Support Us

ރަނގަޅު ވެރިކަމަކަށް އޮވެވޭނީ ރަނގަޅު ރައްޔިތެއް އޮވެގެންނެވެ.

ނޯޓް: ތިރީގައި މި ވަނީ އަލްމަރުހޫމު ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު، "އާބާރު" މަޖައްލާގައި ފެބްރުއަރީ 1979ގައި ލިއުއްވާފައިވާ ލިއުއްވުމެކެވެ.

ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް، ކޮންމެ އިރެއްގައިވެސް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ ތެރޭގައިވެސް، ރައްޔިތުން އެންމެ ބޮޑަށް އެދޭކަމަކީ، ރަނގަޅު ވެރިކަމެއް އޮތުމެވެ. މީސްތަކުންގެ ވެރިންނަކީ، ރަނގަޅު ބަޔެއްކަމުގައި ވުމެވެ. ޞުލްޙަ މަޞްލަޙަތަށް ލޯބިކުރައްވާ، ރައްޔިތުންނަށް ހެޔޮ ގޮތްތައް އެދޭ ވެރީން، ވެރިކަންކުރާ ބަޔެއްކަމުގައި ވުމެވެ. ރައްޔިތުންގެ ފައިދާތަކަށް ލޯބިކުރައްވާ، ރައްޔިތުންނަށް މޮޅު ގޮތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާ، ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކޮށްދެއްވާ ވެރިން ކަމުގައިވުމެވެ. އަމިއްލަ ޒާތީ ބޭނުންތަކާ ފައިދާތަކަށްވުރެ، ރައްޔިތުންގެ ބޭނުންތަކާއި ފައިދާތަކަށް އަހުމިއްޔަތުކަން ދެއްވާ، ސަމާލުކަންދެއްވާ، އަދި އަޅާލުން ބަހައްޓަވާ ވެރީން ކަމުގައިވުމެވެ. ޖުމްލަކޮށް މިދެންނެވުނީ، ޢާއްމު ގޮތެއްގައި، ދުނިޔޭގެ ހުރިހާ ތަންތަނެއްގައިވެސް، ވެރިކަމާ، ވެރީންނާމެދު، ރައްޔިތުން ހިތްތަކުގެ އަޑިން އެދޭ އެދުންތައް ނޫންތޯއެވެ؟ ވެރީން ތިބެންވި ގޮތާމެދު ވެރީންގެ ކިބައިގައި ހުންނަންވީ ސިފަތަކާމެދު، ރައްޔިތުން އުއްމީދުކުރާ ގޮތްތައް ނޫންތޯއެވެ؟ އެއީ ހަމައެކަނި އެދޭއެދުންތަކާ، ވެވޭ އުއްމީދުތަކަކުން، ފުރިހަމަ ވެވޭން އޮންނަ ކަމެއްތޯއެވެ؟ އެ އުއްމީދުތަކާ އެދުންތައް ޙަޤީޤަތެއް ކަމުގައި ވުމަށްޓަކާ، ރައްޔިތުން އަދާކުރަންވީ ވާޖިބުތަކެއް، ރައްޔިތުންގެ ކިބައިގައި ހުންނަންވީ ވަކި ސިފަތަކެއް، ރައްޔިތުންގެ ޢަމަލުތައް ހުންނަވީ ގޮތްތަކެއް، އޮތުން ލާޒިމުކަމަކަށް ނުވޭތޯއެވެ؟ ވެރީންނަކީ، އެދެވޭ ރަނގަޅު ބަޔެއް ކަމުގައި ވުމަށްޓަކާ، ރައްޔިތުންނަކީވެސް، ރަނގަޅު ސިފަތަކެއް ހުރި ބައެއް ކަމަށްވުން ލާޒިމުކުރާ އިޖުތިމާޢީ އުޞޫލުތަކެއް ނޯވޭތޯއެވެ؟ ނޫނެކެވެ. އޮވެއެވެ. މިއީ އެޔާމެދު ދެބަސްނުވެވޭ ޢިލްމީ ޙަޤީޤަތެކެވެ. އަދި އަޅުގަނޑުމެންގެ ދީނީ އިރުޝާދު ތަކުގައި، ޚާއްޞަ އަހުމިއްޔަތު ކަމަކާއެކު، ބަޔާންކޮށްދެވޭ އެއް މައުޟޫޢެކެވެ. އެއީ އެކަމާ ބެހޭގޮތުން، ކީރިތި ޤުރުއާނާއި މާތްވެގެންވާ ރަސޫލާގެ ޙަދީޘްތަކުގައި ގިނަގުނަ އިރުޝާދުތައް ދެއްވައި އަންގަވާ މައުޟޫޢެކެވެ. ދީނުގެ އިމާމުންނާއި ދަންނަ ބޭކަލުންވެސް އެ މައުޟޫޢުގެ އަހުމިއްޔަތުކަން ފާހަގަ ކުރައްވާ މައުޟޫޢެކެވެ.

ތާރީޚްވެސް ހެކިދެއެވެ.

މިދެންނެވި ޙަޤީޤަތަކީ، ތާރީޚްވެސް އޭގެ މައްޗަށް ހެކިދޭ ޙަޤީޤަތެކެވެ. ޔަޢުނީ ހުރިހާ ޒަމާންތަކެއްގައިވެސް، ރަނގަޅުވެރީން އުޅެފައިވަނީ، ރަނގަޅު ރައްޔިތުން ތިބޭ ތަންތާނގައެވެ. ރައްޔިތުން ރަނގަޅު ނޫންނަމަ، ރަނގަޅު ވެރިޔަކަށް ނުހުރެވެއެވެ. ނުބައި ވެރިޔަކު އުފެދިއްޖެނަމަ އޭގެ ޙަޤީޤީ ސަބަބަކަށް ވެފައި އޮންނަނީ، ރައްޔިތުންނަށް ތިބޭ ބައެއްގެ އަޚްލާޤާއި ޢަމަލު ތަކުގައި، ނުބައި ގޮތްތަކެއް އުފެދި ޢާއްމުވެފައި ވަނީއެވެ. މިބާވަތުގެ ކަންކަމުގެ ހެކިތަކެއްގެ ގޮތުން، އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުންވެސް ވަރަށް ގިނަ ޙާދިޘާ ތަކެއް ހޮވާލެވިދާނެއެވެ.

މިރޮނގުން އެއްޗެއް ދަންނަވާއިރު، އެންމެ ފުރަތަމަ، އަޅުގަނޑު ހޮވާލާނީ، ސައްޔިދުނާ ޢަލީ ބިން ޠާލިބު ރަޟިޔަﷲ ޢަންހު އަށް ނިސްބަތްވާ ވާހަކައެކެވެ. ދެންނެވުމުގެ ބޭނުމެއް ނޯންނާނޭ ފަދައިން ސައްޔިދުނާ ޢަލީގެފާނަކީ، ޚުލަފާއުއްރާޝިދީންގެ އެންމެ ފަހުގެ ޚަލީފާއެވެ. އިސްލާމީ އުއްމަތުގެ ތާރީޚްގައި ތިންވަނަ، ހަތަރުވަނަ ޚަލީފާގެ ޒަމާން ފާހަގަ ކޮށްލެވިފައިވަނީ، ފިތުނަވެރިކަމާއި ހަމަނުޖެހުން ތަކެއްގެ ޒަމާނެއްގެ ގޮތުންނެވެ. ތިންވަނަ ޚަލީފާ، ސައިޔިދުނާ ޢުޘްމާން ބުނި ޢައްފާން ރަޟިޔަﷲ ޢަންހު އާއި، ހަތަރުވަނަ ޚަލީފާ ސައްޔިދުނާ ޢަލީގެފާނު ޝަހީދުކޮށްލެވުނީ ޚުދު މުސްލިމް ބައެއްގެ އަތުންނެވެ. އަދި މި ދުވަސްވަރުގެ ފިތުނަތަކުގައި، ބޭރުގެ ޢަދާވާތްތެރީންގެ ނުރައްކަލެއްނެތި ޚުދު މުސްލިމް އުއްމަތުގެ ދާޚިލީ ހަމަނުޖެހުންތަކެއް ވެރިވެފައި އޮތެވެ. މިދެންނެވި ވާހަކަ ތަކަކީ ތާރީޚްގައި މަޝްހޫރު ވެގެންވާ ވާހަކަ ތަކެކެވެ. އެވާހަކަތަކާ އޭގެ ސަބަބުތަކާ ޙަޤީޤަތްތައް ތަޙުލީލުކުރާއިރު، ތަފާތު ގޮތްގޮތަށް މީސްމީހުން ޚިޔާލު ފައުޅުކޮށްފައި ހުރެއެވެ. ޚާއްޞަކޮށް އިސްލާމްދީނުގެ ދުޝްމަނުންނާއި، މިޒަމާނުގެ އޮރިއެންޓަލިސްޓުން، މިދެންނެވި ޒަމާނުގެ ތާރީޚާއި އެދުވަސްވަރުގައި ހިނގި ޙާދިސާތަކުގެ ބޭނުންކޮށްފައިވަނީ އިސްލާމްދީނާ، އަދި އިސްލާމީ އުޞޫލުތަކާ އެދީނުގެ އަހުލުވެރިންނާ އިދިކޮޅު ނުބައި ޕްރޮޕެގެންޑާއެއްގެ ގޮތުގައެވެ. ނަމަވެސް އިސްލާމީ ނަޒަރަކުން ބަލައި އެދުވަސްވަރުގެ ތާރީޚާބެހޭ ފުރިހަމަ ތަޙުލީލެއް ކުރެވިއްޖެނަމަ، ނުބައި ޕްރޮޕެގެންޑާ ތަކުގެ ޙަޤީޤަތެއް ނެތްކަން ހާމަވެގެންދާނެއެވެ.

ކޮންމެއަކަސް، މިއަދު މި މައުޟޫޢުގައި ވާހަކަ ދައްކަން ފަށާއިރުވެސް، އަޅުގަނޑު އެންމެ ފުރަތަމަ ދަންނަވާލާ ހިތްވަނީ، މިދެންނެވި ދުވަސްވަރާމެދު ސައިޔިދުނާ ޢަލީގެފާނު ވިދާޅުވެފައިވާ ކަމަށް ބަޔާން ކުރެވޭ ވާހަކައެކެވެ. އެދުވަސްވަރު ކޮންމެވެސް މީހަކު ސައްޔިދުނާ ޢަލީގެފާނުގެ އަރިއަހުގައި ދެންނެވިއެވެ. މާތްރަސްކަލާނގެ ރުއްސުންލެއްވި އަބޫބަކުރުގެފާނާއި މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޒަމާނުގައި، އެއްވެސް ފިތުނައެއް ހަމަނުޖެހުމެއް ނެތި އޮވެފައި، ކަލޭގެފާނާއި ޢުޘްމާނުގެފާނުގެ ޒަމާނުގައި، މިހާ ފިތުނަ ފަސާދަ ބޮޑުވެފައި މިވަނީ ކީއްވެގެންތޯއެވެ؟ މި ސުއާލުގެ ޖަވާބެއްގެ ގޮތުން ޢަލީގެފާނު ވިދާޅުވި ވާހަކައިގެ ޚުލާޞާއަކީ "އެކަން އެހެން ވެފައިވާގޮތް ކަލެއަށް ނޭނގެނީހެއްޔެވެ؟ އެކަން އެހެންވެފައިވާ ސަބަބަކީ އެބޭކަލުންގެ ޒަމާނުގައި ވެރިކަމުގައި ތިއްބެވީ އަހުރެމެން ކަހަލަ އެބޭކަލުން ކަމަށްވެފައި، ރައްޔިތުންނަށް ތިބީ އެބޭކަލުން ކަހަލަ އަހުރެމެންކަމަށް ހިމެނިފައި ވުމާ، މިހާރު ވެރިކަމުގައި މިތިބީ އެބޭކަލުންކަހަލަ އަހުރެމެން ކަމަށްވުމާއެކު، ރައްޔިތުންކަމަށް މިތިބީ ކަލޭމެން ކަހަލަ މީހުން ކަމަށް ހިމެނިފައިވާކަމެވެ."

މިވާހަކައިން އެނގެނީ ޤައުމެއްގެ ތެރޭގައި ހަމަޖެހުމާއި ޞުލްޙަވެރިކަން ޤާއިމުވެ އޮތުމަށްޓަކާ، ވެރީންގެ މާތް މަޤްޞަދުތަކާއި މަސައްކަތްތަކުން އެދެވޭ ރަނގަޅު ނަތީޖާ ފެންނަމުންދާނީ، ރައްޔިތުންގެ ކިބައިގައިވެސް، އެފަދަ މާތް މަޤްޞަދުތަކާއި ހެޔޮ އެދުންތަކެއް ވާކަން ޢަމަލީ ގޮތުން ސާބިތުކޮށްދެވުމުން ކަމެވެ. މިދެފަރާތުގެ އަޚްލާޤާއި ޢަމަލުތައް ތަފާތުވެ ޚިލާފުވެގެން ވާނަމަ ސޮސައިޓީގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމްވެ ނޯންނާނެކަމެވެ.

ޝައްކެއްނެތެވެ. ޤައުމީ އިޞްލާޙާއި ހެޔޮމަގުތަކުގައި ކުރިޔަށް ދިޔުމުގައި ވެރިންނަށްތިބޭ ބަޔެއްގެ ރޯލަކީ، ވަރަށް މުހިއްމު އެއްޗެކެވެ. ހަމަ އެފަދައިން ޤައުމުގެ ކަރަޕްޝަނާއި އިޖުތިމާޢީ ފަސާދަ އަށަގަތުމުގައިވެސް އެބައިމީހުންގެ މަސްއޫލިއްޔަތުގެ މަތިވެރިކަމާމެދަކު ދެބަސްވުމެއް ނެތެވެ. ނަމަވެސް ކޮންމެ ގޮތެއްގައިވެސް ދެފަރާތުގެ ގުޅުމާއި އެއްގޮތަކަން ހުރުމަކީ ލާޒިމުކަމެކެވެ.

އިލާހީ ޢަޛާބުގެ ބާވަތެއް

އަނިޔާވެރި ވެރީން ދެއްވުމަކީ ބައެއްގެ އިޢުތިޤާދުތަކާ ޢަމަލުތައް ނުބައިވެ، އަޚްލާޤު ފާސިދުވެ، މުންކަރާތްތައް ޢާއްމުވެގެންދާއިރު، އެކަން އިޞްލާޙު ކުރަންވެސް ނޫޅެ ފަރުވާކުޑަ ކޮށްލެވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔެމަތީގައި މީސްތަކުންނަށް ދައްކަވާ އިލާހީ ޢަޛާބުގެ އެއްބާވަތެކެވެ. މިކަން ދީނީ ނައްޞުތަކުންވެސް ސާބިތުވެ އެނގެއެވެ. ކަން މިހެންހުރިއިރު، އަނިޔާވެރި ވެރިންނާމެދު ޝަކުވާތައްކޮށް އުޅުމުގައި، ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއްވެސް އޮވެއެވެ. އެމީހުންނަށް ނުބައި ބަސްތަކުން އެއްޗެތި ގޮވައި ހެދުންވެސް ދީނީ އިރުޝާދު ތަކުގައި މަނާކުރެވިފައި ވެއެވެ. ކީރިތި މާތްރަސޫލާގެ ޙަދީޘެއްގައި ވެއެވެ. لا تسبوا السلطان، فإن كان لا بد فقولوا اللهم دنهم كما يدينون ތިޔަބައިމީހުން ވެރިންނަށް ހުތުރުބަސްތައް ގޮވައި ނުހަދާށެވެ. ކޮންމެހެން އެއްޗެއް ނުބުނެ ވާން ނެތިއްޖެ ނަމަ "ހައްދަވާ ބޮޑުކުރެއްވި މާތްރަސްކަލާކޮ! އޭނާ އަޅަމެންނާ މެދު ކަންތައްކުރާ ފަދައިން އޭނާއާ މެދު އިބަސުވާމީންގެ ކަންތައް ނިންމަވާދޭވެ." މިފަދައިން ބުނާށެވެ.

ކަންމިހެން ހުރިއިރު، ވެރިކަމުގެ ފަރާތުން ޢާއްމު އަނިޔާ ތަކެއް ބަޔަކަށް ލިބޭނަމަ އެކަމަށްޓަކާ ވިސްނައި ބަލަންޖެހެނީ، ހަމައެކަނި ވެރިކަމުގެ ކުށްތަކަކަށްވެސް ނޫނެވެ. ޢާއްމު ރައްޔިތުންގެ ކުށްތަކާމެދުވެސް ވިސްނައި ފިކުރު ކުރަން ބޭނުމެވެ. މިހާރަކަށްއައިސް، އަޅުގަނޑުމެންނަށްވެސް މިފަދަ ޙާލަތެއް ކުރިމަތި ވެފައިވާތީ، ކުރެވޭ ޝަކުވާތަކުގެ އަޑުވެސް ނުހަނު ގަދައެވެ. ވީމާ އުޞޫލީ ގޮތެއްގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ހަނދުމަ ކުރައްވާށެވެ. އެއީ އެއްވެސް ޤައުމެއްގެ ޙާލަތު، ރަނގަޅު ގޮތްތަކާ ޚިލާފު ނުބައި ގޮތްތަކަށް ބަދަލުވެގެން ދަނީ އަދި ނުބައިން ރަނގަޅަށް ބަދަލުވެގެން ދަނީވެސް، އެބައެއްގެ އަމިއްލަ ނަފްސު ތަކުގެ ޙާލަތު ބަދަލުވުމުން ކަމެވެ. އަޅުގަނޑުމެންނަށް ޢާއްމު ގޮތެއްގައި ޤައުމީ މުޞީބާތްތަކެއް، ޤައުމީ ގެއްލުންތަކެއް ކުރިމަތިވެ، ވެރިކަމުގެ ފަރާތުން އަނިޔާ ލިބިފައި ވާނަމަ، ޢާއްމު ގޮތެއްގައި އަޅުގަނޑުމެންގެ އަޚްލާޤާއި ޢަމަލުތަކަށްވެސް، ނޭދެވޭ ބަދަލުތަކެއް އައިސްފައި ވާނޭކަމާމެދު ޝައްކެއް ނެތެވެ. އަޅުގަނޑުމެންނަށް އެކަން އިޙުސާސް ވެވުނަސް، ނުވެވުނަސް، ކަންކަމުގެ ހުރިހާ ޙަޤީޤަތްތައް ދެނެވޮޑިގެންވާ ފަރާތުން، މިހުރިހާ ކަންކަމަށް ބައްލަވައި ވޮޑިގެންވާނެކަން ޔަޤީނެވެ. އަދި އެނުބައި ބަދަލުތަކުގެ ލާޒިމީ ނަތީޖާތައް ދައްކަވާނެކަންވެސް ޔަޤީނެވެ.

ވިސްނައި ފިކުރު ހިންގަވާލައްވާށެވެ. އަދި އިޚްލާޞްތެރި ހިތަކުން، އަޅުގަނޑުމެންގެ އަމިއްލަ ޙާލަތު ހުރި ގޮތްތަކުގެ މައްޗަށް ޚިޔާލު ކޮށްލައްވާށެވެ. އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ކުރިމަތިވެފައި ވާނަމަ ޤައުމީ މުޞީބާތްތަކާ ގެއްލުންތަކުގެ ޙަޤީޤީ ސަބަބުތަކެއް ވެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ފަސާދައާއި އިޖުތިމާޢީ ބަލިތަކެއްވަނީ އަށަގެންފައެވެ. ވީމާ، އެބަލިތަކާމެދު، ވިސްނުމުގެ ނަޒަރެއް ހިންގައިލަމާތޯއެވެ؟ ތަރަފާއި މުތްރަފީން… ޤައުމުތަކުގެ ހަލާކު ފެށެނީ، އެޤައުމުތަކުގައި ތިބޭ ޚާއްޞަ ރަނގަޅު މީސްތަކުންގެ ކިބައިގައި، ނުބައި ނުރަނގަޅު އިޢުތިޤާދުތަކާއި ޢަމަލުތައް، ނުބައި އަޚްލާޤް އަށަގަތުމުންނެވެ. ޤައުމުތަކުގައި ތިބޭ ބާރާއި ނުފޫޒުގެ އަހުލުވެރިންނަކީ ފާސިޤުން ކަމުގައިވެ، އެބައިމީހުންގެ އަސަރާއި ނުފޫޒުން، ޢާއްމުންގެ މެދުގައި އެނުބައި ކަންތައްތައް ފެތުރިގެން ދިޔުން، ޤައުމުގެ ހަލާކުގެ ސަބަބުކަމަށް ހިމެނިގެން ދެއެވެ. މިކަން މިގޮތުގެ މަތިން ހިނގަމުން ދިއުމީ، ޤުދްރަތުގެ ޤާނޫނެކެވެ. އިޖުތިމާޢީ އުޞޫލެކެވެ.

ޤައުމުތަކުގައި ކުރިޔަށް ތިބޭ ޚާއްޞަ މީހުންގެ ކިބައިގައި އީމާންކަން ކުޑަވުމާއި، ތެދުވެރިކަން ނެތުމާއި ނިފާޤުކަން އަށަގަތުމާއި ޚިޔާނާތްތެރިކަމާއި މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ބިރުކުޑަކަން އުފެދުމާއި ޝަރުޢީ ޙުދޫދުތަކާއި އަމުރުތަކާއި ނަހީތަކަށް ޙުރުމަތްތެރިކަން ކުޑަވުމާ މިފަދަ ސިފަތައް ހުރުމުގެ ލާޒިމީ ނަތީޖާއަކަށްވަނީ، މުޅި ޤައުމުގެ ތެރެއަށް އެނުބައި ކަންތައްތައް ފެތުރިގެން ދިއުމެވެ. އެއީ އިލާހީޢަޛާބު ބަޔަކަށް ލިބުން ޙައްޤުވާ ސަބަބު މެދުވެރިވީއެވެ. وإذا أردنا أن نهلك قرية أمرنا مترفيها ففسقوا فيها فحق عليها القول فدمرناها تدميرا. (އިސްރާ ސޫރަތުގެ 16ވަނަ އާޔަތް)

އާދޭހެވެ. ޤައުމެއްގެ ހަލާކުގެ ފެށުންކަމަށް ހިމެނިފައި އޮންނަނީ، ދެންމެ މިދެންނެވި ފަދައިން، ޤައުމުގައި ކުރިޔަށްތިބޭ ޚާއްޞަ މީސްތަކުންގެ ކިބައިގައި ފާސިޤުކަން އަށަގަތުމެވެ. މިބާވަތުގެ ކަންތައްތައް، އެބައިމީހުން ކުރާންފެށުމުން، ޤައުމުގެ ޢާއްމު މީސްތަކުންނަށް، އެކަން ރީތި ކަންތައް ކަމުގައިވަނީއެވެ. އަދި އެމީހުން އުޅޭ ނުބައިގޮތްތައް ދިރިއުޅުމުގައި ގެންގުޅުމަކީ، އެންމެ ރަނގަޅުކަންތައް ކަމުގައި ވަނީއެވެ. އަދި ކިއެއްތޯއެވެ؟ އެންމެފަހުން އެކަންކަމަކީ، ދިރިއުޅެންވީ އުޞޫލުތަކެއް ކަމަށް ވެގެން ދަނީއެވެ. މިދެންނެވި ފާސިޤް ކަމަކީ ކޮބައިތޯއެވެ. ކުރުބަހަކުން ދަންނަވާނަމަ އެއީ ޙަޔާތުގެ އަމިއްލަ ޒާތީ ފައިދާތައް، އަމިއްލަ ވަގުތީ އުފައުތައް، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ލޯބިކުރާ އެއްޗެއް ކަމުގައި، ހަދާލުމެވެ. އެހެން ހުރިހާ ކަމަކަށްވުރެ އިސްކަންދީގެން، ދިރިއުޅުމުގައި ޢަމަލުކުރަންވީ ކަންތައް ކަމުގައި ހަދާލުމެވެ.

