Support Us

ގަލަމެއްގެ ތުނޑުން

"ޤަލަން ދޭނީ ފަރުވާއެވެ. އަނިޔާއެއް ނޫނެވެ." ފިހާރައިގައި، އަހަރުމެންގެ ހަރުގެ މަތީގައި ގަދަ ފެހިކުލައިން ލިޔެފައިއޮތެވެ. ކޮންމެ ދުވަހެއްގެ އިރުއަރަނީ އެލިޔުން ކޮޅަށެވެ. އެއީ އަހަރުމެން އެންމެންގެ އުއްމީދެވެ. ކޮންމެވެސް ދުވަހަކުން އަހަރެންވެސް ކޮންމެވެސް ކަމެއްގެ ފަރުވާއެއް ކަމުގައިވުން އެއީ އަހަރެން ދެކޭ ހުވަފެނެކެވެ.

މިއަދަކީ ބޮޑު ދުވަހެކެވެ. ޚާއްސަ ޑިސްކައުންޓުތަކާ އެކު ބޮޑު "ސޭލް"އެއް ފިހާރައިގައި އަޅުވާފައިވާ ދުވަހެކެވެ. އަހަރެން އިނީ ދުޢާ ކޮށްލަކޮށްލައެވެ. "يا الله. މިއަޅާގެ ތުނޑަކީ ފަރުވާއެއް ކަމުގައި ހަދާނޭ އަތެއްގެ ތެރޭގައި މިއަޅާ ލައްވާށި!" ހިތާހިތުން ކިޔާލަ ކިޔާލައި އިނީމެވެ.

ފިހާރަ ހުޅުވާލުމާ އެކު މީހުންގަނޑު ފިހާރައަށް ވަދެގެންފިއެވެ. އިސާހިތަކު މުޅި ފިހާރަ ފުރިބާރުވެއްޖެއެވެ. މެއްސަކަށްވެސް މީހެއްގެ ގައިގައި ނުޖެހި ފިހާރަތެރޭގައި މިހާރު އުދުހިލަން އުނދަގޫވާނެއެވެ. އަހަރެން ކޮޅުކޮޅަށް ކަޅި ހިންގަން ފެށީމެވެ. އަހަރެން ގަންނާނެ ރަނގަޅު މީހަކު ފެނޭތޯއެވެ. ފިހާރައިގެ އެކި ހަރުގައި އަތްކާއްތަމުން ބައެއް މީހުން ހިނގަނީއެވެ. އަނެއްބަޔަކު ނަގަނީ ހަމައެކަނި ފޮޓޯއެވެ. ކިޔަވާ ކުދީންނާއި ބެލެނިވެރިންނެވެ. ކަންބަލާ މީހުންނާއި ހޭކޭ މީހުންނެވެ. ދުވަސްތަކަކަށްފަހު މި ފިހާރަ ހުޅުވުނުއިރު ފިހާރައިގެ އެންމެ އަގުބޮޑު ހަރަކީ އަހަރުމެންގެ ހަރެވެ. ޤަލަމުގެ ހަރެވެ. އަހަރުމެން ތިބީ މީހުންގެ ލޮލުގައި ބޮޑަށް އަޅައިގަންނާނޭ ގޮތަށް ހުއްޓިގެންނެވެ. އަލިއެޅި ބޮޑަށް އޮފު ފާޅުވާނޭ އަރިއަށް ހުއްޓި ގުޑިވެސް ނުލައެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރުމެންނާ ދިމާލަށް ކަޅި ހުއްޓިފައިވާ ޒުވާނެކެވެ. އެއީ ވަރަށް ރީތިކޮށް ހެދުން އަޅާފައި ހުރި މީހެކެވެ. ފެންނަ ފެނުމަށް އެއީ މާތް ސިފައެއްގެ ވެރިއެކެވެ. ބޮލުފުނާ އަޅާފައިވާގޮތާއި އަތުގައި އޮތް ގަޑިއަށް ބަލާލުމުން ހީވަނީ އޭނާއަކީ ވަރަށް ޝާހީ މީހެއް ހެންނެވެ. ކޮނޑުގައި އަޅުވާފައި އޮތް ކެމެރާގެ ސަބަބުން އަރާފައިވާ ދެތިން ރޫ ނޫނީ އޭނާގެ ގަމީހަކު ނެތެވެ. އޭނާގެ އަތުގައި ކުޑަކުޑަ ނޯޓު ފޮތެއް އޮތެވެ. ބަލާބެލުމަށް ހީވަނީ އޭނާއަކީ އެއީ ނޫސްވެރިއެއްހެންނެވެ.

މަޑުމަޑުން އޭނާ އަހަރެންނާ ދިމާލަށް އަންނަން ފެށިއެވެ. އަހަރެންގެ ހާސްކަން އިތުރުވަމުންދިޔައެވެ. އެކި ކަހަލަ ޚިޔާލުތައް ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ. "އޭނާ އެ އަންނަނީ އަހަރެން ގަންނަންހެއްޔެވެ؟" ހިތަށް އެރިއެވެ.

"ނޫން. އަހަރެން ނޫނަސް އެތައް ބައިވަރު ޤަލަމެއް މިތަނުގައި އެބަހުރި،" ކަންބޮޑުވެ ހާސްވަމުންދިޔައީ މިއޮއްހުރިހައި ދުވަހު އަހަރެންގެ ތުނޑާއި ހޮޅިން އެދެމުން އައި އެދުން ފުރިހަމަވެދާނެކަން އިހުސާސްވާން ފެށުމުންނެވެ. ސަބަބަކީ އޭނާ އަހަރެން ގަނެފިނަމަ އެހިސާބުން އަހަރެންގެ އަސްލު ހަޔާތް ފެށޭނެތީއެވެ. މީގެ ކުރީގައި ދުވަހަކުވެސް އެކަމާ މެދު ފިކުރުކޮށްލާކަށް ވަގުތެއް ނުވެއެވެ.

މި ޚިޔާލުތަކެއްގެ ތެރޭގައި އަހަރެންނަށް އިނދެވުނީ ފަޅި ސިކުންތެއްހައި އިރުކޮޅަކަށެވެ. އޭނާ އައިސް އެންމެ ފުރަތަމަވެސް އަތްލީ އަހަރެންގެ ގައިގައެވެ. އެއީ މަޑުމަޑު އަތެކެވެ. އޯގާތެރިކަމާ އެކު އަހަރެންގެ ދެއަރީގައި ހިފާ ހިއްލާލި އިރު މީރުވަހެއް އެ އަތުގެ ތެރެއިން އަހަންނަށް ދުވިއެވެ. މިއީ އަހަރެން އަބަދުވެސް އެދެމުން އައި އެދުމެވެ. މިއީ އެފަދަ އަތެކެވެ. الحمد لله އެވެ. އޭނާގެ ހޫނު ނޭވާ އަހަރެންނަށް އިހުސާސްވާ ވަރަށް އަހަރެން އޭނާއާއި ކައިރިކޮށްލިއެވެ. އަހަރެންގެ މުޅި ހަށިގަނޑަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ރަތްކަށްވުރެ ބޮޑަށް އަހަރެންވީ އުފަލެވެ. އެކަމަކު ހީލާކަށް ނޭނގުނެވެ. ހާސްބޮޑުވެ ފިނިވެފައިވާ ވަރުން ކަންނޭނގެއެވެ.

ކޮންމެއަކަސް އޭނާގެ ނިންމުމަކަށްވީ އަހަރެން ގަތުމެވެ. އަހަރެން ހިފައިގެން ފައިސާ ކައުންޓަރާ ދިމާއަށް އޭނާ ހިނގައިގަތެވެ. އެންމެ ފަހުގެ ސަލާމުން އަހަރެންގެ އެކުވެރިންނަށް އަހަރެން ސާލާމް ގޮވާލީމެވެ. އެމީހުން އަހަންނަށް މަރުޙަބާ ކިއެވެ. އާ ޙަޔާތެއް ފެށުނީތީއެވެ. ސާހިބާއަށް ކިޔަމަންތެރިވުމަަށާއި "ޤަލަމުގެ އުއްމީދު"ގެ މަތީން ހަނދާންނައްތާ ނުލުމަށް އެމީހުން އަހަންނަށް ވަސިއްޔަތް ކުރިއެވެ. ފުން ނޭވާއަކާ އެކު އަހަރެން ހަމަޖެހިލެވޭތޯ ބެލީމެވެ.

ފައިސާ ކައުންޓަރަށް ފައިސާ ދެއްކުމަށްފަހު އޭނާ އަހަރެން ލީ އެތެރެ ނުފެންނަ ކަރުދާސް ކޮތަޅަކަށެވެ. އެއީ އަހަރެންގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް އެކަނި ހޭދަކުރަން ޖެހުނު ވަގުތުކޮޅެވެ. ފަރުވާލެއް ނެތެވެ. މިއީ ނިމުމެއްގެ ފެށުމެވެ. އުއްމީދު ޙާސިލުވުމަށް އެދެވޭ އެދުމެއްގެ ބޮޑުކަމުން ހަމަޖެހެވޭތޯ މަސައްކަތް ކުރީމެވެ. އަތުގެ ހަރަކާތަށް ކޮތަޅު ހޫރަމުން އޭނާ ފިހާރައިން ނުކުތެވެ. މިއީ މެންދުރުގެ އެންމެ އަވި ބާރު ވަގުތުކަން އަހަންނަށް އިހުސާސް ކުރެވުނެވެ. ސައިކަލުގެ ހުންގާނުގައި ކޮތަޅު އަޅުވާލުމަށްފަހު ދުއްވާލިއެވެ. އަހަރެން މަތި ބަލާލީމެވެ. ކޮތަޅުގެ އަނގަ ތެރެއިން އެ ފެންނަނީ އުސް އިމާރާތްތަކެވެ. އިމާރާތަކާއި ޖެހި އިމާރާތެކެވެ. އެހެންޏާ އިވެނީ ހައްތަހާވެސް މީހުން ދައްކާ ވާހަކައެވެ. މިއަދު އަހަންނަށްވެސް ތަޖުރިބާ ކުރެވިއްޖެއެވެ. މާލޭގެ މަގުތަކުގެ ކާރުބާރު ބޮޑުކަމެވެ. ވިހަދުމާއި ނުސާފު ވައިގެ އަސަރެވެ. ކުޑަކޮށް ކޮށިއަރާގޮތް ވާން އުޅުނު ނަމަވެސް އެތެރެއަށް ހިންދާލީމެވެ. އަހަރެންގެ ބޭނުން ހިފުމުގެ ކުރީން ދެލިކޮޅެއް ފޭދެން ނޭދޭތީއެވެ. ސައިކަލުގެ ދުވެލި މަޑުވުމާއި އެކު މަންޒިލަކާއި ހަމައަށް ވާސިލުވީކަން އަހަންނަށް އިނގުނެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. އެ އަތުން އަހަރެންގެ ގައިގާ ބީހިލާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އަހަރެންގެ ބޭނުން ހިފާލަން އަހަރެންގެ ގައިގާ ހިފަހައްޓާލާނެ ވަގުތަކަށް އެދިއެވެ.

އިހުސާސް ކުރެވެމުން ދިޔަ ހަލަބޮލިކަން ހީވީ ކުއްލިއަކަށް ކަތުރަކުން ކަނޑާލިހެންނެވެ. ކޮތަޅު ހިފައިގެން އޭނާ ވަނީ ފިނި ތަނަކަށެވެ. އެތަނުގައި ސިއްރުން ނޫނީ މީހަކު ވާހަކަވެސް ނުދައްކައެވެ. މަޑުމަޑުން އޭނާވެސް ގޮސް އަހަރެން އޮތް ކޮތަޅު ގޮނޑިއެއްގެ މަތީގައި ބެހެއްޓިއެވެ. އަދި ކޮތަޅު ތެރެއަށް އަތް ކޮށްޕާލާފައި އަހަރެން ނެގިއެވެ. އެވަގުތު އަހަރެން ކުޑަކޮށް ހޯދާ ބަލާލީމެވެ. އެއީ ބައިވަރު ގޮނޑިތަކެއް ޖަހާފައިވާ ޖަލްސާ ހޯލެކެވެ. އަހަރެންގެ ސާހިބާ ފަދައިން ރީތިކޮށް ހެދުން އަޅާ ނަލަވެލައިގެން ތިބި އެތައް ބަޔަކު އެތަނުގައި ތިއްބެވެ. އެކި ވަރުވަރުގެ ކެމެރާތަކާއި ރިކޯޑަރުތައް ބައެއް މީހުންގެ އަތުގައި ހުއްޓެވެ. އަހަރެންގެ ސާހިބާ އަތުގައި އޮތީ އަހަރެންނެވެ. އުނގުމަތީގައި އެއްކަލަ ނޯޓުފޮތް ހުޅުވާފައި އޮތެވެ. ވާން މިއުޅެނީ ކިހިނެއްކަން ވަޒަންކޮށްލެވުނެވެ. އާނއެކެވެ. އަހަރެން ދެކެމުން އައި އުއްމީދުން ފުރިގެންވީ ހުވަފެނުގައި ކުލަޖެހެނީއެވެ. އަހަރެންގެ ތުނޑުން ފުރަތަމަ ފަހަރަށް ދެލި ހިނގާނެ ވަގުތު ޖެހުނީއެވެ. ހުރި އުފަލެއްގެ ބޮޑުކަމާއެވެ.

ސިއްރުސިއްރުން ނޫސްވެރިން އެކަކު އަނެކަކާ ދައްކަމުން ގެންދިޔަ ވާހަކަތައް ހުއްޓާލީ މީހަކު އައިސް މައިކެއްގެ ގާތަށް ހުއްޓުމުންނެވެ. އެއީ ވަރުގަދަ ޝަހުސިއްޔަތެއްކަން ފެނުމުންވެސް އަހަންނަށް އެނގުނެވެ. ހަމައިސްކޮޅަށް މައިކު ދަމާލުމަށްފަހު ޞަލަވާތާއި ސަލާމާ އެކު އޭނާގެ ވާހަކަ ފެށިއެވެ. އެއީ ސީދާ ކާކު ކަމެއް އަހަންނަކަށް ނޭނގެއެވެ. އޭނާގެ ވާހަކަ އަމާޒު ކުރީ އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ޢަމަލުތަކެއްގެ މައްޗަށެވެ. އެ ވާހަކަތައް ހަމަ ފެއްޓުމާ އެކު އަހަރެންގެ ކަރަށް ބާރުވެގެންދިޔައެވެ. އަހަރެންގެ ސާހިބާގެ އަތަކީ އޯގާތެރި އަތެއްކަމަށް ކުރިން އަހަރެން ހީކުރިހީކުރުން އެއީ ކުށްހީއެއްކަން އަހަންނަށް އެނގުނެވެ. އެ އަތުން އަހަންނަށް އިހުސާސް ކުރެވުނު ހިމާޔަތާއި ރައްކާތެރިކަން އަނިޔާވެރިކަމަށް ބަދަލުވެގެންދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރާނެކަމެއް ނެތެވެ. މިހާރު އަހަންނަކީ އޭނާގެ މިލްކެކެވެ. އަހަރެންގެ ތުނޑަށް ދެލިތަށް ޖަމާވިއެވެ. އެހެނަސް އޮހުރުވާލުމުގެ މިނިވަންކަމެއް އަހަންނަކަށް ނެތެވެ.

ޕޯޑިއަމުގައި ހުރި މީހާ ދައްކަމުން ދިޔަ ވާހަކަތައް ވަރަށް ސާފުކޮށް އިވެމުން ދެއެވެ. އަހަރެންގެ ސާހިބާ އަނެއްކާވެސް އަހަރެންގެ ކަރަށް ފިއްތާ ބާރުކޮށްލިއެވެ. އެއަށްފަހު ނޯޓު ފޮތުގައި އަހަރެން ޖައްސާލިއެވެ. އަހަރެންގެ ދެލިހޮޅި ފަޅައިގެން ދިޔަ ފަދައެވެ. ވާނީ އެހެން ނޫން ހެއްޔެވެ؟ މުޅި އުމުރުގައިވެސް އަހަރެން ދެކެމުން އައި ހުވަފެން އަހަރެންގެ ލޯ ކުރިމަތީގައި މިއޮއް ފުނޑުފުނޑުވަނީއެވެ. އަޑު އިވެމުން އެދާ ވާހަކަތަކާއި ދިމާ އިދިކޮޅަށް އަހަރެންގެ ތުނޑުން ލިޔުމަށް އަހަންނަށް މަޖުބޫރު ކުރުވަނީއެވެ. ސާހިބާގެ ހަރުކަށިކަމާއި ދެކޮޅު ހެދުމުގެ ޤާބިލުކަމެއް އަހަރެންގެ ނެތެވެ. އޭނާގެ އަތަށް ތަބާވުން ނޫން ގޮތެއް މިއަދަކު ނޯންނާނެއެވެ. ވާހަކަދައްކަމުން އެދާ މީހާގެ އަބުރަށް ހުތުރުވާނޭ ފަދަ އެތައް ވާހަކައެއް އަހަރެންގެ ތުނޑުން ލިޔެވެމުން މިހިރަ ދަނީ އަހަރެންގެ ބޭއިޚުތިޔާރުގައެވެ. ނަފުރަތާއި ރުޅިވެެރިކަމުގެ އެތައް ބަސްތަކަކުން ލިޔެ ޞަފުހާއެއް ފުރުމާއި ގާތްވީއެވެ. ހަޤީޤަތެއް ނެތް އެތައް ވާހަކައަކުންނެވެ. އަހަރެންގެ ދެލިންނެވެ. ފަރުވާއަކަށް ވުމަށް އެދުނު އަހަރެންގެ ތުނޑުންނެވެ.

މައިކު ކައިރީގާ ހުރި މީހާގެ ވާހަކަތައް ނިމުމާއިއެކު އަހަރެންގެ ކަރަށް ލުޔެއް ލިބުނެވެ. އެހެނަސް ހިތްހަމަޖެހުމެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންގެ އުއްމީދުތައް ފުނޑުފުނޑުވީމައެވެ. "މިނިވަން ނޫސްވެރިކަމަކީ މިއީ ހެއްޔެވެ؟" އަމިއްލަ ނަފުސާ ސުވާލު ކޮށްލެވުނެވެ. އަހަރެންގެ އެކުވެރިން ގާތުގައި މިވާހަކަތައް ކިޔައިދޭން އަހަރެން ހާދަހައި ބޭނުމެވެ. އެކަމަކު އަހަރެންގެ ހޮޅީން ދެލި ހިނގާހައި ހިނދަކު މިއަނިޔާވެރި އިނގިލިތަކު ތެރޭގައި ވުން ނޫން ގޮތެއް އަހަންނަކަށް ނޯންނާނެއެވެ. އަހަރެންގެ ތުނޑުން ފަރުވާއެއް ދިނުމަށް އަހަރެން ހިތުގައި ކަނޑައެޅި އަޒުމް ވެއްޔާއި މޮޑެވުނީއެވެ. އަހަރެންގެ ތުނޑުން މިދެވުނީ ހާދަހައި ބޮޑު އަނިޔާއެކެވެ. ޤަލަމަކީ ކިހާ ތޫނު އެއްޗެއްކަން އިންސާނުންނަށް ވިސްނޭނެ ނަމަ ހާދަހައި ރަނގަޅެވެ.

"يا الله. މިފަދަ އަނިޔާވެރިއެއްގެ އަތްދަށުގައި މިއަޅާ ފަދަ އެހެން ޤަލަމެއް ނުލައްވާށި. އާމީން!" ދޯރި ޖަހާލި ވަގުތު ހިތާއިހިތުން ދުޢާ ކޮށްލީމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
54
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ހުރިހާ ލިޔުންތެރިންވެސް ސަމާލުވާންވީކަމެއް!!
    ޢިބުރަތްތެރި ރީތި ލިޔުންކޮޅެއް.. މާޝާ ﷲ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *