ޤިޔާމަތް މާބޮޑަށް ކައިރިވެ ނިޔާތައް ގޯޅި އެޅެނީޔޭ
ޚިޔާނާތަށް ކޮރަޕްޝަނޭ ނަން ކިޔާ ނަން ދީއެ ހެދެނީޔޭ
ޒަމާނީ ދަޅަތަކަށް ލެނބެމުން އަމާނާތަށް ދެލޯ މެރެމުން
ދަމާ ނެރެމުން މުދާ ގިނަގުނަ ކަމާލުކުރާން ދުވެވެނީޔޭ
ދަރާ ވިކުނަސް އެއަށް ނުބަލައި ޙަރާމު ޙަލާލަކަށް ނުބަލައި
ތަރާދުން މިންނުކޮށް ނުކިރައި ބަރާކޮށް ދޯނި ލެވެނީޔޭ
ނަގާ ލޯނެއް އަދާ ނުވިޔަސް އަގާ އަބުރާ ވަޔާ ދިޔަޔަސް
ސަޤާފަތު ރީތި ގެއްލި ދިޔަސް މަޤާޞިދު އިސް ކުރެވެނީޔޭ
ޝަރާބުގެ ޛައުޤުގައި ޖެހެމުން ފަރާތެއް ބޯލެނބޭ ނެތެމުން
އަރާމަށް ހިތް މުޅީން ލެނބެމުން ޚަރާބުގެ މަގު އެ ހިފެނީޔޭ
ޚުރާފާތުގެ ނުބައިކަންކަން ކުރާން ޖެހިލުން ސަފުން ނުވަމުން
ފުރާނަޔަކަށް ނުދެވި ޙުރުމަތް ތުރާ ގިނަގުނަވި ދެވެނީޔޭ
ރިސާލަތުގައި ބަޔާންވެ އެނގޭ ޙިސާބުގެ ބޮޑުދުވަސް ބިރުހުރި
އިސާހިތު އަތުވެދާނެ ގޮތުން އިޝާރާތް ހުރި ނުބެލެނީޔޭ
ތިމާގެ ފުރާނަޔާ ޖިސްމާ ޙިމާޔަތް ވާނެ ގޮތް ހޯދާން
ދިމާޔަށް ޖަންނަތާ ދިއުމަށް ވިމާތް ދީނަށް ނުބެލެނީޔޭ