Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ވަހުމީ ފައިސާ

ފަގީރު ރަށެއްގެ އެންމެން ދަރަނިވެރިވެ، އެކަމުގެ ތެރެއަށް ގެނބިގެން ދިޔައެވެ. އެހެން ތިއްބާ އެ ރަށަށް ވަރަށް ބޮޑު މުއްސަންޖެއް ޒިޔާރަތްކުރިއެވެ. އެ މުއްސަނދި މީހާ ރަށުގެ ހުރި ހަމައެކަނި ހޮޓަލަށް ފޭބިއެވެ. އަދި، ކައުންޓަރުގައި އިން މީހާ އަތަށް، ޑިޕޮސިޓެއްގެ ގޮތުގައި، ސަތޭކަ ޔޫ.އެސް. ޑޮަލަރު ދީފައި ހޮޓަލުގެ ކޮޓަަރިތައް ދައްކާލަން އެދުނެވެ. އޭނާއަށް އެންމެ ރަނގަޅު ކޮޓަރިއެއް ހޮވައި ޚިޔާރުކުރުމުގެ ބޭނުމުގައެވެ.

މުއްސަނދި މީހާ ހޮޓަލުގެ ކޮޓަރިތައް ބަލަން ދިޔަ ވަގުތު، ހޮޓަލުގެ ވެރި މީހާ އައިސް އެއްކަލަ ސަތޭކަ ޑޮލަރު ނެގިއެވެ. ނަގައިގެން މަސްވިއްކާ ފިހާރައަށް ދިޔައެވެ. ހޮޓަލުގެ މެހެމާނުންނަށް ކާންދޭން ދަރަންޏަށް ގަނެފައިވާ މަހުގެ އަގު ދެއްކުމަށްޓަކައެވެ.

މަސްފިހާރައިގެ ވެރިމީހާ ވަރަށް އުފާކުރިއެވެ. ސަތޭކަ ޑޮލަރު ލިބި، އޭނާގެ ދަރަނިތައް ފުއްދޭ ގޮތް ވުމުންނެވެ. އެހެންވެ، އޭނާ އަވަސްވެގަތީ ގެރި ބަކަރި ގެންގުޅޭ މީހާއާ ބައްދަލުކުރުމަށެވެ. ބައްދަލުކޮށް އޭނާއަށް ސަތޭކަ ޑޮލަރުދީ މަސްފިހާރައިގެ ސޭޓުގެ ދަރަނިތައް ޚަލާސްކުރިއެވެ.

ދެން، ގެރި ބަކަރި ގެންގުޅޭ މީހާ ވެސް މިކަމާ ވަރަށް އުފާކުރިއެވެ. ސަބަބަކީ ގެރިބަކަރިއަށް ކާންދޭން ހުއި ދަރަންޏަށް އޭނާ ނަގައިފައިވާތީއެވެ. އެހެންވެ، ދެން، ހުއި ވިއްކާ މީހާ ކައިރިއަށް އޭނާ ގޮސް އޭނާގެ ދަރަނީގެ ކަންތައް ނިންމިއެވެ.

ހުއި ވިއްކާ މީހާ ވެސް އޮތީ އެންމެ ފަހުން ގެނައި ހުއިތަކުގެ އަގު ނުދައްކައެވެ. އެހެންވެ، ހުއި ގެނައި މީހާއާ ބައްދަލުކޮށް ސަތޭކަ ޑޮލަރުދީ އޭނާގެ ދަރި ވެސް ފުއްދައި ނިންމިއެވެ.

އެ ވަގުތު ހުއި ހިފައިގެން އައި މީހާ ހުރީ އެއްކަލަ މުއްސަނދި މީހާ ކޮޓަރި ބަލަން ދިޔަ ހޮޓަލުގައެވެ. ނަމަވެސް، އޭނަ ވެސް އޭނާ ހޮޓަލުގައި ހުރުމުގެ ކުލި އޭރު ދައްކާނެ ގޮތެއް ނެތެވެ. ނަމަވެސް، ސަތޭކަ ޑޮލަރު ލިބުމުން އެކަން ކުރާނެ ގޮތް މެދުވެރިވެ، ހޮޓަލުގެ ވެރި މީހާއަށް އަވަހަށް ސަތޭކަ ޑޮލަރުދީފައި ކޮޓަރީގެ ކުލި އަދާކުރިއެވެ.

