ތަސްވީރުން އެ ފެންނަނީ ދެ ހަރުފައެއް ތަޅާފޮޅައި ހަނގުރާމަކުރާ މަންޒަރެވެ. ވިހަ ގަދަ ކޯބްރާއަކާއި ވަރުގަދަ ބިޔަ ޕައިތަންގެ ހަނގުރާމައެވެ. ކޯބްރާ ޕައިތަންގެ ގަޔަށް ވިހަލިއެވެ. ޕައިތަން ކޯބްރާ ގައިގައި ބައްދައި ނޭވާ ނުލެވޭ ވަރަށް ފިއްތާލިއެވެ. އާޚިރުގައި ދޭތި ވެސް މަރުވީއެވެ. ކޯބްރާ ނޭވާ ހާސްވެގެންނެވެ. ޕައިތަން ވިހައިގެ ސަބަބުންނެވެ.
މި މަންޒަރަކީ އޭގެ މައްޗަށް ފުންކޮށް ވިސްނާލުން ހައްގު މަންޒަރެކެވެ. މި ދޭއްޗަކީ ވެސް ހަރުފައެކެވެ. އާދެ، އެއް 'ނަސްލެއްގެ' އެއް 'ނަސަބެއްގެ' ދޭއްޗެވެ. ދޭތި ތަޅާފޮޅުމުގެ ސަބަބުން އެކައްޗައް ވެސް ކުރިއެއް ނުލިބުނެވެ. ދޭތިވެސް ހަލާވެގެން ނިމިގެން ދިޔައީއެވެ.
ގާތް މީސްމީހުން ތަޅާފޮޅަންވެއްޖެ ނަމަ ކަންތައް ވަނީ މިހެންނެވެ. އަޚުން، އެކަކު އަނެކަކާ ތަޅާފޮޅާ ނަމައެވެ. ރަހުމަތްތެރިން އެކަކު އަނެކަކާ ތަޅާފޮޅާ ނަމައެވެ. ހަމަ އެހެންމެ، އެއް ގައުމެއްގެ، އެއް ރާއްޖެއެއްގެ މީހުން، ދެބަސްވެ، އަރާރުންވެ، ތަޅާފޮޅާ ނަމަ، އެއްވެސް ބަޔަކަށް ކުރިއެއް ނުލިބެއެވެ. މިހެން ދެބަސްވެ، އަރާރުންވެ ތަޅާފޮޅާ ނަމަ، އާޚިރު ނަތީޖާއަކަށް ވަނީ، ތަސްވީރުން އެފެންނަ ދެ ހަރުފައަށް ވީހެެން، އެންމެން ހަލާކުވެ ނެތިދިޔުމެވެ. އެހެންވެ، ޚިޔާލު ތަފާތުވި ނަމަވެސް، އަރާރުންވެ، އެއްބަޔަކު އަނެއް ބަޔަކުގެ ކަރުގައި ހިފައި، އެއްބަޔަކު އަނެއް ބަޔަކު ނެތިކޮށްލަން އުޅޭ ގޮތަށް އުޅުމަކީ ބުއްދިވެރި ގޮތެއް ނޫނެވެ. އެކަމުން، ޒާތީ ހަސަވެރިކަމެއް ފިލުވާލުން ނޫން، އެއްވެސް ފައިދާއެއް އެއްވެސް ބަޔަކަށް ކުރާނޭ ކަމެއް ނޫނެވެ.
