Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ކީހަކާއި މުޅޯއެއްގެ ވާހަކަ

ދަނޑުވެރިންގެ ދެ މީހަކު އެއްދުވަހަކު، ދަރު ކޮށުމަށްޓަކައި ޖަންގައްޔަށް ދިޔައެވެ. އެކެއްގެ އަތުގައި އޮތީ މުޅޯއެކެވެ. އަނެއްކެއްގެ އަތުގައި އޮތީ ކީހެކެވެ. ދެ މީހުން ވެގެން ގަހެއް ހޯދައި އިޚްތިޔާރުކުރިއެވެ.

ނަމަވެސް، ދެން، ދެ މީހުންގެ މެދުގައި ދެބަސްވުމެއް އުފެދުނެވެ. ގަސް ކަނޑާނީ ކޮން އާލަތެއް ބޭނުން ކޮށްގެން ކަމާ މެދުގައެވެ. އަތުގައި މުޅޯ އޮތް މީހާ ބުނަމުން ގެންދިޔައީ ގަސް ކަނޑާނީ މުޅޯއިން ކަމުގައެވެ. ކީހުގެ ވެރިޔާ ބުނަމުން ގެންދިޔައީ ގަސް ކަނޑަން ވާނީ ކީހައިގެން ކަމެވެ.

އެ ވަގުތު އެތާ ހުރި އެހެން ދަނޑުވެރިޔަކު ބުންޏެވެ. ކަލޭމެން ދެ މީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ އަހަރެން ހައްލުކޮށްދީފާނަމެވެ. ކަލޭމެން ދެ މީހުން އަތުގައިވާ ދެ އާލަތުން ކުރެ ތޫނީ ކޮން އެއްޗެއްތޯ ބަލާށެވެ. ހަނުލެވި، ކީހަށް ވުރެ ބޮޑަށް ތޫނުކުރެވިފައި އޮތީ މުޅޯކަމަށް ވާ ނަމަ، މުޅޯ ބޭނުންކުރާނީއެވެ. ފީރުލެވި، މުޅޯއަށް ވުރެ ބޮޑަށް ތޫނު ކުރެވިފައި އޮތީ ކީސް ކަމަށް ވާ ނަމަ ކީސް ބޭނުން ކުރާނީއެވެ.

ދެން މުޅޯގެ ވެރިޔާ މުޅޯ ނަގައި ގަސް ކަނޑަން ގަހުގައި ޖެއްސެވެ. ނަމަވެސް، މުޅޯ އޮތީ ކޮށިވެފައި ކަމުން މުޅޯއިން ގަހަށް އެއްވެސް އަސަރެއް ނުކުރިއެވެ. ދެން، ކީހުގެ ވެރިޔާ ކީސް ނަގައި ގަހުގައި ޖައްސައި ކީހަން ފެށިއެވެ. ނަމަވެސް، ކީހުގެ ފުށްތައް ކޮށިކަމުން ގަސް ކީހޭ ގޮތެއް ނުވިއެވެ.

ދެން، ތިންވަނަ ދަނޑުވެރިޔާ އެ ދެ މީހުންނާ މުޚާތަބުކޮށް އަނެއްކާ ވެސް ބުންޏެވެ. ކަލޭމެންނަށް އޮތީ ކަލޭމެން ދެ މީހުންގެ އާލަތް ތޫނުކުރުމެވެ. މުޅޯއާއި ކީސް ވެސް ތޫނުކޮށްގެން އައުމެވެ. ދެން، އެއަށްފަހު، ތޫނީ ކޮން އެއްޗެއްތޯ ބަލައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސް ކެނޑިދާނެއެވެ.

ނަމަވެސް، އަނެއްކާ ވެސް ދެ މީހުން ޒުވާބުކުރަން ފެށިއެވެ. އެކަކު ފާހަގަކުރީ އަނެކަކުގެ މުޅޯ ތޫނު ނޫން ކަމެވެ. ދެވަނަ މީހާ ބުނަމުން ގެންދިޔައީ އަނެކަކުގެ ކީސް ތޫނު ނޫން ކަމެވެ!

އާދެ! މި ވާހަކަ ރަމްޒުކޮށްދެނީ ކޮން ކަމެއް ހެއްޔެވެ؟ ސިޔާސީ އިދިކޮޅު ދެބައެއްގެ ކަން ހުރި ގޮތް، ވަރަށް ގިނައިން، ފެންނަ ގޮތެވެ. މުޅޯގެ ވެރިޔާއާއި ކީހުގެ ވެރިޔާގެ ފަދައިން، ކަމެއް ކުރުމުގެ އެކަށޭނަ ކަމެއް އެފަދަ ސިޔާސީ މީހުންގެ ކިބައިން ނުފެނެއެވެ. ދެން، އެކަކު އަނެކަކުގެ ނުކުޅެދޭ ކަމުގެ ވާހަކަ ދައްކައި ޒުވާބުކުރަން ފަށައެވެ. އެ މީހުންނަށް ތަބާވާ މީހުން ކޮޅު ނަގައި އެ ޒުވާބުގައި ބައިވެރިވެ، އިތުރަށް އަޑުގަދަ ކުރަން ފަށައެވެ. ކޮންމެ ބަޔަކު ވެސް ދައްކަނީ އަނެއްބައި މީހުންގެ ނުކުޅެދޭ ކަމާއި އަނެއްބައި މީހުންގެ ނުރަނގަޅު ކަމެވެ. ފަހަރެއްގައި ވެސް، އެބައެއްގެ ހުރި ކުޅަދާނަކަމަކާއި ކަންކުރުމުގެ ގާބިލުކަމުގެ ވާހަކަ ދައްކާކަށް ނޫޅެއެވެ. އިދިކޮޅު މީހާގެ ނުވަތަ ބައިގެ އުނިކަން ދެއްކުމުން، ތިމާމެންގެ ފުރިހަމަކަން ދެއްކުނީ ކަހަލައެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

2 Responses

  1. މި ވާހަކަ ފަށާއިރު ދަރުކަޑަން އޮތީމަ ހަމަ ހިތަށް އެރީ އެއީ ރަނގަޅުގޮތް ބާވަޢޭ ނޫނީ ދަރުކޮށުން ބާވައޭ ކޮބަަތޯ ރަނގަޅު ގޮތަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *