނަ ދުވަހު މާލޭގަޑިން މެންދުރުފަހު އެކެއް ޖެހުމުން އުތުރަށް ދާން އިރު ދަތުރު ފަށާނެއެވެ.

އީކުއޭޓަރުގެ ދެކުނުން 23 ދަރަޖަ 26.3 ދަގީގަކީ، މާލެ އޮންނަ ޢަރުޞަށް ވުރެން 27 ދަރަޖަ 36.6 ދަގީގު ދެކުނެވެ.

ދުނިޔެ އިރުގެ ވަށައިގެން ދައުރުކުރާ ކުރުމަކީ، ދުނިޔޭގެ ނިސްބަތުގައި، އިރު ދުނިޔޭގެ ވަށައިގެން ދަތުރުކުރާ ކުރުމެއް ކަމަށް ބަލާ ހަމައިން، އިރު ދުނިޔޭގެ އުތުރު ދަނޑިއާއި ދެކުނު ދަނޑިއާ ދެމެދުގައި ހުއްޓުމެއްނެތި ޤިޔާމަތާ ހަމައަށް ވެސް ހިނގަހިގައި ހުންނާނެއެވެ.

މިކަންކަން މިމަގަށް ހިނގަހިނގައި ހުންނަކަމުން އެނގި ކަށވަރުވާކަމަކީ، އެއީ، މޮޅަށް ދެވޮޑިގެންވާ ޢަޒީޒުވަންތަﷲ ސުބްޙާނަހޫ ވަތަޢާލާ ކަނޑައަޅުއްވާފައިވާ ކަމެއްކަމެވެ.