Support Us

ކޮލަމް މާޒީ: "ނުރައްކާތެރި" މި ލަފުޒުގެ މާނައާ މެދު އިތުރަށް ވިސްނާންޖެހިފައި…

"ނުރައްކާތެރީ"ގެ މާނަ މިއަދު މިވަނީ އޮޅިފައެވެ. މުންކަރާތްތަކާއި ޣައިރުއިސްލާމީ ޝިޢާރުތަކާއި ފާޙިޝް ފޮޓޯތައް ޢާންމުކުރާން މަގުފަހިވުމަކީ މުޖުތަމަޢަށް ނުރައްކާތެރިކަމެއް ނޫންކަމަށް ބުނާ ވާހަކައެއް އަޑުއިވުމަކީ މި ކަމާ މެދު ވިސްނައިލާން ޖެހުނު ކަމެކެވެ. އެހެނީ މިހާތަނާ ޖެހެންދެން "ނުރައްކާތެރީ"ގެ މާނަ އަޅުގަނޑަށް އެނގިފައިވާ ގޮތަށް ބަލާއިރު، މި ފަދަ މުންކަރާތްތައް މުޖުތަމަޢަށް ފެތުރޭނެ ދޮރުތައް ހުޅުވިފައިވުމަށް ވުރެ، އިސްލާމީ މުޖުތަމަޢަކަށް ނުރައްކާތެރި އެހެންކަމެއް އޮންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންކަމުން މި ލަފުޒުގެ މައްޗަށް ތަންކޮޅެއް ފުންކޮށް ވިސްނައިލާން މަޖުބޫރުވީއެވެ.

"ނުރައްކާތެރި" މި ލަފުޒުގެ މާނަ ދެނެގަތުމަށް ޓަކައި އެންމެ ފަސޭހަ ގޮތަކީ "ރައްކާތެރި" މި ލަފުޒުގެ މާނަ ދެނެގަތުމެވެ. ދިވެހި ބަސްފޮތުގައި "ރައްކައުތެރި" މި ނަންއިތުރު އެބަ އޮތެވެ. ތިން މާނައެއް އޮވެއެވެ. އެއީ ސަލާމަތް، ހިމާޔަތް، ނުރައްކަލެއް ނެތް، މި މާނަތަކެވެ. (ޞަފުޙާ:150). ނަމަވެސް "ނުރައްކާތެރި" ނުވަތަ "ނުރައްކައުތެރި" މި ލަފުޒެއް ދިވެހި ބަސްފޮތަކުން އަޅުގަނޑަކަށް ނުފެނުނެވެ. އެހެން ނަމަވެސް "ނުރައްކައު" މި ލަފުޒާއި "ނުރައްކާ" މި ލަފުޒު ވެސް އެބަ އޮތެވެ. މާނައަކަށް އޮންނަނީ "ބިރުވެރި، ނާމާން، ގެއްލުން ލިބެނިވި،" މި ތިން މާނައެވެ. ވީމާ "ރައްކައު" ނުވަތަ "ރައްކާ" މި ލަފުޒުގެ ފަހަތަށް "ތެރި" މި އެކަ އިތުރުކޮށްގެން "ރައްކައުތެރި" އުފެދިފައިވާ ގޮތަށް "ނުރައްކާގެ" ފަހަތަށް "ތެރި" އިތުރުކޮށްގެން "ނުރައްކާތެރި" ކިޔޭނެކަމަށް އަޅުގަނޑަށް ފެނެއެވެ. އަދި މިއީ ވަރަށް އާންމުކޮށް ބޭނުންކުރާ ލަފުޒެއް ވެސްމެއެވެ. ކޮންމެވެސް ސަބަބަކާ ހުރެ އަދި "ދިވެހިބަހުގެ ރަދީފު"ން މި ލަފުޒު ފެންނާން ނެތީއެވެ. ފަންނީ މައްސައެއްގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ.

ދިވެހި ބަސްފޮތުގައި ނުވަތަ ދިވެހިބަހުގެ ރަދީފުގައި "ނުރައްކާ" މި ލަފުޒު، މާނައާއެކު އޮތުމުން (ޞަފުޙާ: 128) "ނުރައްކާތެރި"ގެ މާނަ ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. އޭގެ މާނައަކަށްވާނީ ނުރައްކާތެރިކަން ހުރި، ނުވަތަ ނާމާންކަން ހުރި، ނުވަތަ ގެއްލުން ދެނިވި، ނުވަތަ ގެއްލުން ހުރި، މި ފަދަ މާނައެއްކަން ވަރަށް ސާފުކޮށް އެބަ އެނގެއެވެ.

މުޖުތަމަޢަށް "ނުރައްކާތެރި"ކަމަކަށް މި ވަނީ ކޮން ކަމެއްތޯއެވެ؟ އިސްލާމީ މުޖުތަމަޢެއްގައި އިސްލާމް ދީނާ ޚިލާފު މުންކަރާތްތައް ފާޅުގައި ފަތުރާން މަގުފަހިވެފައި އޮތުމަކީ ނުރައްކާތެރިކަމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން އެބަ ވިދާޅުވެއެވެ. ފިރިހެނުން އަންހެން ހެދުން އަޅައިގެން ބަރަހަނާ ފޮޓޯތައް މީސްމީޑީއާގައި ފާޅުގައި ފެތުރުމަކީ މުޖުތަމަޢަށް ނުރައްކަލެއް ހުރިކަމެއް ނޫންކަމަށް ބުނެ، އެ ފަދަ މީހުން ހައްޔަރުކުރުމަކީ ކުރާންޖެހޭނެ ކަމެއް ނޫންކަމަށް "ކަމާ ބެހޭ ފަރާތްތަކުން" އެބަ ނިންމައެވެ. ލިވާޠުކުރުމަކީ ވެސް މުޖުތަމަޢަށް ނުރައްކަލެއް ހުރި ކަމެއް ނޫންކަމަށާއި އެއީ އެ ކަމެއް ކުރާ ދެ މީހަކާ އެކަނި ބެހޭ ކަމެއްކަމަށް "ބޮޑެތި" މީހުންކަމަށް މީހުން ދެކޭ މީހުން އެބަ ބުނެއެވެ. (ސުބްޙާނަﷲއެވެ!) މިއީ އިސްލާމީ ޤައުމެއް ހެއްޔެވެ؟ ނުވަތަ އިސްލާމް ދީނުގެ ނަމުގައި އޮތް މުނާފިޤު ޤައުމެއް ހެއްޔެވެ؟ މި ދެންނެވި ފަދަ މުންކަރާތްތައް ޢާންމުކުރުމުގެ މަސައްކަތް ފާޅުކަން ބޮޑު ގޮތެއްގައި ކުރެވެމުންދާއިރު، މިއީ އިސްލާމީ ޤައުމެއް ނޫނޭ، މިހާރު މިއީ ސެކިޔުލާރ ނުވަތަ ޢަލްމާނީ ދައުލަތެކޭ ފާޅުގައި ބުނާކަށް "އެ މީހުންނަކަށް" ނުކެރެއެވެ. ނަމަވެސް ޢަމަލުތަކުން ފެންނަނީ ޢަލްމާނީ ދައުލަތެއްގެ ސިފަތަކެވެ. ޣައިރުދީނުގެ އަޅުކަންތައް ރަށްރަށުގައި ފާޅުގައި ކުރަނީއެވެ. ބަޔަކު އެ ވާހަކަ މީސް މީޑިއާގައި ހޫނުކޮށްލައިފިނަމަ، "ބަލާންޖެހޭ ކަންކަން ބަލަމުން ގެންދާ"ކަމަށް ބުނެލީމާ އެ ނިމުނީއެވެ. އެކަމަކު، އެއީ ތިމަންނަމެން އަޅައިލާނޭ ކަމެއް ނޫނޭ، މުންކަރާތްތައް ފެތުރުމަކީ ތިމަންނަމެން ތަރުޙީބުދޭކަމެކޭ، ފާޅުގައި ބުނާކަށް ނުކެރެއެވެ. ނަމަވެސް ވިސްނާ ބަޔަކަށް ފެންނަނީ މުންކަރާތްތައް ފެތުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަގުތައް ހުޅުވެމުންދާ ތަނެވެ. އޭގެ އިތުރަށް މުންކަރާތްތައް ނަހީކުރާން މަސައްކަތްކުރާ މީހުންނަށް ހުރަސްއަޅައި އެ ފަދަ މީހުން "ހަރުކަށި" ފިކުރުގެ މީހުންކަމުގައި ލޭބަލުކުރެވޭ ތަނެވެ. އެ މީހުންނަށް ކޮންމެވެސް ގޮތަކުން ޢުޤޫބާތެއް ދެވޭތޯ "ދަމާ" ތަނެވެ.

އިސްލާމް ދީނަށް ތައުހީނުކުރި، އަދި ކައު ރަސޫލާއަށް މަލާމާތްކުރި މީހުންގެ މައްސަލަ ބަލަމޭ ބުނުން ފިޔަވައި އިތުރު އެއްވެސް ކަމެއް ހިނގާ ތަނެއް ނުފެނެއެވެ. އެ ފަދަ މީހުން "ފިލަނީ"އެވެ. ނުވަތަ ފެންނަނީ ކޮންމެވެސް މަތީ މަގާމެއްގައި އެ މީހަކު މިނިވަންކަމާއެކު އުޅޭ ތަނެވެ. އެއީ މުޖުތަމަޢަށް ނުރައްކާތެރި ޢަމަލުތައް ކަމަށް ނުވާތީއްޔޯލައެވެ. ލިވާޠުކުރުމަކީ އެހެން މީހަކަށް ގެއްލުންވާ ކަމެއް ނޫންކަމަށް ބުނެ ފާޅުގައި މީސްމީޑިއާގައި ގޮވެލިތައް ގޮވަނީއެވެ. ލިވާޠު ކުރުމާއި ގުރޫޕް ހަދައިގެން ފާޙިޝް ޢަމަލުތައް ކުރާ ވީޑިއޯތައް މީސް މީޑިއާގައި ޢާންމުވަނީއެވެ. މި ފަދަ ފޮޓޯތައް ޢާންމުވާ މީހުން ވެސް ލަދުގެ ކަންފުޅެއް ވެސް ނެތި އެކިއެކި ރަސްމިއްޔާތުގައި ވެސް ބައިވެރިވަނީއެވެ. އެއީ އެހެން މީހަކަށް ގެއްލުމެއް ލިބޭނެ ކަމެއް ނޫނޭ ބުނެ، މީސްމީޑިއާގައި ބަޔާންތައް ނެރުމުން އެ ވާހަކަތައް ނޫސްތަކުގެ ސުރުޚީތަކަށް ވެސް އަރުވަނީއެވެ. އެ ފަދަ ބުނުންތައް އިޝްތިހާރު ވެސް ކުރެވެނީއެވެ. އެއީ ޤާނޫނީ ކުށެއްކަން ދަންނަ މީހަކު ވެސް ނެތްކަހަލައެވެ.

މި ފަދަ ކަންކަން މީސް މީޑިއާގައި ތަންކޮޅެއް ހޫނުވެއްޖެނަމަ، ނުވަތަ ނޫސްވެރިއަކު ކަމާބެހޭ ފަރާތެއްގައި ސުވާލެއް ދަންނަވައިފި ނަމަ، "ބަލާންޖެހޭ ކަންކަން ބަލަމުން" ގެންދާ ވާހަކަ ވިދާޅުވުމުން އެ މައްސަލަ ނިމުނީއެވެ.

ބަޔަކު ހިތްހަމަނުޖެހުނަސް މިއީ މިއަދު މި މުޖުތަމަޢުން ފެންނަ ހަގީގަތްތަކެވެ. މީޑިއާއިން ތިލަވާ މަޢުލޫމާތެވެ. ނަމަވެސް އިސްލާމް ދީން ބަޔާންކުރާ ގޮތުގައި މުންކަރާތްތައް ނަހީކުރުމަކީ އިސްލާމީ އުންމަތުގެ މައްޗަށް އޮތް ވާޖިބެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. "وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَأُوْلَـئِكَ هُمُ الْمُفْلِحُونَ." (ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.) (سورة آل عمران:104) މި އާޔަތުން އެނގޭ ގޮތުގައި މުންކަރާތްތައް ނަހީކުރުމަކީ މުޖުތަޢުގެ ވާޖިބެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެ ވަނީ އެކަމަށް އަމުރުކުރައްވައިފައެވެ. އަދި އިސްލާމީ އުންމަތަކީ ހެޔޮ އުންމަތެއްކަމުގައި މާތް ﷲ ލައްވައިފައިވަނީ ވެސް ހެޔޮ ކަންކަމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ ބަޔަކަށް އެ މީހުން ވާތީއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللّهِ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَّهُم مِّنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ." (މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّةކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمرކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّهއަށް إيمانވަމުއެވެ. ފޮތުގެ أهلވެރިން إيمانވީނަމަ، އެއުރެންނަށް އެ ގޮތް ހެޔޮކަން ބޮޑުވީސްކަން ކަށަވަރެވެ. އެއުރެންގެ ތެރެއިން إيمانވެގެންތިބި މީހުންވެއެވެ. އަދި، އޭގެތެރެއިން ގިނަމީހުންނީ فاسقންނެވެ.). (سورة آل عمران:110)

މުންކަރާތްތައް ނަހީކުރުމަކީ ހަމައެކަނި މުޖުތަމަޢުގެ ވާޖިބެއް ނޫނެވެ. އެއީ އިސްލާމީ ދައުލަތެއްގެ ވެރީންގެ މައްޗަށް ވެސް އޮތް ވާޖިބެކެވެ. އެ ފަދަ އުންމަތެއްގެ ބާރުވެރިކަން ލިބޭ ކޮންމެ ބަޔެއްގެ މައްޗަށް އެކަން ވަނީ ވާޖިބުކުރައްވައިފައެވެ. އެކަމަކު އެއީ ﷲ އެންގެވި ގޮތަށް އިސްލާމީ ވެރިކަމެއް ކުރާ ނަމައެވެ. އެ މީހުން މުސްލިމުންނަށް ވާނީ އޭރުންނެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. "الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ" (އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائمކޮށް، زكاةދީ، ހެޔޮކަންތަކަށް أمرކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّهއަށެވެ.) (سورة الحجّ:41)

އިސްލާމީ ނަޒަރަކުން ބަލާއިރު ކަން ހުރި މަގުމަގީ މިހިރީއެވެ. އެހެންވީއިރު، އިސްލާމީ މުޖުތަމަޢެއްގައި މުންކަރާތްތައް ފެތުރިދާނެ މަގުތައް ބަންދުކުރުން ފިޔަވައި އެ ފަދަކަންކަމަށް މަގުހުޅުވޭ ކަންކަމަށް ފުރުޞަތު ދިނުމަކީ މުޖުތަމަޢަށް ނުރައްކަލެއް ހުރި ކަމެއް ނޫންކަމަށް އެ ކަނޑައަޅަނީ ކިހިނެއް ކަމެއް ވިސްނާކަށް ނޭނގުނެވެ. ނުވަތަ ނުރައްކާތެރިކަން އެ ފަދަ ބޭފުޅުން މާނަކުރައްވަނީ ކިހިނެއްބާވައެވެ؟ އަޅުގަނޑުމެންނަށް ރަދީފުން ފެންނަނީ ބިރުވެރި، ނާމާން، ގެއްލުން ލިބެނިވި މި ފަދަ މާނަތައްކަމަށް ވާއިރު، މުޖުތަމަޢުގައި މުންކަރާތްތައް ފެތުރުމަށް ވުރެ ނުވަތަ އެ ފަދަ ކަންކަމަށް މަގު ފަހިވާނެ ދޮރުތައް ހުޅުވުމަށްވުރެ އިސްލާމީ މުޖުތަމަޢަކަށް ނުރައްކާތެރިވާނެ އޮތީ ވަކި އެހެން ކޮން ކަމެއްތޯއެވެ؟

އަޅުގަނޑުމެން އަމިއްލަ އަތުން ހަދައިގެން އުޅޭ ވަޟުޢީ ޤާނޫނުގައި އޮތީ ކީކޭތޯ ވެސް ބަލައިލާނަމެވެ. ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު: 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު)ގެ 4 (ހަތަރެއް) ވަނަ މާއްދާގެ (ހ)ގައި އޮންނަނީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެ ފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރާން އުޅުމަކީ މަނާކަމެކެވެ." މި ފަދައިންނެވެ. މި ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) ގައި އޮންނަނީ "ދީނީ ފިތުނައަކަށް މަގު ފަހިވާ ފަދަ ޢަމަލެއް އެއްވެސް މީހަކު ކޮށްގެން ނުވާނެއެވެ." މިހެންނެވެ. (މި ޤާނޫނަށް މި އަކުރު އިތުރުކުރީ ޤާނޫނު ނަންބަރު: 2014/8 އިން 13 އޭޕްރީލް 2014ގައެވެ.)

ވީމާ، އިސްލާމް ދީނަށް ތައުހީނުކުރުމާއި ރަސޫލާއަށް ފުރައްސާރަކުރުމާއި ދީނީ ޙުކުމްތަކާ އިދިކޮޅަށް ވާހަކަދެއްކުމާއި ބަރަހަނާ ފޮޓޯ އާންމުކުރުމާއި ޣައިރު ދީންތަކަށް ފާޅުގައި އަޅުކަންކުރުމާއި މި ފަދަކަންކަމަކީ ދީނީ ފިތުނައަށް މަގު ފަހިވާ ކަންކަންކަމާ މެދަކު ޝައްކެއް ނެތެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަންކަމެވެ. ވީމާ، މި ބާވަތުގެ ފާޙިޝް ޢަމަލުތަކާއި މުންކަރާތްތައް ޢާންމުކުރާން އެއްވެސް މީހަކަށް މިނިވަންކަން ދިނުމަކީ މުޖުތަމަޢަށް ނުރައްކާތެރިކަމަކަށް ނުވާނެ ގޮތެއް ހަމަ އުޅެއުޅެވެސް ނުވިސްނުނެވެ. އެހެންކަމުން "ނުރައްކާތެރި" މި ލަފުޒުގެ މާނައާ މެދު އަޅުގަނޑުމެން އިތުރަށް މި ވަނީ ވިސްނާންޖެހިފައެވެ.