Support Us

ލޯތްބާއި ލީޑަރޝިޕް: ވަކި ނުކުރެވޭނެ ދެ ލަފުޒު

"ލީޑަރޝިޕާއި އޭގެ އަސާސްތައް ނުވަތަ ޕްރިންސިޕަލްތައް މާނަކުރާއިރު ނުފޫޒު، ޒާތީސިފަ، ޙާޟިރުވެހުރުން، ތަރައްޤީ، އިރުޝާދު، މޮޓިވޭޝަން ފަދަ ބަސްތައް އާންމުކޮށް އެންމެ ކުރީގައި އުޅެއެވެ. ނަމަވެސް ގިނަގިނައިން ނީވޭނެ އެއް ލަފުޒަކީ ލޯތްބެވެ." ސަަޖަންޓް މޭޖަރ އެންސަން ސީ ޖޯޑަން ސީނިއާ (2022)ގެ މި ޢިބާރާތުން ލިޔުމުގެ ތެރެއަށް ހިތް ދަމައިގަތެވެ. މިއީ ޔޫއެސް އާމީގެ ސާޖަންޓް މޭޖަރ އެކެޑެމީން ނެރޭ އެންސީއޯ ޖާނަލް، އޮގަސްޓް 2022ގެ އަދަދުގައި އޭނާ ލިޔުނު ލިޔުން ފެށި ޢިބާރާތެވެ. މިއީ އެ ލިޔުން އަސްލަކަށް ބަލައިގެން ދިވެހި އަސްކަރީ ސިފަތަކާއި ބައެއް އުނިއިތުރާއެކު ކޮށްފައިވާ ދިވެހިކުރުމެކެވެ.

ސަަޖަންޓް މޭޖަރ އެންސަން ލިޔެފައިވާ ގޮތުގައި ގިނަ މީހުން "ލޯބި" މި ލަފުޒު ގުޅުވަނީ ގުޅުމެއްގައި ނުވަތަ ކައިވެންޏެއްގައި ހިމެނޭ ސެންޓިމެންޓަލް ޖަޒުބާތުތަކާއެވެ. އަސްކަރީ ލީޑަރޝިޕުގެ ސްޓައިލާ ގުޅުވައިގެން ލޯތްބަކީ ބޭނުންކުރާ ލަފުޒެއް ނޫނެވެ. ނަމަވެސް ލޯތްބާއި ލީޑަޝިޕާ ވަނީ ގުޅިފައިކަމަށް އޭނާ ލިޔެއެވެ. " އެމެރިކާ ސިފައިން ގެންގުޅޭ ލީޑަރޝިޕް މޮޑެލްތަކުގެ ތެރެއިން އެއް މޮޑެލް ކަމަށްވާ ސާވަންޓް ލީޑަރޝިޕް މޮޑެލްގައި ލޯބި ލިސްޓްކޮށްފައިވަނީ އެ މޮޑެލްގެ އެއް އަސާސް ނުވަތަ ޕްރިންސިޕަލްގެ ގޮތުގައެވެ." ހެކިތައް ދައްކާފައި މިވަނީ ޔޫއެސް އާމީގެ ލީޑަރޝިޕް މޮޑެލްއަކާ ހަވާލާދީއެވެ.

ލޯތްބަކީ ކޮބާ؟

ލޯތްބަކީ ކޮންމެ މަހުލޫގެއްގެ ކިބައިގައި ލައްވާފައިވާ ޖަޒުބާތެކެވެ. އެ ޖަޒުބާތު އިންސާނުންގެ ކިބައިގައި ވެސް ލައްވާފައިވެއެވެ. އިންސާނާއަކީ ބުއްދީގެ ނިޢުމަތް ދެއްވާފައިވާ މަޚްލޫޤަކަށްވާތީ ލޯބީގެ އަސަރާއި އިހުސާސްތަކާއި ޖަޒުބާތުތަކުގެ ބާރުގަދަވެފައި މާ ފުނެވެ. ލޯތްބަކީ ތަފާތު ވައްތަރުތަކަކާއި ދަރަޖަތަކެއް ހުންނަ ގުޅުމެކެވެ.

ދިވެހި ރަދީފުން ބަލާއިރު ލޯބީގައި ތަފާތު މާނަތައް އެކުލެވެއެވެ. ލޯތްބަކީ ކުލުނެވެ. ރުހެވޭ ރުހެވުމެވެ. ގަބޫލު، އެދުން، ހިތްކިޔާކިޔުން، ރީތި، ހަންހާރަ، އިޝްޤު، ލޭފަ، ލޮބު، ހަހަރު މިހުރިހާ ލަފުޒުތަކަކީ ލޯބީގެ މާނަ ދޭހަވާ ލަފުޒުތަކެވެ. މި މާނަތަކަށް ވިސްމާލުމުން ލޯބީގެ ފުޅާ މާނަ ތަސައްވުރު ކުރެވެއެވެ.

ލޯބިގެ ގިނަ ވައްތަރުތަކަކާއި ދަރަޖަތަކެއް ހުއްޓަސް ލޯތްބޭ ބުނުމުން އެންމެ ފުރަތަމަ ވެސް ނަގައިގަނެވޭނީ އިޝްޤީ ލޯތްބެވެ. އެމެރިކާގެ ސާވަންޓް ލީޑަރޝިޕް މޮޑެލްގައި ލޯބި މާނަކުރަނީ އެއީ މީހުންގެ ޝަރުޢީ ބޭނުންތައް ދެނެގަނެ، ފުއްދައިދީ، އެ މީހުންގެ ބޭނުންތައް ދަނެގެން އެ މީހުންނަށް ޓަކައި އަމިއްލަ ނަފްސު އެކްސްޕެންޑް ކުރުމުގެ ޢަމަލު ނުވަތަ ޢަމަލުތައް ކަމަށެވެ.

އެމެރިކާގެ އާމީ ޑޮކްޓްރިން ޕަބްލިކޭޝަން 6-22ގައި އަސްކަރީ ލީޑަރޝިޕް އަދި ޕްރޮފެޝަންގައި ލީޑަރޝިޕް މާނަކޮށްފައިވަނީ އެއީ މިޝަން ފުރިހަމަކުރުމަށާއި އޯގަނައިޒޭޝަން ކުރިއެރުވުމުގެ މަގުސަދު ހާސިލުކުރުމަށް އިރުޝާދުދީ މޮޓިވޭޓްކޮށްގެން މީހުންނަށް ނުފޫޒު ފޯރުވުމުގެ ހަަރަކާތް ކަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާގައި ސާވަންޓް ލީޑަރޝިޕް މޮޑެލްގައި ލޯބި، ބަޔާންކޮށްފައިވާ ގޮތަށް އެމެރިކާ ސިފައިންގެ ތެރޭގައި "ޕީޕަލް ފަސްޓް ސްޓްރެޓެޖީ" އެއް އޮވެއެވެ. ހަމަ މިގޮތަށް ދިވެހި އަސްކަރިއްޔާގައި "ސޯލްޖަރ ފަސްޓް" ޕޮލިސީއެއް އޮވެއެވެ. މި އިސްތިރާޖީތަކާއި ސިޔާސަތުގެ ތެރެއިން ލީޑަރޝިޕްގައި އޮންނަ ލޯތްބާއި ލޯބީގެ ނިޔަތް ފާޅުވެއެވެ. ދަށުން މަސައްކަތްކުރާ މީހުންގެ ބޭނުންތަކަށް ފަރުވާތެރިވުމަށް ބާރުއަޅައެވެ. ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި އެންމެ ފުރަތަމަ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފުގެ މަޤާމު ފުރުއްވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި "ލޯތްބާއެކު ލީޑްކުރުމަކީ ލީޑަރޝިޕްގެ ކާމިޔާބީގެ ތަޅުގަނޑިއެވެ. ލޯތްބާއި ނުލައި ފުރިހަމަ ލީޑަރޝިޕެއް ނުވެއެވެ. ފައިދާ ހުރި ގޮތެއްގައި ލީޑްކުރުމަށް ޓަކައި ތިމާ ލީޑްކުރަމުންދާ މީހުން ދެކެ ލޯބިވާން ޖެހެއެވެ."

ލޯތްބަކީ ކެތްތެރިކަން

ރަނގަޅު ލީޑަރަކު ލޯބި ދައްކުވައިދެނީ ކެތްތެރިކަމާއި ތަހައްމަލުކުރުމާއި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމުންނެވެ. އެ ލީޑަރެއްގެ މަތީގައި ތިބޭ ވެރިންނާއި އެއް ފަންތިއެއްގައި މަސައްކަތްކުރާ މީހުންނާއި ދަށުގައި މަސައްކަތްކުރާ މީހުންނާ މުއާމަލާތް ކުރާއިރުގައެވެ. ކަންކަމުގައި ކެތްތެރިވެ، ކަންތައްތައް ތަހައްމަލުކުރަން ދަންނަ ލީޑަރުން ޝައުޤުވެރިކަމާއި، ޖަޒުބާތުތައް ކޮންޓްރޯލްކުރެއެވެ. ހަކަތަ ހެޔޮގޮތުގައި ބޭނުންކުރެއެވެ. އެކަމުގެ ސަބަބުން ރަނގަޅު ނިންމުންތައް ނިންމަން ފަސޭހަވެއެވެ. ކަންބޮޑުވެ ހާސްވާ ވަގުތު ތަކުގައި ވެސް މަޑުމައިތިރިކަން އިސްކުރުމުން ބުއްދިވެރި ގޮތެއް ނުވަތަ ގޮތްތަކެއް ނިންމަން މަގުފަހިވެގެން ދެއެވެ. ކެތްތެރިކަން ކުޑަ ލީޑަރުން އަވަސް އަރުވާލައިގެން ޢަމަލުކުރާ ގޮތަކުން މުއައްސަސާ އިތުރަށް ޕްރެޝަރަށް ވެއްޓެއެވެ. ހަލަބޮލިކަން ބޮޑުވެއެވެ. މިބާވަތުގެ ލީޑަރުންގެ ސަބަބުން ޔުނިޓްގެ އުފެއްދުންތެރިކަން ދަށްވެއެވެ. އެ ލީޑަރުންގެ އަގު ވެއްޓެއެވެ. އަސްކަރިއްޔާގެ އުސޫލުތަކާއި ސުލޫކާއި ސިފައިންގެ ވެލިއުސްތަކާ ދުރަށް ދެވެއެވެ.

ލޯތްބަކީ އޯގާތެރިކަން

އޯގާތެރި ލީޑަރުން ރޭންކާއި ހައިސިއްޔަތަށް ބެލުމެއް ނެތި މުއާމަލާތްކުރާ ހުރިހާ ސިފައިންނަށް ސަމާލުކަން ދެއެވެ. އެންމެން އެއް ހަމައަކުން އަގުވަޒަންކޮށް ހިތްވަރު ދެއެވެ. އޯގާތެރިކަމާއި ބާރުގެ ކުރިމަތީގައި އެންމެން ހަމަހަމަކުރުމުގެ ތަޞައްވުރެއް ގެންގުޅެއެވެ. ކާމިޔާބު ލީޑަރުން ގެންގުޅޭ އޯގާތެރި ލީޑަރޝިޕުގެ ސަބަބުން ސިފައިންގެ ސީދާ ހިތްތަކަށް ނުފޫޒު ފޯރުވެއެވެ. ހިތާއި ރޫޙުން މިޝަން ފުރިހަމަކުރުމަށް ގަދައަޅައި ހިތްވަރުލައި މަސައްކަތް ކުރެއެވެ.

ލޯތްބަކީ އިންސާނިއްޔަތުކަން

އިންސާނިއްޔަތުކަން ހުންނަ ލީޑަރުންނަކީ ކަންކަމުގެ ޙަޤީޤަތާއި، އަސްލާއި، ރަނގަޅުގޮތް ވިސްނައި ގަންނަން ފަސޭހަ ބައެކެވެ. އެއީ ބޮޑާވެގަންނަ ނުވަތަ ކިބުރުވެރިވާ ބައެއް ނޫނެވެ. މިފަދަ ލީޑަރުންނަށް އެ މީހުންގެ ގަދަފަޔާއި ބަލިފައި ވަޒަންކުރެވޭނެއެވެ. ދަށުން މަސައްކަތްކުރާ މީހުންގެ ވިސްނުމާއި ޚިޔާލާތާއި މީހުން ދެނެގަންނަން ފަސޭހަވާނެއެވެ. އިންސާނިއްޔަތުކަން ހުންނަ ލީޑަރުންނަށް ވިސްނޭ ގޮތުގައި އެހެން މީހުންނަކީ ވެސް އޭނާ ފަދަ އިންސާނުންނެވެ. އެހެން މީހުންގެ އިހުސާސްތަކާއި ޖަޒުބާތުތަކަށް އިހުތިރާމުކުރާނެއެވެ. ގަސްތުގައި އެހެން މީހަކަށް އަނިޔާއެއް ނުވަތަ ދެރައެއް ލިބިދާނެ ކަމެއް ނުކުރާނެއެވެ. އެހެން މީހަކު ހިތުގައި ޖެހޭނެ "ބުރަ ބަހެއް" ނުބުނާނެއެވެ. ޤާނޫނާއި ގަވާއިދާއި އުސޫލުތައް ދެމެހެއްޓުމުގައި އަދަބެއް ދޭއިރު އަދި ފިޔަވަޅެއް އަޅާއިރު ވެސް އޭނާ އެކަނޑައަޅާ އަދަބަކީ ނުވަތަ ނިންމާ ނިންމުމަކީ ޙައްޤު އަދަބެއްކަން ނުވަތަ ރަނގަޅު ނިންމުމެއްކަން އެހެން މީހުންގެ ބުއްދިއަށް ގަބޫލުކުރެވޭނެއެވެ.

ލޯތްބަކީ ވަގުތުދިނުން

ހަރުދަނާ ލީޑަރުން ތިން ފަރާތަކަށް ވަގުތު ހުސްކުރެއެވެ. ނުވަތަ ކޮމިޓްމަންޓް ދެއެވެ. އެއީ މުއައްސަސާއާއި މިޝަން، އޭނާގެ ޓީމު އަދި އޭނާގެ ނަފުސެވެ. ކޮމިޓްމަންޓް ދޭ ލީޑަރޝިޕަކީ އަމިއްލަ އެދުން ކުޑަ އަދި މުއައްސަސާއިން ނެރޭ ނަތީޖާއާއި އެހެން މީހުންގެ ބޭނުންތަކާމެދު ކަންބޮޑުވާ ލީޑަރޝިޕެކެވެ. ލީޑަރުން އަމިއްލަ ވަގުތުން ވެސް ކަންތައްތަކަށް ވަގުތުދީ، އެކަންކަމުގައި ހަރަކާތްތެރިކޮށް އުޅެ، ވަގުތު ހޭދަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ލީޑަރުން ލޯތްބާއެކު ކޮމިޓްމަންޓް ދިނުމުން ގިނަ ކަންތައްތަކުގެ ތަޖުރިބާ އިތުރަށް ލިބި، ގިނަ ބަޔަކާ ގުޅުން އިތުރަށް ބަދަހިވެ، ޔުނިޓުގެ ކަންކަމުގެ ވާނުވާ އެނގޭނެއެވެ.

