Support Us

ކޮލަމް ކޯދު: މީހަކު ބުނި ބުނުމެއްގެ މައްޗަށް އަވަސް ކަޅިއެއް

މަތީގައި އެވާ ފޮޓޯއިން އެ ފެންނަނީ އަލިޔޫ ސީސޭއެވެ. އޭނާއަކީ ސެނެގޯލުގެ ބައިނަލް އަގުވާމީ ފުޓުބޯޅަ ކުޅުންތެރިއެކެވެ. އަށްޑިހައާއި ނުވަދިހައިގެ އަހަރުތަކުގައި އިނގިރޭސިވިލާތާއި އަދި ބައްރީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ކުލަބުތަކަށް އޭނޭ ކުޅުނެވެ. މިހާރު އޭނާއަކީ ސެނެގޯލުގެ ގައުމީ ކޯޗެވެ. އޭނާގެ އެންމެފަހުގެ ކާމިޔާބީއަކީ އެފްރިކާގެ ފުޓުބޯޅަ ތަށި ސެނެގޯލަށް ހޯދައިދިނުމެވެ.

މިދޭތެރެއިން ޔޫރަޕުގެ ކުލަބެއްގެ އިސް މީހަކު އެފްރިކާގެ ކުޅުންތެރިން އޭނާގެ ކުލަބަށް ނުނަގާނޭ ވާހަކަ ބުންޏެވެ. މިކަމުގެ ސަބަބެއް ކަމަށް އޭނާ ދެއްކީ އެފްރިކާގެ ކުޅުންތެރިން، ކުލަބަށް ކުޅެން ޖެހިފައި އޮއްވައި އެފްރިކާގެ ކުޅުންތެރިން އެފްރިކާގެ ގައުމީ ޓީމަށް ކުޅެންދާން ޖެހުމެވެ. އޭނާ ބުނާ ގޮތުގައި ބޮޑު ފީ ދީފައި މި ކުޅުންތެރިން ކުލަބުތަކަށް ނަގައިފައިވާ އިރު، އެ ކުޅުންތެރިންގެ ގައުމީ ޓީމަށް ކުޅެންދާ ދޫނުކުރެވޭނޭ ކަމެވެ.

މިކަމާ ވިދިގެން އަލިޔޫ ސީސޭ ވަރަށް ބާރު ހުރި ގޮތެއްގައި ބުންޏެވެ. "އަހަރުމެންގެ ގައުމުގެ ދިދައިގެ މައްޗަށާއި އަދި އަހަރުމެންގެ ގައުމީ ޓީމުތަކުގެ މައްޗަށް ކުލަބުތަކެއް އިސްކޮށް، ނުނެގޭނެއެވެ. ބުރެޒިލް ނުވަތަ އާޖެންޓީނާ ފަދަ ދެކުނު އެމެރިކާގެ ގައުމުތަކުގެ ކުޅުންތެރިއަކު އެ މީހުންގެ ގައުމީ ޓީމަށް ކުޅެން ދާންޖެހިއްޖެ ނަމަ، މި ކަން މައްސަލައަކަށް ވެގެން މިވާހަކައެއް ނުދައްކައެވެ. ދެކުނު އެމެރިކާ އޮންނީ ވައިގެ ދަތުރުގެ ދިގުމިނަށް ބަލާއިރު، ޔޫރަޕާއި 18 ގަޑިއިރުގެ ދުރުމިނުގައެވެ. ޔޫރަޕުން އެފްރިކާގެ ސެނެގޯލް ފަދަ ރަށަކަށް ދާން ނަގާނީ ފަސްވަރަކަށް ގަޑިިރެވެ. އެހެންވީމާ، އެފްރިކާގެ ކުޅުންތެރިންނާ ޖެހުނީމާ އެމީހުންގެ ގައުމީ ޓީމުތަކަށް ކުޅެން އެމީހުން ދިޔުން މައްސަލައަކަށް ވާންވީ ކީއްވެ ހެއްޔެވެ؟"

އަލިޔޫ ސީސޭގެ މި ވާހަކަ ކޮޅަށް ބަލާލުމުން ފާހަގަކޮށްލެވޭ ކަމަކީ އޭނާގެ ގައުމުގެ މައްސަލަ މުހިއްމުވާކަމެވެ. އެހެން ހުރިހާ ކަމަަކަށް ވުރެ ގައުމީ ދިދައަށް އިސްކަންދޭކަމެވެ. އާދެ، އޭނާއަށް، ކަންކަމުގެ އައުލަވިއްޔާތުގެ މައްޗަށް ބަލައި، އިސްކަންދޭން ޖެހޭނޭ ކަންކަން ދެނެގަނެ، އެ ގޮތުގެ މަތިން ތަރުތީބު ކުރަން އޭނާއަށް އެނގޭ ކަމެވެ. ކުލަބުތަކުގެ ދިދަތަކަށް ވުރެ ގައުމީ ދިދަ މަތީގައި ހުންނަން ޖެހޭނޭ ކަމެވެ. ކުލަބުގެ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭނޭ ކަމެވެ.

މިކަން ފާހަގަކޮށްލަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ފުޓުބޯޅަ ކުޅުންތެރިއަކަށާއި ފުޓުބޯޅަ ކޯޗެއްގެ ކިބައިގައި ހުރި ގައުމީ ހޭލުންތެރިކަން، އަހަރުމެންގެ ތެރޭގައި އުޅޭ ވަރަށް ގިނަ ސިޔާސީ މީހުންނަށާއި އެކަމުގެ އަވައިގައި ޖެހިގެން އުޅޭ މީހުންގެ ކިބައިގައި ނެތް ކަމެވެ. މިސާލެއްގެ ގޮތުުން ބުނާ ނަމަ، ސިޔާސީ ޕާޓީގެ ތައައްސުބީ ފޯރީގައި، ޕާޓީ، ރައްޔިތުންގެ މަޖުލީހަށް ވުރެ މުހިއްމުވެއެވެ. ސިޔާސީ ޕާޓީގެ މަޖުލިސްކުރުން، ރައްޔިތުންގެ މަޖުލީހުގެ މަޖުލީސްކުރުމަށް ވުރެ ބޮޑު ވެއްޖެއެވެ. ޕާޓީގެ ވެރިޔާ ގައުމުގެ ވެރިޔާއަށް ވުރެ ބާރު ގަދަވެފައި މުހިއްމު ވެއްޖެއެވެ. ޕާޓީގެ ނިންމުންތައް ރައްޔިތުންގެ މަޖުލީހުގެ ނިންމުމަށް ވުރެ ބޮޑުވެއްޖެއެވެ. އާދެ، ޕާޓީއަކީ ގައުމުކަމުގައި ވެއްޖެއެވެ!

ދެން ހެއްޔެވެ؟ މި މައްސަލަ މިއަށްވުރެ ވެސް މައްޗަށް ގެންދާ މީހުން ވެސް އެބަ އުޅެއެވެ. އެ މީހުންގެ ރަށް ނުވަތަ އަތޮޅު އޮންނަން ޖެހޭނީ މިނިވަން ވަކި ގައުމެއްގެ ގޮތުގައި ކަމުގައި ދެކި، އެކަމަށް ގޮވާ މީހުން ވެސް އުޅެއެވެ. އެފަދަ މީހުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި އޮންނަނީ ގައުމީ ސަރުކާރެއް ނޫނެވެ. މާލޭގެ ސަރުކާރެކެވެ. މި ގޮވުން ހަމައެކަނި ގޮވަނީކީ ނޫނެވެ. ބޭރު ގައުމު ގައުމާ ބައިވެރިވެގެން މިކަން ހަގީގަތަކަށް ހަދާލުމުގެ ވާހަކަ ވެސް ދައްކަނީއެވެ.

މިފަދައިން ކަންތައް ދިމާވާން ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. ތާރީޚީ ސަބަބުތަކާއި އަދި މިހާރު ވެސް ހިނގަމުންދާ ބައެއް ކަންކަމެވެ. ރާއްޖޭގައި އޮތް ތަފާތު ކުރުމުގެ މައްސަލައެވެ. މާލެއާއި ރާއްޖެތެރެއާ ދެމެދުގައި އޮތް ތަފާތު ކުރުމުގެ މައްސަލައެވެ. ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ވެސް މިކަން އޮތެވެ. މިހާރު ފެށިގެން އުޅޭ ގޯތި ގެެދޮރު ދިނުމުގެ މައްސަލައާއި މިކަން އޮންނަން ޖެހޭނީ ކިހިނެއް ކަމަށް އާންމު މީސްތަކުން ދައްކާ ވާހަކަތަކެވެ. އާދެ، ވަކިކަހަލަ ތަފާތު ކުރުންތަކެއް މައްޗަށް މިކަން ބިނާވެފައި އޮންނަން ޖެހޭނޭ ކަމުގެ ވާހަކައެވެ.

ކޮންމެއަކަސް މިއީ ހައްލުކުރަން ޖެހޭ މައްސަލައެކެވެ. އިހު ފަދައިން، ރާއްޖޭގެ އެއްވެސް ތަނަކީ ވަކި ބައެއްގެ ތަނަކަށް ވާކަށް ނުޖެހޭނެއެވެ. ރާއްޖޭގެ ހުރިހާ ބިމަކީ ވެސް ބަންޑާރަ ބިމަށް ވާންޖެހެއެވެ. އަދި، އަދުލުވެރި ގޮތެއްގައި ގޯތި ގެދޮރު މައްސަލަ ހަމަޖެއްސޭނޭ ނިޒާމެއް ބޭނުންވެއެވެ. މިކަމަށް ވަގުތީ ހައްލެއް ގެނައުމުގެ ބަދަލުގައި، ދުރަށް ވިސްނާފައި، ދެމެހެއްޓޭނޭ ހައްލެކެވެ. މިއީ މިކަމުގެ ތަފްސީލަށް ދެވެން އޮތް މަގާމެއް ނޫނެވެ.

މި ތަނުގައި ފާހަގަކޮށްލަން ޖެހެނީ، ތައައްސުބީ ޕާޓީގެ އަވައިގައި ނުވަތަ އެނޫން ވެސް އެހެން ސަބަބަކަށްޓަކައި ވެސް، އައުލަވިއްޔާތުތައް އޮޅުވާލައިގެން ނުވާނޭ ކަމެވެ. ކަންކަން، އެކަންކަމުގެ އައުލަވިއްޔާތަށް ބަލައި، އެކަންކަން ތަރުތީބުކުރަން ޖެހޭ މަގުން ތަރުތީބުކުރަން ޖެހޭނޭ ކަމެވެ. އަލިޔޫ ސީސޭ، އޭނާގެ ބުނުމުގައި ފާހަގަކޮށްފައިވާ ފަދައިން، ގައުމީ ދިދައިގެ މައްޗަށް، ގައުމީ މަސްލަހަތުގެ މައްޗަށް، ޕާޓީގެ މަސްލަހަތު ވިޔަސް އަދި އެނޫން އެހެން މަސްލަހަތެއް ވިޔަސް އިސްކުރެވިގެން ނުވާނޭ ކަމެވެ. އަދި، އަމުދުން، ދެބަސްވުމާއި ޚިޔާލުތަފާތުވުން، އަދުލު އިންސާފު ހިންގާލުމުގައި އުނި އެތައް ކަމެއް ހުރުން، މިކަންކަމަކީ ގައުމީ ވަހުދަތުގެ މައިބަދައިގައި ރެނދުއަޅުވާލައި، މައިބަދަ ބިންދާލާ ކަމަކަށް ހަދައިގެން ނުވާނޭކަމެވެ.