Support Us

ކޮލަމް ކޯދު: ލަވައެއް ކުރާ ސުއާލެއް

އޭ ނިދާފައި ތިބި މީހުންނޭވެ!

ހޭލައި މަ މިބުނާ އެއްޗެއް އަޑުއަލާލަ ބަލާށެވެ!

އަހަރެން މިކުރާ ސުއާލުގެ ޖަވާބެއް ހޯދައިދީބަލާށެވެ!

މާލީ ހާލަތުގެ މައްޗަށް ބަލައި މީހުން ތަފާތުކުރެވެނީ ކީއްވެ ހެއްޔެވެ؟

މުއްސަނދިންނަށް މޮޅު ގޮތް ލިބުން އޮންނަނީ ކީއްވެ ހެއްޔެވެ؟

އެ މީހުންގެ ދަރިން މީހުން މެރިޔަސް ނޫނީ މަރަން އުޅުނަސް…

އެ މީހުންގެ ދަރިން ކުށްވެރިނުވަނީ ކީއްވެ ހެއްޔެވެ؟

ވަކި ބައެއްގެ މައްޗަށް ގާނޫނު ހިނގާފައި

އަނެއް ބައެއްގެ މައްޗަށް ގާނޫނު ނުހިނގަނީ ކީއްވެހެއްޔެވެ؟

 

އޭ ނިދާފައި ތިބި މީހުންނޭވެ!

ހޭލައި މަ މިބުނާ އެއްޗެއް އަޑުއަލާލަ ބަލާށެވެ!

އަހަރެން މިކުރާ ސުއާލުގެ ޖަވާބެއް ހޯދައި ދބަލާށެވެ!

މުއްސަނދިވުމުން، ޖާހިލުކަން ފިލައިދަނީ ކިހިނެއް ހެއްޔެވެ؟

ނުދަތުން ދަތުމަށްވެ، ނުއެނގުން އެނގުމަށްވަނީ ކިހިނެއް ހެއްޔެވެ؟

އިސްކޫލެއް ހުންނަ މަގަކުން ދުވަހަކު ނުހިގިޔަސް ވެހެވެ؟

އެދުރެއް ކައިރިއަށް ދުވަހަކު ވެސް ނުދިޔަޔަސް ވެހެވެ؟

ކިތާބެއްގެ ފޮތެއްގެ ގަނޑެއް ދުވަހަކު ވެސް ނުބެލިޔަސް ވެހެވެ؟

އެހެން ވިޔަސް ފައިސާވެރިވުމުން ހުރިހާ ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟

 

އޭ ނިދާފައި ތިބި މީހުންނޭވެ!

ހޭލައި މަ މިބުނާ އެއްޗެއް އަޑުއަހާލަ ބަލާށެވެ!

އަހަރެން މިކުރާ ސުއާލުގެ ޖަވާބެއް ހޯދައިދީބަލާށެވެ!

ފައިސާވެރިވެ، މުދާވެރިވުމުން، ނުބައި ހެވަށް ބަދަލުވަނީ ކީއްވެހެއްޔެވެ؟

ނުބައި ފާސިދު މީހުން ހެޔޮ ލަފާ ސޯލިހުންނަށް ވަނީ ކިހިނެއްހެއްޔެވެ؟

މިކަމުގެ ސިއްރަކީ ކޮބައިކަން ހޯދޭނެ ގޮތް ބުނެދީފާނަން ހެއްޔެވެ؟

ފައިސާވެރިވުމުން، ނުލަފާ މީހުން ލަފާ މީހުންނަށް ބަދަލުވާ ގޮތެވެ؟

 

އޭ ނިދާފައި ތިބި މީހުންނޭވެ!

ހޭލައި މަ މިބުނާ އެއްޗެއް އަޑުއަހާލަބަލާށެވެ!

އަހަރެން މިކުރާ ސުއާލުގެ ޖަވާބެއް ހޯދައިދީބަލާށެވެ!

އަހަރުމެންގެ މެދުގައި ހިތާމަ ހިއްސާ ކޮށްލެވޭނެ ނަމައެވެ!

އެންމެންގެ ހިތުގެ ވޭންތައް އެންމެން ވެގެން އުފުލަން އުޅޭނެ ނަމައެވެ!

އަހަރުމެންނަށް އިންސާނުންނޭ ކިޔޭ ނޫން ހެއްޔެވެ؟

މިފަދައިން އޯގާތެެރިވުމަކީ އިންސާނިއްޔަތާ ބެހޭ ކަމެއް ނޫން ހެއްޔެވެ؟

އަހަރުމެންގެ ކިބައިގައި އިންސާނިއްޔަތުކަން އަލުން ދިރުވާލެވިއްޖެ ނަމައެވެ!

އޭރުން ހިތާމަތަކާއި ވޭންތަކަށް ލުއި ލިބިގެންދާނެއެވެ!

އުނދަގުތަކާއި ދަތިތަކަށް ވެސް ލުއި ލިބިގެންދާނެއެވެ!