Support Us

ކޮލަމް:: ދިނަށަ

ކޮލަމް ދިނަށަ: "ކާ" "ބަނދި" އަދި "ރައިވަރު"ގައި ހުރި އެއްގޮތް ސިފަތަކަކީ ކޮބާ؟

"ކާ" އަކީ، ދިވެހި ޅެންވެރިކަމުގެ ވަޒަންބަހުރުވައިގެ ބާވަތްތަކުން އެއް ބާވަތެކެވެ. އަދި ކާއަކީ ބަނޑުވައް އަކުރު އެއްގޮތް ނުކުރެވޭ ހާލަތެއްގައި ވެސް ބަނޑުވައް އަޑު ދޫކޮށްނުލައި، ފިލިން ކާފިޔާ އެއްގޮތް ކޮށްގެން ނުވަތަ ކާފިޔާ ހިފަހައްޓައިގެން ކާގެ ކޮންމެ ބަހެއް ހަތަރުބަހުގެ މައްޗަށް ބިނާކުރާ ބާވަތެކެވެ.

ކާއާއި ބަނދީގައި ހުރި ތަފާތު ސިފަތަކަކީ، ބަނދީގައި ބަނޑުވައް އަކުރަށް ނުވަތަ ބަނޑުވައް އަޑަށް ސަމާލުކަން ނުދޭ ކަމެވެ. ކާގައި ބަނޑުވައް އަކުރު، އަކުރުން ނުވަތަ އަޑުން ވިޔަސް އެއްގޮތް ކުރާކަމެވެ. ކާގެ ބަސްތައް ހަތަރުބަހުގެ މައްޗަށް ބިނާވެގެން ވިޔަސް، ބަނދީގެ ބަސްތަކުގެ ދިގުމިން ހަތަރުބަހަށް ވުރެ މަދު ނުކުރުމާއެކު ބަސްތަކުގެ ޢަދަދަށް ވަކި މިންވަރެއް ކަނޑައެޅިފައި ނުވުމެވެ.

ކާއާއި ބަނދީގައި ހުރި އެއްގޮތް ސިފަތަކަކީ ވަޒަނެއްގައި، 12 ފިލިން ބަސްތައް ހުރުމާއި ފިލިން ކާފިޔާ އެއްގޮތް ކުރުމެވެ. އަދި ކާއާއި ބަނދީގެ ބަސްތައް ވެސް ހަތަރުބަހުން ހަތަރުބަހުން ނިމުމެއް ގެނެސްފައިވާ ގޮތަށް ބަސްތައް ބިނާކޮށްފައި ހުރުމެވެ.

ކާއާއި ރައިވަރުގެ ހުރި އެއްގޮތް ސިފަތަކަކީ، ބައެއް ކާގެ ފުރަތަމަ ބަސް، ހަބަސް ރައިވަރެއްގެ ފުރަތަމަ ބަހާ އެއްގޮތް ކުރެވޭ ކުރެވުމާއި، ކާގެ ފުރަތަމަ ބަސް ފިޔަވައި އަނެއް ތިންބަސް ރައިވަރުގެ ދެވަނަ ބަހާއި ތިންވަނަ ބަހާއި ހަތަރުވަނަ ބަހާ އެއްގޮތަށް ބިނާކުރެވިގެންވުމެވެ.

ކާއާއި ރައިވަރުގެ ހުރި ތަފާތު ސިފަތަކަކީ، ރައިވަރުގައި ފުރަތަމަ ބަސް ހަމައެކަނި 10 ފިލީގައި ބިނާކުރުން ލާޒިމުވިޔަސް، ކާގެ ފުރަތަމަ ބަސް 10 ފިލިން ބިނާނުކޮށް 12 ފިލިން ވެސް ބިނާކުރެވޭކަމެވެ. އެހެންކަމުން، އެ ސިފަތައް ދެނެގަތުމުގެ ފަސޭހައަކަށްޓަކައި "ކާ" ކޮޅަކާއި، ބަންޖަކާއި، ރައިވަރުގެ ދެބާވަތުން ކޮންމެ ބާވަތަކުން ރައިވަރެއް މި ލިޔުމުގައި ހިމަނައިލާނަމެވެ.

ކާ

ޔޭގެދުނި އުނިކަމާ
ލޭގެ ޙުރުމަތް ކުޑަކަމާ
މޭގެ ރަޙުމެއް ނެތްކަމާ
އޭގެ ގެއްލުން ބޮޑުކަމާ

ފިކުރު ހެޔޮ ހިންގަވާ
ޒިކުރު ރައްބުގެ ކުރައްވާ
ޙިކުމަތުގެ ދޮރު ހުޅުއްވާ
ސިކުނޑި ތާޒާ ކުރައްވާ

ދުނިޔެއަށް ހޭނުލާ
ފުނިމުދައު ނުކުރޭ ޖަމާ
ބުނިހެއު ބަހެކެ އަޑުއަހާ
އުނިކޮށް އުމުރު ނުލަ ނަގާ

ކޮށްފިނަމަ ހެއު ފިކުރު
ކޮއްތު ޒާދަށް ވޭ އިތުރު
އޮއްޓަރާ ހުރި އޭގެ ބަރު
ފޮއްޓަކަށް ނޭޅޭނެ ވަރު

މިންޖުވާނޭ ގޮތުން
އިންތިހާ ބޮޑު ބިރުތަކުން
ބިންމަތީ މަޙުޝަރު ބިމުން
ދިންނަވައެ ހެއު ޢަަމަލަކުން

މީ ނަސޭހަތެކެ ދިން
ނީނަމައެ އެދެ ތިޔަކުދިން
ދީނަށް ލެނބެން ތިޔަ ދަރިން
ފީނަން އުޑާ ކަނޑު އަޑިން

ބަނދި

ލޭނާރޭ ލޭނާރޭ
މަސްވެރިކަން ލޭނާރޭ
ބޮޑަތި ނަފާ ލިބިގަނެވޭ
އެކިބާވަތް އުފެއްދެޔޭ
ރިހާކުރާ ވަޅޯމަހޭ
ވެކިޔުމް މަސް މުގުރި މަހޭ
ދަޅުމަސް އަދި ކަށިކުނޑިޔޭ
ވިއްކައިގެން ފައިދާވޭ

ގަރުދިޔަޔާ ކުޅި ރިހަޔޭ
ކުޅިމަސް އަދި މަސްހުންޏޭ
ދޮންރިހަޔާ މަސް ރިހަޔޭ
ކަނޑު ކުކުޅާ ތެލުލި މަހޭ

ފަރުމަހުގައި އަގުހުރެޔޭ
ވިއްކައިގެން ނަފާވެޔޭ
ފިހެލައިގެން ކައިލެވެޔޭ
ރިހަވެސް ހަމަ އެއްވަނަޔޭ

ދޫނުކުރޭ ދޫނުކުރޭ
މަސްވެރިކަން ދޫނުކުރޭ
ޒުވާނުނޭ ދަސްކޮށްގެން
މަހަށް ނުގޮސް ނޫޅެއްޗޭ

ރައިވަރު

ލޯބިވެތި ދަރިފުޅާ
ހޯދައި ސަނަދު ނުމެނަގާ
ލޯހުޅުވި ރޯ ފިލާފާ
ހޯދޭނެހޭ މޮޅެއްމާ
ޓޯޗެއްގެ އަލި ޢިލްމު ފަދައެ
ހޯދަން މަގު އެއްފަދައެ

ޝަރުދުވަސް އަންނާނެ މަޙު
މަރުވެ ގޮސް ޖިސްމު ނާވެވިހަ
ބަރު ބަނަވީން ދެއްވެވި ޚަ