Support Us

ކޮލަމް ކޯދު: ލަފްޒަކާއި އޭގެ މާނައިގެ މައްޗަށް ބަލާލުން- ދަޖަލުސީންނާއި ދަޖަލުސީ ވާހަކަ

މިއީ މި ދޭތެރެއިން އަޑު އެހި ލަފްޒެއްގެ ވާހަކައެކެވެ. ލަފްޒަކީ 'ސޮނޮލިގޮސްޓަރ' (snollygoster) މިއެވެ. މި ލަފްޒުގެ މާނައަކީ އެއްވެސް މަބްދައެއް، އުސޫލެއް، އާދެ، އަޚުލާގީ މިންގަނޑެއް ނެތް، ތިމާގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތުގެ މަތިން، އޭނާގެ ވާހަކަތައް ބިނާކުރާ ސިޔާސީ މީހާއެވެ. މި ލަފްޒުގެ އަސްލު ހޯދާލަން ކުރި މަސައްކަތުން އެނގުނު އެއްޗަކީ މީގެ އަސްލު އައިސްފައިވާ ގޮތް މާ ސާފު ނޫންކަމެވެ. ލަފާކުރެވެނީ މީގެ އަސްލު ގުޅެނީ 'ރޫހު' އާކަމެވެ. އާދެ، ހަލުވިކަމާއެކު ހަރަކާތްތެރިވާ އެއްޗެކެވެ. މި ނަންގަތް ފަދަ ސިޔާސީވެރިންނަކީ ކަންކަމާ ދޭތެރޭ އެމީހުން ދެކޭ ގޮތް، އެމީހުންގެ މަސްލަހަތު ނިޔާކުރާ ގޮތުން ވަރަށް އަވަސްއަވަހަށް ބަދަލުކުރާ ބަޔަކަށް ވުމުން، އެމީހުން ދެކޭ ގޮތް، ރޫހެއް ހަަރަކާތްތެރިވާ ގޮތަށް، އެއްވެސް ހިފެހެެއްޓުމެއް ނެތި ހަރަކާތްތެރިވާތީއެވެ.

މި ބަހުގެ ދިވެހި ލަފްޒެއް ހެދޭތޯވެސް މަސައްކަތްކޮށްލީމެވެ. ހިތަށް އައީ 'ދަޖަލުސީ' މި ލަފްޒެވެ. ދަޖަލުސީ ނެގިފައިވަނީ ދެ ލަފްޒަކުންނެވެ. 'ދަޖަލުކުރުން' މި ލަފްޒާއި 'ސިޔާސީ’، މި ދެލަފްޒުންނެވެ. ދަޖަލުކުރުމުގެ މަގުސަދަކީ ފަހަރެއްގައި ވެސް ހައްގާ ހަމައަށް ވާސިލުވުމެއް ނޫނެވެ. އެކަމުގެ މަގުސަދަކީ، ހަގީގަތަކަށް ކުޑަކޮށްވެސް ބެލުމެއް ނެތި، ތިމާ ދެކޭ ގޮތް އެއީ ރަނގަޅު ގޮތް ކަމަށް ހަދަން ކޮންމެ ފަދަ ވާހަކައެއް ވެސް ދެއްކުމެވެ. ނަތީޖާއަކީ ކަންކަން ސާފުވުމެއް ނޫނެވެ. ހައްގު ގޮތް އެނގުމެއް ނޫނެވެ. ހައްގާ ހަމައަށް ވާސިލުވުމެއް ނޫނެވެ. ކަންކަން އިތުރަށް އޮޅުންބޮޅުން ވުމެވެ. އާދެ، 'ދަޖަލު’ވުމެވެ. އެއްބައި އިިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ދައްޖާލު އިޝާރަތްކުރަނީ މިފަދައިން ހަގީގަތް އޮޅުވާލުމާ މީހަކަށެވެ. ފަހު ޒަމާނުގައި 'ދައްޖާލުން' ހަގީގަތް އޮޅުވާލައިގެން ވާހަކަތައް ދައްކާ މީހުން އިތުރުވާނޭ ކަމެވެ.

ކޮންމެއަކަސް، އަދުގެ ސިޔާސީ މަސްރަހުން މުޅިންހެން ވެސް މިފެންނަނީ 'ސޮނޮލިގޮސްޓަރު’ންނެވެ. ދައްޖާލުވެރި ސިޔާސީ މީހުންނެވެ. އާދެ، ދަޖަލުސީންނެވެ. ބޭނުމަކީ ކަންކަމުގެ ހަގީގަތް ހޯދުމެއް ނޫނެވެ. ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ތިމާ ދެކޭ ގޮތް ރަނގަޅުކުރުމެވެ. މިކަމަކާ ގުޅޭ ކުޑަ ވާހާކައެއް ލިޔެލާނަމެވެ.

ކުރިމަތިން، ތަންކޮޅެއް ދުރުން އޮތް ފެންގަނޑެއްގެ ކައިރީގައި ކޮންމެ ވެސް އެއްޗެއް އޮތްތަން، މަގުމަތިން ހިނގަމުން ދިޔަ ދެ މީހުންނަށް ފެނުނެވެ. ދެމީހުން ކުރެ އެކަކު ބުނީ އެ ފެންގަނޑު ކައިރީގައި އޮތީ ބުޅަލެއް ކަމެވެ. އަނެކަކު ބުނީ އެ ތާނގައި އިނީ ދޫންޏެއް ކަމެވެ. ކޮންމެއަކަސް މި މައްސަލާގައި އެކަކު އަނެކަކާ ޒުވާބުކުރަމުން، ކޮންމެ މީހަކުވެސް އޭނާގެ ގޮތް ދިފާއުކުރަމުން ފެންގަނޑާ ކައިރިވަމުން ދިޔައެވެ. އަދި، ފެންގަނޑާ އަރާ ހަމަވުމުން، ފެންގަނޑުން ފެންބޯން އިން ދޫނި އުދުހި ދުވެ ދިޔައެވެ. މި ހިސާބުން، ފެންގަނޑުގައި އޮތީ ބުޅަލެއް ކަމަށް ދައުވާކުރި މީހާ ބުންޏެވެ. "އުދުހިިފައި ދިޔަ ކަމުގައި ވިިޔަސް އެއީ ބުޅަލެކެވެ!"

އާދެ، އަދުގެ ބަހުސުތަކުގައި، ސިޔާސީ ވިޔަސް، އަދި، ބައެއް ފަހަރު ސިޔާސީ ނުވިޔަސް، ފެންނަނީ ދަޖަލުސީން ދަޖަލުސީކޮށް ވާހަކަދައްކާ ތަނެވެ. ކޮންމެ މީހަކުވެސް އެމީހަކު ދެކޭ ގޮތް، ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ދިިފާއުކުރަން އުޅޭ ތަނެވެ. ހަގީގަތް އެއްފަރާތްކޮށްލާފައެވެ. ދެ މިސާލު ލިޔެލާނަމެވެ.

ފުރަތަމަ މިސާލު ގުޅެނީ 'އިންޑިޔާގެ ސިފައިން' ރާއްޖޭގައި ތިބުމުގެ މައްސަލައާއެވެ. އެކަމަކީ ގައުމުގެ ސިޔާދަތާއި މިނިވަންކަމާ ފުށުއަރާކަމެއް ކަން ފާހަގަކުރެއެވެ. އަނެއް ބަޔަކު އެންމެ ފުރަތަމަ މިއީ ހަގީގަތެއް ނޫންކަން އިއުލާނުކުރިއެވެ. އާދެ، އުދުހިފައި ދިޔަކަމުގައި ވިޔަސް، އެއީ ބުޅަލެކޭ ބުނާ ފަދައިންނެވެ. ދެން، މިހެން ބުނެވުނުކަން ހަނދާނުން ފިލައި ދިޔައެވެ. ދެން ފެނުނީ އިންޑިޔާގެ 'ހިލޭ' އެހީތަކުގެ ވާހަކައެވެ. މި ހިލޭ އެހީ އަކީ ހިލޭ އެއްޗަކަށް ނުވިކަމުގައި ވިޔަސް ވެހެވެ. ރާއްޖެއިން ގަނެގެން ގެނައި އެތައް ޓަނުގެ ކާޑުވެސް އެއީ ހިލޭ ލިބުނު އެއްޗެއް ކަމުގައި ވިޔެވެ. ނަމަވެސް، ސަރުކާރުން މި ކާޑު އާންމުންނަށް ވިއްކި ކަމެއް ހަނދާނެއް ނެތެވެ. ހިލޭ ލިބުނު އެއްޗެއް އެންމެނަށް ނުބެހުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. މިކަހަލަ ދަޖަލުސީ އެތައް ވާހަކަތަކެކެވެ.

އަނެއް މިސާލު ގުޅެނީ ޒިންމީ މި ލަފްޒާއެވެ. ބަޔަކު ރަށެއްގައި ކުރި އަޅުކަމަކީ ރާއްޖޭގެ ގާނޫނު އަދި ތަން ނުދޭ ކަމެއްކަން ބައެއް ދިވެހިން ފާހަގަކުރުމުން، މިކަމާ ވިދިގެން ޒިންމީންގެ ވާހަކަ ނެގުނެވެ. ޒިންމީންގެ މާނައަކީ ކޮބައިކަމާއި އަދި ރާއްޖޭގައި މި ހިނގި މައްސަލައާއި ޒިންމީންނާ ގުޅެނީ ކިހިނެއްކަމެއް ބަޔާންކުރުމެއް ނެތި، އަދި، ކަމުގެ ހަގީގަތަކީ ކޮބައި ކަމެއް ވެސް ބެލުމެއް ނެތި، އެ ކުރެވުނު ކަމެއްގައި މައްސަލައެއް ނެތްކަން ދެއްކުމުގެ ގޮތުން އެ މައްސަލައާއި ޒިންމީންނާ ގުޅުވާލީއެވެ. ޒިންމީނަކީ ކޮން ބައެއްކަމާއި އަދުގައި އެ ނަން އެއްވެސް ބައެއްގެ މައްޗަށް ހިންގާލެވޭނޭ ފަދަ ބައެއް ނެތްކަން ވެސް ދެނެގަންނާކަށް ބޭނުމެއް ނޫނެވެ. ބޭނުމަކަށްވީ ތިމާ ތާއީދުކުރާ ބައެއް ދިފާއުކޮށް އެ ބައެއްގެ ސިޔާސަތު ރަނގަޅު ކުރުމެވެ. މިއީ އުދުހިފައި ދިޔަކަމުގައި ވިޔަސް ފެނުނީ ބުޅަލަކަށްވާ ފަދައިން ދަޖަލުސީއެއްގެ ވާހަކައެކެވެ. ޒިންމީންގެ މައްސަލައަކީ އެ ބުނާ ދީނީ އަޅުކަމުގެ މައްސަލައާ ގުޅުވާލެވޭނޭ މައްސަަލައެއް ނޫނެވެ. އާދެ، އެއީ ހަމަ އަނެއްކާ ވެސް ދަޖަލުސީއެއްގެ ދަޖަލުސީ ފަދަ ވާހަކައެކެވެ.