ލޯތްބާއި ލީޑަރޝިޕް ހަމަހަމަ ކުރާނީ ކިހިނެއް؟

"އަހުރެންގެ ދަށުގައި މަސައްކަތްކުރާ ސިފައިންގެ ބޭނުންތައް ދަންނަން. އެމީހުންގެ ބޭނުންތައް އަމިއްލަ ކަންކަމުގެ ކުރިއަށް އަހުރެން ނެރޭނަން. އެމީހުންނާއެކު ކުރެވޭ މުއާމަލާތްތަކުގައި އަހުރެން ތެދުވެރިވާނަން. އަދި އެމީހުންނަށް ތެދު އަދި ފުރިހަމަ މަޢުލޫމާތު އަހުރެން ފޯރުކޮށްދޭނަން. އެމީހުންގެ ރަނގަޅު އަދި ނުރަނގަޅު ޢަމަލުތައް ފާހަގަކޮށް އިނާޔަތްތައް ދިނުމުގައާއި އަދަބު ދިނުމުގައި އަހުރެން އިންސާފުވެރިވެ ހަމަހަމަކަން ގެންގުޅޭނަން." މިއީ ދިވެހި އަސްކަރިއްޔާގެ އެންސީއޯއިންގެ ޢަޒުމު (ކްރީޑް) ގައި ބުނެފައިވާ ބައެއް ވާހަކަތަކެވެ.

އެންސީއޯއިންގެ ޢަޒުމު ހިތުދަސްކޮށް ކިޔުމަކީ އިޙްތިރާމް ލިބިގެންވާ ކަމެއް ކަމުގައި ވިޔަސް، ލީޑަރޝިޕްގެ ޙަޤީޤީ މިންވަރަކީ އެ ޢަޒުމާ އެއްގޮތަށް ޢަމަލުކޮށް ހެޔޮ ނަމޫނާ ދެއްކުމެވެ. ދިވެހި އަސްކަރިއްޔާގެ އެންސީއޯ އެކަޑެމީގެ މޮޓޯއަކީ ވެސް "ނަމޫނާ މިސާލުން މަގު ދެއްކުން" މިއެވެ.

އެ ލީޑަރެއްގެ ދަށުން މަސައްކަތްކުރާ މީހުންދެކެ ލޯބިވާ ލީޑަރުންނަކީ ސިފައިންގެ ބޭނުންތައް ފަހުމްވާ ލީޑަރުންނެވެ. އަދި އެ ބޭނުންތައް ސާފުކޮށްގެން، ލޯތްބާއި އޯގާތެރިކަމުގެ ތެރެއިން، އެ ލީޑަރަކު ބޭނުންވާ ގޮތަކަށް ޔުނިޓް ބައްޓަންކުރާ ލީޑަރުންނެވެ.

ލޯތްބާއި ލީޑަރޝިޕަކީ ވަކި ނުކުރެވޭނެ ދެ ލަފުޒެވެ. ލޯތްބަކީ ލީޑަރެއްގެ ދަށުން މަސައްކަތްކުރާ މީހުންނާ ދެމެދުގައި އޮންނަ ވަރަށް ބަދަހި ޕްރޮފެޝަނަލް ގުޅުމެކެވެ. ލޯބިވާން ޖެހެނީ ހަމައެކަނި ދަށުން މަަސްކަތްކުރާ މީހާ ކުރާ ޚިދުމަތާއި ކުރާ މަސައްކަތް ދެކެއެއް ނޫނެވެ. އެކަމަކު ލީޑްކުރެވޭ މީހުން ދެކެއެވެ.

މަސްދަރު:

ސަަޖަންޓް މޭޖަރ އެންސަން ސީ ޖޯޑަން ސީނިއާ (2022) ލަވް އެންޑް ލީޑަރޝިޕް. ޔޫއެސް އާމީ ސާޖަންޓް މޭޖަރ އެކެޑެމީ. އެންސީއޯ ޖާނަލް. އޯގަސްޓް 2022.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *