Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާނަ ނޭނގޭ ލަފްޒަށް މާނަ ހަދައިގެނެެއް ނުގެނެވޭނެއެވެ!

ދިވެހިބަހަކީ، ވޭތުވެދިޔަ ޒަމާންތަކުގައި ނުހަނު ފުރިހަމައަށް އެއްވެސް ކިލަނބުކަމެއް ނެތި އޮތް ފުރިހަމަ ޚާލިޞް ބަހެކެވެ. ބޭރުބަހެއް އުނގެނުމަށްޓަކައި އެބަހެއް ކިޔަވާ ކިޔެވުމެއް ފިޔަވައި އެއިރުގެ ފެންވަރުން ތަޢުލީމު ދެވެނީ ވެސް ދިވެހި ބަހުން ކަމަށް ވާތީއެވެ.

ނަމަވެސް މިޒަމާނު ދިވެހި މާއްދާއެއް ފިޔަވައި ތަޢްލީމު އުގެނުމުގެ ރަސްމީ ބަހަކަށްވެފައި އޮންނަނީ ވެސް ބޭރު ބަސްބަސް ކަމަށްވުމުން، އުފެދިގެން އަންނަ ޒުވާން ޖީލުތަކަށް ދިވެހިބަހުން އުނގެނެވެނީ ވެސް ދޭހަވަނީ ވެސް ވަރަށް ކުޑަކުޑަ މިންވަރެކެވެ. ނަތީޖާއެއްގެ ގޮތުން މިއަދުގެ ޒުވާން ޖީލަށް ވާހަކަ ދެއްކުމުގައި ވެސް ބޭރުބަސް ނުހިމަނައި ވާހަކަ ނުދެއްކޭ ޙާލަތަށް ދިވެހިބަސް އޮތީ ދިވެހީން އަތުން ދޫވެފައެވެ. އަމުދުން ހަރުބަސްބަހާއި މަޖާޒުތަކާއި މިސާލު ބަސްބަސް ވެސް ޒުވާން ޖީލަށް ފަހުމު ނުވާން ފަށައިފިއެވެ. އެކަންކަން އެހެން ހުއްޓައި މިހާރަށް މާނަ ނޭނގިފައި ހުރި ދިވެހި ބަހުގެ ފުރިހަމަ ލަފްޒުތަކަށް މާނައެއް ހަދައިގެން މާނަ ގެނައުމުގެ ކަންކަން ކުރާ ކަމަށް ބަސްފޮތުގެ ބައެއް ލަފްޒުތަކުގެ މާނަތަކަށް ބަލައިލުމުން ފެނެއެވެ. ބަހެއްގައި އޮންނަ ލަފްޒަކަށް ހަދައިގެން މާނައެއް ގެނައުމަކީ، ބަހެއް އޮޅުންބޮޅުންވެ ހަލާކުވެގެންދާނެ ސަބަބެކެވެ.

ބަހެއްގައި އޮންނަ ލަފްޒަކަށް ހަދައިގެން މާނައެއް ގެނައުމެއް ނޯވެއެވެ. ނަމަވެސް، މާނަ ނޭނގިފައި އޮންނަ ލަފްޒަކަށް މާނަ ހޯދާނަމަ އެބަހަކުން ހުރި ލިޔުންތަކުގެ ތެރެއަށް ފީނައިގެން މާނަ ހޯދުން އޮވެއެވެ. ނުވަތަ މާނަ ހޯދޭތޯ މަސައްކަތް ކުރުން އޮވެއެވެ. އެގޮތުން ހޯދާ ހޯދުމުން ނުފެނުނީވިއްޔާ މާނަ ހޯދޭންދަކަށް މާނަ ނޭނގޭ ލަފްޒުތަކެއްގެ ގޮތުގައި އެފަދަ ލަފްޒުތައް ހުންނާނީއެވެ.

ނަމަވެސް، ދިވެހި ލަފްޒުގެ އަކުރާ، އަކުރާއި އަޑުން ވެސް އެއްގޮތް ބޭރު ބަހެއްގެ ލަފްޒެއްގައި އޮންނަ މާނައަކީ ދިވެހިބަހުގެ މާނަ ނޭނގި އޮތް ލަފްޒެއްގެ މާނަ ކަމުގައި ކަނޑައަޅައިގެނެއް ނުވާނެއެވެ. ސަބަބަކީ، ދިވެހިބަހުގެ ބަހުރުވަތަކުން މިހާރަށް މާނަ ނޭނގިފައި އޮތް، ބޭސްވެރިކަމުގެ ބަހުރުވައިގެ ލަފްޒަކަށް ހެދި މާނައެއް ގެންނަ ފަހުން، އެ ލަފްޒުގެ މާނަ ގަދީމީ ލިޔުމަކުން ފެނިއްޖެ ޙާލަތެއްގައި އަރާފާނެ އޮޅުމުގައި ބޭހެއް މުރައްކަބު ކުރުމުގައްޔާއި އަދި އެބޭހަކުން ނެރެވޭ ތާސީރަށާއި ވަޒަނަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ ވަރަށް ބޮޑު އަސަރެއް ކުރުމަކީ، ނުވާނެ ކަމަކަށް ނުވާނެތީއެވެ. އެ ނަޒަރުން ބަލާނަމަ، ދިވެހި ބަހުގައި އޮތް "ބައިތު" ކިޔާ ލަފްޒާއި ޢަރަބި ބަހުގައި އޮންނަ "ބައިތު" ކިޔާ ލަފްޒު، އަކުރާއި އަޑުގެ ގޮތުން ކިތަންމެ އެއްގޮތްކަމުގައި ވިޔަސް މާނައިގެ ގޮތުން އެއްގޮތްކަމުގައި ނިންމޭނެ ގޮތެއް ނެތަތީއެވެ.

އެހެންކަމުން، އެފަދަ ދޯދިޔާ ކަންކަން ކޮށްގެން ދިވެހި ބަހުގެ އަޞްލުތައް އަންނާން އޮތް ޖީލުތަކަށް ގެއްލިގެންދާ ފަދަ ނޭދެވޭ ދެރަ ޒާތުގެ ކަންކަން ބަހުގެ ބެލެނިވެރި އެއްވެސް ފަރާތަކުން ކޮށްގެނެއް ނުވާނެއެވެ. އެހެނީ، ކޮންމެ ލަފްޒަކީ ވެސް އެ ލަފްޒަކަށް ޚާއްޞަވެގެންވާ ވަކި މާނައެއްގައި އުފެދިފައި އޮންނަ ލަފްޒެއްކަމުގައި ވެފައި، ކިތަންމެ އެއްގޮތް ކަމުގައި ފެނުނަސް ދެލަޒެއްގައި އެއްމާނައެއް، އަދި އެއް ލަފްޒެއްގައި ދެމާނައެއް، އެކަހެރި ޙާލަތެއްގައި އޮންނައިރަކު ނޯންނާތީއެވެ. ނަމަވެސް، ޖުމްލައެއްގައި ލަފްޒެއް އަދާކުރާ ދައުރުގެ ގޮތުންނާއި މަޤާމުގެ ގޮތުން، އެއްލަފްޒެއް، ތަފާތު މާނައިގައި ފާޅުވާތީ ފެންނާނެއެވެ.

ބަހަކީ، މިއަދު މިތިބަ މީހުންގެ އެކަނި މިލްކެއް ނޫނެވެ. ބަހަކީ ފާއިތުވެދިޔަ މީހުންނާއި މިހާރު ތިބަ މީހުންނާއި އަންނާން އޮތް ޒަމާންތަކުގެ މީހުންގެ ވެސް މިލްކެކެވެ. ޙައްޤެކެވެ. ކަންކަން ބެލެހެއްޓުމުގެ ބާރުވެރިކަމެއް މަތިކުރެވިފައި އޮތުމަކީ، ބަހުގެ ޙައްޤުތައް ހަނދާން ނެތޭންވީ ސަބަބެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. މީނާއަށް މި ކިޔޭ އެއްޗެއް ވެސް އެނގޭހެނެއް ހިޔެއް ނުވޭ. އެއް ލަފުޒެއް އެކަހެރިކޮށް އޮންނައިރު ކިތަންމެ މާނައެއް ހުންނަ ލަފުޒު ކޮންމެ ބަހެއްގައި ވެސް ހުންނަކަން އެންމެ އާދައިގެ މީހާއަށް ވެސް އެނގޭނެއެވެ. .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *