...

Support Us

ކޮލަމް ކޯދު: ޒުވާބުދިނުމާއި ޒުވާބުކުރުން

ބަހުސްކުރުމުގައި ބަހައްޓަން ޖެހޭ އަދަބުތައް ހިފެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. އާދެ، އެކަކުއަނެކަކަށް އިހުތިރާމުކުރުމާއި، ޒާތީގޮތުން އެއްކިބާވެހުރެ، ބަހުސްކުރެވޭ ނުކުތާއަށް އަމާޒުކޮށް، ބުނަން ބޭނުންވާ އެއްޗެއް ބުނުމާއި، ފާޅުކުރެވޭ ޚިޔާލަކީ، ވީވަރަކުން، ބިނާކުރުވަނިވި ޚިޔާލަކަށް ހެދުމާއި، ސިކުނޑި ހުޅުވައިލައިގެން ހުރެ ބަހުސްކުރުމެވެ.

ޝައްކެތްނެތެވެ. އެކިއެކި މައްސަލަތަކާ ބެހޭގޮތުން ބަހުސްކޮށް ފާޑުކިޔަމުންދާ އިރު، ބަހުސްކުރުމުގެ އާންމު އަދަބުތައް ނުހިފެހެއްޓިއްޖެ ނަމަ، ފާޑުކިޔުމުގެ ބޭނުމަކަށް، މަގުސަދަކަށް، ވެފައި އޮންނާނީ، ހަމައެކަނި ކުށް ފާހަގަކުރުމާއި އަމިއްލަކޮޅަށް ޕޮއިންޓު ހޯދުމެވެ. ބަހުސްކުރުމުގައި އިދިކޮޅު ރައުޔުތަކަށް އިހުތިރާމު ނުކޮށް، އަދި ބަހުސްކުރުމުގެ އަދަބީ ހަމަތަކުން އެއްކިބާވެ ހުރެ، ޒާތީ ގޮތް ބޭނުންކުރެވޭ ނަމަ، މައްސަލައިގައި ޒުވާބުދިނުން (އާގިޔުމެންޓް) ފުރޮޅިގެންދާނީ ޒުވާބު ކުރުމަކަށެވެ (ކުވަރަލް އަކަށެވެ). އެއްވެސް އިލްމީ ފައިދާއެއް ނެތް، ބޭއަދަބީ ބޮޑު އަރާރުންގަނޑަކަށެވެ.

މިވެނި ކަމެއް ގޯހޭ ބުނެ، އެކަން ގޯސްވަނީ ކިހިނެއް ވެގެންކަން ހެއްކާއެކު ބަޔާން ކޮށްދިނުމުން، އޭގެ ރައްދުގައި ކުރިން ވެސް އެކަން އޮތީ އެހެންނޭ ނޫނީ މިވެނި މީހަކު ވެސް ކަންތައް ކުރީ ގޯސްކޮށްނޭ ބުނުމަކުން، އެކަމަކަށް ރައްދެއް ނުދެވެއެވެ. ޒުވާބު ދިނުމަކަށް ނުވެއެވެ. އެފަދައިން ވާހަކަ ކުރިއަށް ގެންދެވޭ ނަމަ، އެކަން ބަހުސަކަށް ނުވެއެވެ. އޭރުން އެކަން ފުރޮޅިގެން ދަނީ ޒުވާބުކުރުމަކަށެވެ. ކޮންމެ ވެސް އެއްޗެކޭ ކިޔާފައި، ތިމާގެ ކޮޅު ރަނގަޅުކުރަން އުޅުމާއެވެ. ތިމާގެ ކޮޅު ރަނގަޅު ނޫންކަން އެނގޭ އިރު ވެސް މެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.