އަޅުގަނޑުމެންގެ ދުނިޔޭގެ ޒާތީ އުފައުތަކާއި މަޞްލަޙަތުތައް، ޙައްޤާއި، ހެޔޮކަމަކަށްވުރެ އިސް، އަދި މުހިއްމު ކަންތައް ކަމަށް ވެގެން ދިއުމެވެ. ރަސޫލާގެ އިރުޝާދުތަކާއި، ހެޔޮގޮތާއި ޙައްޤު ގޮތްތައް ހިފެހެއްޓުމާއި ޢާއްމު ކުރުމުގެ މަގުގައި ޖިހާދު ކުރުމަށްވުރެ، ތިމާމެންނަށް ލޮބުވެތިކަންތައް ކަމުގައި ވެގެން ދިޔުމެވެ. ދުނިޔޭގެ ޙަޔާތުގައި އަޅުގަނޑުމެން އެންމެ ލޯބިކުރަނީ، އަޅުގަނޑުމެންގެ މައިން ބަފައިންނާ، ދަރީންނާ، އެއްބަނޑު އެއްބަފާ އަޚުންނާއި އަނބިންނާ އެއްކޮށް ޖަމާކޮށްގެން އުޅޭ މުދައުތަކާއި އެވިޔަފާރީގައި ގެއްލުން ލިބިދާނެ ކަމަށް ބިރުންތިބޭ ވިޔަފާރިއާއި އަމިއްލަ ގެދޮރާއި، މިފަދަ ކަންތައްތަކަށެވެ. މިއީ ޖުމްލަކޮށް ބަލާއިރު، ދުނިޔޭގެ ދިރިއުޅުމުގެ މަޞްލަޙަތަށް ބެލުމުގެ ގޮތުން، މީސްތަކުން ޚިޔާލު ކޮށްގެން އުޅުން ލާޒިމް ވެފައިވާ ކަންތައް ތަކެކެވެ. ނަމަވެސް މިކަންކަމަށް، ހުރިހާ ސަމާލުކަންދެވި، އެނޫން އެހެން އެއްވެސް ކަމެއްގެ ޚިޔާލެއްނެތި، އެކަންކަމައިގެން ހުރިހާ ވިސްނުމާއި ފިކުރާއި މަސައްކަތް ހޭދަކޮށް އުޅުމަކީ، އެކަންކަމަށް ދޭންވީ އަހުމިއްޔަތު ކަމަށްވުރެ، މަތިވެރި އަހުމިއްޔަތު ކަމެއް ދެވެނީއެވެ. ނަތީޖާއަކަށްވަނީ، އިންސާނާ، މިދެންނެވި ދުނިޔަވީ އެދުންތަކެއްގެ އަޅުވެތިކަމެއްގައި އަޅުވެތިވަނީއެވެ. އެއީ ޙަޔާތުގެ މަޤްޞަދު ކަމުގައި ހިމެނިގެން ދަނީއެވެ. އެއިރުން މީހާގެ ހުރިހާ ޢަމަލުތައް ހުންނަނީ، މިދެންނެވި ކަންތައްތަކުގެ ތެރެއިން ކަމެއްގެ މަޞްލަޙަތާ ގުޅިފައެވެ. ބައެއް ހިނދަށް ތިމާގެ އަނބިދަރީންނާ ޢާއިލާއަށްޓަކާ، އަނެއްބައި ހިނދަށް، ތިމާގެ މުދައުތަކާ ވިޔަފާރިއަށްޓަކާ، އަނެއްބައި ހިނދަށް ތިމާދިރިއުޅޭ ހިތްފަސޭހަ ގެދޮރަށްޓަކާ، ކުރާހުރިހާ ކަމަކާ، ހޭދަކުރާ ހުރިހާ ވަގުތާއި ޚަރަދެއް ވަޤުފް ކުރެވިފައިވެއެވެ. ޙައްޤާއި ހެވަށްޓަކާ މަތިވެރި ހަރުދަނާ އުޞޫލުތަކަށްޓަކާ، މަސައްކަތެއްކޮށް، އެއްވެސް ބާވަތެއްގެ ހޭދައެއް ކޮށްއުޅުމަކީ، ބޭނުން ކަމެއް ކަމަކަށް ނުވާނެއެވެ. މިހެންވުމުން، އެފަދަ މީހުން ހިމެނިގެންދަނީ، އެމީހުންނަށް އިލާހީ ހިދާޔަތް ލިބުންވެސް ޙައްޤު ވެގެންނުވާ ފާސިޤުންގެ ތެރެއިންނެވެ.

ނަތީޖާތައް

ދެންމެ މިދެންނެވި ގޮތުގެ މަތީން ޤައުމެއްގެ ތެރޭގައި، އިޖުތިމާޢީ ފަސާދަ އަށަގަތުމުން، މީސތްކުންގެ ކިބައިގައި، ނޭދެވޭ ނުބައި ޢަމަލުތައް ހިނގަންފަށައި، އެކަމުގެ ދަތިކަމާއި ހަމަނުޖެހުން ސޮސައިޓީގެ ތެރެއަށް ފެތިގެން ދަނީއެވެ. އެއްބައެއްގެ ކުރިމަތީގައި، ދުނިޔޭގައި އޮތްހާކަމަކީ، އަޅާލުމެއް، އަހުމިއްޔަތު ކަމެއް ދޭންވީހާ ކަމަކީ، އަދި އެކަންކަމަށްޓަކައި ސަމާލުކަމެއްދީގެން ވިސްނުމާއި ޚިޔާލުކޮށް އުޅެންވީހާ ކަމަކީ، ޢާއިލީ ކަންތައްތަކެވެ. އަނެއްބަޔަކު މިގޮތުގައި ބަލަނީ އަދި ޢަމަލު ކުރަންފަށަނީ، މުދަލާއި ވިޔަފާރިއާ ބެހޭ ގޮތުންނެވެ. އަނެއްބަޔަކު އަމިއްލަ ގެދޮރާ މެދުގައެވެ. މިދެންނެވި ކަންކަމާބެހޭ މަސްއަލަ ތަކުގެ ކުރިމަތީގައި، މާތް އަޚްލާޤާއި ހަރުދަނާ އުޞޫލުތަކުގެ އަގު ނެތެނީއެވެ. ދީނީ ނަޒަރުން ބަލާއިރު ޙަރާމް ޙަލާލު ކަންކަމާއި ހުއްދަ ނުހުއްދަ ކަންކަމުގެ މައްޗަށްވެސް، މާބޮޑު ބެލުމެއް ނެތިގެންދެއެވެ.

މީސްތަކުންގެ ޢަމަލުތައް މިދެންނެވި ގޮތަށް ބަދަލުވުމާއެކު، ޤުދުރަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަންނަންވީ ބަދަލުތަކާ ފެންނަންވީ ނަތީޖާތައްވެސް ޢާއްމު ދަތިތަކާއި، އަނިޔާވެރިކަމާއި، ހަމަނުޖެހުންތަކުގެ ސިފައިގައި ފެނިގެންދެއެވެ. އަނިޔާވެރި ރަޢިއްޔަތުންގެ މައްޗަށް ރަޙުމުކުޑަ ވެރިކަމެއް ތަމްކީނުވުމަކީ ޔަޢުނީ ޤާއިމްވެ ހަމަޖެހުމަކީވެސް، މިދެންނެވި ޤުދުރަތީ ނަތީޖާތަކުގެ ތެރެއިން އެއްކަމެކެވެ. މީސްތަކުންގެ އަމިއްލަ ނަފުސުތަކުގެ ޙާލަތު ބަދަލުވުމުން، އެބައިމީހުންނާމެދު، މާތްﷲ ކަންތައް ހިންމަވައި ނިންމަވައިދެއްވާ ގޮތްވެސް ބަދަލުވެގެންދަނީއެވެ.

މިކަން މިހެން ހުރިއިރު، އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކާމެދު، އަދި އަޅުގަނޑުމެންގެ ޤައުމީ އަޚުލާޤު ހުރި ގޮތާމެދު ވިސްނާލައްވާށެވެ. ރަނގަޅު، ޢަދުލުވެރި، އިންސާފާއި ހަމައަށް ލޯބިކުރައްވާ ވެރީންއުފެދި، ސޮސައިޓީގައި ޞުލްޙަވެރިކަމާއި ހަމަޖެހުން އުފެދި އަށަގަތުމަށް އުއްމީދުކުރެވޭއިރު، އަޅުގަނޑުމެންގެ އަމިއްލަ އަޚުލާޤީ ޙާލަތު، އިޞްލާހުކުރުމުގެ އަހުމިއްޔަތުކަން، ހިތްތަކުން ފުހެވިގެންދިޔަ ނުދެއްވާށެވެ. ރަނގަޅު ވެރިކަމަކަށް އޮވެވޭނީ، ރަނގަޅު ރައްޔިތެއް އޮވެގެންކަން ޔަޤީންކުރައްވާށެވެ. ތަނެއް އިޞްލާހު ކުރުމަށްޓަކާ އުފެދޭ ޤާނޫނުތަކާ ޤަވާޢިދުތަކުން އެދެވޭ ނަތީޖާއެއް ނުކުންނާނީ، އަމިއްލަ އެދުންތަކާ ޒާތީ ފައިދާތަކުގެ ބާރަކާއިނުލައި، ޤާނޫނުތަކުގައި ހިފެހެއްޓުމުގެ އަޚުލާޤީ ބާރެއްއުފެދިގެންނެވެ. މިފަދަ ހަރުދަނާ އަޚްލާޤީ ބާރެއް އުފެދިގެންނެވެ. މިފަދަ ހަރުދަނާ އަޚްލާޤީ ބާރެއް ރައްޔިތުންގެ ކިބައިގައި އުފައްދާނުލެވިއްޖެނަމަ، ރަނގަޅު ވެރިކަމެއް ޤާއިމުވެ އޮތުމަށް ކުރެވޭ އުއްމީދުތައް، ޙަޤީޤަތަކަށް ވެގެން ދިއުމަކީ، ނުވާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. ރަނގަޅު ވެރިކަމެއް އޮތް އިރެއް ނުވަތަ ރަނގަޅު ރައްޔިތެއް އޮތް އިރެެއް، ޤައުމެއް ކޮއްކޮ ބުނެދީބަލަ!!!! ރަނގަޅު މީހެއް ވެސް ބުނެދީބަލަ!

  2. ބޭބޭ! ބޭބެގެ ޖަވާބަކީ މިހާރު ރާއްޖޭގައި އޮތް ސަރުކާރު! ހެޔޮ ރައްޔިތަކީ އެ ސަރުކާރަށް ތާއީދުކުރާ އެންމެން. ރަގަޅު މީހުންނަކީ ރައީސް ސޯލިހު، ރައީސް ނަޝީދު، ވަޒީރު ޝާހިދާއި ވަޒީރު މާރިޔާ. ދެން، އެމީހުންނަށް ތާއިދުކުރާ އެންމެން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *