Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ހަރުފައަކާއި މީދަލެއްގެ އެއްބަސްވުން

ޖަންގަލީގައި ރޯވެ، ޖަންގަލީގެ ޖަނަވާރުންތައް އެކިއެކި ދިމާއަށް ދުއްވައިގަތެވެ. ބޮޑުވަމުން ދިޔަ އަލިފާންގަނޑުން ސަލާމަތް ވުމަށްޓަކައެވެ. ބައެއް ޖަނަވާރުންތައް ހަލުވިކަމާއެކު އަލިފާންގަނޑާ ދުރަށް ދުވެ ދިއަރު، ހަރުފައެއް، އެއަށް ފިރުކެވުނުހާ ބާރަށް ފިރުކެމުން އަލިފާންގަނޑާ ފެއަށް ޖެހެމުން ދިޔައެވެ.

ހަރުފައަށް އަލިފާންގަނޑާ ދުރަށް ދެވުނު އިރު އޭތި އޮތީ ވަރަށް ވަރުބަލިވެ، ހޫނުގެ ސަބަބުން ވަރަށް ބޮޑަށް ފެންބޮވައިގެންފައެވެ. އަދި، ބޯނޭ ފެންފޮދެއް ހޯދަން އިތުރަށް ކުރިއަށްދާނޭ ހިއްވަރެއް ހަރުފަގެ ކިބަޔަކު ނެތެވެ.

ދެން، ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި އޮއްވައި ހަރުފަ ކައިރިން މީދަލެއް ދުވެފައި ދަނިކޮށް ފެނުނެވެ. މީދާ ބާރަށް ދުވެ ދިޔައީ ހަރުފަ ފެނިގެން ބިރުން އެއަށް ފިލުމަށެވެ. ނަމަވެސް، ހަރުފ މީދަލަށް ގޮވައި އޭތި ގެނުވިއެވެ. އަދި މިދަލާ މުޚާތަބުކޮށް ހަރުފަ ބުންޏެވެ. "އޭ މީދަލާއެވެ! ކަލޭ ބިރުގަންފައި އޮތްވަރު ކަލޭގެ މޫނުމަތިން އަހަންނަށް ފެނިއްޖެއެވެ. އެހެންވެ، ކަލޭ ކާލާކަށް އަހަރެން ނޫޅޭނަމަވެ. މިއަދުން ފެށިގެން އަހަންނަކީ ކަލޭގެ ރަހުމަތްތެރިއެއް ކަމުގައި ދެކޭށެވެ! އަހަރެން މިއޮތީ ކަރުހިއްކައިގަނެ، ވަރަށް ބޮޑަށް ފެން ބޮވައިގެންފައެވެ. އަހަންނަށް ފެން ފޮދެއް ލިބޭނޭ ގޮތް ހަދައިދީބަލާށެވެ."

ފެނަށް އެދުމުން، ހަރުފައެއް ކަމަކު އެހީވެދޭންވާނެތާއޭ މީދާ ހިތާހިތާ ބުންޏެވެ. ދެން، ހަރުފަ ގާތު ބުންޏެވެ. އަހަރެން ފަހަތުން އަންނާށެވެ. ދެން، ވަރުބަލިވެފައި އޮތް ހާލު، ދެމެމުން ކަހަލަ ގޮތަށް، ވަރަށް ބަރުހެލި ހާލުގައި ހަރުފަ މީދާ ފަހަތުން ދިޔައެވެ. އަދި، މީދާގެ ގެއަށް ގޮސް، މީދާ ރައްކާކޮށްފައި ހުރި ފެން ނެރެ، އެ ފެނުން ފެންދީ ހަރުފަގެ ކަރުހިއްކުން ކަނޑުވާލިއެވެ.

ދެން، ހަރުފަ ބުންޏެވެ. "އަހަރެން، ނިދާލައި ވަރުބަލިފިލުވާލަން ބޭނުމެވެ. އެހެންވެ، މިތާ ކަލޭގެ ގޭގައި އަހަންނަށް ނިދާލެވިދާނެ ހެއްޔެވެ؟" ހަރުފަގެ އެދުމަށް މީދާ އާނއެކޭ ބުނެ، މީދާގެ ގެއަށް ހަރުފަ ވެއްދިއެވެ.

ހަރުފަ ނިދައި އަރާމުކޮށްލުމަށް ފަހު، ހޭލިއެވެ. އޭރު ހަރުފަގެ އިހުގެ ބާރު ލިބި މުޅިން ގަދަވެއްޖެއެވެ. ދެން، ހަރުފަ މީދަލަށް ބުންޏެވެ. "އޭ މީދަލާއެވެ. ކަލެއާއެކު އެއްބަސްވުމެއް އެއްބަސްވާން އަހަރެން ބޭނުމެވެ. "އަހަރުމެން އެކަކު އަނެކަކަށް ހަމަލާ ނުދީ، ސުލްހަވެރިކަމާ އެކު އުޅުމުގެ އެއްބަސްވުމެއް އެއްބަސްވާށެވެ." ދެން، ހަރުފަގެ ކުރީގެ ބާރު އެއަށް ލިބިފައިވާތަން ފެނި، ހަރުފަ ދެކެ ވަރަށް ބިރުގަނެ، ޖެހިލުންވެ ހުރެ، މީދާ ހަރުފަ ހުށަހެޅި ހުށަހެޅުމާ އެއްބަސްވިއެވެ.

އެއްބަސްވުން އެއްބަސްވުމަށް ފަހު، މީދާ ނިންމީ ހަރުފައާ ދުރަށް ދިއުމަށެވެ. އެހެންވެ، ހަރުފަ ގާތު މީދާ ބުންޏެވެ. "އަހަރެން މިދަނީ ކާއެއްޗެއް ހޯދާށެވެ!" އެ ވަގުތު ހަރުފަ، މީދާއާ ދިމާއަށް ބަލާލާފައި ބުންޏެވެ. "ލަސްނުކޮށް އަވަަހަށް އަންނައްޗެވެ."

މާ ގިނައިރުތަކެއް ނުކޮށް މީދާ އެނބުރި އޭތީގެ ގެއަށް އައެވެ. އައިސް ސިއްރުސިއްރުން ގޭތެރެއަށް ބަލާލިއެވެ. އޭރު ހަރުފަ އޮތީ މުޅި ގެ އޭތީގެ ބާރުގެ ދަށަށް ގެނެސް، ގެއަކީ ހަރުފަގެ ގެއެއް ކަމުގައި ހަދާލައިގެންނެވެ. ދެން، ދުރުގައި އޮވެ، މީދާ ހަރުފައަށް ގޮވާލައިފައި ބުންޏެވެ.

"ހަރުފައާއެވެ! އަހަރެން ދެން މި ދަނީއެވެ. އަހަރުމެން ދެމީހުންގެ އެއްބަސްވުމަކީ އެއްވަރެއްގެ ދެމީހެއްގެ އެއްބަސްވުމެއް ނޫނެވެ. ގަދަފަދަ ޖަނަވާރަކާއި ބަލިކަށި ޖަނަވާރެއްގެ ދެމެދުގެ އެއްބަސްވުމެކެވެ. އެހެންވުމުން، އެއްބަސްވުމުގައި ވާ ކަންކަން މާނަކުރުމުގެ ބާރު އޮންނަނީ ބާރުގަދަ ފަރާތުގެ އަތްމަތީގައެވެ. ބާރުގަދަ ފަރާތް ކިރިޔާ ނުރުހުން ވިޔަސް، އެއަށް ނިކަަމެތި ފަރާތުގެ ދުވަސް ދުއްވާލުމުގެ ފުރުސަތު އޮވެއެވެ. އެހެންވެ، އަހަރެންގެ ގެ ގެއްލުނު ކަމުގައި ވިޔަސް، އަހަރެންގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، އަހަރެން ކަލެއާ ދުރަށް ދާންޖެހޭތީ، އަހަރެން މި ދަނީއެވެ!"

އާދެ، ކޮންމެ އެއްބަސްވުމަކީ އެ އެއްބަސްވުމުގައި ހިމެނޭ ދެފަރާތުގެ ހައްގުތައް ރައްކާތެރިކުރާނޭ އެއްބަސްވުމެއް ނޫނެވެ. ވަކިން ޚާއްސަކޮށް، އެއްބަސްވުމުގައި ހިމެނޭ ދެ ފަރާތުގެ ބާރުގެ ތިލަފަތް އެއްފަރާތަކަށް ބުރަވާނަމައެވެ. އެހެންވުމުން، އެއްބަސްވުމުގެ ބަންދުތައް، މާނަކޮށް، އެއްބަސްވުމުގައި ހިމެނޭ ކަންކަން ހިންގާލުމުގެ ބާރު އޮންނަނީ ބާރުގަދަ ފަރާތުގެ އަތްމަތީގައެވެ. އެކަން އެފަރާތުން އަބަދުވެސް ހިންގާލަނީ އެ ފަރާތުގެ މަސްލަހަތު ނިޔާކުރާ ގޮތަށެވެ!