Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކަތިވަޅި ގެެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑުވެސް ގެއްލިދިޔުން

އެއް ދުވަހަކު އޮނުފުމޭ މީހަކު، އޭނާގެ ކަންބަަޅިޔަކާއި ހިމާރެއް ވިއްކާލުމަށްޓަކައި، އެ އެއްޗެހި، ބާޒާރަށް ގެންދިޔައެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ، އޮނުފުމޭ މީހާ އޭނާގެ އޮނު ފުމެމުން، ކަންބަޅިއާއި ހިމާރު އައްސާފައި އޮތް ވާގަނޑު އޭނާގެ އެއް އަތުގައި އައްސައިގެން ހުރެ، ކުރިއަށް ދިޔައެވެ. މި ތަން ފެނިފައި، މަގުމަތީ ތިބި ތިން ވަގަކު އެކަކު އަނެކަކު ގާތު ބުންޏެވެ.

ފުރަތަމަ ވަގު: އޭނާގެ ކަންބަޅި އަހަރެން އަތުލައިގަންނާނަމެވެ!

ދެވަނަ ވަގު: އޭނާގެ ހިމާރު އަހަރެން އަތުލާނަމެވެ!

ތިންވަނަ ވަގު: އޭނާ ލައިގެން ހުރި ހެދުމާއި ހަރުވާޅު އަހަރެން އަތުލާނަމެވެ.

ދެން، ފުރަތަމަ ވަގު މަޑުމަޑުން ކަންބަޅިއާއި ކައިރިވެލިއެވެ. އޮނު ފުމޭ މީހާ ގޯޅިއެއް އަޅަން ލަނބާލި ވަގުތު ބަލާފައި ކަންބަޅި ވާގަނޑުން މޮހެލައިގެން ހިފައިގެން ދިޔައެވެ. އޮނު ފުމޭ މީހާ އޮނު ފުމުގައި މަޝްޣޫލުވެފައި ހުރިލެއް ބޮޑުކަމުން މިކަން ރޭކާއެއް ނުލިއެވެ.

އޮނުފުމޭ މީހާ އޭނާގެ އޮނުން ފުމެމުން ދިޔަ ރާގު މެދަކާ ހިސާބަށް ދިޔުމުން، ފަހަތަށް އެނބުރި ބަލައިލިއެވެ. އެ ވަގުތު އޭނާއަށް އޭނާގެ ކަންބަޅި ނެތްކަން ފާހަގަކުރެވުނެވެ. ދެން ކަންބޮޑުވެ، ކޮޅުކޮޅު މައްޗަށް ބަލަން ހުއްޓައި ދެވަނަ ވަގު އެތަނަށް އައެވެ. އައިސް އޭނާކުރެން ވެގެން އުޅޭ ގޮތް އޮޅުންފިލުވިއެވެ. އެ ވަގުތު އެ މީހާ ވަރަށް ދެރަވެފައި ދެވަނަ ވަގުގެ ގާތު ބުންޏެވެ. "އަހަރެންގެ ކަންބަޅި މީހަކު ވަގަށް ގެންގޮސްފިއެވެ."

ދެން ދެވަނަ ވަގުކަލޭގެ މަގަކަށް އިޝާރަތްކޮށްލާފައި އޮނު ފުމޭ މީހާއަށް ބުންޏެވެ. "ދެންމެއަކު، މީހަކު މި އޮތް މަގުން ކަންބަޅިއެއް ހިފައިގެން ދުވެފައި ދަނިކޮށް އަހަރެން ދުށީމެވެ."

އެ ވަގުތު، ދެވަނަ ވަގާ ހިމާރު ހަވާލުކޮށްފައި އޮނު ފުމޭ މީހާ ދެވަނަ ވަގު ބުނި މަގުން އަޅާ އިތިކޮށް ދުއްވައިގަތެވެ. އެތައް އިރެއް ވަންދެން ކަންބަޅި ހޯދަން އުޅެއުޅެ ނުފެނުމުން، އެނބުރި ހިމާރު ހޯދަން އައެވެ. ނަމަވެސް، އޭރަކު ހިމާރު ވެސް ފެންނާކަށް ނެތެވެ. ދެވަނަ ވަގުކަލޭގެ ހިމާރު ހިފައިގެން ހިނގައްޖެއެވެ.

ދެން އޮނު ފުމޭ މީހާ ވަރަށް ދެރަވެ، ހިނގަމުން އޭނާގެ ގެއާ ދިމާއަށް ދިޔައެވެ. ދިޔަ މަގުމަތީގައި މީހަކު ރޯން އިންދާ ފެނުނެވެ. އާދެ، ތިންވަނަ ވަގު ކަލޭގެ ގިސްލަގިސްލާފައި ރޮނީއެވެ. ދެން، ތިންވަނަ ވަގު ކަލޭގެ ކައިރިއަށް އޮނު ފުމޭ މީހާ ކައިރިވެލައިފައި އެއްސެވެ. "އިނބަ ދެރަވެ ތިވަރަށް ތި ރޮނީ ކީއްވެ ހެއްޔެވެ؟"

ދެން ތިންވަނަ ވަގުކަލޭގެ މާ ދުރު ނޫން ހިސާބަކުން ފެންނަން އޮތް ކޯރަކަށް އިޝާރަތްކޮށްފައި ބުންޏެވެ. "މީހަކު ތަނަކަށް ގެންދަން އަހަންނާ ހަވާލުކުރި 1،000 ރަން ފައުނު އަހަރެން އަތުން އެ އޮތް ކޯރަށް ވެއްޓުނީއެވެ. އަހަންނަށް ފަތަން ނޭނގޭތީ ކޯރަށް އެރޭކަށް ނުކެރުނެވެ. ބޭބެ އަހަންނަށް އެ ރަންފައުނު ކޮޅު ނަގައިދީފި ނަމަ، ބޭބެއަށް 100 ރަން ފައުނު ދޭނަމެވެ."

މި ވާހަކަ އަޑުއަހާފައި، އޮނު ފުމޭ މީހާ ވަރަށް އުފާވިއެވެ. އޭނާ އަތުން ގެއްލުނު ކަންބަޅިއާއި ހިމާރުގެ ބަދަލުގައި އެތައް ކަންބަޅިއަކާއި އެތައް ހިމާރެއް ގަނެވޭނޭ ފައިސާ ލިބޭ ގޮތްވީމައެވެ.

ދެން، ތިން ވަނަ ވަގުކަލޭގެއާ އެކު، އެ ބުނާ ކޯރެއްގެ ކައިރިއަށް ދިޔައެވެ. އަދި، އޮނު ފުމޭ މީހާ އޭނާގެ ހެދުމާއި ހަރުވާޅު ބާލާފައި ކޯރަށް އެރުނެވެ. ނަމަވެސް، ފީނާފީނާ ވެސް، އެއްވެސް ރަންފައުނެއް ފެންނަ ގޮތެއް ނުވިއެވެ. އެންމެ ފަހުން، އޮނު ފުމޭ މީހާ ކޯރުން އެރިއެވެ. އެ ވަގުތު އޭނާއަށް އެނގުނީ އޭނާގެ ހެދުމާއި ހަރުވާޅު ވެސް ނެތް ކަމެވެ. ތިން ވަނަ ވަގު ކަލޭގެ އެ އެއްޗެހި ހިފައިގެން ފިލައި ދިޔައީއެވެ.

އޮނު ފުމުގައި މަޝްޣޫލުވެ، ޣާފިލުވެ ހުއްޓައި އޮނުފުމޭ މީހާގެ ހުރިހާ އެއްޗެއް ގެއްލި ދިޔައީއެވެ. އޭނާގެ ކަންބަޅިއާއި ހިމާރާއި ލައިގެން ހުރި ހެދުމާއި ހަރުވާޅު ވެސް ގެއްލުނީއެވެ.

އާދެ، ހުރިހާ ނުބައި ކަމެއްގެ ހައްލު ގެންނަން ބުނި ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ވެރިކަމުގެ މޮޅު ނިޒާމު އައުން، ޣާފިލުކަންމަތީ ތިބެގެން ފާހަގަކޮށް އިހުތިފާލުކުރަން ތިއްބައި، އެ ނިޒާމުގެ ވެރިން، ދައުލަތުގެ ޚަޒާނާ ހުސްކޮށްލައި، ޝަރުއީ ނިޒާމަކީ އޮތް އެއްޗެކޭ ނެތް އެއްޗެކޭ ހަމަކުރުވައި، ތަނުގައި ނުގުޑާނޭ ފަދަ ގޮތެއްގައި އޮތް ދީން ވެސް، އެއީ އެއްވެސް އަގެއް ނެތް އެއްޗެއް ކަމުގައި ހަދާލީއެވެ! އާދެ، ކަތިވަޅި ގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލުނީއެވެ! ދެން ވެސް، ހޭވެރިކަމެއް ނުވެ، އެންމެންހެން، އެއްބަޔަކު އަނެއް ބަޔެއް ނުބައިކުރުމުގެ ލަވަކިޔައި އޮނު ފުމުމުގައި ތިބީއެވެ! ޅެންވެރިޔާ ވިދާޅުވާ ފަދައިންނެވެ.

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާ ޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
311

One Response

  1. އަޞްލުވެސް މިޤައުމަށް ވެފައި މިވަނީ ތިޔަފަދަ ގޮތެއް. އެހެނަސްހިތާމަޔަކީ އަދިވެސް ނުވިސްނޭކަން. ތިމާޔާ ޖެހުނީމަ ގާނޫނީ ގޮތުން ދޭން އަމިއްލަޔަށް ހަދައިފައިވާ ގާނޫނުވެސް ކަމަކުނުދިޔަ. ބަދަލުގައި އެހެން މީހުންގެ ބޮލުގައި ބޮޑަތި އިލްޒާމްތައް އަޅުވަނީ ކުރާނެ ކަމެއްނެއް. ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީ …

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *