...

Support Us

"ދަނޑިވަޅު ބަލާފައި ޚުޝާމަދު ކުރަން ހަމަގައިމު ވެސް އަޅުގަނޑުމެންނަށް އެނގެއެވެ."

ނޯޓް: ތިރީގައި މި ވަނީ އަލްމަރުހޫމު ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު، "ހަވީރު" ނޫހުގައި 9 ޖޫން 1980ގައި ލިއުއްވާފައިވާ ލިއުއްވުމެކެވެ.

އަޅުގަނޑުމެންގެ އަމިއްލަ ދިވެހި ދުނިޔޭގެ ސިޔާސީ މަސްރަހުން ވޭތުވެގެންދިޔަ ވެރިކަމުގެ ދައުރުގެ ތެރޭގައި ފެނި ތަޖުރިބާ ވެގެންދިޔަ ސިޔާސީ ނިފާގުކަން، ގައުމުގެ ހަޔާތަށް ގެނެސްދޭ ގެއްލުންތަކާމެދު އެއްޗެއް ދެންނެވުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމެއްގެ މިސާލެއްވެސް ދަންނަވާލުމަކީ، މައުޟޫއުން ބޭރުކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު ބޭނުން މުހިއްމު ނުކުތާއެއް ފާހަގަކޮށްލުމަށްޓަކައި މުގައްދިމާއެއްގެ ގޮތުންނެވެ. 'ދަންބެރަށްވުރެ ތަގުޑި ދިގުވެގެންދިޔަ ނަމަވެސް' އައްސަވާ ބޭފުޅުންގެ އަރިހުން މައާފަށް އެދެމުންނެވެ.

އިންޑިޔާގައި 700 އަހަރުވަންދެން ދެމިއޮތް މުސްލިމުންގެ ވެރިކަން ނިމިގެންދިޔައީ އިންޑިޔާގެ މައްޗަށް އިނގިރޭސީން ވެރިވެގަތުމުންނެވެ. އޭގެފަހުން އިންޑިޔާގައި މުސްލިމުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރެވޭގޮތްނުވެ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި ސަތޭކައެތައް އަހަރެއް ވަންދެން ދެމިއޮތެވެ. މިހާދިސާއާ ގުޅިގެން އިންޑިޔާގެ މުސްލިމަކު ލިޔުއްވި ލިއުއްވުމެއްގައިވެއެވެ.

