Support Us

ކޮލަމް ކޯދު: ހަކީމު ލުގުމާނުގެފާނުގެ ނަސޭހަތުގެ ތެރެއިން ބަހެއް

ލުގުމާނުގެފާނަކީ ކީރިތި ގުރުއާނުގައި ނަންގެނެވިފައިވާ ބުއްދިވެރި ޝަޚުސިއްޔަތެކެވެ. އެކަލޭގެފާނުގެ އަސްލާއި ބެހޭ ގޮތުން ތަފާތު ވާހަކަ އައިސްފައި ވެއެވެ. ލުގުމާނުގެފާނާއި ބެހޭ ގޮތުން އަޅުގަނޑުމެންނަށް ލިބިފައިވާ މައުލޫމާތު ގުޅެނީ އިބްނު ކަޘީރުގެ ތަފްސީރާއި އޭނާ ލިޔުއްވި ނަބީބޭކަލުންގެ ވާހަކަ، މި ދެ ފޮތާއެވެ.

ލުގުމާނުގެފާނު ދުނިޔޭގައި އުޅުއްވިކަމަށް ވަނީ މީލާދުގެ އެއްހާސް އެއްސަތޭކަ އަހަރު ކުރިންނެވެ. އެކަލޭގެފާނުގެ އަސްލު ގައުމަކީ މިސުރު ނޫނީ ނޫބިޔާ (އިހުގެ ނޫބިޔާގެ ސަރަހައްދު މިއަދުވަނީ އަދުގެ ސޫދާނާއި އަދިވެސް އެހެން އިރު އުތުރު އެފްރިކާގެ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.) އެވެ. އެކަލޭގެފާނަނީ އަޅެއް ކަމުގައި ވެސް ލިޔެވިފައިވާ ތަން ފެނެއެވެ. މީގެ އިތުރުން، އެއްބަޔަކު ދެކޭ ގޮތުގައި އެކަލޭގެފާނަކީ ނަބީބޭކަލެކެވެ. ކިރިތި ގުރުއާނުގެ 31 ވަނަ ސޫރަތުގެ ނަން ދެވިފައިވަނީ އެކަލޭގެފާނަށް ނިސްބަތްކޮށެވެ. އެ ސޫރަތުގައި، އެކަލޭގެފާނު އެކަލޭގެފާނުންގެ ދަރިކަލުންނަށް ދެއްވި، ބައެއް ނަސޭހަތް ވާރިދުވެފައިވާތީއެވެ. ތިރީގައި އެ ވަނީ އެކަލޭގެފާނަށް ނިސްބަތްކުރެވޭ އެފަދަ ނަސޭހަތް ކޮޅެކެވެ.

1. ދަރިފުޅާއެވެ! ދަރިފުޅު ހަނުހުރެގެން ދެރަވާން ޖެހޭނެ ކަމެއް ނޯންނާނެއެވެ.
2. ދަރިފުޅާއެވެ! އެ ވަޅަކުން ދަރިފުޅު ފެންބޯ ވަޅަކަށް ގާ ނޫކައްޗެވެ.
3. ދަރިފުޅާއެވެ! ދެކަމެއްގެ ވާހަކައިގެ ނަންވެސް ނުގަންނާށެވެ! މީހުން ދަރިފުޅަށް ނުބައިކޮށް ހިތައި ކަމެއް ކުރި ވާހަކައާއި މީސްތަކުންނަށް ދަރިފުޅު ހެޔޮކޮށް ހިތައި ކަމެއް ކޮށްދިން ކަމުގެ ވާހަކައެވެ.
4. ދަރިފުޅާއެވެ! މީސްތަކުން، އެ މީހުން ދައްކާ މޮޅު ވާހަކަތަކުގެ މައްޗަށް ފަޚުރުވެރިވާ ނަމަ، ދަރިފުޅު ފަޚުރުވެރިވާންޖެހޭނީ ދަރިފުޅު އެއްޗެއް ނުބުނެ ހަނުހުންނަ ހުރުމާ މެދުއެވެ.
5. ދަރިފުޅާއެވެ! މަސައްކަތެއް ކުރެވޭނީ އަމިއްލަ ނަފްސަށް އިތުބާރުކޮށް އެކަން ކުރެވިދާނޭ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ދިނުމުންނެވެ. އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވި، ކަމެއް ކުރުމުގެ ޔަގީން ނެތް ހާލު ކަމެއް ކުރަން އުޅެއްޖެ ނަމަ، އެކަން ރަނގަޅަކަށް ނުކުރެވޭނެެއެވެ.
6. ދަރިފުޅާއެވެ! މީހުން ދަރިފުޅު ކާލާނޭ ފަދަ ފޮނި، މީރު އެއްޗަކަށް ނުވާށެވެ! ހަމަ އެހެންމެ، މީހުންގެ އަނގައިން ބޭރަށް އެއްލައިލަފާނެ ފަދަ ހިތި އެއްޗެކަށް ވެސް ދަރިފުޅު ނުވާށެވެ!'
7. ދަރިފުޅާއެވެ! ފުރިފައި ހުރި ބަނޑުގެ މަތިމައްޗަށް ކާން ނުހަދާށެވެ. އެ ފަދައިން ކެއުމުގެ ބަދަލުގައި، އެފަދަ ހާލެއްގައި ކާން ލިބޭ އެއްޗެއް، ކުއްތާއަކަށް ކާންދިނުން ވެސް ހެޔޮ ވެގެންވެއެވެ.
8. ދަރިފުޅާއެވެ! ހިކުމަތްތެރިކަން ލިބިފައި ވުމީ، ދެރަ ނިކަމެތިން ވެސް، ރަސްރަސްކަލުންގެ މަޖުލިސްތަކުގައި ބައިވެރިކުރުން މެދުވެރިކުރުވާ ކަމެކެވެ.
9. ދަރިފުޅާއެވެ! ދަރަނިވެރި ނުވެވޭތޯ ބަލައްޗެވެ. އެހެނީ ދަރަނިވެރިވުން، ދުވާލުގައި ދަރަނިވެރިޔާ ނިކަމެތިކޮށްލައެވެ. އަދި، ރޭގަނޑު، އެކަމަކީ ފިކުރުކުރުމާއި އޭނާގެ ކަންބޮޑުވުން އިތުރުކޮށް، އޭނާގެ ނިދިފިލުވާލާ ކަމެކެވެ.
10. ދަރިފުޅާއެވެ! ބޮޑެތި ހިލަތައް އުފުލުން ވެސް، ވިސްނަން ބޭނުން ނުވާ މީހަކަށް ވިސްނައިދޭން އުޅުމަށް ވުރެ ފަސޭހަ ކަމެކެވެ.
11. ދަރިފުޅާއެވެ! އެއްޗެއް އުނގެނި، އެއަށް އަމަލުކުރެވިއްޖައުމަށް ދާންދެން، އިތުރު އެއްޗެއް އުނގެނެން ނޫޅޭށެވެ.
12. ދަރިފުޅާއެވެ! ނުބައި ނުލަފާ އަވައްޓެރިއަކު ތަހައްމުލުކޮށް އުފުލުމަށް ވުރެ ބަރު ދަގަނޑު އުފުލުން ވެސް ފަސޭހަައެވެ. ފަގީރުކަމުގެ ރަހަ، ހިތި ހަބަރަށް ވުރެ ވެސް ހިއްޗެވެ.
13. ދަރިފުޅާއެވެ! މީހަކާއެކު ރައްޓެހި ކަމުގެ ގުޅުމެއް އުފައްދަން ބޭނުން ނަމަ، އޭނަ ރުޅިއަރުވާލާށެވެ! ދެން، އޭނަ ދަރިފުޅާ މެދު އިންސާފުވެރި ވެއްޖެ ނަމަ، އެއީ ހެޔޮލަފާ ރައްޓެއްސެއް ކަމުގައި ބަލާށެވެ. ނޫން ނަމަ، އެ މީހަކާ ދުރުވާށެވެ!
14. ދަރިފުޅާއެވެ! މީސްތަކުންގެ ގޭގޭގައި ދަރިފުޅު ވާ ހިނދު، ދަރިފުޅުގެ ލޯ ރައްކާތެރިކުރާށެވެ! މީސްތަކުންގެ މަޖުލިސްތަކުގައި ދަރިފުޅުވާ ހިނދު، ދަރިފުޅު ދޫ ރައްކާތެރި ކުރާށެވެ! ނަމާދު ކުރުމުގެ އަޅުކަމުގައި ދަރިފުޅު ވާ ހިނދު، ދަރިފުޅުގެ ހިތް ރައްކާތެރިކުރާށެވެ!

އެންމެންގެ ވެސް ދުވަސްތައް، މާތްﷲ ހަނދުމަކުރުމުން ބާއްޖަވެރިވެ، ދިރިދާހުށިކަމެވެ!