Support Us

ކޮލަމް ކަލާވެހި: "ޗަންޖާ"ޔަށް ވަޒީފާ ދޭއިރުވެސް ދިވެއްސަކަށް ޖާގަޔެއް ނެތް، ދެއްތޯ؟

ނޯޓު: އަޅުގަނޑު މިފަހަރުވެސް ދަންނަވަން ބޭނުންވާ ވާހަކަ ދަންނަވާނީ ވާހަކައެއްގެ ސިފައިގައެވެ. ވާހަކައިގައި އުޅޭ ބައެއް މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހުންގެ ނަމާއި، ޢުމުރާއި، ޙާދިޘާ ހިނގިކަމަށް ލިޔެފައިވާ ތަންތަނަށް ބަދަލުގެނެސްފައި އޮތަސް، ވާހަކަޔަކީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށްގެން ލިޔެފައިވާ ވާހަކައެކެވެ.

އަތުގައި އޮތް ޓެބްލެޓެއްގެ ފިޔާތޮށިކުލައިގެ ކަވަރާ ކުޅެލަކުޅެލައި، ދާދި އަވަހަށް ކުރިމައްޗަށް ގެނެސް ބަހައްޓައިލެވެނޭ ކަމަށް އުންމީދުކުރެވޭ އައިސްކްރީމް ތަށީގެ އިންތިޒާރުގައި އަޅުގަނޑުގެ ކުރިމަތީގައި އެ އިނީ އަޅުގަނޑުގެ ރަޙްމަތްތެރި ނިޒާރުގެ އަންހެން ދަރިފުޅު ޝާހީންއެވެ. އެއްފަހަރު ނިޒާރުގެ މޫނަށް، އަނެއް ފަހަރު އަޅުގަނޑުގެ މޫނަށް އޭނާ އެބަލައިލާ ގޮތުން އަޅުގަނޑަށް ހީވަމުންދިޔައީ އޭނާ އެއިނީ އެއިރު އަޅުގަނޑުމެން ދެ ފިރިހެނުން ދައްކަމުން ގެންދިޔަ ވާހަކައިގައި އޭނާވެސް ޝައުޤުވެރިވާ ކަހަލަ ކަންތައްތަކެއް ހުއްޓަސް، ނިޒާރުގެ ފުށުން އޭނާޔަށް ލިބިފައިވާ ހެޔޮ ތަރުބިއްޔަތުގެ ސަބަބުން ދަޢުވަތަކާނުލައި ވާހަކައިގެ ތެރެޔަށް އޭނާގެ ޙިއްސާއެއް ލާން ނުކެރިފައި ކަމަށެވެ. އަޅުގަނޑާއި ނިޒާރުއާ ދެމީހުންވެސް ތިބީ އައިސްކްރީމްއާ އެކީގައި އަންނާނޭ ކޮފީގެ އިންތިޒާރުގައި ކަމަށް ވެފައި، އަޅުގަނޑުމެން ދައްކަމުން ގެންދިޔަ ވާހަކަޔަކީވެސް ޢުމުރުން ދިހަވަރަކަށް އަހަރުގެ ދަރިޔެއްގެ ކުރިމަތީގައި ދެއްކުން އައިބު ވާހަކަޔަށް ނުވާތީ، ދެކެވެމުންދިޔަ ވާހަކައިގެ މަޢުޞޫޢާމެދު ކުޑަކުއްޖެއްގެ ޚިޔާލު ހުރިނެތްގޮތެއް ބަލައިލާން އަޅުގަނޑު ބޭނުންވިއެވެ.

"ސްކޫލްތަކުގައި ހަފުބަންދުގައި ހިލޭ އާރޓްކްލާހެއް ހިންގައިފިއްޔާ ބައިވެރިވާނެ ކުދީން ވާނެބާ؟ ޝާހީނަށް ފެންނަނީ ކިހިނެއް؟" އަޅުގަނޑު އަހައިލީމެވެ.

"އަޅުގަނޑު އިނގިރޭސިބަހުން ޖަވާބުދިނަސް އެންމެ ރަނގަޅުތޯ؟" ނިޔަނެތިކަމާއި އަދަބުވެރިކަމުން ފުރިގެންވާ ހިނިތުންވުމަކާއެކު ޝާހީން އަހައިލިއެވެ.

"ހަމަ އެންމެރަނގަޅު،" އަޅުގަނޑު ޖަވާބުދިނީމެވެ. ނިޒާރުވެސް އެކަމާ އެއްބަސްވެލުމުގެ ގޮތުން ހިނިތުންވެލައިފައި ބޯޖަހައިލިއެވެ.

"އަޅުގަނޑަށް ޔަޤީން ނުލާހިކު ގިނަ ކުދީން އަންނާނެކަން،" ޝާހީން އިނގިރޭސިބަހުން ބުނެލިއެވެ.

ޝާހީން އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އިނގިރޭސިބަހުންނެވެ. އޭނާގެ ބަސްމަގާއި، ބަހުރުވަޔާއި، އަޑުމަޚްރަޖަޔާއި، ރާގާއި، ވާހަކަދެއްކުމުގައި ދެންވެސް ބޭނުންކުރަމުން ގެންދިޔަ ތަފާތު އެކި ހުނަރުތަކުން އަޅުގަނޑަށް އަންގައިދިނީ އޭނާ އިނގިރޭސިބަހަށް ފަރިތަކަމާއި، ތަޢުލީމުގެ މަގުގައި އެފަދަ ޅަ ޢުމުރުގައި އޭނާޔަށް އެހައިތަނަށް ހިނގިފައި އޮތް ދިގު ރާސްތާޔާއި އެރާސްތާގެ ފުޅާކަމެވެ. އަދި އޭނާގެ ވާހަކަ ކުރިޔަށް ދިޔަވަރަކަށް އަޅުގަނޑުގެ ހިތުގައި އެ ދަރިފުޅާމެދު އުފެދެމުންދިޔަ ލޯތްބާއި ތަޢުރީފުގެ ޙައްޤުވެރިޔަކީ ޝާހީންގެ ސްކޫލް ނޫންކަމާއި، އެ ތަޢުރީފް ޙައްޤުވަނީ ޝާހީންގެ މަންމަޔާއި ބައްޕަޔަށްކަން އެތައް ގޮތަކުން އަޅުގަނޑަށް ކަށަވަރުވަމުންވެސް ދިޔައެވެ.

"އެކަމަކު އާރޓްކުލާހަކަށްވުރެ މާބޮޑަށް ފައިދާކުރާނޭ އެހެން ކަމެއް އެބަ އޮތްކަމަށް އަޅުގަނޑަށް ފެނޭ." އޭނާގެ ވާހަކަ ނިންމައިލަމުން ޝާހީން ބުނެލިއެވެ. "އެއީ އިނގިރޭސިބަސް ރަނގަޅަށް ކިޔަވައިދޭ ކުލާސްތަކެއް ކޮންމެވެސް ބަޔަކު ސްކޫލްގައި ހިންގުން. ބޭބެ އެކަން ފައްޓަވައިދެއްވަންވީ ނޫންތޯ؟"

ޝާހީން އަށް އެބުނެވުނީ އަޅުގަނޑު އެކަމާ ވަރަށް ކަންބޮޑުވާ ކަހަލަ ކަމެއްގެ ވާހަކައެވެ. އެއީ، އިނގިރޭސިބަހަކީ ރާއްޖޭގެ ގިނަ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ މެދުވެރިޔާ ނުވަތަ މައިގަނޑު ވަޞީލަތުގެ ގޮތުގައި ގެންގުޅޭ ބަހަށް ވެފައި، އެނޫން ސްކޫލްތަކުގައިވެސް މައިގަނޑު މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭ މާއްދާޔަކަށް ވާއިރު، ކުރެހުން ކަހަލަ ފަންނެއްގެ ޚާއްޞަ ކުލާހެއް ހިންގާގޮތަށް އިނގިރޭސިބަސް ކިޔަވައިދޭ ކުލާސްތަކެއް ހިންގުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ޝާހީންމެން ޢުމުރުގެ ކުއްޖަކަށް ފެނުނުކަމެވެ!

ޝާހީން އެވާހަކަ އެހެން އެބުނީ ކީއްވެތޯ އަޅުގަނޑު އޭނާގާތު އެހީމައި، އޭނާ ބުނީ މިހައިރުވެސް އޭނާ އުޅޭ ކުލާހަށް އިނގިރޭސިބަސް ކިޔަވައިދޭން އަންނަ ޓީޗަރާމެދު ކުލާހުގެ ހުރިހައި ކުދީންހެން ހިތްހަމަނުޖެހޭ ވާހަކައެވެ. އެ ޓީޗަރުގެ ފަރާތުން އެއްޗެއް ދަސްވުމަށްވުރެ ބޮޑަށް،ދަސްވެފައި ހުރި އެއްޗެއްވެސް ހަނދާންނެތޭ ގޮތް ވާކަމެވެ. އަދި އެކަމުގެ ހެއްކެއްގެ ގޮތުން އެ ޓީޗަރު ވާހަކަދައްކާ ގޮތަށް ވާހަކަދައްކައިލުމުގެ އިޒުނަޔަށް ޝާހީނު އެދުނެވެ.

ވާހަކަ މިހިސާބަށް ދިޔުމުން، ނިޒާރުއާއި އަޅުގަނޑާ ދެމީހުންވެސް ޝާހީނު ގާތު އެދުނީ، އެއްވެސް މީހަކަށް ކުޑައިމީސް ބަހެއް ނުބުނެ، މަލާމާތަކަށްވެސް ނުވާގޮތަށް، އަޚުލާޤީ ހަމަތަކުން ބޭރުނުވެ، އެންމެ މިސާލެއް އަޅުގަނޑުމެންނަށް ދިނުމަށެވެ.

"މަޏޭމު އިޖު ޗަންޖާ. ޗުދޭ ވީ ލާން ލިޗެޗާ އިންދަ ޗެވެތީ ޗެންޗަރީ،" ޝާހީން މިހެން ބުނެފައި ދެން ކުރިޔަކަށް ނުގެންދިޔައެވެ. މަޢާފަށް އެދިފައި ހުއްޓައިލީއެވެ.

އެ ހިސާބުން ނިޒާރުއާއި އަޅުގަނޑާ ދެމީހުންވެސް ވާހަކަ އަނބުރައިލައި، މޭޒުމައްޗަށް ގެނެވުނު ކޮފީއަށާއި، އައިސްކްރީމްއަށާއި، ދެންވެސް ދުވަހާއި ތަނާ މުނާސަބު މަޢުޟޫޢު ތަކަށް ވާހަކަ ބަދަލުކޮށްލައިފީމެވެ. އަދި ބައިގަޑިޔެއްހައިއިރު ފަހުން ނިޒާރުމެން ދެބަފައިން އެއް ދިމާޔަށް ދާން، އަޅުގަނޑު އެހެން ދިމާޔަކަށް ބަހައްޓަން ޖެހޭތީ ވަކިވުމުގެ ސަލާމް ކޮށްފައި ވަކިވެލީއެވެ.

ވާހަކަ އެހިސާބަކުން ނުނިމުނެވެ. ޝާހީން އެ ދެއްކި ވާހަކައިގެ ސަބަބުން އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލުތަކެއްގެ ޖަވާބު ނުހޯދައި ހުންނާކަށް އަޅުގަނޑުގެ ޟަމީރު ތަނެއް ނުދިނެވެ. އެހެންކަމާއެކު، އަޅުގަނޑު އަޅުގަނޑުގެ ރަޙުމަތްތެރި ނިޒާރަށް ފޯނުކޮށްފީމެވެ. އަދި "ޗަންޖާ" ކަހަލަ ޓީޗަރުން ކިޔަވައިދޭއިރުވެސް އޭނާގެ ދަރިފުޅު ޝާހީން އިނގިރޭސިބަހަށް އެހާ މޮޅީ ކީއްވެތޯ އަހައިފީމެވެ. ޖަވާބު ވަރަށް ފަސޭހައެވެ. ޝާހީން އިނގިރޭސިބަސް ކިޔަވަނީ ގެޔަށް ދުރުވާ ދިވެހި ޓީޗަރެއްގެ އެހީގައެވެ. ދެން އަޅުގަނޑު ފޯނުކުރީ ޝާހީން ކިޔަވަންދާ ސްކޫލަށެވެ. އެތަނަށް ފޯނުކޮށްލައިގެން "ޗަންޖާ"ޔާ ބެހޭ މަޢުލޫމާތުކޮޅެއް އެގޮތްމިގޮތުން، އެކި ޙުއްޖަތް ދައްކައިގެން، ހޯދައިލައިފީމެވެ.

"މަޏޭމު އިޖު ޗަންޖާ" ކަމަށް ބުނާ ޓީޗަރުގެ ނަން ރަނގަޅަށް ކިޔަންވާގޮތަށް އެނޫން މީހަކު ކީމައި ކިޔެނީ "ޗަންޖާ"އެއް ނޫނެވެ. "ޗަންދްރާ" އެވެ. "މަޏޭމް އިޖު ޗަންޖާ" ބަދަލުވަނީ "މައި ނޭމް އިޒް ޗަންދްރާ" އަށެވެ! ޓީޗަރަކީ ކޮންކޮން ތަންތާކުން އިނގިރޭސިބަހުގެ ޑިގްރީއާއި ކިޔަވައިދިނުމުގެ ޑިޕްލޯމާ ނަމަވެސް ނަގައިގެން ހުރި މީހެއް ކަމެއް ދަންނަ މީހަކު އަޅުގަނޑަކަށް އަތަކުނުޖެހުނެވެ. އަދި އޭނާޔަކީ މީގެ ކުރީން ކޮންކޮން ތަންތާކު ކިހައިވަރެއްގެ ކާމިޔާބީތަކަކާއެކީ އިނގިރޭސިބަސް ކިޔަވައިދީފައި ހުރި މީހެއްކަމެއްވެސް ސްކޫލަކުން އަޅުގަނޑަކަށް ބުނެއެއްނުދިނެވެ. އަދި އަޅުގަނޑު އޭނާޔާ ބައްދަލުކޮށްލަން ބޭނުންވާތީ އެކަން އިންތިޒާމުކޮށްދެއްވިދާނެތޯ އަހައިލީމާވެސް ލިބުނީ އަޑުއަހައިލަން އެހައި ފަސޭހަ ރާގަކުން ދިން އެހައި ކަމުދާ ޖަވާބެއްވެސް ނޫނެވެ.

އަޅުގަނޑަކީ އެގޮތަށް "ފޮޅައިލީމައި" އެހައި ފަސޭހައިން ދޫކޮށްލާ މީހަކަށް ނުވާތީ، އަޅުގަނޑަށް ނުލާހިކު ފަސޭހައިން ލިބެންހުރި އެހެން ވަސީލަތްތަކެއް ބޭނުންކޮށްގެން އަޅުގަނޑަށް އެވަގުތަށް ބޭނުންވި ވަރަށް، ބޭނުންވި ތަންތަނުން "ޗަންޖާ"ޔާ ބެހޭ އެތައް ކަމެއް އިސާހިތަކު ހޯދައިލައިފީމެވެ.

"ޗަންޖާ" އިނގިރޭސިބަސް ކިޔަވައިދޭން އުޅޭ ސްކޫލަށް އިނގިރޭސިބަހުގެ ޓީޗަރަކަށް ބޭނުންވެގެން އެކަން ޤަވާޢިދުން އިޢުލާންކުރީ ޤަވާޢިދުގައި އޮންނަގޮތަށް، ރަނުން ރަނަށެވެ. ވީހާވެސް މަދު ބަޔަކު ކިޔާކަމަށް ފެންނަ ދެތިން ނޫހަކާއި ދެންވެސް އެކަހަލަ ދެތިން މަންސަޔަކުން ތިންދުވަހު އެ އިޢުލާން ފެންނަން ނުހުރެޔެކޭ އެއްވެސް މީހަކަށް ނުބުނެވޭނެއެވެ. އަދި އިޢުލާންކުރީވެސް ކުޑަޢީދު ދުވަހާއި ވަޅުޢީދު ދުވަހާއި ދެން ޖެހިގެން އައި ދުވަހުއެވެ. ވަޒީފާއެއް ނުލިބިގެން ވަޒީފާއެއް ހޯދަން އުޅޭ، ކަމަށް ބޭނުންވާ ސަނަދުތަކާއި ފާސްތަކާއި ހުއްދަތައް ހަމަޔަށް ހުއްޓަސް، ރޯދަމަސް ނިންމައި، ޢީދުކިޔައި، ހަރޯދައިގެ ބަރަކާތް ލިބިގަތުމަކީ އެދުވަސްވަރުގެ އެންމެ މުހިންމު ކަންކަން ކަމަށް ދިވެހީން ބަލާނޭ ތިން ދުވަހުއެވެ. އެވަރުންވެސް، އެންމެހައި ޝަރުޠުތައް ހަމަވާ ދިވެހީންގެ ދެ ޒުވާނަކު ވަޒީފާޔަށް ކުރިމަތިލިއެވެ. އެ ދެ ޒުވާނުން އިންޓަރވިޔު އަށް ޙާޟިރުވެ އިންޓަރވިޔޫއިން ފޭލްވީއިރު "ޗަންޖާ" އެއިރުވެސް ރާއްޖެއައިސް އުޅޭތާ ދެހަފުތާއެއްހައި ދުވަސް ވެއްޖެކަމާއި، "ޗަންޖާ"ޔަށް އެއިރު ވަޒީފާ ދިންކަމުގެ ލިޔުން ޙަވާލުކުރެވުނުތާވެސް ދުވަސްކޮޅެއް ވެއްޖެކަމާއި، އޭނާ އެއިރު ސްކޫލްގެ ޕްރިންސިޕަލްއާ ބައްދަލުކޮށް ނިމިއްޖެކަން އެނގޭނީ ކަންކަން ހިނގައިދިޔަގޮތް ރަނގަޅަށް ހޯދާނެ މީހަކު ހޯދިއްޔާ ނޫންތޯއެވެ! ހެޔޮމަގުން ކަންހިންގަން ހަދައިފައި އޮތް ނިޒާމުގެ ލޮލުގައި އެޅުވި އަނދުން ފޮހެލައިދޭނޭ މީހަކު ވިއްޔާ ނޫންތޯއެވެ!

އެހިސާބުން އަޅުގަނޑު ނިންމީ ސްކޫލުން އެކަހަލަ ކަންކަން ކުރާ ގޮތުގެ ފެންވަރު ބަލައިލާށެވެ. ސްކޫލަކީ ކިތަންމެ ނުފޫޒުގަދަ ބަޔަކު އިސްކޮށް ނުވަތަ އަޑީގައި ތިބެގެން ހިންގާ ތާކަށް ވިޔަސް، ސްކޫލްގެ ކަންކަމުގައި ބަސްކިޔޭ ހިސާބުގައި ތިބޭ މީހުންނާ އެކި ބާވަތްތަކުގެ ޖާއިޒް ނުވަތަ ނާޖާއިޒް ނަމަވެސް ތަޢައްލުޤެއް އޮންނަ އޮންނަ، ކިޔަވައިދިނުމުގެ ދާއިރާއިން ބޭރު ގުޅުންތަކެއްވެސް އޮންނަ، ބިދޭސީ "ޗަންޖާ"އިން ޤާނޫނާއި ޤަވާޢިދުގެ ގަލަމުދެލީގެ ޙުދޫދުތަކުގެވެސް ހަނި ހަނި އިމުގެ ތެރެއިން ރާއްޖެޔަށް އެތެރެކޮށްލާ ކޮށްލުމާ ކުޑަ ސަމާސާއެއްވެސް ކޮށްލާށެވެ. އެހެންކަމާއެކު، ޝާހީންގެ ފަރާތުން އަޅުގަނޑަށް ލިބުނު ޚިޔާލުގެ ބޭނުންކޮށް، ސްކޫލްގައި އިނގިރޭސިބަސް ކިޔަވައިދޭނޭ ޚާއްޞަ ކުލާސްތަކެއް ހަމަ މުޅީން ހިލޭސާބަހަށް ދަރުމަޔަށް ހިންގައިދޭން އަޅުގަނޑު ސްކޫލަށް ހުށައަޅައިފީމެވެ.

އަޅުގަނޑުގެ ހުށައެޅުން ހުށައެޅިތާ ދެތިން ހަފުތާ ވީއިރުވެސް ސްކޫލުން ޖަވާބެއް ނުލިބުނީމައި، އަޅުގަނޑު ދެން އެދުނީ ސްކޫލްގެ ޕްރިންސިޕަލާ ބައްދަލުކޮށްލާށެވެ. އެކަންވެސް ވީ ވަރަށް ވަރުންނެވެ. ސްކޫލުން ދެތިން ފަހަރަކު އަޅުގަނޑަށް އެޕޮއިންޓްމަންޓު ދީ، އެއިން ކޮންމެ ދުވަހަކު އެޕޮއިންޓްމަންޓް ހަމަޖެހިފައި އޮންނަ ގަޑިޔަށް ބަރާބަރަށް އަޅުގަނޑު ޙާޟިރުވީއިރު އެއިން ކޮންމެ ދުވަހަކީ ހަމައެގަޑީގައި ޕްރިންސިޕަލް އެހެން މީޓީންގް އެއްގައި އިންނެވުން ކަހަލަ "ޕްރޮފެޝަނަލް" އެތައް ގަނޑެއްވެސް ގަނެ، އެވަރުންވެސް އަޅުގަނޑު ފޫހިވެގެން ދުރަށް ނުގޮސް މީޑިޔާ މެދުވެރިކޮށްނަމަވެސް އެޕޮއިންޓްމަންޓަށް އެދެވިދާނެޔޭ ބުނި ހިސާބުންނެވެ.

ކޮންމެއަކަސް، އެޕޮއިންޓްމަންޓުގެ ނަތީޖާ ލިބުނީ އަޅުގަނޑު ހަމަ އުންމީދުކޮށްގެން ހުރި ގޮތަށެވެ. އިވުނީ އިވޭނޭކަމަށް އަޅުގަނޑު އުންމީދުކޮށްގެން ހުރި އަޑުތަކެވެ. އެޕޮއިންޓްމަންޓުގައި ސްކޫލްގެ ޢިއްޒަތްތެރި ބިދޭސީ ޕްރިންސިޕަލް އަޅުނޑު ގާތު ދެތިން ވާހަކައެއް ބުންޏެވެ. އޭގެތެރެއިން ފުރަތަމަ ވާހަކަޔަކީ، ސްކޫލަކީ އާދައިގެ ފެންވަރަށްވުރެ މަތީ ފެންވަރަކަށް ކިޔަވައިދޭ ސްކޫލަކަށް ވާތީ، ސްކޫލްގައި އިނގިރޭސިބަސް ކިޔަވައިދެވޭނީ އިނގިރޭސިބަސް އެމީހެއްގެ މާދަރީ ބަސް ކަމަށްވާ "ނޭޓިވް ސްޕީކަރ" އިންނަށް އެކަނި ކަމަށެވެ. ރާއްޖޭގެ ކަމާބެހޭ ޤާނޫނު ތަކުގައި އޮންނަ ގޮތަށް އިޢުލާނުކުރަން ޖެހޭތީ ސްކޫލުން ކުރި އިޢުލާނުގައި އެވާހަކަ ނެތަސް ވެހެވެ. ހަމަ ދާދި އިހަކަށްދުވަހު ވަޒީފާ ދިން "ޗަންޖާ"ޔަކީ އޭނާގެ ބައިންބަފައިންނާއި ފިރިމީހާޔާއި ދަރީންނާ މުޚާޠަބްކުރަން ގޭގައި މާދަރީ ބަހެއްގެ ގޮތުގައި އަވަށްޓެރި ޤައުމެއްގެ ރަސްމީ އެހެން ބަހެއް ބޭނުންކުރާ މީހަކަށް ވިޔަސް، އެއީ އަޅުގަނޑަށް އެނގިފައި އޮތް ކަމެއްކަން އަޅުގަނޑު ޕްރިންސިޕަލް ގާތަކު ނުބުނަމެވެ.

ޕްރިންސިޕަލް އަދި އެހެން ވާހަކައެއްވެސް ބުންޏެވެ. އެއީ، އަޅުގަނޑު އޭނާޔާ އިނގިރޭސިބަހުން ކުރި މުޢާމަލާތުގެ އަލީގައި އަޅުގަނޑަށް އިނގިރޭސިބަސް އެނގޭ ވަރު އޭނާ ވަޒަންކުރި ވާހަކައެވެ. އަޅުގަނޑަކީ "ނޭޓިވް ސްޕީކަރ" އަކަށް ނުވާއިރު، ޕްރިންސިޕަލް އަޅުގަނޑު އިމްތިޙާނުކުރުމުގެ ޢަމަލީ ޟަރޫރަތެއް އެޙާލަތުގައި އަދި ނެތަސް، އޭނާ އެކަން ކުރީ ކީއްވެގެން ކަމެއް އޭނާ ބުނެއެއްނުދެއެވެ. އަޅުގަނޑު އޭނާޔަކާ އެ ސުވާލެއް ކުރިމައްޗެއްވެސް ނުކުރަމެވެ. އަދި އޭނާޔަކީ ލެންގުއެޖް ކޮމްޕިޓަންސީ އިވެލުއޭޝަންގެ ދާއިރާއިން ދުނިޔޭގެ ނަން މަޝްހޫރު މަޤްބޫލް ކޮން ޔުނިވަރސިޓީއަކުން ކޮން ފެންވަރެއްގެ ފާހެއް ނަގައިގެން ހުރި އެގްޒަމިނަރ އެއްތޯވެސް އަޅުގަނޑެއް އޭނާގާތަކު ނާހަމެވެ. އެހެންނަމަވެސް، އޭނާ ތަކުރާރުކޮށް އަޅުގަނޑަށް ބުނެދެމުން ގެންދިޔައީ، އެނާގެ އަމިއްލަ ސްކޫލް ކަމަށް ތަކުރާރު ކޮށް ބުނަމުންގެންދިޔަ އެ ސްކޫލްގައި އިނގިރޭސިބަސް ކިޔަވައިދެވޭނޭ ފެންވަރު އަޅުގަނޑުގެ ކިބައިގައި އެއްގޮތަކަށްވެސް ނެތްކަމަށެވެ. އަދި އަޅުގަނޑަށް އަދި އެތައް ދުވަހެއްގެ މަސައްކަތުން އެ ފެންވަރަށް އާދެވިއްޖިއްޔާ އާދެވުނު ދުވަހަކުން އެ ސްކޫލުން އަޅުގަނޑަށް މަރުޙަބާ ކިޔުމާމެދު ވިސްނުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެދާނޭ ވާހަކައެވެ. އެހިސާބުން އަޅުގަނޑު އޭނާޔަށް ޝުކުރު އަދާކޮށްފައި އޭނާގެ ކޮޓަރީން އަވަހަށް ނިކުމެއްޖައިމެވެ. ބާރަށް ހީނނުގަނެ އަޅުގަނޑަށް އެތަން ސަލާމަތްވެވުނީ ހަމަ ކިރިޔާއެވެ!

އެކަމަކު ދެން އަޅުގަނޑުގެ ހިތަށް ވެރިވެގަތީ ތަންކޮޅެއް ސީރިޔަސް ޚިޔާލުތަކެކެވެ. ހިތަށް ފެންނަމުން ދިޔައީ ނުމޫސުމުގައި، ނަމެއްގައި، އަމާބުނީތީ ފަރަށްދިޔުމުގެ އުޞޫލުން ކުރި އިޢުލާނަށްވެސް ތަބަޢަވެގެން ވަޒީފާއެއް ހޯދަން އެސްކޫލަށް ދިޔަ، ކަމަށް ޤާބިލް، ޝަރުޠު ފުރިހަމާ ދިވެހި ދެ ޒުވާނުންނަށް ހަދައިލި ނިކަމެތި ގޮތެވެ. ދަތި އެތައް ޙާލެއްގައި އުޅެގެން، އެތަކެއް އުނދަގުލާއި ތުރާ ތަޙައްމަލް ކޮށްގެން ކިޔަވައިގެން ވަޒީފާގެ ބާޒާރަށް ނިކުންނަ ދިވެހި ކިތަކަށް ޒުވާނުން ބާކީވެފައި ތިއްބާބާވައޭ މިކަހަލަ "ޗަންޖާ"އިން ރޯމާދުވާލު އަޅުގަނޑުމެންގެ މިޤައުމަށް އެތެރެކުރަނީ، މިއީ ހަމަ ބައެއްގެ އިހުމާލުން ނޫނީ ނޭނގުމުގެ ތެރެއިން ހިނގާ ކަންކަން ބާވައޭވެސް ހިތަށްއެރިއެވެ. އެކަހަލަ އެތަކެއް "ޗަންޖާ"ޔަށް އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހިރާއްޖޭގައި މިދެންނެވި ކަހަލަ ގޮތްގޮތަށް ރޯމާދުވާލު ވަޒީފާތައް ދެމުން ގެންދާއިރު ދިވެއްސަކަށް ހަމަ ޖާގަޔެއް ނެތީބާވައޭ ހިތަށް އެރިއެވެ!