"ހިސާބަކަށް އަޅުގަނޑުމެންގެ އަމިއްލަ ފަރުވާކުޑަ ކަމުގެ ސަބަބުން އަދި ވަކިވަރަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ މުސްކުޅި ތައުލީމެއްގެ ސަބަބުން ސިޔާސީ ކަންތައްތަކާއި ސިޔާސީ އިލްމުގެ މައްޗަށް އެއްވެސް ސަމާލުކަމެއް ނުދެވެއެވެ. ކަމުގެ ނަތީޖާއަކަށްވީ މުޣުލް ރަސްކަމުގެ އިރުއޮއްސިގެން ދިޔުމާއެކު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހަޔާތުގައި އެއްވެސްކަހަލަ ދިރުމެއް އުފައްދައިލެވޭނޭ ކަހަލަ ގޮތެއްނުވުމެވެ. އިނގިރޭސީން އައިސް އަޅުގަނޑުމެންގެ ރަށުގެ މައްޗަށް ވެރިވެގަތް ހިނދު 'ފޫނުބެދޭ ފިތުނަގަނޑެއް' (’ޣަދަރު’ގެ ނަމުން މަޝްހޫރުވެފައިވާ އިނގިރޭސީންނާ ދެކޮޅަށް އިންޑިޔާގެ މުސްލިމުން ހިންގި ބަޣާވައް) އުފެއްދުންފިޔަވައި ކުރާނޭ އެއްވެސްކަމެއް އަޅުގަނޑުމެންނަކަށް ނޭނގުނެވެ. ދަނޑިވަޅު ބަލާފައި ޚުޝާމަދު ކުރުމާއި ބިރުވެރިކަމުގެ ވަގުތުގައި ގެއަށްވަދެ ދޮރު ބަންދުކޮށްލައިގެން ތިބުން، އެއީ ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް އެނގޭ ކަންކަމެވެ. ތިމާގެ އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރުމަށްޓަކައި ހަނގުރާމަކުރާ މީހުންތައް މުސްކުޅި ޒަމާންތަކުގައި ވަރަށް ގިނައިން ފެނެއެވެ. ނަމަވެސް ސިޔާސީ ކަންތައްތަކުގައި ނުވަތަ ސަރުކާރު ހިންގުމުގައި އަޅުގަނޑުމެންގެ ގައުމު ބައިވެރިވުމަށް މަސައްކަތްކޮށްފައިވާކަން ދޭހަވާ ހާދިސާއެއް އަޅުގަނޑުމެންގެ ތާރީހަކުން ފެންނާކަށް ނެތެވެ. އަދި ގައުމީ ހައިސިއްޔަތަކުން ތިމާގެމެންގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވިފައިވާ ކަންވެސް ސާބިތެއް ނުވެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ އަމިއްލަ އާއިލާއާއި ގާތްތިމާގެ މީހުންގެ މަސްލަހަތާއި ފައިދާ ހޯދުން ފިޔަވައި ވިސްނާފިކުރުކުރާ އެހެން އެއްވެސް ކަމެއް ނޯވެއެވެ. ފަހަރެއްގައިވެސް ގައުމަށްޓަކާ ނުވަތަ ވަޒަނަށްޓަކާ މަސައްކަތް ކުރުމުގެ އަޒުމެއް ނުކުރެވެއެވެ. އަޅުގަނޑުމެން ދިރިއުޅޭއުޅުމުގައި ކުރިމަތިވާ މުސީބަތްތަކުން ސަލާމަތްވުމަށް ދުއާކޮށްކޮށް ސިހިސިހި ތިބޭ ދިރިއުޅުމަކީ ކޮން ކަހަލަ ދިރިއުޅުމެއްތޯއެވެ؟ ޝިކާރަކުރާ މީހަކު ޝިކާރައަށް ނުފެނި ސިއްރުސިއްރުން އުޅޭ ފަދައިން ބިރުން ސިހިސިހި ތިބޭ އަޅުގަނޑުމެން ދިރިއުޅޭ އަމިއްލަ ރަށަކީ ކީއްކުރަން އުޅޭ ތަންތަނެއްތޯއެވެ؟ ޔޫރަޕްގެ މީހުން ސިޔާސީ ހަޔާތޭ ކިޔާއެއްޗަކީ އަޅުގަނޑުމެންގެ ތެރޭގައި ވައްތަރެއްގެ ޖުވާއެކެވެ. އެޖުވާ ކުޅުމުގެ ބިރުކުޑަކަން ލިބިފައިވަނީ ވަކިބަޔަކަށެވެ. މިނިކާވަގެއްގެ އަނގައިގެ ތެރެއަށް އެއްވެސް މީހަކު އަތެއްނުލާނެއެވެ. ހުސް ފިލައެއްގެ މަތީގައި އެއްވެސް މީހަކު ކަނޑުދަތުރު ކުރާކަށް ނޫޅޭނެއެވެ. ގައުމަށް ހިދުމަތްކުރެވޭނީ ރަސްގެފާނުގެ އަރިހުގައި އުޅެގެންނެވެ. ރަސްގެފާނުގެ އަރިހަށް ދެވޭތޯ މަސައްކަތް ކުރާމީހުން ރަސްގެފާނުގެ ދަރުބާރުގޭ މީހުންގެ ތެރެއަށްވަދެ ހައްޔަރުވެ އަޅުވެތިވެފައި ތިބެތެވެ. ރަސްގެފާނުގެ އަރިހަށް ދެވުނަސް ރަސްގެފާނު ރުއްސާފައި ބެހެއްޓުމަކީވެސް މާފަސޭހަ ކަމަކަށްނުވެއެވެ. އެއްވެސް ކަމެއްގައި ކުޑަވެސް އިއުތިރާޒެއް ކުރެވިއްޖެނަމަ އަބުރާއި އިއްޒަތް އަދި ފުރާނަވެސް ދިޔައީއެވެ. ކަން މިހެން ހުންނައިރު ވިސްނޭ ބުއްދިވެރީން ސިޔާސީ ހަޔާތާއި ދުރަށް ދުވެފިލާކަން އެއީ އަޖާއިބުވާންވީ ކަމެއްތޯއެވެ…؟"

އިސްވެދިޔަ ވާހަކަކޮޅުން ދަލީލު ލިބިގަންނަން މަސައްކަތް ކުރެވެނީ ގައުމެއްގެ މީހުން އެބައިމީހުންގެ ސިޔާސީ ކަންތަކާމެދު ހިޔާލެއް ފިކުރެއް ނުކޮށް ވެރީންނަށް ތިއްބަވާ އިއްޒަތްތެރީންގެ އިސްތަށިފުޅުގައި ހުރިހާކަމެއް އަޅުވައި ހުޝާމަދާ ތައުރީފުކޮށްކޮށް ތިބުމުގެ ސަބަބުން ގައުމީ ހަޔާތަށް އަންނަ ނިކަމެތިކަމާއި ދެރަކަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.