Support Us

އިންޑިއާގެ މަގުތަކުގައި މުސްލިމުންނަށް ހަމަލާދީ އަނިޔާކުރަނީ

ހިލައަށްވުރެ ހަރު ހިތްތައް

ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. ((ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَلِكَ فَهِىَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ [1]– ދެން އެއަށްފަހުގައި ތިޔަބައިމީހުންގެ ހިތްތައް ގާވެ ހަރުކަށިވިއެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދައެވެ. ނުވަތަ އެއަށްވުރެވެސް ހަރުކަން ގަދައެވެ. (އެހެނީ) ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ. އަދި ހަމަކަށަވަރުން، ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަވެސް އޭގެތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަވެސް އޭގެތެރެއިން ވެއެވެ. ތިޔަބައިމީހުން ކުރާ عمل ތަކާމެދު غافل ވެވޮޑިގެންވާ ކަލަކު ކަމުގައި اللَّه ނުވެއެވެ.))

ހިތުގެ މަސްތަކަކީ ވަރަށް ވިލުންތެރި މަސްތަކެކެކެވެ. ހިތަކީ ހުއްޓުމެއްނެތި މަސައްކަތްކުރާ ހަށިގަނޑު އެންމެ މުހިއްމު ގުނަވަނެވެ. ހިތުގެ މަސްތައް ހަރުވެއްޖެނަމަ ހިތް އޮޕަރޭޝަން ކުރާން ޖެހެއެވެ.

މި ވިލުންތެރި މަސްކޮޅު (ހިތް) ހަރު ގާގަނޑަކަށް ވުރެ ހަރު އެއްޗަކަށް ބަދަލުވަނީ ކިހިނެއްބާވައެވެ؟ ﷲ ސުބްޙާނަހޫ ވަ ތަޢާލާ މި އާޔަތުގައި މި ވަނީ މި ޙައިރާންކަން ފުހެލައިދޭނެ ތިން ކަމެއް ބަޔާން ކުރައްވައިފައެވެ.

އެކަލާނގެ ބަޔާން ކުރެއްވި ތިން ކަމަކީ:

  • مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ- އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިންވެއެވެ.
  • مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ- ފަޅިފަޅިވެގެންގޮސް އެއިން ފެން ނިކުންނަ ހިލަ އޭގެތެރެއިން ވެއެވެ.
  • مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ- اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަ އޭގެތެރެއިން ވެއެވެ.

މި ބަސްފުޅުތަކުން ސާފުކޮށް އެނގޭ ގޮތުގައި ﷲ ތަޢާލާގެ ބަސްފުޅުގައި އައިސްފައިވާ (ހިތްތަކުގެ) މުރާދަކީ ހެޔޮކަމާއި ބިރުވެތިކަމުން ހުސްވެގެންވާ ހިތްތަކެވެ. ﷲގެ ބަސްފުޅުން އެނގޭގޮތުގައި ހަރުކަމަކީ މާއްދީ ހަރުކަމެއްނޫނެވެ. މިފަދަ ހަރުކަށި ހިތްތަކަކީ އެއްވެސް ޟަމީރެއްނެތް ހިތްތަކެކެވެ. އެއީ އެއްވެސް ޖެހިލުމެއްނެތި ބޮޑެތި ޖަރީމާތައް ހިންގާ ހިތްތަކެކެވެ. އެއީ އޯގާވެރިކަމެއް، ރަޙްމެއް ނެތް، ލާއިންސާނީ ހިތްތަކެކެވެ. އެއީ ނިކަމެތީންނާއި ފަޤީރުންގެ ޙައްޤުތަކަށް އަރައިގަންނަ ހިތްތަކެކެވެ. އެއީ އަނބިދަރީންނަށް އެއްވެސް އަޅައިލުމެއް ނެތް ޒިންމާދާރުކަމެއްނެތް ހިތްތަކެކެވެ. އެއީ ދަރީންނާއި އަނބީންނަށް ނަފަޤާތް ނުދީ ބޭސްފަރުވާކޮށް ނުދީ ދޫކޮށްލައިފައި ދާ ބަފައިންނޭ ކިޔުން ހެޔޮނުވާފަދަ ހިތްތަކެއްގެ ވެރި ބައެކެވެ.

އެއީ މައްޔިތުންގެ ޖަނާޒާގެ ކަންތައްތަކަށް އެހީވެދިނުމުގެ ބަދަލުގައި އެމީހުންގެ ކަފުންކޮޅާއި ގުނަވަންތައް ނަގާ ވިއްކާ ރަޙްމުކުޑަ ބިރުކުޑަ ވަގުންނެވެ.

އެއީ ބިރުވެރި ޙާދިސާތަކާ ކުރިމަތިވާ މީހުންނަށް އެހީވުމުގެ ބަދަލުގައި އެމީހުންގެ ޖީބުތަކުން ވޮލެޓްތަކާއި ފޯނުތައް ވަގަށް ނަގާ މީހުންނެވެ.

އެއީ މީހުންނަށް ގޯނާކުރުމާއި ދުއްތުރާކުރުމާއި ވޭންދިނުމުގެ ތަފާތު ފަންނުތަކުގައި ކުރިއަށްދާ ބައެކެވެ.

އެއީ ޙަޟާނަތުގެ މަސްއަލަތަކުގައި ފިރިމީހާ އަނބިމީހާގެ ކިބައިން ބަދަލުހިފާންވެގެން ތިމާގެ އަމިއްލަ ދަރިފުޅުގެ ޝަރަފަށް އަރައިގަންނަ މީހުންނެވެ. އެ ދަރިފުޅުގެ ކިޔެވުމަށް ހުރަސްއަޅާ މީހުންނެވެ.

އެއީ ދީނީ މަސްއަލަތަކުގައި ދީނީ މަޢުލޫމާތުތައް ނޭނގި ތިބެ ފަތުވާތައް ދޭ މީހުންނެވެ. އެއީ ﷲ ޙަރާންކުރެއްވި ބައެއް ކަންތައްތަކާ ދެކޮޅުހަދާ މީހުންނެވެ. އެއީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރާން ވެގެން މާތްﷲ އަންގަވައިފައިވާ ގޮތަށް ތަރިކަ މުދާ ބެހުމާ ދެކޮޅު ހަދާ މީހުންނެވެ. އެއީ ﷲގެ ޙައްދުތައް ޤާއިމުނުކޮށް ވަޟަޢީ ޤާނޫނާ އެއްގޮތަށް ޙުކުންތައް ތަންފީޒު ކުރާ މީހުންނެވެ.

މިއީ މާތްﷲ ސިފަކުރައްވައިފައިވާ ހިލައަށްވުރެ ހަރުކަށި ހިތްތަކުގެ ވެރީންނެވެ. މިފަދަ ވާހަކަތައް ކޮންމެ ދުވަހަކު މީސްމީޑިއާއިންނާއި ޚަބަރުފަތުރާ ވަސީލަތްތަކުން އިވެއެވެ.

އަޅުގަނޑުމެން މަސައްކަތް ކުރާންވީ މަޑުމައިތިރި ހިތްތަކަކަށް ވެވޭތޯއެވެ. މަޑުމޮޅި ހިތްތަކަކަށް ވެވޭތޯއެވެ. މާތް ﷲ މުއުމިނުންގެ ސިފަތައް ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ. ((ٱلَّذِينَ ءَامَنُوا۟ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ ٱللَّهِ ۗ أَلَا بِذِكْرِ ٱللَّهِ تَطْمَئِنُّ ٱلْقُلُوبُ ‎[2]– އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ.))

ހިތްތައް މަޑުމައިތިރި ކުރެވޭނީ ﷲ ހަދުމަކޮށްގެންނެވެ. އެކަލާނގެ ވަޙީ ބަސްފުޅު ޤަބޫލުކޮށް އެއަށް ޢަމަލުކޮށްގެންނެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. ((أَلَمْ يَأْنِ لِلَّذِينَ ءَامَنُوٓا۟ أَن تَخْشَعَ قُلُوبُهُمْ لِذِكْرِ ٱللَّهِ وَمَا نَزَلَ مِنَ ٱلْحَقِّ وَلَا يَكُونُوا۟ كَٱلَّذِينَ أُوتُوا۟ ٱلْكِتَٰبَ مِن قَبْلُ فَطَالَ عَلَيْهِمُ ٱلْأَمَدُ فَقَسَتْ قُلُوبُهُمْ ۖ وَكَثِيرٌ مِّنْهُمْ فَٰسِقُونَ [3] ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށާއި، މީގެކުރިން ފޮތް ލިބުނު މީހުން ފަދައިން ނުވުމަށް، إيمان ވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟ ފަހެ، އެއުރެންނަށް ޒަމާން ދިގުވެގެންދިޔައެވެ. ދެން (އެކަމުގެ ސަބަބުން) އެއުރެންގެ ހިތްތައް ހަރުކަށިވިއެވެ. އަދި އެއުރެންކުރެ ގިނަ މީހުންނީ فاسقންނެވެ.))

ހިތްތައް މަޑުމައިތިރި ކުރެވޭނީ ﷲއަށް ޚުޝޫޢަތްތެރިވެ ﷲގެ މަގަށް ބަހުންނާއި ޢަމަލުން ތަބާވެގެންނެވެ. ﷲގެ ޝަރީޢަތަށް އިޙްތިރާމުކޮށް ޤަދަރުކޮށްގެންނެވެ. އެކަލާނގެ ނިޔާއަށް ބޯލަނބައިގެންނެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެެވެ. ((لَوْ أَنزَلْنَا هَٰذَا ٱلْقُرْءَانَ عَلَىٰ جَبَلٍ لَّرَأَيْتَهُۥ خَٰشِعًا مُّتَصَدِّعًا مِّنْ خَشْيَةِ ٱللَّهِ ۚ وَتِلْكَ ٱلْأَمْثَٰلُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ[4] ތިމަންރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި قرآن ބާވައިލެއްވިނަމަ، ހަމަކަށަވަރުން، އެ ފަރުބަދައެއް اللَّه އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ مثالތައް މީސްތަކުންނަށް ތިމަންރަސްކަލާނގެ ޖައްސަވަނީ، އެއުރެން فكر ކުރުމަށްޓަކައެވެ.))

[1]    البقرة : 74

[2]  –  الرعد : 28

[3]  – الحديد :  16

[4]  –  الحشر :21

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *