Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ބަލީގެ ވަގުތީ ބޭސްފަރުވާ

އެއް ދުވަހަކު، މެދު އުމުރަށް ވުރެ މައްޗަށް ގޮސްފައިވާ މީހަކު ބޭސް ފިހާރައަކަށް ދިޔައެވެ. މި ދުވަސްކޮޅަކީ އޭނާގެ ކިބައިން، ރޫމަޓިޒަމްގެ ބަލީގެ އަލާމަތްތައް ފެންނަކަން ފާހަގަވާ ދުވަސްކޮޅެކެވެ. ކޮންމެވެސް ވަރަކަށް ދޭތެރެ ދޭތެރެއިން އޭނާގެ ހުޅުހުޅުގައި ރިއްސައި ބައެއް ފަހަރު ހިނގާލަން އުނދަގޫވާ ވަރުވެސް ވެއެވެ. އެހެންވެ، މިއަދު އޭނާ ގަސްދުކުރީ ބޭސްފިހާރައަށް ގޮސް ހުޅުހުޅުގައި ރިއްސާތީ ކާން ރަނގަޅު ބޭހެއް ގަނެލާށެވެ.

ބޭސްފިހާރައަށް ވަނުމުން، ކައުންޓަރުގެ ބިއްދޮށުން އޭނައަށް ފެނުނީ ވަރަށް ވެސް ރީތި ޒުވާން ކުއްޖެކެވެ. ޝަބާބުގެ ރައުނަގީ އޮފު އޭނާގެ މޫނުމަތިން ވިދަވިދާ ހުއްޓެވެ. އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަން ގެނައީ އޭނާގެ ވާހަކަދެއްކުމުގެ ރީތިކަމާއި ޖޯޝެވެ.

ކޮންމެއަކަސް ބޭސްފިހާރަށް އެ މީހަކު ވަނުމުން، ރީތި ޒުވާން އަންހެން ކުއްޖާ، އޭނައަށް މަރުހަބާ ކިއެވެ. އަދި ބުންޏެވެ. "މަނިކުފާނެވެ! މަނިކުފާނު އަޅުގަނޑުމެންގެ ބޭސްފިހާރައަށް ޒިޔާރަތްކުރެއްވުމުން، ބޭސްފިހާރަ އުޖާލާވެގެން ހިނގައްޖެއެވެ. ޒުވާން މަނިކުފާނެވެ! މިއަދު އަޅުގަނޑު މަނިކުފާނަށް ކޮށްދޭނީ ކޮން ޚިދުމަތެއްތޯއެވެ؟ ބޭނުންފުޅުވެލައްވަނީ ކޮންކަހަލަ ބޭހެއްތޯއެވެ؟"

ޒުވާން ރީތި އަންހެން ކުއްޖާގެ ޝަބާބީ ރައުނަގީ އުޖާލާކަމާއި އޭނާގެ ހިތްދަމައިގަންނަ ފޮނިފޮނި މީރު ވާހަކައިގެ ސަބަބުން، އަޅުގަނޑުމެންގެ މާތް ބޭފުޅާގެ ބަލީގެ މަތިން މުޅިން ހަނދާންނެތުނެވެ. ކަކުލުގެ ރިއްސުމަކަށް ކުޑަވެސް ބެލުމެއް ނެތި އޭނާ ހިންދެމިލިއެވެ. ހަށިގަނޑު ރަނގަޅަށް ތެދުކޮށްލުމަށް ފަހު ރީތި އަންހެން ކުއްޖާއާ މުޚާތަބުކޮށް އޭނާ ބުނި އަޑު އިވުނެވެ. "ރީތި ކަމަނާއެވެ! އަހަރެން ބޭނުންވަނީ ޒުވާންކަމުގެ ސަބަބުން އަހަރެންގެ މޫނުގައި ނަގާ ބިހީގައި އުނގުޅާލާނޭ ރަނގަޅު އޮއިންޓުމެންޓެކެވެ!"

އާދެ، މިވެސް ބައެއް ފަހަރު ދިމާވާ ގޮތެވެ. އިންސާނާގެ ހިތް އަބަދު އޮންނަނީ ޅަކޮށްކަމަށް ވެފައި، އޭނާގެ ނަސީބު ރަނގަޅު ކަމުން، އޭނާއަކަށް އޭނާގެ މޫނު އަބަދު ފެންނަ ގޮތެއް ނުވެއެވެ. އެހެންވެ، އޭނާއަށް ފެންނަނީ އެހެން މީހުން މުސްކުޅިވާ ތަނެވެ. އޭނާއާ އެކު އުޅެ ބޮޑެތިވި މީހުންނަށް ބަދަލު އައިސް ދުވަސްވަމުންދާ ތަނެވެ. ދެން، މަތީގައި ނަންގަތް ކަހަލަ ބައެއް ހާލަތްތައް ދިމާވުމުން އޭނާގެ ހަގިގީ ސޫރަ އޭނާގެ ހިތަށް އޮޅުވާލައި އޭނާއަކީ ޒުވާނެއް ކަމުގައި އޭނާއަށް ގަބޫލުކުރެވޭ ގޮތް ވެއެވެ. ދެން ހެއްޔެވެ؟ މިފަހަރު ދިމާވީ ރަނގަޅު ގޮތެކެވެ. އޭނާގެ ބަލީގެ މަތިން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް، ހަނދާންނެތުނީއެވެ. ރާބޯއިގެން މަސްތުވެ، ދުނިޔަވީ އުދާސްތައް މަތިން ވަގުތީ ގޮތަކަށް، ބައެއް މީހުން ހަނދާންނައްތާލާ ގޮތަށް ޝަބާބުގެ ރައުނަގީ އަލިކަމުން މަސްތުވެ، އޭނާގެ ބަލި މަތިން ވަގުތީ ގޮތަށް ނަމަވެސް ހަނދާން ނެތުނީއެވެ!