ފަތިހާއި ކައިރިން ފާޅުވީ ދޯދިންނެރަން އަލި ފެތުރުނީ
ދަތިކަން ފިލައިގެން ހިތްތަކުން ދިޔަ ރޯޅިޔެއް ފިނި ޖެހިލަނީ
ރަޙުމަތުގެ ވާރޭން ވެއްސަވާ ބިންގަނޑު އަލުން ދިރުމާއެކީ
ގަހުގައި ފޮޅޭ ފަރި މާމަލުން ހިތްފަހި ޝަޒާއޭ އުތުރުނީ
ފަރުބަދަ ތަކުގެ ވާދީ ތެރޭން އަލި ދޯދިތައް ކަންކޮޅުތަކަށް
ފަރުދާވުމެއް ނެތި ފޯރުމުން އަނދިރީގެ ޖާގަ ފިލައިދަނީ
ޔަޝްރިބު ފަރާތުންނެގި ވިލާ ތަކަކުން ހިޔާ ފިނި ފެތުރުމުން
މަޝްރިޤު ފަރާތުން މަޣްރިބަށް ގަދަ އަވި މަޅައި ލާފައިވަނީ
ބައްރުގެ އިރާ ހުޅަނގާ އުތުރު ދެކުނާ އަމާންކަން ވެރިވެފައި
ފައްކާވި ދޮން މޭވާތަކުން މުޅިބިން ތިޔާގި ވެގެންދަނީ
ފެހި ދިދަ ވަޔާ ވިހުރޭ ކަމުން ދިރުމަށް ލިބުނު ފަހި ރާޙަތުން
ޖެހިލުންވެދާ ފަދަ ބިރުތަކުން ބަޝަރުންގެ ހިތްތައް ހުސްވަނީ