ދެން، ހޮޓަލުގެ ވެރި މީހާ، މުއްސަނދި މީހާ ހޮޓަލުގެ ރިސެޕްޝަނަށް އައުމުގެ ކުރިން، ރިސެޕްޝަނުގެ ކައުންޓަރާ ސަތޭކަ ޑޮލަރު ހަވާލުކުރިއެވެ. އޭގެ ހަމަ ވަރަށް ކުޑައިރުކޮޅެއްގެ ފަހުން، މުއްސަނދި މީހާ އެތަނަށް އައެވެ. އަދި، އޭނާއަށް ކަމުދާ ކޮޓަރިއެއް ހޮޓަލުގައި ނެތުމުން، އޭނާގެ ސަތޭކަ ޑޮލަރު ހިފައިގެން އެނބުރި ޖެހިގެން އޮތް ރަށަށް ދާން އޭނާ ފުރިއެވެ.

އާދެ، ރަށުގެ އެކަކަށް ވެސް އެ ސަތޭކަ ޑޮލަރުން، އެންމެންގެ ދަރަނި ދައްކާލެވުން ނޫން އިތުރު ފައިދާއެއް ނުކުރެއެވެ. ކާރލް މާކްސްގެ ނަޒަރުގައި ރައުސްމާލިއްޔަތު އުފައްދާ ފައިސާގެ ހަގީގަތަކީ މިއެވެ. އެއީ ވަހުމީ ފައިސާއެކެވެ. އެއްވެސް ހަގީގަތެއް ނެތް ފައިސާއެކެވެ.

ހަގީގަތެއް ނެތް އެ ފައިސާ ބޭނުންކޮށްގެން، އެ ބަހީ އެ މީހުންގެ ބޭންކުތަކުގައި ހަގީގަތުގައި ނެތް ފައިސާ ބޭނުންކޮށްގެން، މުއްސަނދި ގައުމުތައް ކަންތައް ކުރާ ގޮތަކީ ފަގީރު ގައުމުތައް އަޅުވެތިކުރުމެވެ! މުއްސަނދި މީހާ ކުޑަ ހިނދުކޮޅަކަށް ދޫކޮށްފައި ދިޔަ ސަތޭކަ ޑޮލަރު ފަދަ ލޯނުތައް ދީގެންނެވެ. ނަމަވެސް މި ފަދަ ލޯނުތައް ބޭނުންކޮށްގެން ފަގީރު ގައުމުތައް ކަންތައް ކުރާ ގޮތަކީ ކޮބައިހެއްޔެވެ؟ އެ މީހުންގެ ލޯނުތައް ދެއްކުމުގައި އުޅުމެވެ. ދެން، މި މި ފަދަ ވަހުމީ ފައިސާ ބޭނުންކޮށްގެން އެ ގައުމުތަކުގެ މުއްސަނދިން މުއްސަނިކޮށް ފަގީރުން އިތުރަށް ފަގީރުކުރުމެވެ. މި ފަދައިން ކަންތައް ކުރުމުގެ އާޚިރު ނަތީޖާއަކީ ލޯނުތައް ވެސް ނުދެއްކޭ ގޮތްވެ، ތަނުގެ ހަރުމުދާ، ތަނުގެ އާންމުންގެ އަތުން ބީވެގެން ދިޔުމެވެ. އަދި، އެކަމުގެ ސަބަބުން މުޅި ތަން ވެސް އަޅުވެތިވެ، އާންމު ރައްޔިތުން ނިކަމެތިވުމެވެ. ދެން، ތަނުގެ މުއްސަނދިން ހެއްޔެވެ؟ އެ ހިސާބަށް ކަންތައް ދާއިރު، އެ މީހުން އިށީންނާނެ އެތައް ހާއްޔެއް އެމީހުން އޮންނާނީ ބޭރުން ހޯދާފައެވެ!

(ތަރުޖަމާއެއް)