...

Support Us

ކޮލަމް ކޯދު: އިމާމު ޝާފިޢީގެ ހިކުމަތުގެ ބަސްކޮޅެއް

މިއީ އިމާމު ޝާފިއީގެ ޅެމެއްގެ ތަރުޖަމާއެކެވެ. އިމާމު ޝާފިއީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 150 ވަނަ އަހަރު ފަލަސްތީނުގެ ޣައްޒާ ގައެވެ. އަވަހާރަވީ ހިޖުރައިން 204 ވަނަ އަހަރު މިސުރުގައެވެ. އިމާމު ޝާފިއީ ބޮޑަށް މަޝްހޫރުވެފައި ވަނީ ފިގުހު އިލްމުވެރިއެއްގެ ގޮތުގައެވެ. އިސްލާމި ފިޤުހުގެ މަޒުހަބެއްގެ މުއައްސިސެއްގެ ގޮތުގެއެވެ. ކީރިތި ޤުރުއާނާއި ހަދީހުގައިވާ އިސްލާމީ އެކިއެކި ހުކުމްތަކާ ގުޅޭ ނައްސުތަކުގެ މާނަ ކަޑައަޅައިލުމަށްޓަކައި އުސޫލުތަކެއް، ހަމަތަކެއް، އެކުލަވާލެއްވި މުޖައްދިދެއްގެ ގޮތުގައެވެ.

ފިގުހު އިލްމުވެރިއެއްގެ އިތުރުން އިމާމު ޝާފިއީއަކީ ޅެންވެރިޔެއް ވެސް މެއެވެ. އިމާމު ޝާފިއީގެ ޅެންތަކުގެ ތެރޭގައި ހިކުމަތުގެ ޅެންތައް ގިނައެވެ. އަދި އެކަލޭގެފާނުގެ ބައެއް ޅެންބައިތުތައް ހަރުބަސް ބަހުގެ ގޮތުގައި ވެސް ކިޔައި އުޅެއެވެ. އިމާމު ޝާފިއީގެ މަޝްޙޫރު ޅެންބައިތުތަކުގެ ތެރެއިން މިބައިތުކޮޅު ހިމެނެއެވެ. މި ދެ ބައިތުގައި އިމާމު ޝާފިއީ ވިދާޅުވަނީ އަދަބުވެރިކަމާއި ގޮތެއްފޮތެއް ނެތްމީހާގެ ވާހަކަތަކަށް ރައްދުދިނުމުގެ ބޭނުމެއް ނެތް ކަމެވެ.

يخاطبني السفيه بكل قبح فأكره أن أكون له مجيبا

يزيد سفاهة وأزيد حلما كعود زاده الإحراق طيبا

"އެއްވެސް އަދަބުވެރިކަމެއް ނެތް މޮޔައެއް އަހަންނާ މުޚާތަބުކޮށް ހަޑި ހުތުރު އެއްޗެއް ބުނެފި ނަމަ އޭނާއަށް ރައްދު ދިނުމަކަށް އަހަރެންގެ ހިތެއް ނުރުހޭނެއެވެ. އެފަދަ މީހެއްގެ އަމަލުތަކުން، އޭނާގެ އަދަބުވެރިކަމާއި ގޮތެއް ފޮތެއް ނެތްކަން އިތުރަށް ފާޅެވެގެންދާނެއެވެ. އަދި އަހުރެންނަށް އުނިކަމެއް ލިބުމުގެ ބަދަލުގައި އަހުރެންގެ ރުޅިމަޑުކަމާއި ޚުލްގު ހެޔޮކަން އިތުރަށް ފެނިގެންދާނެއެވެ. މީގެ މިސާލަކީ ބޮކަރުގެ މިސާލެވެ. ބޮކަރު އެންދި ވަރަކަށް އެއިން ދުވާނީ މީރުވަހެވެ. ހަމަ އެހެންމެ، އަދަބު ކުޑަ، ގޮތެއްފޮތެއް ނެތް މީހަކު ކިޔާ އެއްޗަކުން އެއްވެސް ގެއްލުމެއް ނުލިބޭނެއެވެ. އަދިކިޔެއް ހެއްޔެވެ؟ އެކަމަށް ކެތްކުރެވިއްޖެ ނަމަ ފެނި ފާޅުވެގެން ދާނީ ތިމާގެ އަޚުލާގުގެ މާތްކަމެވެ."

އަދިވެސް، ކުށް ފާފަކުރުމުން ދުރުހެލިވުމަކީ ކިޔެވުމުގައި ކުރިޔަށްދިޔުމަށް އެހީތެރިވެދޭނޭ ކަމެއްކަމުގައި ވިދާޅުވެ، ކިޔެވުމުގައި ކުރިއަށްދާން ބޭނުންވާ ކުދިންނަށް ނަސޭހަތްތެރިވެވަޑައިގެން މި ދެ ބައިތު ވިދާޅުވިއެވެ.

شكوت إلى وكيع سوء حفظي فأرشدني إلى ترك المعاصي

وأخبرني بأن العلم نور ونور الله لا يعطى لعاصي

"ތިމަންގެ އުސްތާޒު ޝައިޚު ވަކީޢު އަރިހުގައި ތިމަންނަގެ ހިތްކޮށިވެ، ހިތަށް އެއްޗެތި ނަގައިގަތުމުގެ ބާރު ކުޑަކަމުގެ ޝަކުވާ ދެންނެވީމެވެ. ދެން ޝައިޚު ތިމަންނައަށް ނަސޭހަތްތެރިވެ ވަޑައިގަތީ ކުށް ފާފަތަކުން ދުރުހެލިވުމަށެވެ. އަދި ޝައިޚު ވިދާޅުވިއެވެ. އިލްމުވެރިކަމަކީ މާތްﷲގެ ފަރާތުން ލިބޭ ނޫރެކެވެ، އަލިކަމެވެ. ކުށް ފާފަ ކުރާމީހާއަށް މާތް ﷲގެ ނޫރުން އަލިކަން ލިބުމެއް ނުވެއެވެ."

އަދި ޒަމާން ބަދަލުވެ ކަންތައްތައް ގޯސްވެއްޖެކަމަށް ބުނެ ޝަކުވާކުރާން މީހުންނާ މުޚާތަބުކޮށް، ބަދަލުވެ، ގޯސްވެފައިވަނީ ޒަމާން ނޫންކަމާއި، ބަދަލުވެ ގޯސްވެފައިވަނީ ހަމަ އަހަރުމެން ކަމަށް އިޝާރަތްކުރައްވައި ވިދާޅުވެފައި ވެއެވެ.

نعيب زماننا والعيب فينا وليس لزماننا عيب سوانا

نهجو ذا الزمان بغير ذنب ولو نطق الزمان لنا لهجانا

وليس الذئب يأكل لحم ذئب ويأكل بعضنا بعضا عيانا

"ޒަމާނުގެ އުނިކަންތައްތަކާއި އައިބުތައް އަހަރުމެން ފާހަގަކުރަމެވެ. ނަމަވެސް އުނިކަމާއި އައިބުތައް ހުރީ ހަމަ އަހަރުމެންގެ ކިބައިގައެވެ. ޒަމާނަށް ކުރިމަތިވެފައި އޮތް ނަމަ އޮތް ހަމައެކަނި އައިބަކާއި އުނިކަމަކީ އަހަރުމެންނެވެ. ޒަމާނުގެ އެއްވެސް ކުށެއް ނެތް އިރުވެސް އަހަރުމެން ޒަމާނަށް އެއްޗެހި ކިޔައި ހަޖޫކިޔައި ހަދަމުއެވެ. ޒަމާނަށް ވާހަކަ ދެއްކުމުގެ ބާރު ލިބިގެންވީ ނަމަ އަހަރުމެންގެ އައިބުތައް ފާހަގަކޮށްދީ ބުނާނެއެވެ. (އަހަރުމެން އިންސާނުން ވަނީ ވަލު ކުއްތާއަށް ވުރެވެސް ދަށުދަރަޖައަކަށް ވެއްޓިފައެވެ.) ވަލުކުއްތާ ވެސް އެކަތި އަނެކަތި މަރާ އޭގެ އަމިއްލަ މަސް ކައެއް ނޫޅެއެވެ. ނަމަވެސް އަހަރުމެން އިންސާނުން، ރޯމާ ދުވާލު، އެންމެންގެ ކުރިމަތީ މިއޮތްގެން މީހުން މަރައި އެކަކު އަނެކަކުގެ މަސް ކައިހަދަނީއެވެ."

އިމާމު ޝާފިއީގެ ޅެންތައް އެއްކުރެވި ފޮތެއްގެ ސިފައިގައި ޝާއިއު ކުރެވިފައިވެއެވެ. "ދީވާނު އަލްއިމާމު އައްޝާފިއީ" ގެ ނަމުގައެވެ. ތިރީގައި ތަރުޖަމާ ކުރެވިފައިވާ ޅެން ނެގިފައިވަނީ މި ދީވާނުންނެވެ.

***

دع الأيــــام تـفـعــل مـــــا تــشـــاء وطـب نفسـاً إذا حكـم القضـاء

ދުވަސްތައް ކުރާނެކަމެއް ކުރާންދޫކޮށްލާށެވެ. (ހަޔާތުގެ ދުވަސްތައް ހޭދަކުރަމުން ދާއިރު ދިމާވެދާނެ ދެރަކަމާއި ނޫނީ ހިތާމަވެރި ކަމަކާ މެދު ފިކުރުކޮށް ކަންބޮޑު ނުވާށެވެ.) އަދި މިންވަރުފުޅު ކަޑައަޅާ ނިޔާއާ މެދު ރުހި ހިތްހަމަޖައްސައިލައިގެން ހުންނާށެވެ.

ولا تـجـــزع لـحــادثــه الـلـيـالــي فـمـا لـحـوادث الــدنـيـا بـقـاء

ދުނިޔޭގައި ދިމާވާ މުސީބާތްތަކާ (ކުރިމަތިލައި ތަހައްމަލު ކުރުމުގައި) ކެތްކުޑަވެގެން ދިޔަނުދޭށެވެ. އެހެނީ ދުނިޔޭގައި ދިމާވާ މުސީބާތްތަކަކީ ދެމިހުންނާނެ ކަންކަމެއް ނޫނެވެ.

وكن رجلاً عن الأهـوال جلـداً وشـيـمـتـك الـسمـاحـة والـوفـاء

ބޮޑެތި މުސީބާތްތައް ކުރިމަތިވާ ވަގުތުތަކުގައި ވެސް އެކަންކަން ތަހައްމަލުކޮށް ކެތްކުރާ މީހަކަށް ވާށެވެ. އަދި މިފަދަ ވަގުތުތަކުގައި ވެސް ކަލޭގެ ތަބީއަތަކީ ދީލަތިކަމާއި ވަފާތެރިކަން ކަމުގައި ހަދާށެވެ.

وإن كثـرت عيوبـك فـي البرايـا وسَــرَّك أنْ يـكـون لـهـا غـطــاء

މީސްތަކުންގެ ކުރިމަތީގައި ކަލޭގެ އައިބުތައް ކިތަންމެ ގިނަކަމުގައި ބެލެވުނަސް މި އައިބުތައް (ފޮރުވައި) މަތިއަޅައިދޭނެ ކަމެއް އޮތްކަމާމެދު ކަލޭ ހިތްހަމަޖައްސައި އުފާކުރާށެވެ.

تـستـر بالـسخـاء فـكــل عــيــبٍ يـغطيـه كـمـا قـيـل الــســخــاء

(އެކަމަކީ ދީލަތިވުމެވެ. އެހެންވެ،) ދީލަތިވެ (މީސްތަކުންނަށް) ހެޔޮކޮށް ހިތައި (ކަލޭގެ) އައިބުތައް ފޮރުވާށެވެ. އެހެނީ މީސްމީހުން ބުނެއުޅޭ ފަދައިން ދީލަތިވެ، ހެޔޮވުމަކީ ހުރިހާ އައިބުތަކާއި އުނިކަންތައްތައް ފޮރުވައިދޭ ކަމެކެވެ.

ولا تُـرِ لـلأعادي قـط ذلاً فـإن شـمـاتـة الأعداء بــلاء

ކަލޭގެ ދުޝްމަނުންނަށް ވެސް ދެރަގޮތާއި ނިކަމެތިކަން އެެއްގޮތަކަށް ވެސް ނުދައްކާށެވެ. އެހެނީ (ކަލެއަށް ނިކަމެތިކަމާއި ދެރަގޮތެއް މެދުވެރިވާ ވަގުތު ކަލޭގެ) ދުޝްމަނުން އެކަމާމެދު ހީ އުފާކުރުން ވާނީ (ކަލެއަށް ވެސް ކެތްކުރަން އުނދަގޫ، ވަރަށް ވެސް، ވަރުގަދަ) އިމްތިހާނަކަށެވެ.

ولا تــرج السمـاحـة مــن بخـيـل فـمـا فــي الـنــار للـظـمـآن مـــاء

މުށްބާރު، ދަހި މީހާގެ ކިބައިން އެއްވެސް އެހީއަކަށް ނޭދޭށެވެ. އެހެނީ ފެންބޮވައިގެން ކަރުހިއްކައިގެންފައިވާ މީހަކަށް އަލިފާނުން ލިބިދާނެ ފެނެއް ނޯންނާނެއެވެ.

ورزقــك لـيـس ينـقـصـه الـتـأنـي وليس يزيـد فـي الـرزق العنـاء

(ރިޒުގު ހޯދުމަށް މަސައްކަތްކުރުމުގައި) ކެތްތެރިވެ ބަލައިގެން އުޅުމަކުން ކަލެއަށް ލިބެން އޮތް ރިޒުގު އުނިވެ މަދުވެގެންނެއް ނުދާނެއެވެ. (ހަމަ އެހެންމެ ކެތްމަދުވެ އަވަސް އަރައިގަނެ މަސައްކަތްކޮށްގެން ވާ) ވަރުބަލިވުމަކުން، ރިޒުގު އިތުރުވެގެންނެއް ވެސް ނުދާނެއެވެ.

ولا حزن يـدوم ولا سـرور ولا بـؤس عليك ولا رخـاء

ކަލެއަށް ކުރިމަތިވާ ހިތާމައެއް ވިޔަސް ނޫނީ އުފަލެއް ވިޔަސް ނޫނީ ނިކަމެތިކަމެއް ވިޔަސް ނޫނީ ތަނަވަސް ކަމެއް ވިޔަސް، މިއިން ކަމަކީ (އަބަދަށް) ދެމިގެންދާނޭ ކަންކަމެއް ނޫނެވެ.

إذا مـا كـنـت ذا قـلـب قـنـوعٍ فـأنـت وـالـك الـدنــيــا سـواء

(އެހެންވެ، ފުދިގެން ހުންނާށެވެ! ޝައްކެތްނެތެވެ،) ފުދިފައި އޮތް ހިތެއް، ކަލެއަށް ލިބިގެންވާ ނަމަ ކަލެއާއި މުޅި ދުނިޔެ އެމީހަކަށް ލިބި މިލްކުވެގެންވާ މީހާއާއި އެއްވެސްތަފާތެއް ނެތެވެ.

ومـن نـزلـت بسـاحـتـه المـنـايـا فـلا أرض تقية ولا سـمـاء

އޭނާގެ ގޯތި ތެރެއަށް މަރު އައިސް ވަދެއްޖެ މީހާ، (މަރުން) ސަލާމަތް ކުރާނެ (އެހެން) ބިމެއް ނޫނީ އުޑެއް ވެސް ނުވެއެވެ.

وأرض الله واسعـة ولـكـن إذا نزل القضا ضاق الفضاء

(ޝައްކެތްނެތެވެ.) މާތް ﷲގެ ބިން ތަނަވަސްވެގެން ވެއެވެ. އެހެން ނަމަވެސް މަރުގެ ނިޔާ އަތުވެއްޖެ ހިނދު، މުޅި ފަޒާ ވެސް ކުޑަވެގެންދެއެވެ.

دع الأيـام تـغـدر كــل حـيـن فمـا يغنـي عـن المـوت الــدواء

ޒަމާން، ކޮންމެ ވަގުތެއްގައި ވެސް ޚިޔާނަތްތެރިވެދާނެ ކަމަށް ދޫކޮށްލައިގެން ހުންނާށެވެ. (މަރުއައިސް ކޮންމެ ވަގުތަކު ވެސް ބައްދަލުކޮށްފާނެ ކަމަށް ބަލައިގެން ހުންނާށެވެ.) އެހެނީ މަރު (އައިސް ބައްދަލުކޮށްފި ހިނދު) މަރުން ސަލާމަތްކޮށް ފައިދާކޮށްދޭނޭ ބޭހެއް ނުވެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.